Majlis 2024

ހުޅުމާލޭގެ ރަށުތެރޭ މާރުކޭޓުގެ ސްޓޯލެއްގައި ވިއްކަން ބަހައްޓާފައި ހުރި މޭވާ، ތަރުކާރީ އަދި ފަލަމަޑީގެ ބާވަތްތަކެއް. (ދައުރު ފޮޓޮ/ އަބްދުﷲ އަނޫފް ޖުނައިދު)

ސިއްހަތު

ފައިދާހުރި ކާނާ: އަތްފޯރާ ވަރަށް ވުރެ އަގު ބޮޑުތަ؟

ރާއްޖޭގައި ދުޅަހެޔޮ ސިއްހަތަކަށް ބޭނުންވާ ކާނާއަށް ކުރަން ޖެހޭ ހަރަދު އެކި މީހުންނަށް ތަފާތު. ތަޖުރިބާކާރުން ބުނާގޮތުގައި ރަނގަޅު ކާނާ ހުރީ ގިނަ ދިވެހިންގެ އަތްފޯރާ ފަށުގައި.

ދިވެހިން ތަރުކާރީކޮޅެއް ނުލައި ހަމައެކަނި ބަތާއި ގަރުދިޔަ ނުވަތަ ރޮއްޓާއި ރިހަ ކަނީ ކީއްވެގެން ހެއްޔެވެ؟ ގޭގޭގެ ސުފުރާތަކުން ފައިދާހުރި ކާނާ ނުފެންނަނީ ކީއްވެގެން ހެއްޔެވެ؟

ފިޓްނެސް ކޯޗު ހުސައިން ޝުޖާއުއަށް ސަބަބު ސާފެވެ: "އެ އެއްޗެހި ފަސޭހައިން ލިބެން ނުހުންނަނީ. ނުވަތަ ލިބެން ހުއްޓަސް މާ އަގު ބޮޑީ."

ފިޓްނެސް ނިއުޓްރިޝަން ކޯޗު އައިޝަތު ޝިފާނާ ވަޖީހުގެ ހިޔާލު ތަފާތެވެ. ޝިފާނާ ދެކެވަޑައިގަންނަވާ ގޮތުގައި "ހެލްދީ ކެއުމަކީ ކޮބައިކަން މީހުންނަށް އެނގިއްޖެއްޔާ" ފައިދާހުރި ބާވަތްތައް ހޯދައިގެން ކެއުމަކީ ގިނަ ދިވެހިންނަށް އުނދަގޫ ނުވަތަ ހަރަދު ބޮޑުވާނެ ކަމެއް ނޫނެވެ.

 ދިގު މުއްދަތުގެ ބަލިތައް ޖެހޭ މީހުން ވަރަށް ބޮޑަށް އިތުރުވެއްޖެ އެވެ. ރާއްޖޭގައި %80 އަށް ވުރެ ގިނަ މީހުން މަރުވަނީ ގައިން ގަޔަށް ނާރާ ބަލިތަކުގަ އެވެ. އާދަޔާހިލާފަށް ފަލަވުމާއި ހިތުގެ ބައްޔާއި ސްޓްރޯކާއި ކެންސަރާއި ހަކުރުބައްޔާއި ލޭމައްޗަށްދިއުން ފަދަ ސިއްހީ މައްސަލަތައް ގާތްގަނޑަކަށް ހުރިހާ އާއިލާއަކުން ވެސް ތަހައްމަލްކުރެ އެވެ. އަމުދުން މިހާރު، ޒުވާން އުމުރުގައި އެފަދަ ބަލިތަކަށް ހުށަހެޅުމާއި މާ އަވަހަށް މަރުވުން ދަނީ އިތުރުވަމުންނެވެ.

ގައިން ގަޔަށް ނާރާ ބަލިތަކަށް މަގުފަހިކުރާ މައިގަނޑު އެއް ކަމަކީ ކެއުމުގެ މައްސަލަތަކެވެ. ފައިދާހުރި ކާނާ ކެއުން މަދުވެފައި ގެއްލުންހުރި އެއްޗެހި ބޭނުންކުރުން އާއްމުވުމެވެ.

ރާއްޖޭގައި ހުންނަ އެއްޗެހީގެ މުހިއްމުކަމުގެ ވާހަކަ ނުދެއްކޭތީ މީހުންނަށް އިހުސާސް ނުކުރެވެނީ، މި ތަނުން ލިބެން ހުރި ބާވަތްތައް ވެސް އެހާ ރަނގަޅުކަން.

އައިޝަތު ޝިފާނާ ވަޖީހު، ފިޓްނެސް ނިއުޓްރިޝަން ކޯޗު
ހުޅުމާލޭ މާރުކޭޓުން މީހަކު ވިޔަފާރިކުރަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ރާއްޖޭގައި ދުޅަހެޔޮކޮށް ކެއުމަށް އޮތް ހުރަހަކީ، އެއް ބައެއްގެ ވިސްނުމުގައި ނުވަތަ ތަޖުރިބާގައި، އެއީ އަތްފޯރާވަރު ކަމަކަށް ނުވުމެވެ. އެކަމަކު ނިއުޓްރިޝަންގެ ތަޖުރިބާކާރުން ދެކޭގޮތުގައި ގިނަ ދިވެހިންނަށް، ފައިދާހުރި ކާނާ ކައިގެން އުޅެވޭ ވަރު ވާނެ އެވެ؛ ބޭނުންވަނީ ކާންވީ އެއްޗެއްސަކީ ކޮބައިކަން ރަނގަޅަށް އޮޅުންފިލުމާއި ޖީބަށް ބާރު ބޮޑު ނުވާނެ ގޮތަށް ކާން އެނގުމާއި އަމިއްލަ ސިއްހަތާ މެދު ފަރުވާތެރިވުމެވެ.

"ގިނަ ފަހަރަށް އަހަރެމެންގެ ތެރެއިން ވަރަށް ގިނަ ބައެއްގެ ވިސްނުން މި ހުންނަނީ ބަލިވީމާ ދެން ބޭސްކުރަން. ބަލިވުމުގެ ކުރިން ބަލިން ސަލާމަތް ވާކަށް ވިސްނުން އެހާ ބޮޑަކަށް ހުންނަ ހެނެއް ހިއެއް ނުވޭ،" އައިޖީއެމްއެޗުގެ ޑައެޓީޝަން އާސިޔާ އަބްދުއްރަހީމް ވިދާޅުވި އެވެ.

ދުޅަހެޔޮ ސިއްހަތަކަށް ކައިބޮއެ އުޅެވޭނެ މަގުފަހިކޮށްދޭން ސަރުކާރުން އާއްމުން ހޭލުންތެރިކުރުމާއި ފިޔަވަޅުތައް އެޅުން ވެސް ރާއްޖޭގައި މާ ބޮޑަށް ނެތީ އެވެ.

ނިއުޓްރިޝަންގެ މާހިރުން ލަފާދެނީ ފައިދާހުރި ކާނާ ކެވޭ މިންވަރު އިތުރުވާނެ ގޮތަށް ދިރިއުޅުމުގެ ހަރަދުތަކާއި ވައްޓަފާޅި ބައްޓަންކުރާށެވެ. އޭގެ މާނައަކީ ބޭރުން ކެއުން މަދު، ގޭގައި ކައްކައިގެން ކެއުން އާއްމު ދިރިއުޅުމެކެވެ. ފާސްޓް ފުޑް އާއި ދަޅުދަޅާއި ފުޅިފުޅީގެ ބުއިންތަކުގެ މައްޗަށް، ފައިދާހުރި ކާބޯތަކެތި އިސްކުރުމާއި ލިބޭ އާމްދަނީއެއްގެ ބޭނުން އޭގެ އެންމެ ފުރިހަމައަށް ހިފުމެވެ. 

އަގު ހެޔޮކޮށް ލިބެން ހުންނަ މޭވާ އާއި ތަރުކާރީ ގަނެލައި އެކަހަލަ ގޮތަކަށް ގެންދިޔައިމަ، އެންމެންނަކަށް ނޫން، އެކަމަކު ހަމަ މެޖޯރިޓީއަށް ހީވޭ އެފޯޑްކުރެވޭނެހެން.

އާސިޔާ އަބްދުއްރަހީމް، ޑައެޓީޝަން

މުޅިން ތަފާތު ދެ ތަޖުރިބާއެއް

ޝުޖާއު ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގައި، ދުޅަހެޔޮ ސިއްހަތަކަށް ބޭނުންވާ ކަހަލަ ކާނާ އާދަވެގެން ކެއުމަކީ ގިނަ އާއިލާތަކަށް އަތްފޯރާނެ ވަރަށް ވުރެ ބޮޑު ހަރަދެކެވެ. ހަމައެކަނި ހުކުރުދުވަހު ތަރުކާރީ ކަނީ ނުވަތަ ދަރިންނަށް ކޮންމެ ދުވަހަކު މޭވާ ކާން ނުދެނީ އެ އެއްޗެހި، ރަށްރަށުގައި ނަމަ، ލިބެން ނުހުންނާތީ އަދި، މާލޭގައި ނަމަ، ގަނެވޭ ވަރަށް ވުރެ އަގު ބޮޑުކަމުން ކަމަށް އޭނާ ގަބޫލުކުރެއްވެ އެވެ.

ޝުޖާއު އެ ގޮތަށް ވިދާޅުވަނީ އައްޑު އާއި މާލޭގައި ދިރިއުޅުމުގެ ތަޖުރިބާ އިންނެވެ. އޭނާ ވިދާޅުވީ އައްޑޫގައި ނަމަ، ފަލަމަޑިއެއް ވިޔަސް، ތަރުކާރީއެއް ވިޔަސް، "ކެރެޓު، ކެބެޖު ނޫނިއްޔާ އެހެން އެއްވެސް އެއްޗެއް" ލިބޭނެ ކަމުގެ ޔަގީންކަން ނޯންނަ ކަމަށެވެ. އެއްޗެހި ލިބެންހުރި މާލޭން ޝުޖާއުއަށް ފެންނަނީ ހަރަދުގެ މައްސަލަ އެވެ. އެއީ މާލެ އާއި ހުޅުމާލޭގެ މާރުކޭޓުތަކާއި ފިހާރަތަކުން އޭނާ އަށާއި އަންހެނުންނަށް ހަފްތާއަކަށް ވާ ވަރަށް މޭވާ، ތަރުކާރީ އަދި ނަޓްސް ގަންނަން 1،500 ރުފިޔާ ހޭދަވާތީ އެވެ. 

"އަހަރެން ގަބޫލެއް ނުކުރަން ކޮންމެ ކޮންމެ މީހަކަށް އެ ވަރަށް ހަރަދުކުރެވޭނެ ކަމަކަށް،" އައިރަނާސްގެ ކޯފައުންޑަރު ވިދާޅުވި އެވެ.

ފިޓްނެސް ކޯޗު ހުސައިން ޝުޖާއު

ޝިފާނާގެ އަމިއްލަ ތަޖުރިބާ މުޅިން ތަފާތެވެ. އޭނާގެ ހަތަރު މެމްބަރުންގެ އާއިލާއަށް ހަފްތާއަކަށް ވާވަރަށް މާރުކޭޓުން ފަތްޕިލާވެއްޔާއި ތަރުކާރީ ގަންނަން ހަރަދުވަނީ، ޝިފާނާ ވިދާޅުވި ގޮތުގައި، 200 އެއްހާ ރުފިޔާ އެވެ.

"އެކަމަކު ހަމަ އެ މިންވަރަށް އެ އެއްޗެހި މިސާލަކަށް ފެންޓަސީން ގަންނަން ވެއްޖެއްޔާ އަރާނެ 700-800 ރުފިޔާ ވަރު. ސީގަލް އިން ވެއްޖެއްޔާ 500 ވަރު އަރާ،" ހީޓްގެ ސީއީއޯ ޝިފާނާ ވިދާޅުވި އެވެ.

ފިޓްނެސް ނިއުޓްރިޝަން ކޯޗު އައިޝަތު ޝިފާނާ ވަޖީހު

އާސިޔާ ގަބޫލުކުރައްވާ ގޮތުގައި މިންހެޔޮކޮށް ކެއުމުގެ ގަވާއިދަށް އެންމެ ފުރިހަމައަށް އަމަލު ނުކުރެވުނަސް، ގިނަ މީހުންނަށް، ފައިދާހުރި އެއްޗެހި ކައިއުޅެވޭ ވަރު ވާނެ އެވެ. ދިވެހިން ކާންވީ ގޮތް ބުނެދޭ ގައުމީ ގައިޑްލައިން އިރުޝާދު ދޭ ގޮތުގައި ކެއުމުގައި ހިމެނެން ޖެހޭ މައިގަނޑު ފަސް ބާވަތުގެ ތެރެއިން މޭވާ ދުވާލަކު 2-3 ފަހަރު އަދި ތަރުކާރީ ދުވާލަކު 3-5 ފަހަރު ކާން ޖެހެ އެވެ. އާސިޔާ ބުނީ ފުރަތަމަ އަމާޒަކީ ހަފްތާގެ ގިނަ ދުވަސްތަކުގައި އެ ބާވަތްތައް ކެއުމުގައި ހިމެނުން ކަމަށް ހެދިދާނެ ކަމަށެވެ.

"އާއްމުކޮށް އަގު ބޮޑު ކަމަށް މި ބުނަނީ މޭވާ، ތަރުކާރީ،" އޭނާ ވިދާޅުވި އެވެ. "އެކަމަކު ކޮންމެހެން އަގު ބޮޑު އެއްޗެހި ނުގަނެ، މުޅި މަހަށް ބަޖެޓު ދަންމާލެވޭ ގޮތަށް، އަގު ހެޔޮކޮށް ލިބެން ހުންނަ މޭވާ އާއި ތަރުކާރީ ގަނެލައި އެކަހަލަ ގޮތަކަށް ގެންދިޔައިމަ، އެންމެންނަކަށް ނޫން، އެކަމަކު ހަމަ މެޖޯރިޓީއަށް ހީވޭ އެފޯޑްކުރެވޭނެހެން."

ކާބޯތަކެތީގެ މައިގަނޑު ބާވަތްތައް ކެއުމުގައި ހިމަނަންވީ ގޮތް.

ހަރަދު ކުޑަކުރުމަށް އާސިޔާގެ ބައެއް ނަސޭހަތްތައް:

  • ބަޖެޓުކުރުން - ލިބޭ އާމްދަނީއަށް ބިނާކޮށްގެން ކެއުމުގެ ބަޖެޓު ކަނޑައެޅުން

  • މީލް ޕްލޭނިން - ހަފްތާ ތެރޭ ކައްކާނީ ކޯއްޗެއްކަން ދުރާލާ ރާވާލައި ފޮތެއްގައި ލިޔެލުން. އަދި ސީދާ އެ އެއްޗެހި ކައްކަން ބޭނުންވާ ތަކެތި ގަންނަން ހަފްތާއަކު އެއް ދުވަހު ބާޒާރުކުރުން

  • އިސްރާފު ނުކުރުން - ގޭބިސީގައި އުޅޭ މީހުންނަށް ވާ ވަރަށް ވުރެ ގިނައިން ނުކެއްކުން، ކާ އެއްޗެހި ހުސްކުރުމަށް ގަދަކަމުން މާ ގިނައިން ނުކެއުން އަދި ބާކީވާ އެއްޗެހި ފްރިޖުގައި ރައްކާކުރުމަށް ފަހު ފަހުން ބޭނުންކުރުން

  • އެހެނިހެން ގޮތްގޮތް ހޯދުން - މިސާލަކަށް ހަފްތާއަކު ދެ ދުވަހު މަހުގެ ބަދަލުގައި މުގު ކެއުން އަދި މުގު ކައްކާ އިރު ކާށި ކިރު ނޭޅުން

ޑައެޓީޝަން އާސިޔާ އަބްދުއްރަހީމް

'ބްރޮކޮލީ އާއި ބެރީސް ކާކަށް މަޖުބޫރެއް ނޫން'

އާސިޔާ އާއި ޝިފާނާ އެންމެ ބޮޑަށް ފާހަގަކުރެއްވެނީ ލިބޭ އާމްދަނީން ފުއްދައިގެން ދުޅަހެޔޮކޮށް ކައިބޮއެ އުޅޭނެ ގޮތް ގިނަ ދިވެހިންނަށް ރަނގަޅަށް ނޭނގި އޮތް ކަމެވެ.

ރާއްޖެ އިން ބޭރުން ގެނެސްގެން އަގު ބޮޑުކޮށް ވިއްކާ ބްރޮކޮލީ އާއި ސޭމަން އާއި ރަތް ހަނޑުލާއި ބެރީސްގެ ބަދަލުގައި ރާއްޖޭގެ ފަތްޕިލާވެއްޔާއި ތޮރަ އާއި ބައްޓާއި ކަނޑު މަސް ނުވަތަ ފަރުމަހާއި ކައްޓަލަ ނުވަތަ އަލަ އާއި ފަޅޮލާއި ކަރަ އާއި ދޮންކޭލާއި ޖަނބުރޯލާއި ޖޭމާއި ކުންނާރު ވެސް ކާން ހަމަ ބަރާބަރުކަން މީހުންނަށް މިހާރަށް ވުރެ ބޮޑަށް އެނގެން ނިއުޓްރިޝަންގެ މާހިރުން ބޭނުންވެ އެވެ.

"ބައެއް ރަށްރަށަށް ދާއިރު އެބަހުރޭ ވަރަށް ރީއްޗަށް މުރަނގަ ފަތް ހައްދާލާފައި އެކަމަކު ނުކައި. އެކަމަކު ކިހާ ސިއްހަތަށް ފައިދާހުރި އެއްޗެއްތޯ މުރަނގަ ފަތަކީ؟ މީހުން މުރަނގަފަތް ނުކައި މުރަނގަ ފަތް ކެޕްސޫލް ގަނެގެން އެބަ ކައި. އެހެންވީމާ މިކަހަލަ ކަންކަމާ އަޅުގަނޑުމެން އެބަ ޖެހޭ ވިސްނާލަން،" އާސިޔާ ވިދާޅުވި އެވެ.

މޭވާ އާއި ތަރުކާރީ އަގު ހެޔޮވާން ޖެހޭ. ޖަންކް ފުޑްގެ އަގު ބޮޑުވާން އެބަޖެހޭ. އަދި ބައެއް އެއްޗެހި އެއްކޮށް ހުއްޓުވާލަން އެބަ ޖެހޭ. ތަންތާ ހަރުގަނޑުތަކުގައި ހުރެގެން ނުވާނެ ބައިވަރު އެއްޗެހި އެބަހުރި،

ހުސައިން ޝުޖާއު، ފިޓްނެސް ކޯޗު

ރަށްރަށުގެ ދަނޑުތަކުން ނުވަތަ ގޭގޭގައި ގަސް ހައްދައިގެން ލިބޭ ބާވަތްތައް ވެސް އެ ރަށެއްގައި ބޭނުންކުރުމަކީ އާއްމު ކަމެއް ނޫނެވެ. އެ އެއްޗެހި ވިއްކަނީ ރަށުން ބޭރަށެވެ. ޝިފާނާ ގަބޫލުކުރައްވާ ގޮތުގައި ދިމާވެފައި އޮތް މައްސަލައަކީ ރަށުގައި ހުންނަ އެއްޗެހީގެ މުހިއްމުކަން އަންގައިދީ، އެ އެއްޗެހި ބޭނުންކުރުމުގެ އާދަ އަށަގަންނުވަން މާ ބޮޑު ކަމެއް ކޮށްފައި ނެތުމެވެ. 

ނ. ކުޑަފަރީ މަގެއްގެ އެއްފަރާތުގައި ހައްދާފައި ހުރި ކޮޕީ ފަތް ގަސްތަކަކުން އަންހެނަކު ފަތް ބިންނަނީ. (ފޮޓޯ/ ކުޑަފަރީ ކައުންސިލް)

ޝިފާނާއަކީ ސަރުކާރުގެ 'ދުޅަހެޔޮ ހަށިހެޔޮ' ކޮމިޓީގައި ޓެކްނިކަލް މެމްބަރެކެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ކޮމިޓީން މިހާރު ހޭލުންތެރިކުރުމުގެ މަސައްކަތްތަކެއް ކުރަމުން އެބަ ގެންދެ އެވެ. އޭނާ ދެކޭ ގޮތުގައި ކުރަން ޖެހޭ ކަމަކީ ރާއްޖޭގެ މާހައުލުން ލިބެންހުރި އެއްޗަކުން ދުޅަހެޔޮ ކެއުމެއް ގެންގުޅެން މީހުންނަށް ދަސްކޮށްދިނުމެވެ. ފައިދާހުރި ކާނާގެ މުހިއްމުކަން އެނގޭ ދިވެހިން ވެސް، ދިވެހި އެއްޗެއްސަށް ވުރެ ބޮޑަށް، ބޭރުގެ ބާވަތްތަކަށް ބަރޯސާވާކަން އޭނާ ފާހަގަކުރި އެވެ.

"ރާއްޖޭގައި ހުންނަ އެއްޗެހީގެ މުހިއްމުކަމުގެ ވާހަކަ ނުދެއްކޭތީ މީހުންނަށް އިހުސާސް ނުކުރެވެނީ، މި ތަނުން ލިބެން ހުރި ބާވަތްތައް ވެސް އެހާ ރަނގަޅުކަން،" ޝިފާނާ ވިދާޅުވި އެވެ.

"ގޫގުލްކޮށްލާ އިރު ފެންނާނީ ބޭރުގެ އެންމެ ކުރިއަރާފައި ހުރި ގައުމުތަކުގައި ލިބެން ހުންނަ ކާބޯތަކެއްޗަށް ބިނާކޮށްގެން ދީފައި ހުންނަ ރެކޮމެންޑޭޝަންސް. އެހެންވީމަ، ބްރޮކޮލީ އާއި ބެރީސްގެ ވާހަކަ ބުނަނީ. އެކަމަކު ކޮންމެހެން މަޖުބޫރެއް ނޫން ބްރޮކޮލީ ކާކަށް، ސޭމަން ކާކަށް، ނުވަތަ ބްރައުން ރައިސް ކާކަށް." 

އެއީ އެހާ ފަސޭހައިން ދައްކައި ނިންމާލެވިދާނެ ވާހަކައެއް ކަމަކަށް ޝުޖާއު ގަބޫލެއް ނުކުރައްވަ އެވެ. އޭނާ ފާހަަގަކުރެއްވި އެއް ކަމަކީ މާލެ ސަރަހައްދުގައި ނަމަ މާރުކޭޓުގެ އަގުތަކަށް އަންނަ ކުއްލި ބޮޑެތި ބަދަލުތަކެވެ. އަނެއް މައްސަލައަކީ، ދަނޑުވެރި ރަށްރަށުގައި ވެސް، ރަށަށް އެއްޗެހި ވިއްކުމަކީ ވިޔަފާރީގެ ގޮތުން ދަނޑުވެރިންނަށް ހަމަޖެހޭ ކަމަކަށް ނުވުމެވެ. ނުވަތަ މާލެ އިން އެ އެއްޗެހި ގަވާއިދުން ރަށަށް ގެންދަން ކުރަން ޖެހޭ ހަރަދަށް ބަލާއިރު ވިޔަފާރިވެރިންނަށް އެކަން ދެކޮޅު ނުޖެއްސޭ ކަމެވެ. އެކަމަކު އާސިޔާ ދެކެވަޑައިގަންނަވާ ގޮތުގައި އެހެން އެ ވަނީ ވެސް އެ ބާވަތްތައް ބޭނުންކުރުމުގެ އާދަ މީހުންގެ ކިބައިގައި ނެތުމުންނެވެ.

"އަޅުގަނޑަށް ހީވަނީ ވިއްކާ މީހުން ވެސް އެ ނުގެންދަނީ ޑިމާންޑެއް އުފެދިފައި ނޯންނާތީއޭ. ޑިމާންޑެއް ނެތީމާ ސަޕްލައިއެއް ވެސް ނުކުރާނެތާ،" އޭނާ ވިދާޅުވި އެވެ.

ދަނޑުވެރިއެއް ކަމަށްވާ އައިޝަތު ލިއުޝާ، ލ. ގަމުގައި އޭނާ ހައްދާފައިވާ ގިއްސާ ދައްކާލަނީ.

އާސިޔާ ވިދާޅުވި ގޮތުގައި ރަށްރަށަށް ބަލާ އިރު:

  • އާއްމުކޮށް ހުރިހާ ރަށެއްގައި ވެސް ގޮވާމާއި ފަލަމަޑި ހުރޭ

  • ކުކުޅު ފަދަ އެއްގަމު މަސް ލިބެން ނެތަސް، ރަށަށް ބާނާ ކަނޑުމަހާއި ފަރު މަހުގެ ފައިދާ މާ ބޮޑު، އަދި މަހުގެ ބަދަލުގައި މުގު ވެސް ބޭނުންކުރެވޭނެ

  • ހުރިހާ ރަށަކުން ވެސް ފަތްޕިލާވެލި ލިބޭ، ގިނަ ރަށްރަށުގައި ތަރުކާރީގެ އެކި ބާވަތްތައް ހުރޭ

  • މޭވާގެ ގޮތުގައި ޖޭމު، ޖަނބުރޯލު، ކުންނާރު، އަދި ފަޅޯ ފަދަ ތަކެތި ކެވޭނެ

  • ހިކި ކިރު ލިބޭ އަދި ގިނަ ދުވަހު ގެންގުޅެވޭ

ޝުޖާއު ފާހަގަކުރެއްވީ ރާއްޖޭގައި ދަނޑުވެރިކަން ކުރިއަރުވައި ފުޅާކުރުމުގެ މުހިއްމުކަމާއި ދަނޑުތަކުން އުފައްދާ އެއްޗެހި ފަސޭހަ އިން ލިބޭނެ ގޮތްތައް ހޯދައިދޭން ޖެހޭ ކަމެވެ. އޭނާ ވިދާޅުވިގޮތުގައި، އިމްޕޯޓްކުރާ އެއްޗެއްސަށް ވުރެ ރަނގަޅު އަގެއް ލޯކަލް އުފެއްދުންތަކަށް ހޯދައިދީ ދެމެހެއްޓެނިވި ދަނޑުވެރިކަމަކަށް މަގުފަހިކޮށްދޭ "ބަދަލުތަކެއް ނުގެނެސް ވާނެ ހެނެއް ހިއެއް ނުވެ" އެވެ.

ކިތައް ތަނުން ފެންނަނީ މޭވާ އާއި ތަރުކާރީގެ ފައިދާތަކާ ބެހޭ އިޝްތިހާރެއް؟ ފިހާރައެއްގެ ބޭރުން ވެސް ފެންނާނީ ރެޑްބުލް އިޝްތިހާރެއް، ކޯކް އިޝްތިހާރެއް، މައިލޯ އިޝްތިހާރެއް.

ހުސައިން ޝުޖާއު، ފިޓްނެސް ކޯޗު

ދުރާލާ ތައްޔާރުވެގެން ގޭގައި ކެއްކުން

ޒަމާނާ އެކު ރާއްޖޭގައި ވެސް ކައިބޮއެ އުޅޭ އެއްޗެއްސާއި ކައިބޮއެ ހެދުމުގެ ވައްޓަފާޅި ވަރަށް ބޮޑަށް ބަދަލުވެއްޖެ އެވެ. ދިވެހިން ޕްރޮސެސްކުރި ކާނާ އާއި ހަކުރު ގިނަ ބުއިންތަކަށް ދެވިހިފައި ކެފޭ އަދި ރެސްޓޯރެންޓުތަކުން ކެއުން އާއްމުވެއްޖެ އެވެ.

މާލޭގެ ރެސްޓޯރެންޓެއްގެ ބުފޭއަކުން މީހުން ކާ އެއްޗެހި އަޅަނީ.

ގޭގައި ކައްކައިގެން ކެއުން އާދަކުރުމުން، ފައިދާހުރި ކާނާއަށް ފުރުސަތު ބޮޑުވަނީ އެކަންޏެއް ނޫނެވެ. ހަރަދު ކުޑަކުރުމަށް ވެސް މަގުފަހިކޮށްދެ އެވެ. ޝިފާނާ ވިދާޅުވިގޮތުގައި ހާއްސަ މުނާސަބަތެއްގައި ނޫނީ ކާން ބޭރަށް ނުދިޔުމަކީ އޭނާ ގެންގުޅުއްވާ އުސޫލެކެވެ.

އެކަމަކު ދިރިއުޅުމުގެ އެތަކެއް ޒިންމާތަކެއް ކޮނޑުއަޅައިގެން ހޭބޯނާރާ އުޅެން ޖެހޭ އަދި މީހަކަށް މުސާރަ ދީގެން ކެއްކުވޭ ފަދަ ފޯރުންތެރިކަމެއް ނެތް މީހަކު ކައްކަން ވަގުތު ހޯދާނީ ކިހިނެއް ހެއްޔެވެ؟

އާސިޔާގެ ޖަވާބަކީ އޮމާން ދިރިއުޅުމެއްގެ އެންމެ ބޮޑު ސިއްރަކީ މީހާގެ ދުވަސް ދުރާލާ ރާވައި އިންތިޒާމްކޮށްގެން، އެ ވަގުތެއްގައި ކުރަން ޖެހޭ ކަމެއް ކުރަމުން ގެންދިޔުން ކަމެވެ.

"މިސާލަކަށް މިވެނި ވަގުތަކީ ތިމަންނަ ކައްކަން އޮންނަ ވަގުތުކޮޅު ކަމަށްވާ ނަމަ އެ ވަގުތުކޮޅުގައި ފޯނު އޮންނަން ޖެހޭނީ ދުރުގައި. އެ ވަގުތުކޮޅުގައި ފޯނުގައި އުޅެންޏާ މީހާގެ ވަގުތާއި ސަމާލުކަން ވަރަށް ބޮޑަށް ގެއްލިގެންދާނެ،" އާސިޔާ ވިދާޅުވި އެވެ. "އަޅުގަނޑަކީ ވެސް ސިންގަލް މައެއް. ތިން ދަރިން ގޮވައިގެން މި އުޅެނީ. ވަރަށް ފޯކަސްޑް ވެފައި އޮގަނައިޒްޑްކޮށް ދުވަސް ގެންދިޔައިމަ މިކަން [ގޭގައި ކެއްކުން] ކުރިއަށް ގެންދެވެނީ."

ކައްކަން ވަގުތު ހޯދަން ދަތިވާ މީހުންނަށް އާސިޔާގެ ނަސޭހަތް:

  • މީލް ޕްރެޕް - ހަފްތާގެ މީލް ޕްލޭނަށް ބިނާކޮށް ތަކެތި ތައްޔާރުކުރުން. އެއީ އެ މީހެއްގެ ވަޒީފާ އާއި އާއިލީ ޒިންމާތަކުގެ ބޭރުން ލިބޭ ވަކި ވަގުތަކު ނުވަތަ ހަފްތާގެ ވަކި ދުވަހަކު އެއްޗެހި ކޮށައި ތައްޔާރުކޮށްފައި ފްރިޖުގައި ބެހެއްޓުން

  • ކައްކަން ވަކި ވަގުތެއް ހާއްސަކުރުން - ދުވަހުގެ ވަގުތުތައް ބަހާލާ އިރު ވަކި ވަގުތެއް ކަނޑައަޅައިގެން ދުރާލާ ކައްކައި، ފަހުން ހޫނުކޮށްގެން ކެއުމަށް ފްރިޖުގައި ރައްކާކުރުން

  • ޕޯޝަން ހެދުން - މީހަކު އެއް އިރު ކާން ބޭނުންވާ ވަރަށް ކެއުން ވަކިކޮށް، އާއިލާގެ އެންމެންނަށް ވެސް އެ ނަގައިގެން ކާން ފަސޭހަވާނެ ގޮތަށް ބެހެއްޓުން

ބައެއް ރަށްރަށަށް ދާއިރު އެބަހުރޭ ވަރަށް ރީއްޗަށް މުރަނގަ ފަތް ހައްދާލާފައި އެކަމަކު ނުކައި. އެކަމަކު ކިހާ ސިއްހަތަށް ފައިދާހުރި އެއްޗެއްތޯ މުރަނގަ ފަތަކީ؟ މީހުން މުރަނގަފަތް ނުކައި މުރަނގަ ފަތް ކެޕްސޫލް ގަނެގެން އެބަ ކައި.

އާސިޔާ އަބްދުއްރަހީމް، ޑައެޓީޝަން

'ނުކާންވީ އެއްޗެހި މާ އަގު ހެޔޮ، މާ ފަސޭހަ އިން ލިބޭ'

އާސިޔާ ވިދާޅުވީ ކެއުމުގައި ހިމަނަންވީ އެއްޗެއްސާއި ނުހިމަނަންވީ އެއްޗެހި ރަނގަޅަށް ދެނެގަންނަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި ގެއަށް ކާބޯތަކެތި ގަންނަ އިރު ފުރަތަމަ ވެސް ބަލަންވީ "މި ގަނެވެނީ ހަގީގަތުގައި ވެސް މުހިއްމު އެއްޗެހިތޯ" އެވެ. މިސާލަކަށް، ޖޫހާއި ބިސްކޯދު އޭނާ ހިމަނުއްވަނީ "މުހިއްމު ނޫން" އެއްޗެހީގެ ތެރޭގަ އެވެ. ޖޫސް ފުޅިއެއް ނުގަނެ ސަލާމަތްކުރެވޭ 50 ރުފިޔާ އިން ދެތިން އާފަލާއި ތަރުކާރީކޮޅެއް ގަނެލުން މާ ރަނގަޅުކަން އާސިޔާ ފާހަގަކުރެއްވި އެވެ.

"ޝޮޕިން ލިސްޓް ހަދައިގެން ގޮސް ބާޒާރުކުރާނީ. ކުރާ އިރު، ކޮންމެހެން ބޭނުންވާ މުހިއްމު އެއްޗެހި ގަނެފައި ދެން އެ މީހަކަށް އެފޯޑްކުރެވޭ ވަރަކުން އިތުރު އެއްޗެހި ގަންނާނީ،" އާސިޔާ ވިދާޅުވި އެވެ.

އެކަމަކު ނުކާންވީ އެއްޗެހީގެ މައްޗަށް ކާންވީ އެއްޗެހި އިސްކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. ޖަންކް ފުޑް އާއި ފާސްޓް ފުޑް އަދި އެކި ވައްތަރުތަކުގެ ބުއިންތައް ދެވިހިފާ ގޮތްގޮތަށް ތައްޔާރުކޮށް، މޮޅެތި އުކުޅުތަކުން މީހުންގެ ހިތްޖައްސުވަން ވިޔަފާރިތަކުން ކެނޑިނޭޅި ކުރާ މަސައްކަތް އެއަށް ވުރެ މާ ކާމިޔާބެވެ.

ޝުޖާއު ވިދާޅުވީ ފައިދާހުރި ކާނާ ކެވޭ ވަރުގެ ތަނަވަސްކަން ހުރެ، ގޯސް އެއްޗެއްސަށް ދާ މީހުން އުޅޭކަން ގަބޫލުކުރައްވާ ކަމަށާއި އެކަމަކު އެއީ މުޅިއަކުން މީހުން އަމިއްލަ އިހްތިޔާރުގައި ކުރާ ކަމެއް ކަމަކަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

"އަންހެލްދީ ފުޑް ކާން މެނިޕިއުލޭޓްވެފައި މީހުން މި ތިބީ. އެ އެއްޗެހި އަގުހެޔޮ ވެފައި، ދާ ކޮންމެ ތަނަކުން ފެނޭ،" ޝުޖާއު ވިދާޅުވި އެވެ. "ކިތައް ތަނުން ފެންނަނީ މޭވާ އާއި ތަރުކާރީގެ ފައިދާތަކާ ބެހޭ އިޝްތިހާރެއް؟ ފިހާރައެއްގެ ބޭރުން ވެސް ފެންނާނީ ރެޑްބުލް އިޝްތިހާރެއް، ކޯކް އިޝްތިހާރެއް، މައިލޯ އިޝްތިހާރެއް."

ކާބޯތަކެތީގެ ވިޔަފާރީގެ ނުފޫޒުތައް ކުޑަކޮށްގެންނާއި ގެއްލުންހުރި މާއްދާތައް ކޮންޓްރޯލްކޮށްގެން އާއްމު ސިއްހަތު ސަލާމަތްކުރުމުގެ ފިޔަވަޅުތައް ބައެއް ގައުމުތަކުން އެޅިޔަސް، ރާއްޖޭގައި އެކަމެއް ނެތެވެ.

"މޭވާ އާއި ތަރުކާރީ އަގު ހެޔޮވާން ޖެހޭ. ޖަންކް ފުޑްގެ އަގު ބޮޑުވާން އެބަ ޖެހޭ. އަދި ބައެއް އެއްޗެހި އެއްކޮށް ހުއްޓުވާލަން އެބަ ޖެހޭ. ތަންތާ ހަރުގަނޑުތަކުގައި ހުރެގެން ނުވާނެ ބައިވަރު އެއްޗެހި އެބަހުރި،" ޝުޖާއު ވިދާޅުވި އެވެ.

ހުޅުމާލޭ މާރުކޭޓުގައި ވިއްކަން ބަހައްޓާފައި ހުރި މޭވާ އާއި ތަރުކާރީގެ ބާވަތްތަކެއް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ޝުޖާއުގެ ނަސޭހަތަކީ ގެއްލުންހުރި އެއްޗެއްސާ ދުރުވާން އަމިއްލައަށް ވެސް މަސައްކަތްކުރުމާއި ދުޅަހެޔޮކޮށް ކެވޭ ވަރުގެ ތަނަވަސްކަން ހުރި ކޮންމެ މީހަކު ވެސް އެ ގޮތަށް ކާން އާދަކުރުމެވެ. ބޭސް ސިޓީއެއް ހޯދަން ޖެހުމުގެ ކުރިން، ފައިދާހުރި ކާނާ އާއި ކަސްރަތުން، މީހާގެ ކުރިމަގަށް "އިންވެސްޓް" ކުރުމެވެ. މީހުންނަށް ދެ ކަމެއް އެނގެން ޝުޖާއު ބޭނުންވެ އެވެ:

  • ދުޅަހެޔޮ ދިރިއުޅުމަކަށް ހަތަރު ކަމެއް ބަރާބަރަށް ކުރަން ޖެހޭ: ބޮޑަށް ހެލިފެލިވެ އުޅުން، ފައިދާހުރި ކާނާ ކެއުން، ސްޓްރެސް މެނޭޖުކުރުން، ނިދި ހަމަކުރުން

  • ގަދަޔަށް ކަސްރަތު ކުރިޔަސް، ގޯސް އެއްޗެހި ކައި އުޅެންޏާ ހަގީގީ ފައިދާއެއް ނުލިބޭނެ. ކިތަންމެ ވަރަކަށް ކަސްރަތު ކުރިޔަސް ކާންވާނީ ފައިދާހުރި ކާނާ

ޝުޖާއު ގަބޫލުކުރައްވާ ގޮތުގައި ޒުވާން އުމުުރުގައި މީހަކު މަރުވުމުން އޭނާގެ އާދަތައް ހުރި ގޮތާ ބެހޭގޮތުން ވާހަކަދައްކަން ޖެހެ އެވެ. އެއީ "ރީތި" ކަމަކަށް ނުވިޔަސް އެކަން ކުރަން ޖެހެނީ، އޭނާ ވިދާޅުވީ، އެހެން މީހުންނަށް އިބުރަތެއް ހާސިލްކޮށްދިނުމަށް ކަމަށެވެ.

"މިސާލަކަށް 10 އަހަރު ފަހުން ހާޓް އެޓޭކެއް، ސްޓްރޯކެއް ނުވަތަ ކޮންމެވެސް ކަހަލަ ކެންސަރެއް ކުރިމަތިވާ އިރު ފަހަރުގައި ތިމަންނައަށް މި އަށް ވުރެ ރަނގަޅަށް އުޅެވުނީސްކަން އެނގޭނެ،" ޝުޖާއު ވިދާޅުވި އެވެ.

"ޓްވިޓާ އާއި ފޭސްބުކުން ކޮންމެ ދުވަހަކު ވެސް މި ފެންނަނީ. މިހާރު 39، 42 އަހަރުގެ މީހުން މަރުވުން އެއީ އާއްމު ކަމަކަށް ވެއްޖެ. މިއީ ހަމަ ސިއްސައިގެންދާ ވަރު ކަމެއް. ޕަބްލިކް ހެލްތުގެ ނަޒަރަކުން ބަލާ އިރު މިއީ ބޮޑެތި ރެޑް ފްލެގްސް."

ހާލަތު ބަދަލުކުރުމަށް، ސިޔާސަތުތަކާއި ފިޔަވަޅުތަކުގެ ބޭނުންތެރިކަން ބޮޑެވެ. އެކަމަކު ނިއުޓްރިޝަނިސްޓުންގެ ނަޒަރުގައި، އަމިއްލައަށް ކުރާ ކުޑަ ކަމަކުން ވެސް ހެޔޮ ބަދަލެއް ގެނެވިދާނެ އެވެ. ކޮންމެ ދުވަހަކު ހެދިކާ ގަތުމުގެ ބަދަލުގައި އާފަލެއް ގަނެލުން ނުވަތަ މަސްހުންޏަށް ފަތްކޮޅެއް އެއްކޮށްލުން ފަދަ ކަންކަމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް