ބާޒާރުގައި ވިއްކަން ހުރި އާފަލު. (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

އޮރެންޖާއި އާފަލު އަގުބޮޑުވީ ސްޓޮކު ނެތިގެން؛ ޖީއެސްޓީ ބަދަލާ ގުޅުމެއް ނެތް

އޮރެންޖާއި އާފަލުގެ ސްޓޮކު ލިބުން ދަތިވި ދުވަސްވަރާއި ޓެކްސް ބޮޑުކުރުމުގެ ބިލު ތަސްދީގު ކުރެއްވި ދުވަސްވަރު ދިމާވުމަކީ އިއްތިފާގެއް
30 ނޮވެމްބަރު 2022

އޮރެންޖާއި އާފަލު ލިބުން ދަތިވެ، ބާޒާރުގައި އެ ބާވަތްތަކުގެ އަގު ވަރަށް ބޮޑަށް އުފުލިއްޖެ އެވެ.

ވީ ކިހިނެއް؟ - ފަހަކަށް އައިސް އޮރެންޖާއި އާފަލު ލިބެން ހުރި އަގު، މިދިޔަ މަހާ އަޅާބަލާއިރު ވަރަށް ބޮޑަށް ވަނީ މައްޗަށް ގޮސްފަ އެވެ.

ތަފްސީލު - ރާއްޖެއަށް މޭވާ އާއި ތަރުކާރީގެ ބާވަތްތައް އެތެރެކުރާ ބައެއް ކުންފުނިތަކުން 'ދައުރު'އަށް މިއަދު މައުލޫމާތު ދެމުން ބުނީ އޮރެންޖާއި އާފަލުގެ އަގު ބޮޑުވެގެން އުޅެނީ ބޭރުން އެ ބާވަތްތައް ލިބުން ދަތިވެ ސްޓޮކު މަދުވެފައިވާތީ ކަމަށެވެ. އެގޮތުން:

  • ބައެއް ފިހާރަތަކުގައި އޮރެންޖާއި އާފަލު އެކީ ވަނީ ހުސްވެފައި

  • ބައެއް ތަންތަނުގައި ކޭހުން ވިއްކާ ވަރަށް ވެސް ސްޓޮކު ނެތި އެފަދަ ބާވަތްތައް ވިއްކަނީ ކޮންޓްރޯލްކޮށް 

އެކަމާ ގުޅިގެން އާފަލާއި އޮރެންޖުގެ އަގު ބޮޑުވެފައި ވަނީ: 

  • އޮރެންޖެއް - 12ރ.

  • އާފަލެއް - 9ރ.

ކުރިން ފިހާރަތަކުން އޮރެންޖާއި އާފަލެއް ވިއްކަމުން އައީ 5-6ރ. އަށެވެ. 

ބުނީ ކީކޭ؟ - ވިޔަފާރިވެރިން ބުނާ ގޮތުގައި އަންނަ ހަފްތާގައި އޮރެންޖާއި އާފަލުގެ އާ ޝިޕްމަންޓެއް ލިބޭނެ އެވެ.

އެނގުން މުހިންމު - އަންނަ އަހަރުން ފެށިގެން ޖީއެސްޓީ އާއީ ޓީޖީއެސްޓީ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރި ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ވަނީ ތަސްދީގު ކުރައްވައިފަ އެވެ.

ރައީސް އެ ބިލް ތަސްދީގު ކުރެއްވުމާއެކު އަންނަ ޖެނުއަރީން ފެށީގެން ޓެކްސް ބޮޑުވަނީ:

  • ޖީއެސްޓީ %6 އިން %8އަށް

  • ޓީޖީއެސްޓީ %12 އިން %16އަށް

ފާހަގަކޮށްލެވޭ ކަމެއް - ވިޔަފާރިވެރިން އޮރެންޖާއި އާފަލު އަގުބޮޑުކުރީ ޖީއެސްޓީއަށް އައި ބަދަލާ ގުޅިގެން ކަމަށް ސޯޝަލް މީޑިއާގައި ބައެއް މީހުން އަންނަނީ ބުނަމުންނެވެ. އެހެން ނަމަވެސް، އެ ބަދަލު އިއުލާން ކުރުމާއި ސްޓޮކަށް ތާށިކަމެއް ކުރިމަތިވި ދުވަސްވަރު ދިމާވުމަކީ އިއްތިފާގެއްކަމަށް ވިޔަފާރިވެރިން ބުނެ އެވެ.

މީގެ އިތުރަށް އޮރެންޖާއި އާފަލަކީ ޖީއެސްޓީ ނުނަގާ މުދަލުގެ ތެރޭގައި ހިމެނޭ ތަކެއްޗެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް