Majlis 2024

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގައި މިއަދު ބޭއްވި އަޑުއެހުމުގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ހެކިބަސް ދެއްވަނީ.

ދައުލަތުން ހުށަހެޅި އިކޮނޮމިކް ކައުންސިލްގެ ޔައުމިއްޔާ ސައްހައެއް ނޫން: ހެކިން

ކުރީގެ މިނިސްޓަރުން ކަމަށްވާ ސައީދު އަދި ޒުހޫރު ވެސް ވިދާޅުވީ ޔައުމިއްޔާގައި ސޮއިކޮށްފައި ނެތުމުން އެ ޔައުމިއްޔާ ސައްހަ ނުވާނެ ކަމަށް
25 ސެޕްޓެމްބަރު 2022
1

ވ. އާރަށް އެގްރިކަލްޗާ މިނިސްޓްރީގެ ދަށުން ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށް ކެބިނެޓްގެ އިކޮނޮމިކް އެންޑް ޔޫތު ކައުންސިލްގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކުގެ ޔައުމިއްޔާ ކަމަށް ބުނެ ދައުލަތުން ހުށަހަޅާފައިވާ ޔައުމިއްޔާއަކީ ސައްހަ އެއްޗެއް ނޫން ކަމަށް، އެ ކައުންސިލްގައި އިންނެވި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު ޒުހޫރު މިއަދު ކްރިމިނަލް ކޯޓުގައި ހެކިބަސް ދެއްވައިފި އެވެ.

ވީ ކިހިނެއް؟ - އެމްއެމްޕީއާރްސީ މެދުވެރިކޮށް، ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މަސްލަހަތު އޮންނަ ޓޫޖީ ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް އާރަށް ދޫކުރުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ ދައުލަތުން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ޔޫސުފް ނައީމްގެ މައްޗަށް ދައުވާ އުފުލައިފަ އެވެ.

ކްރިމިނަލް ކޯޓުގައި މިހާރު ހެކި ބަސް ނެގުމުގެ މަރުހަލާ ކުރިއަށް ދާއިރު، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވަނީ، އާރަށް ޓޫރިޒަމްގެ ދަށަށް ބަދަލުކުރުމަށް އިކޮނޮމިކް ކައުންސިލްގައި އެ މައްސަލަ އެޖެންޑާ ކުރަން ފޮނުއްވީ ވެސް ޔާމީން ކަމަށާއި މާ ބޮޑު މަޝަވަރާއެއް ނެތި އެ ރަށް ޓޫރިޒަމަށް ބަދަލުކުރީ ކަމަށް ވިދާޅުވެ ހެކިބަސް ދެއްވާފަ އެވެ.

ތަފްސީލް - ޔާމީންގެ ފަރާތުން، މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރުކަން ކުރައްވާ ސައީދު ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހެޅުއްވީ އެ ކައުންސިލްގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ސާފުކުރުމަށެވެ. ސައީދު މިއަދު ވަނީ އެ ކައުންސިލްގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި އެ ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރެވޭނެ ގޮތްތައް ވެސް ތަފްސީލުކޮށް ވިދާޅުވެދެއްވައިފަ އެވެ.

މިއަދުގެ ޝަރީއަތުގައި ހެކިބަސް ދެއްވަމުން ސައީދު ވިދާޅުވީ، ފަޅު ރަށްތައް އެއް މިނިސްޓްރީން އަނެއް މިނިސްޓްރީއަށް ބަދަލުކުރުމަކީ އެ ކައުންސިލަށް ހުށަހަޅާ ޒާތުގެ މައްސަލައެއް ނޫން ކަމަށެވެ. އަދި އާރަށް ޓޫރިޒަމް މިނިސްޓްރީއަށް ބަދަލުކުރުމާ ގުޅޭ ގޮތުން އެ ކައުންސިލްގައި މަޝްވަރާކުރިކަން ނުވަތަ ނޫންކަން ކަނޑައެޅިގެން ވިދާޅުވާން ނޭނގޭ ކަމަށެވެ.

ޔާމީންގެ ދިފާއީ ވަކީލު އާދަމް ޝަމީމް ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ސައީދު ވަނީ އެ ކައުންސިލްގެ ސައްހަ ޔައުމިއްޔާއެއް އޮންނަން ވާނެ ގޮތް ވިދާޅުވެދެއްވައިފަ އެވެ. އެގޮތުން:

  • ކުރެވުނު މަޝްވަރާތައް ކަރުދާހަށް ތިރިކުރެވިފައި އޮންނަން ވާނެ ކަމަށް 

  • ވަޒީރުންނަށް އެކަމެއް ނިންމަން ފެންނަ ގޮތްތައް އެ ލިޔުމުގައި އޮންނަން ވާނެ ކަމަށް 

  • މަޝްވަރާގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ އިނިޝަލް އަދި ފަހު ގަނޑުގައި އެ ބޭފުޅުންގެ ނަމާއި ސޮއި އޮންނަން ވާނެ ކަމަށް 

"އެ ހިސާބުން އެ ޔައުމިއްޔާއެއް ސައްހަ ވާނީ،" ސައީދު ވިދާޅުވި އެވެ.

އެހެންކަމުން، ދިފާއީ ވަކީލުން ވަނީ ދައުލަތުން ޝަރީއަތަށް ހުށަހަޅާފައިވާ ޔައުމިއްޔާ ކަމަށް ބުނާ ލިޔުމުގެ ސައްހަކަން ކަށަވަރުކޮށްދިނުމަށް ސައީދުގެ ކިބައިން އެދިވަޑައިގެންފަ އެވެ. އެކަމަށް ދައުލަތުން އިންކާރު ކުރި ނަމަވެސް، ޝަރީއަތުން ނިންމީ ދައުލަތުގެ އިއުތިރާޒު ބަލައިގަނެވެން ނެތް ކަމަށެވެ.

އެ ލިޔުން ބެއްލެވުމަށް ފަހު ސައީދު ވިދާޅުވީ އެއީ ސައްހަ ޔައުމިއްޔާއެއް ނޫން ކަމަށެވެ.

ބުނީ ކީކޭ؟ - "ނޫން، މިއީ ސައްހަ ޔައުމިއްޔާއެއް ނޫން. އަޅުގަނޑުގެ ސޮއެއް އަދި މީގައި ބައިވެރިވި އެއްވެސް ބޭފުޅެއްގެ ސޮއެއް މިޔަކުން ނުފެނޭ،" ސައީދު ވިދާޅުވި އެވެ.

ސައީދުގެ ވާހަކަތަކަށް ފަހު ދައުލަތުން ވަނީ ޔައުމިއްޔާގައި ސޮއިނުކޮށް އޮވެދާނެތޯ ސުވާލު އުފައްދައިފަ އެވެ.

ނަމަވެސް ސައީދު ވިދާޅުވީ، އިކޮނޮމިކް ކައުންސިލްގައި މަޝްވަރާކުރާ ކޮންމެ ކަމެއްގެ ޔައުމިއްޔާތައް އެ ކައުންސިލްގެ ސެކެޓްރިއޭޓުން ވަރަށް ފަރުވާތެރިކަމާ އެކު ބައްލަވާ ކަމަށާއި ހުރިހާ ބައިވެރިން ލައްވާ ޔައުމިއްޔާތަކުގައި ސޮއިކުރުވާނީ ވަކި ތަނެއްގައި ބައިތިއްބައިގެން ކަމަށެވެ.

އެހެންކަމުން، އޭނާ ބައިވެރިވެވަޑައިގެންނެވި ކައުންސިލްގެ އެއްވެސް މަޝްވަރާއެއްގެ ޔައުމިއްޔާގައި ސޮއިނުކުރައްވާ އޮވެގެން ނުވާނެ ކަމަށް ވިދާޅުވި އެވެ. އަދި ޔައުމިއްޔާތަކުގައި މެމްބަރުން ސޮއިކުރުވުމަކީ ސެކެޓްރިއޭޓުން ވަރަށް އިސްކަމެއް ދީގެން، ތަރުތީބުން ކުރައްވާ ކަމެއް ކަމަށް ވެސް، ޔަގީންކަމާ އެކު ސައީދު ވިދާޅުވި އެވެ.

"އެއީ އަތުން ނައްޓައިގެންދާ ވަރުގެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމުގައި ޒުހޫރު ހެކިބަސް ދެއްވަނީ.

ޝަރީއަތުން މިއަދު ވަނީ ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް އެންޑް ޔޫތު ކައުންސިލްގައި މަސައްކަތް ކުރެއްވި ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު ޒުހޫރުގެ ހެކިބަސް ވެސް ނަގައިފަ އެވެ. ޒުހޫރު ވެސް ވިދާޅުވީ ކައުންސިލްގެ މަޝްވަރާގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ ސޮއި ނެތް ޔައުމިއްޔާއަކީ ސައްހަ ޔައުމިއްޔާއަކަށް ނުވާނެ ކަމަށެވެ. އަދި ޔައުމިއްޔާގެ ކޮންމެ ގަނޑެއްގައި މެމްބަރުންގެ އިނިޝަލްސް ވެސް އޮންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޒުހޫރު ވެސް ވިދާޅުވީ އޭނާ ބައިވެރިވަޑައިގެންނަވި އެއްވެސް މަޝްވަރާއެއްގެ ޔައުމިއްޔާއެއްގައި ސޮއިނުކުރައްވައި ނޯންނާނެ ކަމަށެވެ.

ދިފާއުން ވަނީ ދައުލަތުން ހުށަހެޅި ޔައުމިއްޔާ ޒުހޫރަށް ވެސް ދައްކަވައިފަ އެވެ. ޔައުމިއްޔާ ބެއްލެވުމަށް ފަހު ޒުހޫރު ވިދާޅުވީ އެއީ ސައްހަ ޔައުމިއްޔާއެއް ނޫން ކަމަށެވެ.

ޒުހޫރު ވިދާޅުވީ އާރަށާ ގުޅޭ އެއްވެސް ކަމެއް ކައުންސިލަށް ހުށަހަޅައިގެން މަޝްވަރާކުރި ކަމުގެ ހަނދާން ނެތް ކަމަށެވެ. ނަމަވެސް އެފަދަ ކަމެއް ހިނގާފައި ވާނަމަ އެކަމުގެ އެޖެންޑާ އާއި ޔައުމިއްޔާ އޮންނަން ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިކޮނޮމިކް ކައުންސިލަކީ ތަރައްގީގެ ކަންކަމާ ގުޅޭ މަޝްވަރާތައް ކުރާ ކައުންސިލަކަށް ވާއިރު، ޓޫރިޒަމަށް ރަށްތައް ދޫކުރުމާއި ރަށްތައް ބަދަލުކުރުމުގެ ކަންކަން އެ ކައުންސިލްގެ މަސައްކަތްތަކުގެ ތެރޭގައި ނުހިމެނެނީ ކީއްވެތޯ ދައުލަތުން ސުވާލު އުފެއްދި އެވެ.

ޒުހޫރު ވިދާޅުވީ ރަށްތައް ބަދަލުކުރުމަކީ އެއް މިނިސްޓްރީން އަނެއް މިނިސްޓްރީއަކާ ކުރާ މުއާމަލާތެއް ކަމަށާއި އެކަން ރައީސް އޮފީހަށް ފޮނުވި ނަމަވެސް އެއީ އިކޮނޮމިކް ކައުންސިލަށް ފޮނުވަން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށެވެ. 

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމުގައި މުޖުތާޒު ހެކި ބަސް ދެއްވަނީ.

މިއަދުގެ ޝަރީއަތުގައި ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި، ހަނިމާދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުޖުތާޒްގެ ހެކިބަސް ވެސް ވަނީ ނަގައިފަ އެވެ.

ޝަރީއަތުގައި ހެކިބަސް ދެއްވަމުން މުޖުތާޒު ވިދާޅުވީ ކެބިނެޓް ސެކެޓްރީ ސޮއިކުރައްވަން ޖެހޭ ލިޔުންތަކުގައި ސޮއިކުރުމުގެ ބާރު ޔާމީން އޭނާއަށް ދެއްވާފައިވާ ކަމަށެވެ. އޭގެ އިތުރުން، ރައީސް އޮފީހުން ފޮނުވާ ސިޓީތަކާއި ނެރޭ ދެންނެވުންތަކުގައި ސޮއިކުރުމުގެ ހުއްދަ ވެސް އޭނާއަށް ދެއްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސީދާ ރައީސް ސޮއިކުރައްވަން ޖެހިވަޑައިގަންނަވާ ސިޓީތައް ފިޔަވައި އެހެން ސިޓީތަކުގައި ރައީސްގެ ފަރާތުން ބާރު ލިބިދީފައިވާ ކެބިނެޓް ސެކެޓްރީއަށް ސޮއިކުރުމުގެ ބާރު ގާނޫނުން ދީފައި އޮވެ އެވެ. ނަމަވެސް، ޔާމީންގެ ވެރިކަމުގައި ކެބިނެޓް ސެކެޓްރީއެއް ނުހުންނަ ކަމަށާއި، އެހެންކަމުން އެ ހުއްދަ ޔާމީން ދެއްވީ ރައީސް އޮފީހުގެ އިސް ބައެއް މުވައްޒަފުންނަށް ކަމަށް މުޖުތާޒު ވިދާޅުވި އެވެ.

އެ ހުއްދަ ދެއްވި ބޭފުޅުންނަކީ:

  • މުހައްމަދު މުޖުތާޒު 

  • ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީން 

  • ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފް (މޮންދު) 

  • އަހްމަދު ޒުހޫރު

މުޖުތާޒު ވިދާޅުވީ އިތުރު އެއްވެސް ބޭފުޅަކަށް އެ ހުއްދަ ޔާމީން ދެއްވާފައި ނުވާނެ ކަމަށެވެ. އަދި ރައީސް އޮފީހުން ފިނުވާ ކޮންމެ ސިޓީއަކީ ރައީސްގެ އެދިވަޑައިގަތުމަށް ފޮނުވާ ސިޓީ ނޫން ކަމަށާއި، ރައީސަށް އެނގިވަޑައިނުގެން ވެސް ރައީސް އޮފީހުން ސިޓީ ފޮނުވާފައި ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިޓީގެ އިބާރާތުގައި "ރައީސް ދަންނަވަން ވިދާޅުވެގެން" ކަމަށް އޮތް ނަމަވެސް، އެއީ އެކަން ހިނގާ ގޮތް ނޫން ކަމަށާއި، ސިޓީތަކުގައި އެ އިބާރާތް ބޭނުންކުރަނީ ޒަމާނުއްސުރެ އެގޮތަށް އަމަލުކުރަމުން އައިސް މިހާރު އުސޫލަކަށް ވެފައިވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުލަތުން ވަނީ ޓޫރިޒަމާ ގުޅޭ ސިޓީތަކުގައި ރައީސް ސޮއިކުރައްވާތޯ ސުވާލުކޮށްފަ އެވެ. ނަމަވެސް މުޖުތާޒު ވިދާޅުވީ އެއީ އޭނާއަށް އެނގިލައްވާ ކަމަކަށް ނުވާތީ ޖަވާބުދެއްވަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ގުޅުންހުރި ކަމެއް - މިއަދުގެ ޝަރީއަތް ނިންމަވާލައްވަމުން އިސް ގާޒީ އަހްމަދު ޝަކީލް ވިދާޅުވީ، މިހާރު މައްސަލައިގެ ހުރިހާ ޝަފަހީ ހެކިންގެ ހެކިބަސް ނަގާ ނިމުނީ ކަމަށެވެ. ދެން އޮންނާނީ ހެއްކާ ގުޅޭ ގޮތުން ވާހަކަދެއްކުމަށް ބާއްވާ އަޑުއެހުމެކެވެ. އެ އަޑުއެހުން އޮންނާނީ މި މަހުގެ 29 ވަނަ ދުވަހުގެ ހެނދުނު އެވެ.

އެއީ އެކަށީގެންވާ މުއްދަތެއް ނޫން ކަމަށް ބުނެ ޔާމީންގެ ވަކީލުންނާއި ޔޫސުފް ނައީމްގެ ފަރާތުން ވެސް ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ދައުލަތުން ބުނީ އެ ދުވަހު ހެއްކާ ގުޅޭ ގޮތުން ވާހަކަދައްކަން ތައްޔާރު ކަމަށެވެ.

ޔާމީން އާއި ޔޫސުފް ނައީމްގެ ފަރާތުން އެދުނީ ހެއްކާ ބެހޭ ގޮތުން ވާހަކަދެއްކުމާއި ހުލާސާ ބަޔާން އިއްވާ މަޖިލިސް އެއް މަޖިލީހަކަށް ބަދަލުކޮށްދީ، މުއްދަތު އިތުރުކޮށްދިނުމަށެވެ. ނަމަވެސް ދައުލަތުން އެދުނީ އެ ދެ މަޖިލިސް ވަކި ދެ މަޖިލީހެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށެވެ.

ދެ ފަރާތުގެ ވާހަކަތަކަށް ފަހު ޝަރީއަތުން ވިދާޅުވީ، ޝަރީއަތުގެ ވަގުތު އޮތް ގޮތަށް ބަލާފައި ހެއްކާ ބެހޭ ގޮތުން ވާހަކަދެއްކުމުގެ މަޖިލިސް ފަސްކުރެވެން އޮތް ނަމަ އެކަން އަންގަވާނެ ކަމަށެވެ. ނަމަވެސް މިހާރު އޮތް ގޮތުން، އެ މަޖިލިސް އޮންނާނީ އަންނަ ބުރާސްފަތި ދުވަހު ކަމަށް ޝަރީއަތުން އިއުލާނުކުރެއްވި އެވެ.

ކޮމެންޓް (1)

ސައިޒު

25 ސެޕްޓެމްބަރު 2022
އެހެރީ ދޯ އެއްކަލަ ސައިޒު އޮޅިގެން މައިތިރިނާރައިގެން އުޅުނު ވަކީލު. މާ މަޖާވެގެން ހީ ސަމާސަ ކުރާ! ހަހަހަ!
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް