އޭސީސީގެ ރައީސް ޝިއުނާ: އެ ކޮމިޝަންގެ މެންބަރުންނަށް ކުރެވޭ ތުހުމަތުތައް އޭނާ ދޮގުކުރައްވާ. (ފައިލް ފޮޓޯ/ޕީއެސްއެމް)
އުސޫލުން ބޭރުން އެއްވެސް ކަމެއް ކުރާކަށް ނޫޅެން: ޝިއުނާ
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ހުރިހާ މެމްބަރުން ވަކިކުރުމުގެ މަަސައްކަތް ރައްޔިތުންގެ މަޖިލީހުން ފަށާފައި ވަނިކޮށް، އެ ކޮމިޝަންގައި މިވަގުތު ތިއްބެވި ބޭފުޅުން އުސޫލުން ބޭރުން ކަންކަން ކުރައްވަން މަސައްކަތްކުރައްވާ ކަމަށް ބުނެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި ހިމެނޭ ތުހުމަތުތައް، އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ މިރޭ ދޮގުކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - އޭސީސީގެ މެންބަރުން އުސޫލުން ބޭރުން ކަންކަން ކުރައްވާ ކަމެއް ބުނެ މައްސަލަ ހުށަހެޅުއްވީ، އޭސީސީގެ ބެލެނިވެރިކަމުގެ އިހްތިސާސް ލިބިފައިވާ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ތިން މެމްބަރުންނެވެ. އެ މައްސަލައާ ގުޅިގެން މިރޭ 8 ޖަހާއިރު އެ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ތާވަލްކޮށްފަ އެވެ.
ބުނީ ކީކޭ؟ - އެކަމާ ގުޅޭ ހަބަރެއް ހިމެނޭ ޓުވީޓަކަށް ރައްދު ދެއްވައި ޝިއުނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެއީ އެއްވެސް ކަހަލަ ހަގީގަތެއް ނެތް ތުހުމަތުތަކެއް ކަމަށެވެ. އަދި އެގޮތަށް ކަންތައް ކުރެވޭނެ ކަމަށް ވެސް ދެކެވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގަނޑުކޮށް މައްސަލަ ބަލާކަށް ނޫޅޭ. އަދި އުސޫލާ ހިލާފަށް އެއްވެސް ކަމެއް ނުކުރާނެ، ނުވެސް ކުރެވޭނެ،" ޝިއުނާ ވިދާޅުވި އެވެ.
މިކަމާ ގުޅޭ ގޮތުން އިތުރު ތަފްސީލު ހޯދުމަށް ޝިއުނާއަށް ގުޅައި މެސެޖް ކުރުމުންވެސް ޖަވާބެއް ނުދެއްވާތީ އިތުރު ތަފްސީލެއް ނުލިބެ އެވެ. އަދި އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މަސައްކަތް ފެށި ހިސާބުން ޝިއުނާއާ ގުޅޭތޯ މަސައްކަތް ވެސް މިހާތަނަށް ކާމިޔާބުވެފައެއް ނުވެ އެވެ.
އެނގުން މުހިންމު - އޭސީސީގެ މެންބަރުން ވަކިކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން:
-
ދައުރުން ބޭރުން މިިދިޔަ ހަފްތާގައި ޖަލްސާއެއް ބާއްވައި އޭސީސީގެ މެންބަރުން ވަކިކުރުމުގެ މަރުހަލާ ފެށިކަން ތަޅުމުގައި ވަނީ އިއުލާންކޮށްފައި
-
އޭސީސީގެ މެމްބަރުންނަށް ލިޔުމުން ޖަވާބުދާރީވާން ފަސް ދުވަހުގެ މުއްދަތެއް މިދިޔަ ހަފްތާގައި ވަނީ ދީފައި
-
އެ މުއްދަތު ހަމަވާނީ އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް
ގަނޑުކޮށް މައްސަލަ ބަލާކަށް ނޫޅޭ. އަދި އުސޫލާ ހިލާފަށް އެއްވެސް ކަމެއް ނުކުރާނެ، ނުވެސް ކުރެވޭނެ.
ފަސްމަންޒަރު - އޭސީސީގެ ހުރިހާ މެންބަރުން ވަކިކުރުމުގެ މަސައްކަތް ފަށަން ނިންމީ އޮޑިޓް އޮފީހުން ހެދި އެ ކޮމިޝަންގެ ޕާފޯމަންސް އޮޑިޓަކާ ގުޅިގެންނެވެ. އެ އޮޑިޓުން އެނގުނު ގޮތުގައި، އޭސީސީން މައްސަލައެއް ތަހުގީގުކުރުމަށް އެވްރެޖުކޮށް 11 މަސް ނަގަ އެވެ. އަދި ބަލައި ނިންމާ މައްސަލަތަކުގެ ތެރެއިން ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވެނީ %1 މައްސަލަ އެވެ.
މެމްބަރުން ވަކިކުރުމުގެ މަސައްކަތް ފަށާފައި ވަނިކޮށް އޭސީސީގެ ދެ މެމްބަރަކު އަމިއްލައަށް އިސްތިއުފާ ދެއްވުމުން، ފަސް މެމްބަރުންގެ އެ ކޮމިޝަންގައި މިހާރު ތިއްބެވީ ތިން ބޭފުޅުންނެވެ. އެއީ:
-
މަރިޔަމް ޝިއުނާ - ރައީސް
-
ފާތުމަތު އަނޫލާ - ނައިބު ރައީސް
-
އައިޝަތު އަބްދުﷲ