ވިލިމާލޭ މަގެއް މަތީގައި ބަގީއެއް ދުއްވާފައި ދަނީ: ބަގީގެ ހިދުމަތް ނުލިބޭތާ އެތައް މަހެއް ވެފައިވާ ކަމަށް ބައެއް މީހުން ބުނޭ. (ފޮޓޯ/ ޑެސްޓިނޭޝަން ގައިޑްސް)

ވިލިމާލެ

ވިލިމާލޭގައި ބަގީގެ ހިދުމަތް އަލުން ފަށަން 99 ހޯލްޑިންސްއަށް ފަހު ފުރުސަތު ދީފި

މި މަހުގެ 26ގެ ނިޔަލަށް ބަގީގެ ހިދުމަތް އަލުން ފަށަން ވަނީ އަންގާފައި
13 މާރިޗު 2022

ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް މާލޭ ސިޓީ ކައުންސިލާ އެކު އެއްބަސްވުން ހެދުމަށް ފަހު އެ ހިދުމަތް އެދެވޭ ގޮތެއްގައި ނުދޭތާ ގިނަ ދުވަސް ވެފައިވާތީ، އަލުން ހިދުމަތް ފަށަން އެކަން ހަވާލުކޮށްފައިވާ 99 ހޯލްޑިންސްއަށް އެންމެ ފަހު ފުރުސަތު ދީފި އެވެ.

ވީ ކިހިނެއް؟ - އިންޖީނުލީ އުޅަނދު ދުއްވުން މަނާ ވިލިމާލޭގައި އާންމު ދަތުރުފަތުރަށް ބޭނުންކުރަނީ ބަގީ އެވެ. ނަމަވެސް ބަގީގެ ހިދުމަތް އެއްގޮތަކަށް ވެސް ނުލިބޭތާ މިހާރު ގިނަ މަސްތަކެއް ވަނީ ވެފަ އެވެ.

އެ ހިދުމަތް ދޭ ކުންފުނިން މީގެ ކުރިން ބުނީ ބަގީގެ ހިދުމަތް ހުއްޓިފައި އޮތީ، ކޮވިޑާ ގުޅިގެން ބަގީތައް ނުދުއްވާ ހުރުމުގެ ސަބަބުން ބެޓެރިތަކުގައި މައްސަލަ ޖެހިގެން ކަމަށެވެ. އަދި ބެޓެރި ހޯދުމުގައި ބޮޑެތި ދަތިތަކެއް ހުރުމުން، ހިދުމަތް ނުފެށިގެން އުޅެނީ ކަމަށެވެ.

އެނގުން މުހިންމު - ރައްޔިތުންނަށް ހިދުމަތް ނުލިބި އާންމުންގެ ޝަކުވާތައް ލިބެން ފެށުމުން، މިދިޔަ ނޮވެމްބަރު މަހު ސިޓީ ކައުންސިލުން ވަނީ އެ ކުންފުންޏާ ބައްދަލުކޮށްފަ އެވެ. އެގޮތުން:

  • 15 ދުވަހުގެ ތެރޭގައި ހިދުމަތް އަލުން ފަށަން އެންގި

  • ނުފަށައިފި ނަމަ ފިޔަވަޅު އަޅާނެކަން އެންގި 

  • ނަމަވެސް ބަގީގެ ހިދުމަތް އަދިވެސް ނުފަށާ

ބުނީ ކީކޭ؟ - އެ މައްސަލައިގައި ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ މިއަދު ވިދާޅުވީ ހިދުމަތް އަލުން ފެށުމަށް 99 ހޯލްޑިންސްއަށް މި މަހުގެ 26ގެ ނިޔަލަށް އެންމެ ފަހު ފުރުސަތު ދީފައިވާ ކަމަށެވެ.

ބަގީގެ ހިދުމަތް އެއްގޮތަކަށް ވެސް ނުދީ ހަ މަސް ވެފައިވާކަން ފާހަގަކުރައްވައި ނަހުލާ ވިދާޅުވީ ރައްޔިތުން އެދޭ ގޮތަށް، އެއްވެސް ރޫޓެއް ނެތި، ގުޅާލުމުން ހިދުމަތް ފޯރުކޮށްދޭން ވާނެ ކަމަށް އެ ކުންފުންޏަށް އަންގާފައިވާނެ ކަމަށެވެ. އެގޮތަށް އެކަން ކުރުމަށް ޓްރާންސްޕޯޓު މިނިސްޓްރީގެ އެއްވެސް މައްސަލައެއް ނެތްކަން ވެސް ނަހުލާ ފާހަގަކުރެއްވި އެވެ.

"މި ބަލަނީ 26ގެ ނިޔަލަށް ރައްޔިތުންނަށް ވިލިމާލޭގެ އެތެރޭގެ ދަތުރުފަތުރު ދަތިކަމަށް ހައްލު ލިބިގެންދާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ގުޅުންހުރި ކަމެއް - ވިލިމާލޭގައި ބަގީގެ ހިދުމަތް ނުލިބޭތީ ޝަކުވާ ބޮޑުވެފައިވާތީ، އެ ހިދުމަތް ފޯރުކޮށްދޭނެ އިތުރު ބަޔަކު ހޯދަން ވެސް މިދިޔަ އަހަރު އިއުލާނުކުރި އެވެ. އަދި ވިލިމާލޭގައި ބެޓެރި ކާރުގައި 24 ގަޑިއިރު ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ދޭން ވެސް ވަނީ ހުޅުވާލައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް