ވިލިމާލޭ މަގެއް މަތީގައި ބަގީއެއް ދުއްވާފައި ދަނީ. ބަގީގެ ހިދުމަތް ނުލިބޭތާ މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ބައެއް މީހުން ބުނޭ (ފޮޓޯ/ ޑެސްތިނޭޝަން ގައިޑްސް)

ވިލިމާލެ

ވިލިމާލޭގައި ބަގީގެ ހިދުމަތް ނުލިބޭތީ ޝަކުވާ ބޮޑުވެއްޖެ

ވިލިމާލޭ ކައުންސިލަރު ވިދާޅުވީ ބަގީގެ ހިދުމަތް ނުލިބޭތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް
6 ނޮވެމްބަރު 2021

"މިދިޔަ ހަފްތާގައި ރަށަކަށް ދާން ވެގެން ފޮށި ހިފައިގެން ދާން ގުޅާ ގުޅާ ބަގީއެއް ނުލިބުނު. ވޭނެއް ވެސް ނުލިބުނު. އެންމެ ފަހުން ޖެހުނީ ފޮށި ދަމާފައި ދާން،" ވިލިމާލޭގައި ދިރިއުޅޭ ރައްޔިތަކު ބުންޏެވެ.

ތަފްސީލް - މިއީ 3000 އެއްހާ މީހުން ދިރިއުޅޭ ވިލިމާލޭގެ ރައްޔިތުންގެ މިއަދުގެ އެންމެ ބޮޑު އެއް ޝަކުވާ އެވެ. ވިލިމާލޭގައި ބަގީގެ ހިދުމަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާތާ މިހާރު ދުވަސްތަކެއް ވެއްޖެ އެވެ. ދުވަސްވީ މީހަކު ވިޔަސް، ބަލި ހާލަތު ހުރިގޮތުން ހިނގާފައި ހޮސްޕިޓަލަށް ނުދެވޭ ވަރުގެ މީހަކަށް ވެސް މިހާރު ވިލިމާލެ އިން ބަގީއެއް އަތުޖެއްސުމަކީ ނާދިރު ކަމެކެވެ. ބަގީ ނުލިބޭތީ ގިނަ ބަޔަކު މިހާރު ހޮސްޕިޓަލަށް ދަނީ އެމްބިއުލާންސް ނަގައިގެންނެވެ.

ކައުންސިލަރުގެ ބަސް - ވިލިމާލޭގެ ކައުންސިލް މެމްބަރު ނަހުލާ އަލީ ވިދާޅުވީ ދަންވަރު ވެސް ދުއްވާ އެއްޗެއް ނުލިބޭ ކަމަށާއި އަތް ދަނޑީމަތީގައި ބަލިމީހުން އުފުލަންޖެހުމަކީ ވިލިމާލޭ ރައްޔިތުންގެ މިއަދުގެ ހާލަތު ކަމަށެވެ. އެކަމާ ގުޅިގެން ކޮންމެ ދުވަހަކު ވެސް އެތައް ބައެއްގެ ޝަކުވާތައް ލިބޭކަން އޭނާ ފާހަގަކުރެއްވި އެވެ.

"ވިލިމާލެ ބަގީގެ ހިދުމަތް އެއްގޮތަކަށް ވެސް މިހާރު ނުލިބޭތާ އެއް މަސް ދުވަހަށް ވުރެ ގިނަވެފައިވާ ކަމަށް ވިލިމާލޭގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް މައުލޫމާތު ލިބުމުން މާލޭ ސިޓީ ކައުންސިލްގެ ސަމާލުކަމަށް އެކަން ވާނީ ގެނެސްފައި،" ނަހުލާ ވިދާޅުވި އެވެ.

މޭޔަރުގެ ބަސް - މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު 'ދައުރު' އަށް ވިދާޅުވީ ބަގީ މައްސަލައިގައި އެ ހިދުމަތް ފޯރުކޮށްދޭ 99 ހޯލްޑިންގްސް އާ އެކު ސިޓީ ކައުންސިލުން މަޝްވަރާކޮށްފައިވާ ކަމަށެވެ.

"އެބޭފުޅުން ވިދާޅުވީ ކޮވިޑް ލޮކްޑައުން ތެރޭގައި އެއްގޮތަކަށް ވެސް ބަގީތައް ނުދުއްވާ ބަހައްޓާފައި ހުރުމުގެ ސަބަބުން ބެޓެރީތައް މައްސަލަ ޖެހިފައި ހުރިކަމަށް،" މޭޔަރު ވިދާޅުވި އެވެ.

ބެޓެރި ލިބެނީ ޗައިނާއިން ކަމަށާއި ބަގީގެ ހިދުމަތަށް ބުރޫ އަރާފައިވަނީ އެތަކެތި ނުގެނެވިގެން ކަމަށް އެ ކުންފުންޏާ ހަވާލާދީ މޭޔަރު ވިދާޅުވި އެވެ. އަދި އެ ހިދުމަތް އަލުން ފަށަން އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނިކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

ކައުންސިލަރު ނަހުލާ ވިދާޅުވީ 99 ހޯލްޑިންގްސް އިން ކައުންސިލާ އެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އެންމެ ލަސްވެގެން 15 ދުވަހުގެ ތެރޭގައި ހިދުމަތް އަލުން ފަށަން ކައުންސިލުން އަންގާފައިވާނެ ކަމަށެވެ. އަދި އެއްބަސްވުމާ އެއްގޮތަށް ހިދުމަތް ނުދޭނަމަ ފިޔަވަޅު އަޅާނެކަން ވެސް އަންގާފައިވާނެ ކަމަށެވެ.

"ރައްޔިތުން ބޭނުންވަނީ ވިލިމާލޭގެ އެއްގަމު ދަތުރުފަތުރުގެ ދަތިކަން ހައްލުވުން،" ނަހުލާ ވިދާޅުވި އެވެ.

ބަގީގެ ހިދުމަތް ދޭނެ އެހެން ބަޔަކު ހޯދަނީ

ވިލިމާލޭގައި ބަގީގެ ހިދުމަތް ނުލިބޭތީ ޝަކުވާ ބޮޑުވެފައިވާއިރު، ސިޓީ ކައުންސިލުން ވަނީ އެ ހިދުމަތް ފޯރުކޮށްދޭނެ އިތުރު ބަޔަކު ހޯދަން މިދިޔަ ހަފްތާގައި އިއުލާނުކޮށްފަ އެވެ.

ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ވިލިމާލޭގައި ބަގީގެ ހިދުމަތް ފޯރުކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށާއި އަގުހުށަހެޅުމަށް މާލޭ ސިޓީކައުންސިލްގެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަނުން މައުލޫމާތު ސާފުކޮށް ބިޑު ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށް ކައުންސިލުން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް