އާރަށް މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޕީޖީ އޮފީހުގެ ވަކީލް މަރިޔަމް ޝަހުމާ ވާހަކަ ދައްކަވަނީ (ފޮޓޯ/ކްރިމިނަލް ކޯޓު)

ޔާމީން ދިފާއުވާން ހުށަހެޅީ އުފައްދާފައިވާ، ދޮގު ހެކި: ޕީޖީ

ދިފާއަށް ގޮންޖަހަމުން ޕީޖީގެ ވަކީލުން ކޯޓުގައި ވިދާޅުވީ، ދިފާއި ހެކިން ދެއްކި ގިނަ ވާހަކަތައް ދެކޮޅު ނުޖެހޭ ކަމާއި ބައެއް ހެކިން ދޮގު ހެކި ދީފައިވާ ކަން ސާފުކަމަށް
17 ނޮވެމްބަރު 2022

މުހިންމު ނުކުތާތައް

ޕީޖީ ތުހުމަތުކުރީ ޔާމީން އާއި ނައީމް ހަނުތިއްބެވީ ގުޅިގެން ހެކި އުފެއްދުމުގެ ބޭނުމުގައިި ކަމަށް

އާރަށް ދޫކުރުމަކީ ޔާމީންއަށް ނޭނގި ނުހިނގާނެ މުއާމަލާތެއް ކަމަށް ބުނި

ދިފާއުގެ ގިނަ ހެކިން ހެކިބަސް ދިނީ ސިޔާސީ މަގުސަދެއްގައި

ވ. އާރަށް ދޫކުރުމުގައި ރިޝްވަތު ނެގި މައްސަލައިން ދިފާއުވާން ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމް ކޯޓަށް ހުށަހެޅުއްވީ ދެ ފަރާތް ގުޅިގެން 'އުފައްދާފައިވާ' ހެކިތަކެއް ކަމަށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - އާރަށް ހިިޔާނާތުގެ މައްސަލައިގައި ކޯޓުގައި މިއަދު ކުރިޔަށް ދިޔައީ ހެއްކާ ބެހޭ ގޮތުން ވާހަކަ ދެއްކުމެވެ. ގާތްގަނޑަކަށް ތިން ގަޑިއިރަށް ދެމިގެންދިޔަ ޕީޖީގެ ވަކީލުންގެ ވާހަކަތައް މުޅިންހެން ބިނާކުރީ 'ސަބަބުވެރި އިންސާނެއް'ގެ ވިސްނުމުން ވިސްނާއިރު މި މައްސަލައިގައި ހުށަހަޅާފައިވާ ހެކިންގެ ހެކި ބަހުގައި ހުރި އުނި ކަންކަމުގެ މައްޗަށެވެ. 

އެގޮތުން ދިފާއީ ހެކިން ދެއްކި ގިނަ ވާހަކަތައް ދެކޮޅުނުޖެހޭ ކަމާއި ފަހުން ހާމަވީ ހެކިތަކުން ބައެއް ހެކިން ދޮގު ހެކި ބަސް ދީފައިވާ ކަން ސާފުވާ ކަމަށް ޕީޖީގެ ވަކީލުން ކޯޓުގައި ވިދާޅުވި އެވެ.

ބުނީ ކީކޭ؟ - ޕީޖީގެ ވަކީލު މަރިިޔަމް ޝަހުމާ ވިދާޅުވީ މި މައްސަލައިގައި ޔާމީނާއި ނައީމްގެ ފަރާތުން ހުށަހެޅި ހެކިންނަކީ، ސިޔާސީ ގޮތުންނާއި ޒާތީ ގޮތުން ޔާމީންއާ ގާތް ގުޅުމެއް އޮންނަ މީހުން ކަމަށެވެ. 

މި ސަބަބާ ހުރެ މި ހެކިންގެ މިނިވަންކަމާއި އަދުލުވެރިކަމާ މެދު ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެއީ ސިޔާސީ ނިޔަތެއް އޮވެގެން ދީފައިވާ ހެކި ބަސް ކަމަށް ދައުލަތަށް ތުހުމަތުކުރެވޭ ކަމަށް ވެސް ވިދާޅުވި އެވެ.

"މިއީ އަދި ދައުވާ ލިބޭ އެއް ފަރާތް، ޔާމީން އަބްދުލް ގައްޔޫމް، ޕޮލިޓިކަލީ އެކްސްޕޯސްޑް ޕާސަންއަކާ ސިޔާސީ ގޮތުންނާއި އަދި ޕާސަނަލް ލެވަލްއެއްގައި ގާތް ގުޅުން އޮތް ފަރާތްތަކެއް ކަމުގައި ވާތީވެ، މި ފަރާތްތަކުން ޝަރީއަތުގެ މަޖިލީހުގައި މި ދެއްވި ހެކި ބަހަކީ އެއީ ސިޔާސީ މޯޓިވްއެއް އޮވެގެން ދީފައިވާ ހެކި ބަހެއް،" ޝަހުމާ ވިދާޅުވި އެވެ.

25 ސެޕްޓެމްބަރު 2022: ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމުގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ހެކި ބަސް ދެއްވަނީ

ތަފްސީލް - ހެއްކާ ބެހޭ ގޮތުން ވާހަކަ ދައްކަން ލިބުނު ފުރުސަތުގައި ދައުލަތުގެ ވަކީލުން ވަނީ ތަފްސީލީ ގޮތެއްގައި މި މައްސަލައިގެ ތެރެއިން ޔާމީން އާއި ނައީމް ނެންގެވި ދިފާއާ ގުޅިގެން ގިނަ ސުވާލުތަކެއް އުފައްދާފަ އެވެ. 

އޭގެ ތެރެއިން އެއް ކަމަކީ އާރަށް ދޫކުރުމުގެ މުއާމަލާތަކީ ޔާމީންގެ އެއްވެސް ދައުރެއް ނެތި ހިނގި ކަމެއް ކަމަށް ނަގާފައިވާ ދިފާއު އެވެ. މި ދިފާއާ ގުޅުވާ ޕީޖީގެ ވަކީލް އަހުމަދު ނައުފަލް ވިދާޅުވި ގޮތުގައި އިކޮނޮމިކް އެންޑް ޔޫތު ކައުންސިލު (އީވައިސީ)ގެ ޔައުމިއްޔާތަކުން މި މުއާމަލާތަކީ ޔާމީންއަށް އެނގިވަޑައިނުގެން ހިނގި ކަމެއް ކަމަށް ބުނާ ބުނުން ނަފީވެ އެވެ.

މިކަން ދައުލަތުން ގުޅުވާލީ ދިފާއީ ހެކިންގެ ތެރެއިން ކުރީގެ ޔޫތު މިނިސްޓަރު މުހައްމަދު ޒުހޫރުގެ ހެކި ބަހާ އެވެ. ކޯޓުގައި ހެކި ބަސް ދެއްވަމުން ޒުހޫރު ވިދާޅުވީ އީވައިސީގެ ޔައުމިއްޔާގައި ސޮއިނުކުރާ ނަމަ، އެއީ ސައްހަ ނޫން ޔައުމިއްޔާއެއް ކަމަށެވެ. ޔާމީންގެ ފަރާތުން ހެއްކެއްގެ ގޮތުގައި ހުށަހެޅި މާވަށު ދާއިރާގެ މެމްބަރު އަދި އޭރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް އެހެން ވިދާޅުވި އެވެ. 

25 ސެޕްޓެމްބަރު 2022: ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމުގައި ޒުހޫރު ހެކި ބަސް ދެއްވަނީ

ޒުހޫރު ކޯޓުގައި މިގޮތަށް ވިދާޅުވި އިރު ދައުލަތުން ހެއްކެއްގެ ގޮތުގައި ކޯޓަށް ހުށަހަޅާފައި އޮތީ ސޮއިނުކުރާ ޔައުމިއްޔާއެކެވެ. ސޮއިކޮށްފައިވާ ޔައުމިއްޔާ ހުށެހެޅީ ހެކި ބަސް ނަގައި ނިމުނު ފަހުން، އާ ހެއްކެއްގެ ގޮތުގަ އެވެ.

ނައުފަލް ވިދާޅުވީ މި ޔައުމިއްޔާއިން އާރަށް ދޫކުރުމުގެ މުއާމަލާތަކީ ޔާމީންއަށް އެނގިވަޑައިނުގެން ހިނގި މުއާމަލާތެއް ނޫންކަން ކަށަވަރުވާ ކަމަށެވެެ.

ދެވަނަ ކަމަކީ ޔާމީން އާއި ނައީމްއާ ދޭތެރޭގައި ހިނގީ ޑޮލަރުގެ މުއާމަލާތައް ކަމަށް ބުނެ ނަގާފައިވާ ދިފާއު އެވެ. މިކަން ސާބިތުކޮށްދޭން ހެކިންގެ ގޮތުގައި ހުށަހެޅީ މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އާއި އަބްދުﷲ ރަޝީދު ކިޔާ މީހަކާއި، ޑޮލަރު ލިބިއްޖެ ކަމަށް ބުނެ ޔާމީން ނައީމަށް ދެއްވި ލިޔުމެކެވެ.

މި މުއާމަލާތާ ގުޅޭ ގޮތުން ސުވާލު އުފައްދަމުން ދައުލަތުން ބުނީ މި މުއާމަލާތް ފެށިގެން އައި ގޮތުން ފެށިގެން އެކަން ހިނގި ގޮތާއި ހިނގި ތާރީހާއި އެކަމުގައި ބައިވެރިވި މީހުންނާއި އެ މީހުން އަދާކުރި ދައުރާ ގުޅޭ ގޮތުން ހެކިން ދެއްކި ވާހަކަ ދެކޮޅު ނުޖެހޭ ކަމަށެވެ.

ޕީޕީއެމްގެ ބައްދަލުވުމެއްގައި ނަރީޝް ވާހަކަދައްކަވަނީ.

އެގޮތުން ޕީޖީގެ ވަކީލު ޝަހުމާ ވިދާޅުވި ގޮތުގައި ބައެއް ކަންކަމުގެ ތަފްސީލު ހަނދާން ހުއްޓަސް ދައުލަތުން ކުރި އާދައިގެ ސުވާލުތަކަށް ޖަވާބު ނުދެވުމުން ޝައްކު އުފެދެ އެވެ. އަދި އެއިން ދޭހަވަނީ މިއީ "ނުހިނގާ ކަމެއް ހިނގި ކަމެއްގެ ގޮތުގައި ދައްކަން ތައްޔާރުކުރި ހެކިތަކެއް" ކަމަށް އޭނާ ވިދާޅުވި އެވެ.

ޔާމީނާއި ނައީމްގެ ދިފާއުގެ އިތުރުން، މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ދެ ބޭފުޅުން ހަނުތިއްބަވާ، އެއްކޮޅަށް ހެކި ހާމަނުކުރުމުގައި ގޯސް ނިޔަތެއް ވާކަމަށް ވެސް ދައުލަތުން ތުހުމަތުކުރި އެވެ. އަދި އެގޮތަށް އެކަން ކުރީ، ދައުލަތަށް ގަބޫލުކުރެވޭ ގޮތުގައި، ދެ ފަރާތް ގުޅިގެން ހެކި އުފައްދެމުގެ ބޭނުމުގައި ކަމަށް ޝަހުމާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް