ވިލިމާލޭ މަގެއް މަތީގައި ބަގީއެއް ދުއްވާފައި ދަނީ. ބަގީގެ ހިދުމަތް ނުލިބޭތާ މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ބައެއް މީހުން ބުނޭ. (ފޮޓޯ/ ޑެސްތިނޭޝަން ގައިޑްސް)

ސިވިލް ކޯޓު

ވިލިމާލޭގެ ބަގީގެ ހިދުމަތް އަތުލުމުން ކައުންސިލް ގޮވައިގެން ކޯޓަށް

އެ މައްސަލަ ބަލައި ނިމެންދެން ސިޓީ ކައުންސިލުން އެއްބަސްވުން ބާތިލުކޮށް ފޮނުވި ސިޓީއަށް އަމަލު ކުރުން ފަސްކުރުމުގެ އަމުރެއް ސިވިލް ކޯޓުން ވަނީ ނެރެފައި
1 ސެޕްޓެމްބަރު 2022

ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް ހަވާލުކޮށްފައިވާ 'ނައިންޓީ ނައިން ހޯލްޑިންސް' ކުންފުނިން އެއްބަސްވުމާ އެއް ގޮތަށް ވިލިމާލޭގައި ބަގީގެ ހިދުމަތް ނުދޭ ކަމަށް ބުނެ، އެ އެއްބަސްވުން ބާތިލުކޮށް، އެ ކުންފުންޏަށް ވިލިމާލޭން ދޫކޮށްފައިވާ ބިންތައް ހަތް ދުވަހުގެ ތެރޭގައި ހުސްކުރުމަށް މާލޭ ސިޓީ ކައުންސިލުން އެންގުމުން އެ ކައުންސިލާ ދެކޮޅަށް އެ ކުންފުނިން ސިވިލް ކޯޓުގައި ދައުވާކޮށްފި އެވެ. އެ މައްސަލަ ބަލައި ނިމެންދެން ސިޓީ ކައުންސިލުން ފޮނުވި ސިޓީއަށް އަމަލު ކުރުން ފަސްކުރުމުގެ އަމުރެއް ސިވިލް ކޯޓުން ވަނީ އިއްޔެ ނެރެފަ އެވެ.

މައްސަލައިގެ ފެށުން - އިންޖީނުލީ އުޅަނދު ދުއްވުން މަނާ ވިލިމާލޭގައި އާންމު ދަތުރުފަތުރަށް ބޭނުންކުރަނީ ބަގީ އެވެ. ވިލިމާލޭގައި ބަގީގެ ހިދުމަތް ފޯރުކޮށްދިނުމަށް:

  • ސިޓީ ކައުންސިލުން 17 ޑިސެމްބަރު 2013ގައި އަމިއްލަ ފަރާތަކާ ހަވާލުކުރި 

  • އެ ފަރާތުން ވަނީ އެ މަސައްކަތް 16 ޖެނުއަރީ 2014ގައި 'ނައިންޓީ ނައިން ހޯލްޑިންސް'އާ ހަވާލުކޮށްފައި

  • ވިލިމާލޭ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު އުޝާމްގެ އެއްބަނޑު އެއްބަފާ މީހެއްގެ ނަމުގައި ރަޖިސްޓްރީ އޮންނަ އެ ކުންފުންޏާ ހަވާލު ކުރި ބަގީގެ ހިދުމަތް ނުލިބޭތާ ދުވަސްތަކެއް ވުމުން އެކަމާ ވިލިމާލޭގެ ބައެއް ރައްޔިތުން ކަންބޮޑުވުން ފާޅުކުރޭ

ވީ ކިހިނެއް؟ - އެކަމާ ގުޅިގެން، ސިޓީ ކައުންސިލުން ވަނީ ނައިންޓީ ނައިން އިން އެއްބަސްވުމާ އެއް ގޮތަށް ހިދުމަތް ނުދޭ ކަމަށް ނިންމައިފަ އެވެ. އަދި އެ ހިދުމަތް ދޭން ހަވާލުކުރި އެއްބަސްވުން ބާތިލު ކުރަން ނިންމައި، އެކަން ނައިންޓީ ނައިންއަށް އަންގައި މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އެ ކުންފުންޏަށް ސިޓީއެއް ފޮނުވައިފަ އެވެ. އެ ކުންފުންޏަށް ދޫކޮށްފައިވާ ބިންތައް ހުސްކުރަން ވެސް އެ ސިޓީގައި އަންގާފައިވެ އެވެ.

އެ އެއްބަސްވުން ބާތިލު ކުރަން ސިޓީ ކައުންސިިލުން ސިޓީ ފޮނުވުމުން ނައިންޓީ ނައިންގެ ފަރާތުން ވަނީ އެއްބަސްވުމާ ހިލާފު ނުވާ ކަމަށް ބުނެ ސިޓީ ކައުންސިލާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފަ އެވެ. ޓޫރިސްޓް ގެސްޓްހައުސް ހަދައި އެ ތަން އޮޕަރޭޓްކުރުމަށް އެ ކުންފުންޏާ 5 ޖޫން 2018ގައި ވެފައިވާ އެެއްބަސްވުން ވެސް ދަމަަހައްޓަން އެ މައްސަލައިގެ ތެރެއިން އެދިފައިވެ އެވެ.

އަދި ސިވިލް ކޯޓަށް ހުށަހެޅުނު އެ މައްސަލަ ބަލައިނިމެންދެން ސިޓީ ކައުންސިލުން ފޮނުވާފައިވާ ސިޓީގައިވާ ކަންކަން ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރަކަށް ވެސް ނައިންޓީ ނައިން އިން އެދިފައިވެ އެވެ.

ނައިންޓީ ނައިން އިން ބުނާ ގޮތުގައި، މައްސަލަ ބަލައި ނުނިމެނީސް ސިޓީގައިވާ ކަންކަން ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރެއް ނެރެނުދީފި ނަމަ:

  • ކުންފުނީގެ ހިދުމަތް ހުއްޓި، ހިދުމަތް ހޯދާ ފަރާތްތަކަށް ގެއްލުންވެދާނެ

  • އެ ކުންފުނީގެ މުވައްޒަފުންގެ ވަޒީފާ ގެއްލޭނެ

  • އެ ތަނުން ލިބޭ އާމްދަނީ އާއި ކުންފުނީގެ މުދާ އަބަދަށް ގެއްލިގެން ހިނގައިދާނެ

  • ގެސްޓްހައުސްއަށް 18 މިލިއަން ރުފިޔާގެ އިންވެސްޓްމެންޓެއް ކޮށްފައި ވާއިރު، އެ ތަނުގެ ތަކެއްޗަކީ ސިޓީ ކައުންސިލުގެ ތަކެތި ކަމަށް ކަނޑައަޅައިފި ނަމަ ބޮޑު ގެއްލުމެއްވެ، މުވައްޒަފުންނާއި އާމްދަނީ އަދި މުދާ ގެއްލި ހިނގައިދާނެ

އެ ވަގުތީ އަމުރާ ބެހޭ ގޮތުން ނައިންޓީ ނައިން އިން ހުށަހެޅި ކަންކަމަކީ މައްސަލަ ބަލައި ނިމެންދެން އެ ކުންފުންޏަށް ގާނޫނީ ގޮތުން ހިމާޔަތް ލިބެން ޖެހޭ މައުލޫއީ ހައްގެއް އޮތް ކަމަށް ގަބޫލުކުރެވޭ ކަންތައްތަކެއް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ. އެހެންކަމުން، ސިޓީ ކައުންސިލުގެ ޣައިރު ހާޒިރުގައި، މައްސަލަ ބައްލަވާ ގާޒީ ނިމާލް ޖުނެއިދު ވަނީ ސިވިލް ކޯޓުން މައްސަލަ ބަލައިނިމެންދެން ސިޓީ ކައުންސިލުގެ ސިޓީގައިވާ ކަންކަން ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރެއް ނެރުއްވައިފަ އެވެ.

ތަފްސީލު - ނައިންޓީ ނައިން އިން ސިޓީ ކައުންސިލާ ދެކޮޅަށް ދައުވާކޮށްފައިވާ މައްސަލައިގައި ވަނީ، އެއްބަސްވުމުގެ ދަށުން ސިޓީ ކައުންސިލުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަނުކޮށް،  ނައިންޓީ ނައިން އިން އެއްބަސްވުމާ ހިލާފު ވެފައިވާ ކަމަށް ކަނޑަނޭޅޭނެ ކަމަށެވެ. އެގޮތުން، ބަގީ ދުއްވަން ކަނޑައެޅިފައިވާ ވަކި ރޫޓުތަކާއި ވެހިކަލް ހުއްޓިތައް ސިޓީ ކައުންސިލުން ގާއިމްކޮށްފައި ނުވާ ކަމަށް ބުނެފައިވެ އެވެ.

އެކަމާ ގުޅިގެން ނައިންޓީ ނައިން އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ:

  • އެއްބަސްވުމާ އެއް ގޮތަށް ހިދުމަތް ދެވޭނީ، 'އާންމު ދަތުރުފަތުރުގެ ގޮތުގައި ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމުގެ ގަވައިދު'ގައިވާ ގޮތަށް ސިޓީ ކައުންސިލުން ރޫޓުތަކާއި ވެހިކަލް ހުއްޓިތައް ގާއިމްކޮށްގެން ކަމަށާއި އެކަން ފުރިހަމަ ނުކޮށް އެ ކައުންސިލްގެ ޒިންމާ ފުރިހަމަ ނުވާނެ ކަމަށް ކަނޑައަޅައިދިނުމަށް

  • ނައިންޓީ ނައިން އިން ބަގީގެ ހިދުމަތް ދިނުމުގެ އެއްބަސްވުމާ ހިލާފުވެފައި ނުވާ ކަމަށް ކަނޑައަޅައިދީ އެއްބަސްވުންތައް އޭގެ މުއްދަތުތަކަށް ދެމެހެއްޓުމަށް އަންގަން

  • ސިޓީ ކައުންސިލުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ނުކުރިޔަސް ފަސޭހައިން ހިދުމަތް ލިބޭ ގޮތަށް ނައިންޓީ އިން ބަގީގެ ހިދުމަތް ފޯރުކޮށްދީފައިވާ ކަމަށް ކަނޑައަޅަން

  • ގެސްޓްހައުސް ހަދައި އެ ތަން އޮޕަރޭޓްކުރުމަށް އެ ކުންފުންޏާ 5 ޖޫން 2018ގައި ވެފައިވާ އެއްބަސްވުން ވެސް ދެމެހެއްޓުމަށް ކައުންސިލުގެ މައްޗަށް އަމުރުކޮށްދިނުމަށް

އެނގުން މުހިންމު - ނައިންޓީ ނައިން އިން މީގެ ކުރިން ބުނެފައި ވަނީ، ބަގީގެ ހިދުމަތް ހުއްޓިފައި އޮތީ ކޮވިޑާ ގުޅިގެން ބަގީތައް ނުދުއްވާ ހުރުމުގެ ސަބަބުން ބެޓެރިތަކުގައި މައްސަލަ ޖެހިގެން ކަމަށެވެ. އަދި ބެޓެރި ހޯދުމުގައި ބޮޑެތި ދަތިތަކެއް ހުރުމުން، ހިދުމަތް ނުފެށިގެން އުޅެނީ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

އެ ހިދުމަތް ނުލިބި ގިނަ ދުވަސްތަކެއް ވުމުން މިދިޔަ ނޮވެމްބަރު މަހު ސިޓީ ކައުންސިލުން ވަނީ އެ ކުންފުންޏާ ބައްދަލުކޮށްފަ އެވެ. އެ ދުވަހު ސިޓީ ކައުންސިލުން ވަނީ:

  • 15 ދުވަހުގެ ތެރޭގައި ހިދުމަތް އަލުން ފަށަން އަންގާފައި

  • ނުފަށައިފި ނަމަ ފިޔަވަޅު އަޅާނެކަން އަންގާފައި

އޭގެ ފަހުން، އެ ހިދުމަތް ފެށުމުގެ އެންމެ ފަހު މުހުލަތަކީ މިދިޔަ މާޗު މަހުގެ 26 ކަމަށް ވެސް ސިޓީ ކައުންސިލުން ވަނީ އެ ކުންފުންޏަށް އަންގައިފަ އެވެ.

އިތުރަށް ކިޔާލަން -


އިތުރު އާޓިކަލް

އިތުރު އާޓިކަލް