ގައިންގަޔަށް ނާރާ ބަލިތައް ދިވެހިންގެ މެދުގައި ހުރި މިންވަރު ދެނެގަތުމަށް ހެދި 'ސްޓެޕްސް' ދިރާސާ، ޑރ. ޝީނާ މޫސާ ރޭ ހުށަހަޅުއްވައިދެއްވަނީ. (ފޮޓޯ/ރައީސް އޮފީސް)

ސިއްހަތު

ދިވެހިންގެ ސިއްހަތާ ގުޅޭ ދިރާސާއިން ދެއްކީ ނުރައްކާތެރި ހިސާބުތަކެއް

ގައިންގަޔަށް ނާރާ ބަލިތައް ދިވެހިންނަށް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ދިރާސާއިން ދެއްކި

ދިވެހިންގެ ސިއްހަތާ ގުޅޭ ގޮތުން ރޭ އާއްމުކުރި ބޮޑު ދިރާސާއިން ދެއްކީ، ގައިންގަޔަށް ނާރާ، ފުރާނައަށް ނުރައްކާވެދާނެ ފަދަ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުކަމެވެ. ކެއުންބުއިމާއި ދިރިއުޅުމުގެ އާދަތައް ހުރީ، ހަކުރު ބައްޔާއި ލޭމައްޗަށް ދިޔުމާއި ހާޓްއެޓޭކާއި ސްޓްރޯކް ޖެހުން ފަދަ ކަންކަން ދިމާވެދާނެ ފަދަ ގޮތަކަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި ރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) ގުޅިގެން ކުރި މި ދިރާސާ، ރޭ ބޭއްވި ރަސްމިއްޔާތެއްގައި އާއްމުކުރި އިރު، އެއިން ދެއްކީ މުޅިން ވެސް  ކަންބޮޑުވާން ޖެހޭ ހިސާބުތަކެކެވެ.

ދިރާސާގެ ހުލާސާ ކިޔައިދެއްވަމުން، އެމްއެންޔޫގެ ރިސާޗު ޑިރެކްޓަރު ޑރ. ރަހީމާ އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، 3،104 މީހުން ބައިވެރިކޮށްގެން ކުރި މި ދިރާސާއިން ރާއްޖޭގެ ޖުމްލަ އާބާދީގެ ހާލަތު ވަޒަން ކުރެވޭނެ އެވެ. މިއީ އުމުރުން 15-69 އަހަރާ ދެމެދުގެ މީހުން ހިމެނޭ ގޮތަށް، 2020-2021 އެއްކުރި މައުލޫމާތެވެ.

ގައިންގަޔަށް ނާރާ ބަލިތައް ދިވެހިންގެ މެދުގައި ހުރި މިންވަރު ދެނެގަތުމަށް ހެދި 'ސްޓެޕްސް' ދިރާސާ، ޑރ. ރަހުމާ ރޭ ހުށަހަޅުއްވައިދެއްވަނީ. (ފޮޓޯ/ރައީސް އޮފީސް)

ތިން ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ދިރާސާގައި ބަލާފައިވަނީ:

  • ގައިންގަޔަށް ނާރާ ބަލިތަކުގެ ރިސްކުތަކާ ބެހޭ މައުލޫމާތު ހިމެނޭ ސުވާލު ކަރުދާހަށް

  • ދިރާސާގެ ބައިވެރިންގެ ބަރުދަނާއި އިސްކޮޅާއި ލޭގެ ޕްރެޝަރު އަދި އުނަގަނޑުގެ ވަށަމިނަށް

  • ލޭގައި ހަކުރު ހުންނަ މިންވަރާއި ކޮލެސްޓްރޯލް ހުންނަ މިންވަރުގެ އިތުރުން ކުޑަކަމުދާ އެއްޗެހީގައި ސޯޑިއަމް ހުންނަ މިންވަރު

ނަތީޖާއަކީ ކޮބާ؟

މި ދިރާސާއިން ދެއްކީ ދިރިއުޅުމުގެ އާދަތައް، ބަލިތަކަށް ވަރަށް ބޮޑަށް މަގުފަހިވާ ކަމެވެ. އެގޮތުން:

  • ކޮންމެ ހަތަރު މީހަކުން އެކަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހެއް

  • އުމުރުން 8 އަހަރުގައި ބައެއް މީހުން ދުންފަތުގެ އިސްތިއުމާލު ކުރަން ފަށާ

  • ކޮންމެ 20 މީހަކުން އެކަކު، ރާ ބޮއެ

  • ކޮންމެ ހަތަރު މީހަކުން އެކަކު މަސްތުވާތަކެތި ބޭނުންކުރޭ

  • ރާއްޖޭގެ ދެބައިކުޅަ އެއްބައި މީހުން، އެންމެ ރަނގަޅު މިންގަނޑަށް ތަރުކާރީ އާއި މޭވާ ބޭނުމެއް ނުކުރޭ (ޑަބްލިއުއެޗްއޯގެ މިންގަނޑަށް ބަލާއިރު، ދުވާލަކު ފަސް ސާވިންގައި މޭވާ އާއި ތަރުކާރީ ކާން ޖެހޭ؛ ސާވިންއެއްގެ މިންވަރަކީ ނުކައްކާ ހުންނަ ތަރުކާރީ އާއި މޭވާ ނަމަ ކުޑަ ބޯތައްޓެއްގެ އެއްޗެހި އަދި ކައްކާފައި ހުރި ނަމަ ބޯތައްޓެއްގެ ދެބައިކުޅަ އެއްބައި)

  • ލޮނު ބޭނުންކުރާ މިންވަރު ބެލި އިރު، ކައްކާފައި ހުންނަ އެއްޗެއްސަށް އަޅާފައި ހުންނަ ލޮނަށް ވުރެ އިތުރަށް، ކޮންމެ ތިން މީހަކުން އެކަކު، ވަކިން ލޮނު އަޅައިގެން ކައި

  • ކުޑަކަމުދާތަކެތި ތަހުލީލުކުރި އިރު، ދުވާލަކު މީހުން ލޮނު ބޭނުންކުރާ މިންވަރު ހުންނަނީ 8.8 ގްރާމްގައި؛ އެއީ އާއްމު މިންގަނޑަށް ވުރެ ހަތަރު ގުނަ އިތުރު އަދަދެއް

  • ދެބައިކުޅަ އެއްބައި މީހުންނަށް ހެލިފެލިވެ ނޫޅެވޭ؛ އެހެންވެ، ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ތިބެނީ ބަރުކޮށް، އޭގެ ތެރެއިން ފަސް މީހަކުން އެކަކީ ހުންނަން ވާ ވަރަށް ވުރެ މާ ބަރު ނުވަތަ އޮބީސް މީހެއް

  • ކޮންމެ ތިން މީހަކުން އެކަކީ ހުންނަންވާ މިންވަރަށް ވުރެ ލޭގައި ކޮލެސްޓްރޯލް މަތި މީހުން

ދިރާސާގެ އިތުރު ތަފްސީލު ދެއްވަމުން، މެޑިކަލް އެންޑް ޕަބްލިކް ހެލްތު ކޮންސަލްޓަންސީ ޑރ. ޝީނާ މޫސާ ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި:

  • ލޭ މައްޗަށް ދާ މިންވަރަށް ބަލާއިރު ކޮންމެ ހަތަރު މީހަކުން އެކަކީ ލޭގެ ޕްރެޝަރު މަތީ މީހުން

  • ހުންނަން ޖެހޭ މިންވަރަށް ވުރެ %14 މީހުން ހަކުރު މަތި

"މި ހުރިހާ ރިސްކުތަކަކާ އެކު، ހިތުގެ ބަލިތަކާއި ސްޓްރޯކެއް ޖެހުމުގެ ފުރުސަތު އޮތް މިންވަރު ވަރަށް މަތި،" ޝީނާ ވިދާޅުވި އެވެ. 

ގައިންގަޔަށް ނާރާ ބަލިތައް ދިވެހިންގެ މެދުގައި ހުރި މިންވަރު ދެނެގަތުމަށް ހެދި 'ސްޓެޕްސް' ދިރާސާ، ޑރ. ޝީނާ މޫސާ ރޭ ހުށަހަޅުއްވައިދެއްވަނީ. (ފޮޓޯ/ރައީސް އޮފީސް)

މި ދިރާސާގައި ވަނީ 45 އަހަރުން ދަށުގެ މީހުންނާއި އެ އުމުރުފުރައިން މަތީގެ މީހުންގެ ތެރެއިން، ތިން ރިސްކަށް ވުރެ ގިނަ ރިސްކުތައް ހުރި ނިސްބަތް ވެސް ބަލާފަ އެވެ. އެއިން އެނގުނު ގޮތުގައި:

  • 45 އަހަރުން ދަށުގެ މީހުންގެ ތެރެއިން، ކޮންމެ ތިން މީހަކުން އެކަކީ ތިން ރިސްކު ހުރި މީހުން

  • 45 އަހަރުން މަތީގެ މީހުންގެ ތެރެއިން، ކޮންމެ ދެ މީހަކުން އެކަކުގެ، ތިން ރިސްކު ހުރޭ

މި ހިސާބުތަކަށް ރިއާޔަތް ކުރައްވައި ޝީނާ ވިދާޅުވީ، ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ރާއްޖޭގެ އާބާދީގެ ކޮންމެ ތިން މީހަކުން އެކަކަށް، އެ އުމުރުފުރާގައި، ގައިންގަޔަށް ނާރާ ބައްޔެއް ޖެހުމުގެ ފުރުސަތު ބޮޑެވެ.

"މިއީ ވަރަށް ކަންބޮޑުވާ އަދަދުތަކެއް. ރިސްކު ފެކްޓާސްތައް ކަންބޮޑުވާ މިންވަރަށް އެބަހުރި،" ޝީނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި އެންމެ ގިނައިން މީހުން މަރުވަނީ، ގައިންގަޔަށް ނާރާ ބަލިތަކުގައި ކަން ދިރާސާތަކުން އެނގެ އެވެ. އެކަމަކު އޭގެ އިތުރަށް އެންމެ ބޮޑަށް ފާހަގަކޮށްލަން ޖެހެނީ، ރާއްޖޭގައި އާއްމުކޮށް މީހުން ދިރިހުންނަ ކަމަށް ބަލާ މިންގަނޑަށް ވުރެ ކުރިން މަރުވުން ކަމަށް ކަމަށް ވިދާޅުވި އެވެ.

ޝީނާ ވިދާޅުވި ގޮތުގައި، މިހާ ރިސްކުތައް ގިނަ ނަމަ، ކުރިއަށް އޮތް 10 އަހަރަށް ބަލާއިރު މީހުންގެ އުމުރު ކުރުވުން ނުވަތަ 'ޕްރީމެޗުއާ ޑެތު'ގެ ނިސްބަތް ރާއްޖޭގައި ބޮޑުވެގެން ދާނެ އެވެ.

ގައުމީ ޔުނިވާސިޓީ

ޕްރޮފައިލް ޕޭޖް

ކޮމެންޓް (3)

އަލީ

8 ނޮވެމްބަރު 2022
ކޮވިޑް ވެކްސިން ގެ ވާހަަކަ ނުދައްކާނީ ދޯ
0 0

ޚަކަކ

8 ނޮވެމްބަރު 2022
@އަލީ ދިވެހިން އުޅޭގޮތެއް ދުވަހަކު ގޯހެއްނުވާނެ
1 0

ކަލޯގެ

10 ނޮވެމްބަރު 2022
@ޚަކަކ ކުއްލި މަރުތައް ގިނަވާން ފެށީ ވެކްސިން ޖެހި ފަހުން ނޫންތޯ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް