މާލޭ މަގުމަތީގައި ބަހައްޓާފައި ހުރި ސްކްރީނަކުން ވޯލްޑް ކަޕް ބަލަނީ (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

ސިއްހަތު

އެޗްޕީއޭގެ އިލްތިމާސް: މެޗު ބަލާއިރު ކާނީ 'ހެލްތީ ސްނެކް'

ލޮނު، ހަކުރު އަދި ތެޔޮ އެކުލެވޭ ބާވަތްތައް ކެއުން މަދުކުރަން އެޗްޕީއޭއިން ދިން އިރުޝާދާ އެކު ބައެއް މީހުން ބުނަނީ ފައިދާހުރި އެއްޗެހި ގަނެވޭ ވަރަށް ވުރެ މާ އަގުބޮޑު ކަމަށް
6 ޑިސެމްބަރު 2022
1

ވޯލްޑް ކަޕްގެ ފޯރިއާ އެކުވެފައި އޮތީ ކެއުމުގެ ފޯރި އެވެ. މެޗުތައް ބަލަމުން މި ގެންދަނީ ލުއި ކާނާ އާއި ބުއިންތަކާއި އޯޑަރުކުރާ ޕިއްޒާ ފަދަ ބާވަތްތަކުން ބަނޑު ފުރައި އަނގަ މީރުކުރަމުންނެވެ. އެކަމަކު، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އިލްތިމާސަކީ މި މަޖަލުގެ ތެރޭގައި ވެސް، ސިއްހަތަށް ފައިދާހުރި އެއްޗެހި ކައިބޮއެ ހެދުމެވެ.

"ވާލްޑް ކަޕްގެ އެންމެ ގަޔާވާ ޓީމަށް ސަޕޯޓް ކުރާއިރު ހެލްތީ ސްނެކެއް އިޚްތިޔާރު ކުރޭ. މިގޮތުން ލޮނު، ހަކުރު އަދި ތެޔޮ އެކުލެވޭ ބާވަތްތައް މަދުކުރެވިދާނެ،" އެޗްޕީއޭ އިން އިއްޔެ ޓްވީޓްކުރި އެވެ.

ގާތްގަނޑަކަށް އެއް މަސް ދުވަހަށް ދެމިގެންދާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ބެލުމަށް ދިވެހިންގެ ގިނަ ބަޔަކު ޓީވީ ދޮށުގައި ހޭދަކުރާ ވަގުތުތައް ފުރިހަމަކޮށްދެނީ ކެއުމާއި ބުއިމުގެ މަޖަލެވެ. ކާބޯތަކެތި ވިއްކާ ފަރާތްތަކުން މި ދަނޑިވަޅަށް އަމާޒުކޮށް ކުރާ އިޝްތިހާރުތަކާއި ހިންގާ ޕްރޮމޯޝަންތަކަކީ ވެސް ވޯލްޑް ކަޕް ބެލުމުގެ ބައެކެވެ. އެކަމަކު، ކާން އެޗްޕީއޭ އިން ލަފާދެނީ މި ފޯރީގެ ތެރޭގައި އާއްމުކޮށް މީހުން އިހުތިޔާރުކުރާ އެއްޗެއްސާ ތަފާތު ބާވަތްތަކެކެވެ.

އޭގެ ބައެއް މިސާލުތައް އެޗްޕީއޭގެ ޓްވީޓްގައި ހިމަނާފައިވެ އެވެ. އެއީ:

  • މޭވާ

  • ހަނާކުރި ސަނާމުގު

  • ލޮނުނުލާ ބަދަން

  • ތަރުކާރީ

  • ފިހުނު އަލުވި ޗިޕްސް

  • ވަޅޯމަސް

  • ލޮނުމަޑު ޕޮޕްކޯން

އެޗްޕީއޭގެ ޓްވީޓް

'މާ އަގުބޮޑު'

ސިއްހަތަށް ގެއްލުންހުރި ކާނާ ކެއުން ފަދަ ދިރިއުޅުމުގެ ނުރަނގަޅު އާދަތަކުގެ ސަބަބުން ރާއްޖޭގައި ވަރަށް ގިނަ ބަޔަކު ބޮޑެތި ބަލިތަކަށް ހުށަހެޅިފައިވާކަން، މިދިޔަ މަހު އާއްމުކުރި ދިރާސާއަކުން ދައްކަ އެވެ. ގައިން ގަޔަށް ނާރާ ބަލިތައް ޖެހޭ މީހުން ރާއްޖޭގައި ވަރަށް ބޮޑަށް އިތުރުވެ، ސިއްހީ މާހިރުން ފަހަކަށް އައިސް އަންނަނީ ދުޅަހެޔޮ އާދަތަކަށް ބަދަލުވުމަށް އާއްމުންނަށް ވަރަށް ބޮޑަށް ބާރުއަޅަމުންނެވެ.

އެޗްޕީއޭއިން ވޯލްޑް ކަޕާ ގުޅުވައިގެން މިފަދަ އިލްތިމާސެއް ކުރާނީ ވެސް އެ ސަބަބަށްޓަކަ އެވެ.

އެކަމަކު އެޗްޕީއޭގެ އިރުޝާދާ ގުޅިގެން ބައެއް މީހުން ކުރީ ޝަކުވާއެކެވެ. މެޗުތައް ބަލާއިރު "ހެލްތީ ސްނެކެއް" ކާން ލަފާދިނުމުން އެއް ބަޔަކު ބުނިގޮތުގައި ހަށިގަނޑަށް ފައިދާހުރި އެއްޗެހީގެ އަގުތައް ހުރީ އަތްނުފޯރާ ފަށުގަ އެވެ.

"ހެލްތީ ސްނެކްސް އަށް ވުރެ މާ އަގުހެޔޮ ޕިއްޒާ އަދި ކޯކް ވެސް،" އެކަކު އެޗްޕީއޭގެ ޓްވީޓަށް ރައްދުދީ ލިޔެފައިވެ އެވެ.

މާލޭ ބާޒާރުގައި މޭވާތަކެއް ވިއްކަން ބަހައްޓާފައި (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އެހެން މީހަކު ބުނީ ވޯލްޑް ކަޕް ބަލަން މީޑިއާ ނެޓަށް ބޮޑު އަގެއް ދައްކަން ޖެހޭއިރު، "ހެލްތީ ސްނެކްސް" ގަނެފިއްޔާ އަންނަ މަހު އަނގަޔާއި އަތާ ދިމާނުވާނެ ކަމަށެވެ.

ރާއްޖޭގައި އެންމެ އާއްމުކޮށް ބޭނުންކޮށް އުޅޭ މޭވާގެ ދެ ބާވަތް ކަމަށްވާ އޮރެންޖާއި އާފަލުގެ އަގު މިފަހުން ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.

ފައިދާހުރި ކާނާ ކާން ޖެހޭ މިންވަރަށް ނުކެވެނީ ރާއްޖޭގައި އެފަދަ އެއްޗެހީގެ އަގު ބޮޑުކަމުން ކަމަށް ގިނަ ބަޔަކު އަބަދުވެސް ބުނެ އެވެ. އެކަމަކު، ދުޅަހެޔޮ އާދަތަކަކަށް ބާރުއަޅާ ފަރާތްތަކުގެ އިރުޝާދަކީ ކާބޯތަކެއްޗަށް ހޭދައެއް ކުރާ ނަމަ ވީ އެންމެ ބޮޑަކަށް ސިއްހަތަށް ބަލައިގެން އެ ހޭދައެއް ކުރުމެވެ.

ކޮމެންޓް (1)

މުހައްމަދު

6 ޑިސެމްބަރު 2022
ދެން ތިވަރު ހުރިހާ އެންމެނަށްވެސް އިގޭނެ ދޯ. މިމީހުން މިހާރު ނުބެހޭ ކަމެއްވެސް ނޯވޭ ދޯ؟ ކުރާނެ ކަމެއް ނެތީދޯ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް