ޑްރަގު ނައްތާލުމަށް ކ. ދޫނިދޫގައި 28 ޑިސެމްބަރު 2021ގައި ބޭއްވި ހަރަކާތެއްގައި މަސްތުވާތަކެތި ތަހުލީލު ކުރުމަށް ތައްޔާރު ވަނީ (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

ހެކި ހޯދި ގޮތް ގޯސްވެގެން ކުޑަކުއްޖަކަށް ކުރި ޑްރަގް ޓްރެފިކިން ހުކުމެއް ބާތިލުކޮށްފި

ކުޑަކުއްޖާގެ މައްޗަށް މި މައްސަލަ ސާބިތުވެ 16 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް ހައި ކޯޓުން އެ ހުކުމް ބާތިލުކުރީ ގޯސްކޮށް ހައްޔަރުކޮށް، ގޯސްކޮށް ހެކި ހޯދާފައިވާތީ ދައުލަތުން ވެސް އެއްބަސްވެގެން
17 ނޮވެމްބަރު 2022
4

އަތުން މަސްތުވާތަކެތި ނުފެންނަނީސް ކުޑަކުއްޖަކު ހައްޔަރުކޮށް، ހެކި ހޯދި ގޮތް ގޯސްވެގެން، ޑައިމޯފިން ޓްރެފިކް ކުރި މައްސަލައެއްގައި މެޖިސްޓްރޭޓް ކޯޓަކުން ކުރި ހުކުމެއް ބާތިލުކުރަން ހައި ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ވީ ކިހިނެއް؟ - މި މައްސަލައިގައި:

  • ދައުވާ ލިބޭ ކުޑަކުއްޖާ ހުރީ ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓުން ކުށް ސާބިތުވާ ކަމަށް ކުރި ހުކުމާ ގުޅިގެން، 16 އަހަރުގެ ޖަލު ހުކުމެއްގައި 

  • މިއީ ގޯސްކޮށް ހައްޔަރުގައި ބަހައްޓައިގެން، ގާނޫނާ ހިލާފަށް ހެކި ހޯދައިގެން ކުރި ހުކުމަކަށް ވާތީ ހައި ކޯޓުން ވަނީ ވެލިދޫ ކޯޓުގެ ހުކުމް ބާތިލުކޮށް، އޭނާ މިނިވަންކޮށްފައި

ތަފްސީލް -  ވެލިދޫ ކޯޓަށް ހުށަހެޅި މައްސަލައިގައިވާ ގޮތުގައި، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި އެ ކުޑަކުއްޖާ ހައްޔަރުކުރި އެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ބަލައި ފާސްކުރި އިރު، އެއްވެސް އެއްޗެއް ނުފެނުނު ނަމަވެސް ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ. 

ހައްޔަރުކޮށްގެން ގެންދިޔުމަށް ފަހު ފުލުހުންގެ ތަހުގީގުގައި އެ ކުއްޖާ ވަނީ މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ބުނާ ތަންތަން ދައްކާފަ އެވެ. ކުއްޖާ ދެއްކި ތަންތަނުން ފެނުނީ:

  • ފަޅުގެއެއްގެ މަގުފާރު ކައިރިން 210 ސެލޯފޭންކޮޅު - 2.5 ގްރާމުގެ ކެނެބިސް

  • އެހެން ގެއެއްގެ ގޯތި ތެރެއިން 5 ރަބަރު - 4.1 ގްރާމުގެ ޑައިމޯފިން

މި މައްސަލަ އެ ކުއްޖާގެ މައްސަލަތައް ސާބިތުވި މައިގަނޑު ސަބަބެއްގެ ގޮތުގައި ވެލިދޫ ކޯޓުން ފާހަގަކުރީ، މަސްތުވާތަކެތި ފެނުނީ އެ ކުއްޖާ ހައްޔަރުކުރި ފަހުން ކަމުގައި ވީއިރު، އެ ތަންތަނުގައި އެ އެއްޗެހި ހުރިކަން އެ ކުއްޖާއަށް އެނގުނު ގޮތެއް ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ސާފުކޮށްދެވިފައި ނުވުމެވެ. އެހެންވެ، އަތުން ނުފެނުނަސް އެ މަސްތުވާތަކެއްޗަށް އެ ކުއްޖާ ޒިންމާވާން ޖެހޭ ކަމަށް ހުކުމުގައި ލިޔެފައިވެ އެވެ.

ހައި ކޯޓު. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ކުއްޖާގެ ފަރާތުން މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރަމުން ވަނީ، މިއީ ގާނޫނާ ހިލާފަށް ހަައްޔަރުކުރުމަށް ފަހު، ބަންދުގައި ބަހައްޓައިގެން ހެކި ހޯދާފައިވާ މައްސަލައަކަށް ވާތީ، ދަށު ކޯޓުގެ ހުކުމް ބާތިލުކޮށްދޭން އެދިފަ އެވެ. ފުލުހުން ހެދި ގޯސްތައް ގަބޫލުކޮށް ޕީޖީ އޮފީހުން ވެސް ކޯޓުގައި އެދުނީ ހުކުމް ބާތިލުކޮށްދޭށެވެ.

ފަނޑިޔާރުގެ ބަސް - ހައި ކޯޓުގައި މި މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސެއިން މަޒީދުގެ ރައުޔުގައި ލިޔުއްވި ގޮތުގައި:

  • ކުއްޖާ ބަލައި ފާސްކުރި އިރު އެއްވެސް އެއްޗެއް ނުފެންނަނީސް އެ ކުއްޖާ ކޯޓު އަމަރުކާ ނުލާ ހައްޔަރުކުރީ ގޯސްކޮށް 

  • ގާނޫނުގައި އޮންނަ ގޮތުން ކުށުގެ ވެށިން ނޫން ތަނަކުން، އެއްވެސް މީހަކު ހައްޔަރުކުރެވޭނީ ކޯޓު އަމުރެއް އޮވެގެން

  • މި މައްސަލައިގައި އެ ކުއްޖާ އަތުން އެއްވެސް އެއްޗެއް ނުފެންނައިރު، އޭނާ ހައްޔަރުކުރަން ޖެހޭ އެކަށީގެންވޭ ގާނޫނީ ސަބަބެއް ނެތް 

  • އެ ފަހުން ހޯދާ ހެއްކަކީ އެ މައްޗަށް ބިނާކޮށް ޖިނާއީ މައްސަަލައެއްގައި ޝަރީއަތުން ގޮތް ކަނޑައަޅައިގެންވާނެ ހެކިތަކެއް ނޫން

ބެންޗުގައި ދެން ތިއްބެވި ދެ ފަނޑިޔާރުން ކަމުގައިވާ ހުސެއިން ޝަހީދު އާއި މުހައްމަދު ސަލީމް ވަނީ މަޒީދުގެ ރައުޔަށް ތާއީދުކުރައްވާފަ އެވެ.

ކޮމެންޓް (4)

އުންމު ހާނީ

17 ނޮވެމްބަރު 2022
މިހާރު މި އޮތް ޖީލު ވެސް ތި ވަބާގެ ތެރެއަށް ގަރަގު ވެގެން ދަނީ. ދެރަ ކަންކަން
0 0

ނަސްރީނާ

17 ނޮވެމްބަރު 2022
ހަށިގަނޑުން އެއްޗެއް ނުފެނުނަސް އެ ބޭނުން ކޮށްގެން ހޭ ދެބަ ވެފައި ހުއްޓަސް މިހާރު ސާބިތެއް ނުވާނެ. އަދަބެއް ވެސް ނުލިބޭނެ
0 0

އަހުން

17 ނޮވެމްބަރު 2022
އަނެއްކާ އަނެއްދުވަހު އެހެން ފަޅު ގެއެއްގައި ތި ކުއްޖާ ހުންނާނެ ތި ވިއްކަން. އެ ދުވަހުންވެސް އެއްޗެއް ފެނުނު ކަމަކަށް ނުހަދާނެ
0 0

މަޒީ

17 ނޮވެމްބަރު 2022
ކުޑައެއް ބޮޑެއް މި ކަމުގައި އިސްތިސްނާއެއް ނުވޭ. މިހާރު ވެސް އަހަރުމެން ރަށުގައި އެންމެ ގިނައިން ތި ވިއްކާ ފިޔަފާރި ކުރަނީ ތި އަށާރަ އަހަރު ނުފުރޭ ކުޑަކުދިން
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް