ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޕީޖީގެ ވަކީލު ނައުފަލް ވާހަކަ ދައްކަވަނީ (ފޮޓޯ/ކްރިމިނަލް ކޯޓު)

އާރަށު މައްސަލައިގައި ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިގަންނަން ނިންމައިފި

ދައުލަތުން ހުށަހަޅާފައިވާ އާ ހެކިތަކަކީ ޔާމީނާއި ޔޫސުފް ނައީމްގެ ދިފާއުގައި ހެކިބަސް ދިން މީހުން ދޮގު ހެކިބަސް ދީފައިވާކަން ސާބިތުކުރަން ހުށަހެޅި ހެކިތަކެއް
17 ނޮވެމްބަރު 2022

އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ދޫކުރުމުގައި ރިޝްވަތު ނެންގެވި ކަމަށް ބުނާ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްއާ ދެކޮޅަށް ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިގަންނަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ. 

ވީ ކިހިނެއް؟ - އާރަށުގެ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ އާ ހެކިތަކަކީ ޔާމީނާއި ޔޫސުފް ނައީމްގެ ދިފާއުގައި ހެކިބަސް ދިން މީހުން ދޮގު ހެކިބަސް ދީފައި ވާކަން ސާބިތުކުރަން ހުށަހެޅި ހެކިތަކެކެވެ. އާ ހެކިތަކުގެ ތެރޭގައި ހިމެނެނީ:

  • އިިކޮނޮމިކް އެންޑް ޔޫތު ކައުންސިލްގެ ޔައުމިއްޔާ

  • މާލޭގެ މިހާރުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްގެ ހާޒިރީ ރެކޯޑުތައް؛ އޭރު އޭނާ ވަޒީފާ އަދާކުރަމުން ދިޔައީ ސިފައިންގޭގައި

ތަފްސީލް - ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، އެ ހެކިތައް ބަލައިގަންނަން އިސް ގާޒީ އަހުމަދު ޝަކީލް ނިންމެވީ، އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި މި ހެކިތައް ބަލައިނުގަންނަން ދިފާއި ވަކީލުން އެދިފައި ވަނިކޮށެވެ.

އެ ދުވަހުގެ އަޑުއެހުމުގައި ޕީޖީ އޮފީހުގެ ވަކީލުން ވިދާޅުވި ގޮތުގައި، މި ހެކިތަކަކީ ޔާމީން އާއި ނައީމްގެ ދިފާއުގައި ހެކިބަސް ދިން މީހުންގެ ހެކި ބަހާ ގުޅިގެން "އިތުރަށް ސާފުކުރަން ޖެހޭ ކަންކަން ސާފުކުރުމަށް ފަހު" ހުށަހެޅި ހެކިތަކެކެވެ. އޭރު މައްސަލައިގެ ހެކިބަސް ނެގުމުގެ މަރުހަލާ ނިމިއްޖެ އެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމުގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ހެކިބަސް ދެއްވަނީ.

މި މައްސަލައިގައި ޔާމީންގެ ދިފާއުގައި ހެކިބަސް ދިން މީހުންގެ ތެރޭގައި ހިމެނެނީ:

  • މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު - އޭރުގެ އިކޮނޮމިކް މިނިސްޓަރު

  • އަހުމަދު ޒުހޫރު - އޭރުގެ ޔޫތު މިނިސްޓަރު

  • މުހައްމަދު މުޖުތާޒު - ރައީސް އޮފީހުގެ އޭރުގެ ސްޓޭޓް މިނިސްޓަރު

  • މުހައްމަދު އިސްމާއިލް - ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު

  • އަހުމަދު ޝާހިދު - ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު

  • މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް

  • އަބްދުﷲ އަލީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމުގައި ޒުހޫރު ހެކިބަސް ދެއްވަނީ.

ޔާމީން އާއި ނައީމްގެ ވަކީލުން ވެސް ހެކިތައް ބަލައިގަންނަން ދެކޮޅު ހެދީ ހެކިބަސް ނަގައި ނިމިފައި ވާތީ އެވެ. އެކަމަށް ރައްދު ދެމުން ޕީޖީ އޮފީހުން ބުނީ، އަލަށް ހުށަހެޅި ހެކިތަކަކީ، މައްސަލަ ހުށަހެޅި އިރު ހޯދަން ވެސް ނޭނގޭ ހެކިތަކެއް ކަމަށެވެ. ސަބަބެއް ކަމަށް ބުނީ ދިފާއި ހެކިންގެ ހެކިބަސް ނެގުމާ ހަމައަށް އެ ހެކިންގެ މައުލޫމާތު ލިބިފައި ނުވުމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް