މާލެ: އެހެނިހެން ރަށްރަށުން އެތަކެއް ހާސް ބަޔަކު ހިޖުރަކޮށް ވަޒަންވެރިވެފައިވާ ހަލަބޮލި ވެރިރަށް (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ބޯހިޔާވަހިކަން

މާލޭ ގޯތީގެ އިންސާފުގެ ސުވާލާއި އެތަކެއް ޖަވާބު

ބަހުސަކީ މާލެ ސަރަހައްދުން ހިލޭ ދޫކުރާ 5،000 ގޯތީގައި، މާލޭ ރަށްވެހިންނެކޭ އެއްފަދައިން، މާލޭގައި ވަޒަންވެރިވެގެން ތިބި އެހެން ރަށްރަށު މީހުންގެ ހައްގު ވެސް އެބައޮތްތޯ

ދިޔާނާ ސައީދާއި އިބްރާހީމް އިސްމާއީލް (އިބްރާ)، އުސޫލެއްގެ ގޮތުން އެއްބަސްވެވަޑައިގަންނަވާ ކަންތައްތަކެއް ހުއްޓަސް، ސީދާ މައްސަލައިގައި ހިޔާލު މުޅިން ތަފާތެވެ. ބޯހިޔާވަހިކަމަށް މާލެ ސަރަހައްދުން ދޫކުރާ ބިންތަކުން، މާލޭ މީހުންނެކޭ އެއް ހަމައަކުން، މާލޭގައި ދިގު މުއްދަތަށް ދިރިއުޅެމުން އަންނަ އެހެން ރަށްރަށުގެ މީހުންނަށް ވެސް ގޯތި ލިބެން ޖެހޭނެ ކަމަށް ދިޔާނާ ވިދާޅުވާ އިރު އިބްރާހީމް އިސްމާއީލް ވިދާޅުވަނީ އެ ގޯތިތައް ދޫކުރަން ޖެހޭނީ މާލޭ ރަށްވެހިންނަށް އިސްކަންދީގެން ކަމަށެވެ.

ސަބަބުގެ ގޮތުގައި ދެ ބޭފުޅުން ވެސް ދެއްކެވީ "ބޭއިންސާފުތަކެވެ." 

ސަރުކާރުން ހުޅުމާލެއިންނާއި ގުޅިފަޅާއި ގިރާވަރު ފަޅު ހިއްކައިގެން މާލޭ ރަށްވެހިންނަށް ހިލޭ 5،000 ގޯތި އިއުލާންކުރުމާ ގުޅިގެން އެނބުރި އައިސްފައިވާ 'މާލެ-ރާއްޖެތެރެ' އަރައިރުމުގައި އާދަވެގެން ޓްވީޓްކުރައްވާ މި ދެ ބޭފުޅުން ވެސް ވިދާޅުވީ އަނެއް ބައި މީހުން މާލޭގެ ބިމުގެ ހައްގުން މަހުރޫމްކުރަން ބޭނުން ނޫން ކަމަށެވެ. އެކަމަކު ހާލަތު ދެ ބޭފުޅުންނަށް ފެނިވަޑައިގަންނަވަނީ ތަފާތު ދެ ގޮތަކަށެވެ.

އިބްރާހީމް އިސްމާއީލް (އިބްރާ) އަދި ދިޔާނާ ސައީދު: މާލޭ ރަށްވެހިންނަށް ހާއްސަކޮށްގެން މާލެ ސަރަހައްދުން ހިލޭ ގޯތި ދޫކުރާތީ ހޫނުވެފައިވާ މައްސަލައިގައި ހިޔާލު ތަފާތު

މާލެއަށް އުފަން އަދި ރައްޔިތުންގެ މަޖިލީހުގައި މާލެ ތަމްސީލްކުރައްވާފައިވާ އިބްރާހީމް އިސްމާއީލް މާލޭ ރަށްވެހިންގެ ހައްގު އިސްކުރަން ޖެހޭ ސަބަބުތައް ދެއްކެވި އިރު، އައްޑޫ ހުޅުދުއަށް ނިސްބަތްވެވަޑައިގަންނަވާ ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަ ނާއިބު ދިޔާނާ ވާހަކަދެއްކެވީ އަތޮޅުތަކުން މާލެއަށް މީހުން ހިޖުރަކޮށްގެން ތިބި ސަބަބާއި މާލެ ކައިރިން ހިއްކާ ބިންތަކުން އެ މީހުންނަށް ވެސް ގޯތި ހައްގުވަނީ ކީއްވެގެންކަމާ ބެހޭ ގޮތުންނެވެ.

މާލެ ސަރަހައްދުން މާލޭ މީހުންނަށް ހިލޭ 5،000 ގޯތި ދޫކުރާ ތަންތަން

ރާއްޖޭގައި ބައެއް ކަންކަން ވަރަށް ތަފާތެވެ. ބިން ތަދު މި ގައުމުގައި، ވަކިވަކި މީހުންނަށް ބަންޑާރަ ބިމާއި އިޖުތިމާއީ ބޯހިޔާވަހިކަން މިލްކުކޮށް ވާރުތަ މުދަލަށް ހެދޭ ކަމެވެ. ބޯހިޔާވަހިކަމާއި ވޯޓު ލުން ފަދަ އަސާސީ ހައްގުތައް، ވަޒަންވެރިވެގެން އުޅޭ ރަށުގެ ބަދަލުގައި، ދާއިމީ އެޑްރެސް އޮންނަ ތަނަކަށް ލިބުމެވެ. އިބްރާހީމް އިސްމާއީލާއި ދިޔާނާ އެއްބަސްވެވަޑައިގަންނަވާ ގޮތުގައި އެތައް ހާސް ބަޔަކު އަމިއްލަ ބޯހިޔާވަހިކަމަށް ޖެހިފައި ތިބި މައްސަލައަށް ހައްލު ހޯދުމަށް، ދާއިމީ އެޑްރެހަށް ބެލުން ހުއްޓާލައި، ހުރިހާ ރައްޔިތުންނަށް ހުރިހާ ރަށެއް ހުޅުވާލަން ޖެހެ އެވެ. 

ނަމަވެސް ޒަމާންވީ ބޮޑެތި އެހެނިހެން މައްސަލަތަކެއް ނެތް ކަމަކަށް ހެދޭކަށް ވެސް ނެތެވެ.

މާލޭ މީހުންނަށް ބޭއިންސާފަކީ ކޮބާ؟

މާލޭ ރަށްވެހިންގެ މި ޖީލުގެ ހާލަތަކީ އެ މީހުންގެ ރަށުގެ ބިން ފުރި، ތޮއްޖެހި، އެކަށީގެންވާ އަމިއްލަ ބޯހިޔާވަހިކަމެއްގެ ހައްގުން މަހުރޫމުވެގެން ތިބެން ޖެހުމެވެ. ސަރުކާރަށް މާލެއިން ނާކާމިޔާބުވި އެންމެ ފަހުގެ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުންނާއި ސޯޝަލް މީޑިއާގައި ޕްރެޝަރުކޮށްގެން، ގޯތި ދޭން ސަރުކާރަށް މަޖުބޫރުކުރި ސަބަބަކީ އެއީ އެވެ.

އެ މީހުން ބޭނުންވި ގޮތަށް ސަރުކާރުން ގޯތިތައް ހާއްސަކުރީ މާލޭ މީހުންނަށެވެ. މާލޭ މީހުންގެ ނަޒަރުން ބަލާއިރު އެއީ އެ މީހުންނަށް ޒަމާންތަކެއް ވަންދެން ތަހައްމަލްކުރަން ޖެހިފައި އޮތް ބޭއިންސާފެއްގެ ތަސައްލީ އެވެ. އެ ބޭއިންސާފަކީ އެހެން ރަށްރަށުގެ މީހުންނަށް އެ މީހުންގެ ދާއިމީ އެޑްރެސް އޮތް ރަށުން ގޯތި ހޯދުމުގެ ފުރުސަތު އޮވެފައި މާލޭ މީހުންނަށް އެ ފުރުސަތު އެއްގޮތަކަށް ވެސް ނެތުމެވެ. އަދި ރާއްޖޭގެ އެހެން ރަށަކުން ވެސް މާލޭ މީހުންނަށް ގޯތި ލިބެން ނެތް ކަމެވެ.

"މިއީ ކިހާ ބޮޑު ބޭއިންސާފެއް؟ އެހެންވީމާ މާލެއިން ބިންކޮޅެއް ދެންޏާ މާލޭ މީހުންނަކަށްނު އިސްކަންދޭން ޖެހޭނީ؟" އިބްރާހީމް އިސްމާއީލް ވިދާޅުވި އެވެ.

"އަހަރެން ތަކުރާރުކޮށް ބުނެފައި އޮންނާނީ މައިގަނޑު އެއް ވާހަކަ — އަހަންނަށް ވަރިހަމައޭ މާލޭ ބިމުން އެހެން ކިތަންމެ ބަޔަކަށް ދިނަސް، ދެވެން އޮތިއްޔާ ދޭށޭ، އެކަމަކު އަހަރެންގެ ދަރިންނަށް ވެސް ތަނެއް ލިބޭނެ ގޮތެއް އޮންނަންވާނެއޭ."

 އިބްރާހީމް އިސްމާއިލް ފާހަގަކުރެއްވި ގޮތުގައި މާލޭ މީހުންނަށް އޮތީ އެހެން ބޭއިންސާފެއް ވެސް ކުރިމަތިވެފަ އެވެ؛ ސަރުކާރުން ފްލެޓެއް ނުވަތަ ގޯއްޗެއް ދޭ އިރު، ބަދަލުގައި، މާލެ އިން ލިބެން އޮންނަ ބިންކޮޅު ދޫކޮށްލަން ޝަރުތުކުރުމެވެ.

"އެކަމަކު އެހެން ރަށްރަށުގައި ބަންޑާރަ ބިމުގައި ގެދޮރު އަޅައިގެން ތިބޭ މީހުންނަށް ހަމަ މި [މާލެ] ސަރަހައްދުން ފްލެޓާ އެއްޗެހި އެބަ ދޭ. އެކަމަކު އެ މީހުންނަކަށް ނުޖެހޭ ރަށުގައި އޮންނަ ތަންކޮޅު ދޫކޮށްލާކަށް ވެސް،" އޭނާ ވިދާޅުވި އެވެ.

ދިޔާނާ ފާހަގަކުރެއްވި ގޮތުގައި އެއީ ބަދަލުކުރެވެން އޮތް ކަމެކެވެ. އޭނާ ވިދާޅުވީ، އިންސާފު ގާއިމްކުރުމަށް، ރަށްރަށު މީހުންނަށް މާލެ އިން ފްލެޓެއް ދޭ ނަމަ ރަށުގައި އޮންނަ ބިން އަތުލުން ނުވަތަ ފްލެޓް ހޯދަން މާލެ އިން ބިން ދޫކޮށްލާ މާލޭ މީހުންނަށް އެހެން ރަށަކުން ބިމެއް ދިނުން އެއީ ކުރެވިދާނެ ކަމެކެވެ.

ދިޔާނާ ވަކާލާތުކުރައްވަމުން ގެންދަވަނީ މާލެ ކައިރިން ދޫކުރާ 5،000 ގޯއްޗަށް މާލޭގެ ދާއިމީ ހުރިހާ ވަޒަންވެރިންގެ ހައްގު ހަމަހަމަ ކަމަށެވެ. ގިނަ ސަބަބުތަކެއް އޭނާ ދެއްކެވި އެވެ.

އެކަމަކު އޭގެ ކުރިން ދިޔާނާ ވިދާޅުވީ މާލޭ މީހުންނަށް އެހެން ރަށްރަށުން ގޯތި ނުލިބޭ ކަމަށް އެއްބަސްވެވަޑައި ނުގަންނަވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ލ. އަތޮޅުގެ އެކި ރަށްރަށުން މާލޭ ރަށްވެހިންނަށް 700 އެއްހާ ގޯތި ލިބިފައި އޮތްކަން ބެލިބެލުމުން އޭނާއަށް އެނގިވަޑައިގެންފައިވެ އެވެ. އަދި ހދ. ހަނިމާދު އާއި ވިލިމާލެ އާއި މާލެ ކައިރީ އެހެން ބައެއް ރަށްރަށް ވެސް، މާލޭ މީހުންނަށް އެހެން ރަށްރަށުން ގޯތި ލިބިފައިވާ ކަމުގެ މިސާލުގެ ގޮތުގައި، ދިޔާނާ ދެއްކެވި އެވެ. އޭނާ ވިދާޅުވީ މިހާތަނަށް ނެތީ އެ ގޮތަށް ގޯތި ދޫކުރުމުގެ އާއްމު އުސޫލެއް ކަމަށެވެ. އަދި އޭގެ ސަބަބަކީ ރާއްޖޭގެ އެހެނިހެން ރަށްރަށަށް އެ ވަރުގެ ޑިމާންޑެއް ނެތުން ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

މާލޭގައި ދިރިއުޅޭ ރަށްރަށު މީހުންނަށް އެ މީހުންގެ ރަށުން ގޯތި ލިބެއޭ ބުނާ ވާހަކައަކީ ވެސް މުޅިއަކުން ތެދެއް ނޫން ކަމަށް ދިޔާނާ ވިދާޅުވި އެވެ.

"ކިތަންމެ ރަށެއް އެބަ އޮތް ބިން ނުލިބޭ. ރަށުގައި ބިން ނެތިގެން ކަމެއް، ނުވަތަ އެހެން ސަބަބަކާ ހުރެ ކަމެއް ނޭނގޭ،" އޭނާ ވިދާޅުވި އެވެ.

"މައިންބަފައިންގެ ތަރިކަ ބަހައިގެން ކިރިޔާ 400 އަކަ ފޫޓު ޖެހޭ މީހުން ވެސް އެބަ ތިބި. ދެން އެ ތަންކޮޅުގައި އުޅެވެން ނެތީމާ ކައުންސިލަށް އެޕްލައިކޮށްގެން ބިން ނުލިބޭ ބައިވަރު މީހުން އެބަ ތިބި."

އދ. ކުނބުރުދޫގެ މަގެއް: ގާތްގަނޑަކަށް 600 މީހުންގެ އާބާދީއެއް އޮތް ރަށެއް (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

ދިޔާނާ ދެން ވިދާޅުވީ ރަށުން ގޯއްޗެއް އަދި ލިބުނަސް އެއިން "މާނަވީ" ބޯހިޔާވަހިކަމެއް ނުލިބޭ ކަމަށެވެ. އެއް ސަބަބަކީ މާލޭގައި ދިރިއުޅޭތާ 20-40 އަހަރު ވެފައިވާ ރަށްރަށު މީހުންނަކީ އުމުރުގެ ބޮޑު ބައިގައި ނުވަތަ މުޅި އުމުރުގައި ވެސް އަމިއްލަ ރަށުގައި ދިރިއުޅެފައިވާ ބަޔަކަށް ނުވާ ކަމެވެ.

"މާނަވީ ހުރިހާ ބޭނުމަކަށް ބަލާއިރުގައި އެފަދަ މީހުންގެ ރަށަކީ މާލެ. އުޅެ ބޮޑުވީ، ކައިވެނިކޮށް ދަރިން ލިބުނީ، އެ މީހުންގެ އައިޑެންޓިޓީ ފޯމްވީ މާލޭގައި. އިޖުތިމާއީ ހުރިހާ ގުޅުމެއް އޮތީ މާލޭގައި. ދާއިމީ އެޑްރެސް އޮތް ރަށް އެއީ އެ މީހުން ދަންނަ ތަނެއް ނޫން،" ދިޔާނާ ވިދާޅުވި އެވެ. 

ދެވަނައަށް އޭނާ ވިދާޅުވީ ބޯހިޔާވަހިކަމަކީ "ފައުންޑޭޝަނަލް" ހައްގެއް ކަމަށާއި ބޯހިޔާވަހިކަން ލިބޭ ތަނުން އެކަށީގެންވާ ބޭސްފަރުވާ އާއި ތައުލީމާއި އާމްދަނީ ހޯދުމުގެ ފުރުސަތު ވެސް ލިބެން ޖެހޭ ކަމަށެވެ.

"މި ދަންނަވާ އިތުރު ހައްގުތައް ނުލިބޭ ކަމަށް ވަންޏާ އެ ބޯހިޔަލަކީ އަނެއްހެން މާނައެއް ހުރި އެއްޗެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އެ ހިސާބުން ދެން ފެށެނީ ރަށްރަށުން މާލެއަށް މީހުން ހިޖުރަކުރަނީ މަޖުބޫރުވެގެންތޯ ނުވަތަ ނޫންތޯ ކުރެވޭ ބަހުސެވެ.

"ރަށް ދޫކޮށްލާފައި އައިސް އުޅުނީތީ މި ތަނަށް ހައްގެއް އުފަންވީއޭ، އެހެނެއް ނުބުނެވޭނެ އެއްނު؟" އިބްރާހީމް އިސްމާއީލް ވިދާޅުވި އެވެ.

އެ ވާހަކައަށް ރައްދު ދޭ މީހުން ދައްކަނީ މާލެއަށް ހިޖުރަކުރާ ސަބަބުތަކެވެ.

މާލެ އަންނަނީ ކީއްކުރަން؟

އިބްރާހީމް އިސްމާއީލް މިފަހުން ކުރެއްވި، މައްސަލަ ބޮޑުވި އެއް ޓްވީޓުގައި އޮތީ މި ސުވާލެވެ؛ މާލެ އިން ލިބޭ ސަރުކާރުގެ ހިދުމަތްތަކުގެ ތެރެއިން، އައިޖީއެމްއެޗު ފިޔަވައި، އާބާދީ 500 އަށް ވުރެ ބޮޑު އެހެން ގިނަ ރަށްރަށުން ނުލިބެނީ ކޮން ހިދުމަތެއް ހެއްޔެވެ؟

ރަށްރަށުގެ މިހާރުގެ ހާލަތު، މީގެ 20-30 އަހަރު ކުރިން މާލެއަށް މީހުން ހިޖުރަކުރި އިރާ އަޅާބަލާއިރު، ތަފާތުވެދާނެ އެވެ. އެކަމަކު ފަރަގުގެ ވާހަކަ އަދިވެސް ކޮޅުންލާ ވަރެއް ނުވެ އެވެ.

ނ. ހޮޅުދޫގެ މަގެއްގެ މަތި: ބިން ފުރިފައިވާ ރަށެއް.

ސަރުކާރުގެ ވަސީލަތްތައް މަދު އިރު އަސާސީ ހިދުމަތްތައް ތަރައްގީކުރުމުގައި ވެރިރަށް އިސްނުކޮށް ދެން އިސްކުރާނީ ކޮން ތަނެއްތޯ އިބްރާހީމް އިސްމާއިލް ސުވާލުކުރެއްވި އެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި އަތޮޅުތަކަށް ފުރުސަތުތަކާއި ހިދުމަތްތައް ނުގެންދެވި އޮތީ ވަރަށް ބޮޑު ސަބަބަކާ ހެދި އެވެ؛ އެ ކަންކަމަށް ބޮޑެތި ހަރަދުތަކެއް ކޮށް، ދެކޮޅުޖައްސައިގެން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭ ވަރުގެ އާބާދީތަކެއް ނެތީމަ އެވެ. އޭނާ އެއް ކަމަކަށް ފާހަގަކުރެއްވީ މަތީ ތައުލީމާއި ސިއްހީ ބޮޑެތި ހިދުމަތްތައް ދިނުމަށް ބޭނުންވާ ފަންނީ މީހުން، އާބާދީ މަދު ތަންތަނުގައި ބައިތިއްބަން ނުލިބޭނެ ކަމެވެ. 

"ޕްރޮފެޝަނަލުންނެއް ނުދާނެ އެ މީހުންގެ ހުނަރު ތަރައްގީ ނުކުރެވޭ އަދި ތަޖުރިބާ ލިބެން ނެތް ތަނަކަށް. އެހެންވީމާ މިއީ އިކޮނޮމީސް އޮފް ސްކޭލްގެ މައްސަލައެއް،" އިބްރާހީމް އިސްމާއީލް ވިދާޅުވި އެވެ.

"މިސާލަކަށް، އަހަރެމެންގެ ރަށަކުން އެކްސްރޭއެއް ވެސް ނެގޭކަށް ނުހުރެއޭ ބުނާއިރު ހިތަކަށް ނާރާ އޭނާގެ ރަށުގައި އެކްސްރޭ ނަގަން ދާނީ މަހަކު ކިތައް މީހުން ކަމެއް." 

އެކަމަކު އެހެން ރަށްރަށަށް ނިސްބަތްވާ މީހުންގެ ހައްގަށް ވަކާލާތުކުރާ މީހުންގެ ޝަކުވާއަކީ މާލެ އިން ލިބޭ ހުރިހާ ކަމެއް ދެން ހުރި ހުރިހާ ރަށަކުން ނުލިބުމެއް ނޫނެވެ.

"އަޅުގަނޑުމެންގެ ވާހަކައަކީ މާލެ ފިޔަވައި އިތުރު އެންމެ ސަރަހައްދެއް ވެސް ނެތޭ، މާލެއާ ކައިރިކުރާ މިންވަރަކަށް ވެސް ތަރައްގީކޮށްފައެއް،" ދިޔާނާ ވިދާޅުވި އެވެ.

"ވަރަށް ހަނި ދާއިރާއެއްގެ ތެރޭގައި އެހެނިހެން ހައްގުތައް ރަށްރަށުން ލިބެން ނެތެކޭ ނޫން. އެކަމަކު މާނައެއް ހުރި ގޮތެއްގައި މި ހައްގުތައް ލިބެން ހުރީ ހަމައެކަނި މާލެ ސަރަހައްދުގައި. މީހުން ހިޖުރަކޮށްފައި މިހާ ބޮޑެތި ކުލި ދައްކައިގެން ވެސް މާލޭގައި މިއޮތްހާ ޒަމާނަށް އުޅެމުން މި ދަނީ އެ ސަބަބާ ހެދި. ކޮސްމޯޕޮލިޓަން ލައިފަކަށް ނޫން، މާލެއަށް ޖަމާވެފައި މި ތިބެނީ."

ހުޅުމާލޭ ދެވަނަ ފިޔަވަހި ކުރިމަތިން ފެންނަ މަންޒަރު (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

މާލެއަށް ހިޖުރަކުރަން ޖެހުން ދިޔާނާ ސިފަކުރެއްވީ "ހިސްޓޮރިކަލް އިންޖަސްޓިސް" އެއްގެ ގޮތުގަ އެވެ. އަދި އޭނާ ވިދާޅުވީ މާލެ ސަރަހައްދުން ދޭ ގޯތިތަކުން، އެހެން ރަށްރަށަށް ނިސްބަތްވާ މާލޭ ވަޒަންވެރިން މަހުރޫމް ނުކުރި ނަމަ އެ ބޭއިންސާފަށް ތަސައްލީއެއް ލިބުނީސް ކަމަށެވެ. ދިޔާނާ ވިދާޅުވި ގޮތުގައި ދާއިމީ އެޑްރެހަށް ބެލުން ހުއްޓާލައި، ރަށެއްގެ ވަޒަންވެރިން ކަމަށް ވާނީ ކިހާ މުއްދަތެއްގައި ދިރިއުޅުނީމާތޯ ގާނޫނެއްގައި ކަނޑައަޅަންވީ އެވެ؛ އަދި ގޯތި ދޭންވީ އެ ވަޒަންވެރިން ހިމަނައިގެންނެވެ. ނަމަވެސް އޭގެ ބަދަލުގައި ސަރުކާރުގެ މި ނިންމުން މި އައީ، އޭނާ ސިފަކުރެއްވި ގޮތުގައި، މާލެ އާއި އެހެނިހެން ރަށްރަށުގެ މީހުންގެ މެދުގައި ތަފާތުކުރުން އަދިވެސް ކުރިއަށް ގެންދާ ގޮތަށެވެ.

"ހާހުން ހާހުން، ދެ ޖެނެރޭޝަން މި ގޮތަށް މި ދަނީ. ދެ އަހަރުން، ތިން އަހަރުން ޕިކަޕެއްގެ ފަހަތަށް މުޅި ދިރިއުޅުން ޕެކްކޮށްގެން ކަރުދާސް ފޮށިފޮއްޓަށް އަޅައިގެން އެއް ގެއިން އަނެއް ގެއަށް ބަދަލުވޭވޭ އެ މީހުން މި ތިބީ،" މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނާ ބެހޭ ގޮތުން ދިޔާނާ ވިދާޅުވި އެވެ.

"އެހެންވީމާ މި ޑިސްޕްލޭސްމެންޓުން ރަށްރަށު މީހުން ވެސް ނެއްޓޭނެ ގޮތަކަށް ސަރުކާރުން އަމަލުކުރައްވަން ވާނީ."

ދިޔާނާ ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ އެހެން ހިސާބުތަކުގައި ބޮޑެތި ބިންތައް އެބަ ހުއްޓެވެ. އެކަމަކު އެ ތަންތަން ތަރައްގީކުރުމުގެ ބަދަލުގައި، "ދަރަނިވެރިވެގެން، އަޅުގަނޑުމެންގެ އަތުގައި ނެތް ފައިސާ އިން" މާލެ ސަރަހައްދުން އިތުރު ބިންތައް ހިއްކަމުން ގެންދަނީ "ރަށްރަށުގެ ތަރައްގީ ގުރުބާންކޮށްފައި" ކަމަށް އޭނާ ވިދާޅުވި އެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވަހިން ދެވަނަ ފިޔަވައްސަށް އަރަން އޮންނަ ބްރިޖު ސަރަހައްދު (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

މާލޭ ބިމުގެ ތަފާތު

ދިޔާނާ ފާހަގަކުރެއްވި ގޮތުގައި މާލެ ސަރަހައްދުގެ ބިމުގެ އަގު ރަށްރަށަށް ވުރެ އެތައް ގުނައެއް ބޮޑު އިރު އެފަދަ އަގުހުރި ވަސީލަތަކުން ރައްޔިތުންގެ ވަކި ބަޔަކު ބާކީކުރުމަކީ ވަރަށް ބޮޑު ތަފާތުކުރުމެކެވެ. ނަމަވެސް އިބްރާހީމް އިސްމާއީލް ވިދާޅުވީ ސަރުކާރުން ހިއްކާ ބިމަކަށް ސަރުކާރުން ގެންނަ އަގަކީ އެ ބިމެއް ހިއްކަން ހަރަދުކުރާ މިންވަރު ކަމަށެވެ. އޭނާ ސިފަކުރެއްވި ގޮތުގައި އޭގެ ބޭރުން އަންނަނީ "ސުޕަފިޝަލް ވެލިއު" އެކެވެ.

"ބިމުގެ ވެލިއު އެއީ ސަރުކާރުން ކުރާ ކަމެއް ނޫން. ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ބިމުގެ ވެލިއު އަރަނީ ޑިމާންޑާ އެކީގައި،" އިބްރާހީމް އިސްމާއިލް ވިދާޅުވި އެވެ.

އެކަމަކު ދިޔާނާ ވިދާޅުވީ މާލެ ސަރަހައްދުގެ ޑިމާންޑާއި ބިމުގެ އަގު ވެސް އަރައިގެން ދިޔައީ ސީދާ ސަރުކާރުގެ "އަމަލުތައް" ހިމެނިގެން ކަމަށެވެ.

"މި ވަރުގެ ބިންތައް ހިއްކާ، ދެމެދުގައި ބްރިޖު އަޅައި، މި ވަރުގެ ސިނާއީ މަރުކަޒުތައް އުފައްދާފައި މި އޮތީ ދައުލަތުން. އެހެންވީމާ ވެލިއު އެއީ ހަމަ ދައުލަތުން އުފައްދާފައި އޮތް އެއްޗެއް،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އެހެން ރަށްރަށް ވެސް ހިއްކަނީ ރައްޔިތުންގެ ފައިސާ އިން ކަމަށް ވާތީ މާލެއެކޭ ތަފާތެއް ނެތް ކަމަށް ބުނާ ވާހަކައަށް ވެސް ދިޔާނާ ރައްދުދެއްވި އެވެ. އޭނާ ވިދާޅުވީ ހިއްކާފައި ހުރީ އެ ރަށެއްގެ ފަޅުން ނިސްބަތުން ކުދި ތަންތަން ކަމަށާއި "މި ވަރުގެ ކަމެއް" ސަރުކާރުން ކޮށްދީފައިވާ އެހެން ހިސާބެއް ރާއްޖޭގައި ނެތް ކަމަށެވެ.

"މާސިންގާ ކޮސްމޯޕޮލިޓަން ސެންޓަރެއް ހިއްކާ، ބްރިޖު އަޅައިދީ، އިންޑަސްޓްރިއަލް ޒޯން ހަދައި، މި ހުރިހާ ހޮސްޕިޓަލްތަކާއި ވަޒީފާ އާއި ތައުލީމު ދޭ މުއައްސަސާތަކަށް އެކްސެސް ލިބޭނެ ގޮތް ހަދައިދީފައެއް ނެތް އެހެން އެއްވެސް ހިސާބެއްގައި،" ދިޔާނާ ވިދާޅުވި އެވެ.

މާލެ އާއި ވިލިމާލެއާ ދެމެދުގައި ބްރިޖް އެޅުމުގެ ސާވޭ ކުރުމަށް ބޭނުން ކުރަމުންދާ ބޮޑު އުޅަނދު. (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

'ދެ ލޯ މަރާފައި މާލޭގެ ތަރައްގީ ހުއްޓާލަންވީ'

ރާއްޖޭގެ އެހެން ސަރަަހައްދުތަކެއް ތަރައްގީކުރަން ވެއްޖެކަން އިބްރާހީމް އިސްމާއިލް ގަބޫލުކުރައްވަ އެވެ. އޭނާ ހުށަހެޅުއްވީ ވެސް އެކަމަށްޓަކައި "ދެ ލޯ މަރާފައި" މާލޭގެ ތަރައްގީ ހުއްޓާލާށެވެ.

"ބްރިޖެއް ވެސް އަޅާނެ ކަމެއް ނެތް. އެކައްޗެއް ވެސް ހަދާނެ ކަމެއް ނެތް. އޮތް ބިންކޮޅެއް ވެއްޖެއްޔާ މާލޭގެ މީހުންނަށް ގޯތި އަޅައިގެން އުޅެން ދިނީމާ ނިމުނީ. ދެން ސަރުކާރުގެ ރިސޯސެސްގެ %80 ޑައިވާޓްކުރަންވީ، ބޮޑެތި އާބާދީ ޖަމާކުރެވޭ ވަރުގެ، ސެލެކްޓެޑް ހައެއްކަ ރަށަށް،" އަސްލު މައްސަލަ ހައްލުކުރެވޭނެ ގޮތަކީ އެއީ ކަމަށް ވިދާޅުވެ އިބްރާހީމް އިސްމާއީލް ވާހަކަދެއްކެވި އެވެ.

ބިން ފުރުމުން ކައިރި ރަށްރަށަށް ހިޖުރަކުރަން ނުބުނެ، ރަށްރަށުގެ ބިން ހިއްކަނީ ކީއްވެގެންތޯ ވެސް އޭނާ ސުވާލުކުރެއްވި އެވެ. އަދި ގޯތީގެ ބަދަލުގައި ފްލެޓު ދިނުމާ ދެކޮޅު ހެއްދެވި އެވެ. އެއާ އެކު އިބްރާހީމް އިސްމާއިލް ވިދާޅުވީ އަތޮޅުތެރޭގެ އިގްތިސޯދީ ތަރައްގީއަށް ހާއްސަކުރާ ސަރަހައްދުތަކަށް ހިދުމަތްތަކާއި ވަޒީފާތައް ގެންގޮސް، ފަސޭހައިން ވިޔަފާރިކުރެވޭނެ ފުރުސަތު ހޯދައިދޭންވީ ކަމަށެވެ. 

އެފަދައިން ތަރައްގީ ލާމަރުކަޒުކުރުމުގެ ރޭވުންތައް ކޮންމެ ސަރުކާރަކުން ވެސް ކަރުދާހުގައި ގެންގުޅެ އެވެ. ހަގީގަތަކަށް ނުވަނީ އެވެ.

އިބްރާހީމް އިސްމާއީލް ވިދާޅުވީ މައްސަލައަކީ ދިވެހިންގެ މަސައްކަތްކުރުމުގެ ރޫހާއި އުއްމީދުތަކާއި ވިސްނުން ހުންނަ ގޮތް ކަމަށެވެ.

 "އަހަރެމެންގެ ވިސްނުން މި ހުންނަނީ އަހަރެމެން މި ތިބި ގޮތަށް ތިއްބާ ދެން އެހެން ހުރިހާ ކަމެއް ވެސް ވާން ޖެހޭނެއޭ،" އޭނާ ވިދާޅުވި އެވެ.

'މާލޭ މީހުން ގޯތި ބޭނުންވާނީ މާލެއިން'

ދާއިމީ އެޑްރެހަށް ނުބަލައި ކޮންމެ ރަށަކުން ވެސް ގޯއްޗަށް ކުރިމަތިލެވޭ ގޮތަށް ހުރިހާ ރަށެއް ހުޅުވާލަން ޖެހޭ ކަމަށް ދިޔާނާ އާއި އިބްރާހީމް އިސްމާއީލް ވެސް އެއްބަސްވެވަޑައިގަންނަވަ އެވެ. މިއީ މާލޭ މީހުންނަށް އެހެން ރަށްރަށުން ގޯތި ހޯދެން ނެތް ކަމަށް ބުނާ މައްސަލަ ވެސް ހައްލުކޮށްދޭ ބަދަލަކަށް ވާނެ އެވެ.

ނަމަވެސް ދިޔާނާ ވިދާޅުވީ ރަށްރަށު މީހުންނަށް ބޯހިޔާވަހިކަން ލިބެން ޖެހެނީ ވަކި ތަނަކުންތޯ މާލޭ މީހުން ސުވާލުކުރާ ފަދައިން އެ މީހުންނާ ވެސް ކުރަން ޖެހޭ ސުވާލެއް އެބަ އޮތް ކަމަށެވެ — ރާއްޖޭގެ އެހެނިހެން ރަށްރަށަށް މާލޭ މީހުން ނުދާންވީ ކީއްވެގެންތޯ އެވެ. އޭނާ ވިދާޅުވި ގޮތުގައި އޭގެ ޖަވާބަކަށް ވާނީ މާލޭ މީހުން ވެސް ގެދޮރު ބޭނުންވަނީ ހިދުމަތްތަކާއި ވަޒީފާ އާއި ވިޔަފާރީގެ ފުރުސަތު އޮތް، "އައިޖީއެމްއެޗާއި ޓްރީ ޓޮޕާއި އޭޑީކޭއަށް ވެސް އެކްސެސް އޮތް ތަނަކުން" ކަމެވެ.

"އަޅުގަނޑުމެންނަކީ ވެސް ހަމަ ދިވެހި ރައްޔިތުންގެ ގޮތުގައި ތިބި، ހަމަ އެއް އުއްމީދުތަކެއް ގެންގުޅޭ މީހުން އިނގޭތޯ؟ ގައުމެއްގެ، އެއް ހަމައެއްގެ، އެއް ހައްގުތަކެއްގެ ރައްޔިތުން. އެހެންވީމާ އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ވަކި ބަޔަކު ބާކީކުރަން ޖެހޭނެ ކަމަކަށް،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް އިބްރާހީމް އިސްމާއީލް ވިދާޅުވީ މާލޭ މީހުން މާލެ ސަރަހައްދުން ގޯތި ހޯދަން ބޭނުންވަނީ "މި ތަން ވަކި ތަރައްގީ ވެގެނެއް ނޫން" ކަމަށެވެ. އޭނާ ފާހަގަކުރެއްވީ ރާއްޖޭގެ ސަގާފަތް ދުނިޔޭގެ އެހެން ގައުމުތަކާ ތަފާތުކަމެވެ.

"އަހަރެމެންގެ މުޅި ދިރިއުޅުމާއި އާދަކާދަ ބިނާވެފައި މި އޮތް ގޮތުން އާއިލާ މީހުންނާއި އަވަށްޓެރިން މިއީ ދިރިއުޅުމުގެ ވަރަށް ބޮޑު ބައެއް،" އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް އަހަންނަށް ދެވިދާނެ އެހެން ރަށަކަށް. އެކަމަކު އެ ރަށަކު ނޫޅޭނެ އަހަރެން ދަންނަ މީހެއް ވެސް، ގާތް މީހެއް ވެސް. ދެން ނުލާހިކު ކްލޯޒްލީ ނިޓް ކުދިކުދި ކޮމިއުނިޓީސް ތެރެއަށް އަލަށް ގޮސް ވަދެ، އެ ތާނގައި ގެއެއް އަދި އެޅިޔަސް ނުފުދޭ."

އިބްރާހީމް އިސްމާއިލް މުޅިން ވެސް ވިދާޅުވީ މާލޭ މީހުންނާ މެދު "މި ވަގުތު ކަން އޮތް ގޮތުން" މާލެ ސަރަހައްދުގެ ގޯތިތައް ފުރަތަމަ ލިބެން ޖެހެނީ މާލޭ މީހުންނަށް ކަމަށެވެ.

"އަދި [މާލޭ މީހުން ދާނެ] ތަނެއް އޮތަސް، 'މާލޭ މީހުން ދާށޭ އެހެން ރަށަކަށް، ދެން އެހެން ރަށްރަށު މީހުން އަންނާށޭ މި ތަނަށް'، އެއީ ކޮން ރެޝަނާލްއެއް؟" އޭނާ ސުވާލު އުފެއްދެވި އެވެ.

އިބްރާހީމް އިސްމާއީލްގެ އަނެއް ސުވާލަކީ މާލޭގައި ވަޒަންވެރިވެގެން ތިބި އަތޮޅުތަކުގެ މީހުންނަށް މާލެ ސަރަހައްދުން ގޯތި ދީފައި ރަށްރަށުގައި ދިރިއުޅެމުން އަންނަ މީހުންނަށް ނުދިނުމަކީ ވެސް ތަފާތުކުރުން ނޫންތޯ އެވެ.

ހުޅުލެއިން ނަގާފައިވާ މި ފޮޓޯގައި ދުރުން އެ ފެންނަނީ މާލޭގެ އިމާރާތްތައް (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ދިޔާނާ ވެސް ދެ ތަފާތުކުރުމެއް ފާހަގަކުރެއްވި އެވެ. އެއް ކަމަކީ، އޭނާ ވިދާޅުވީ، މި ގޮތަށް ހިލޭ ގޯތި ދޫކުރަން ނިންމުމަކީ މާލޭ މީހުންނާ މެދު ވެސް ތަފާތުކުރުން ކަމަށެވެ. ސަބަބަކީ، ވަރަށް ނިކަމެތި އާއިލާތައް ވެސް ހިމެނޭ ގޮތަށް، މާލޭގެ އެހެން ރައްޔިތުންނަށް މިހާތަނަށް ސަރުކާރުން ފޯރުކޮށްދީފައިވާ އިޖުތިމާއީ ބޯހިޔާވަހިކަމަށް އަގު ނަގާފައި ވާތީ އެވެ. އޭނާ އެ އިޝާރާތްކުރެއްވީ ވިއްކާފައިވާ ފްލެޓްތަކަށެވެ. އަނެއް ތަފާތުކުރުމަކީ، އޭނާ ވިދާޅުވި ގޮތުގައި، އެއްވެސް އިރެއްގައި މާލެ ނޫން ރަށެއްގައި ރަޖިސްޓްރީވެފައިވާ މީހުންނަށް (ދަފްތަރަށް އުފަން މީހުންނަށް ވަކި އަދަދެއްގެ ގޯތި ހާއްސަކުރޭ) ގޯތި ނުދޭން ނިންމުމެވެ. މިހާތަނަށް ދައުލަތުގެ މުޅި ނިޒާމު ބަލައިގެންފައި އޮތީ ދަފްތަރުގެ އެންމެންނަކީ ވެސް މާލޭގެ ދާއިރާތަކަށް ނިސްބަތްވާ މާލޭ ރަށްވެހިން ކަމުގަ އެވެ. ނަމަވެސް ގޯތި ދިނުމުގެ އުސޫލު އޮތް ގޮތުން ދަފްތަރުގެ ބައެއް މީހުންގެ އިތުރުން، މާލޭ މީހުންނާއި އެހެން ރަށްރަށު މީހުންގެ ކައިވެންޏަށް ލިބި އެކަމަކު ބައްޕަގެ ރަށުގައި ރަޖިސްޓްރީކުރަން ޖެހޭތީ، އެހެން ރަށެއްގެ ރަޖިސްޓްރީގައި ކުރިން ޖައްސާފައި ތިބި ދަރިން ވެސް ބާކީވާނެ އެވެ. އެކަން ބަދަލުކުރުމަށް ކޯޓަށް ދާނެ ކަމަށް ގާނޫނީ ވަކީލަކު ބުނެފައިވެ އެވެ.

ބޯހިޔާވަހިކަމަށް އިތުރު އެތައް ހާސް ބަޔަކު ބޭނުން ޖެހިފައި ތިއްބާ، އަގު ބޮޑު ބިންތަކެއް އެންމެ 5،000 މީހުންނަށް ދިނުމަކީ ވެސް، ދިޔާނާ ވިދާޅުވި ގޮތުގައި، ބޭއިންސާފެކެވެ. ހިލޭ ގޯތި ދޫކުރާތީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވަނީ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވައިފަ އެވެ. ސިރާޖު އަންދާޒާކުރެއްވި ގޮތުގައި އެންމެ 5،000 އާއިލާއަށް ހިލޭ މި ދޫކޮށްލަނީ 48 ބިލިއަން ރުފިޔާގެ އަގުހުރި ބިމެވެ. ދިޔާނާ ވިދާޅުވީ، އެ ބިންތައް އެއަށް ވުރެ ގިނަ މީހުންގެ މެދުގައި ބަހާލުމަށް، އެންމެ ރަނގަޅު ގޮތަކީ ފްލެޓް އެޅުން ކަމަށެވެ.

"ކޮންމެހެން ނުޖެހޭ ކޮތަރު ކޮށިތަކަކަށް ވާކަށް. މިސާލަކަށް 1،200 އަކަ ފޫޓު، 1،500 އަކަ ފޫޓު ނުވަތަ 1،800 އަކަ ފޫޓުގެ ފްލެޓުތައް އަޅައި ވީހާ ވެސް ގިނަ ބަޔަކު އެކޮމޮޑޭޓްކުރެވޭނެ ގޮތަކަށް ތަރައްގީކުރެއްވުން އެއީ ދައުލަތުގެ އޮބްލިގޭޝަންއެއް ކަމަށް އަޅުގަނޑު ދެކެން،" އޭނާ ވިދާޅުވި އެވެ.

ދިޔާނާ ހުންނެވީ ގޯތީގެ މައްސަލައިގައި ކޯޓަށް ވަޑައިގަންނަވާ ގޮތަށެވެ.

ސަރުކާރުން އުސޫލަށް ބަދަލެއް ގެނެސްފާނެ ކަމުގެ އެއްވެސް އިޝާރާތެއް މިހާތަނަކަށް ނެތެވެ.

ސޯޝަލް މީޑިއާގައި، ޖަޒުބާތުތަކާއި ޒުވާބެވެ.

ކޮމެންޓް (1)

މުޙައްމަދު

8 އޯގަސްޓު 2022
މިކަމުގައި އެންމެ ބޮޑު ބޭއިންސާފަކީ، ޤާނޫނު އަސާސީއާއި ޚިލާފުކަމަކީ ގޯތި ދިނުމުގައި މާލޭ ރައްޔިތުން ކަނޑައަޅައިފައިވާ ގޮތް. ޤާނޫނީ ގޮތުން މާލޭގެ ރައްޔިތުންނަނީ މާލޭގައި ރަޖިސްޓްރީވެފައިވާ މީހުން. އެމީހުން ވޯޓުލާން ޖެހެނީވެސް މާލޭ ދާއިރާއަށް. އެމީހުން މާލޭގައި ރަށްވެހިވެފައިވާތީ އެހެން ރަށަކުން ގޯއްޗެއް ނުލިބޭނެ. (ހުރިހާ ދިވެހިންނަށް ޢާންމުކޮށް ހުޅުވާލާ ތަނެއް ފިޔަވައި އެހެން ރަށަކުން) ކޮންމެ ރަށަކުންވެސް ގޯތި ދެނީ އެރަށެއްގެ ރައްޔިތުންނަށް. އެހެންވީމާ ކުރިން އެހެން ރަށެއްގައި ރަޖިސްޓްރީ ވުމަށްފަހު ރަށްވެހިކަން މާލެއަށް ބަދަލުވެފައިވާ މީހުންނަށް ދެން ގޯތި ލިބޭނީ ކުރިން ހުޅުވާލިގޮތަށް ލ އަތޮޅު ފަދަ ތަނަކުން ހުރިހާ ދިވެހިންނަށް ފުރުސަތު ހުޅުވާލާ ފަހަރަކުން. ދެން ގޯތީ ދޭންވީމަ ވަކި ޝަރުތެއް ކަނޑައަޅާފައި ކުރީން އެހެން ތަނެއްގައި ރަޖިސްޓްރީވެފައިވޭތޯ ބެލުމަކީ ޤާނޫނީ ޙައްޤެއް ނިގުޅައިގަތުން. ބޭރު ޤައުމެއްގެ ސިޓިޒަންޝިޕް ހޯދިއަސް އެ ޤައުމެއްގެ ރައްޔިތުންނަށް ލިބޭ ޙައްޤުތައް ލިބޭނެ. ބޭއިންސާފާއި ތަފާތުކުރުން މިހާ ބޮޑެއް ނުވާނެ. މީގެ ނަތީޖާ ފަހުން ވަރަށް ހިތިވާނެ ކަމަށް ބެލެވޭ. މާލޭ ރަށްވެހީންގެ ތެރެއިން އެހެން ރަށެއްގައި ރަޖިސްޓްރީ ވެފައިވާ މީހުން އެއީ ގޯތީގެ ޙައްޤުން މަޙްރޫމް ކުރެވޭ ބައެއް ކަމަށް ވަންޏާ ކުރިއަށް އޮތް ތަނުގައި ބައެއް ކަންކަން ކުރުމުގައި މިއަށްވުރެން ތަފާތު ބޮޑުވެގެންދާނެ. މި ތަފާތު ގެންގުޅެވެންޏާ ބައެއް ކަންކަމުގައި މާލޭ ރަށްވެހިންގެ ތެރެއިން އެމީހެއްގެ މައިން ބަފައިންނަކީ މާލޭ މީހުން ކަމުގައިވާ މީހުން، އެމީހަކު އުފަންވީ ތަނަކީ ކުރީގެ ސެންޓްރަލް ހޮސްޕިޓަލް ކަމުގައިވުން، އެމީހެއްގެ މަސް ވަޅުލާފައިވަނީ ގަލޮޅު ސަހަރާގައި ކަމުގައިވުން ނުވަނަ އެމީހަކު ވިއްސީ މާލޭގެ ފޫޅުމައެއް ކަމުގައިވުން މިފަދަ ޝަރުތު ކަނޑަނޭޅެންވީ ކީއްވެގެންތޯ؟ މިއީ ކިޔާލަން މަޖާ ޕޮއިންޓް ތަކަކަށްވިއަސް ހަމަ މިއުސޫލުން މިކަންކަން ކުރެވިދާނެ. އެހެންވީމަ ރަށެއްގެ ރަށްވެހީންނަކީ ކޮބައިތޯ ބަލަން ޖެހޭނީ އެރަށެއްގެ ރަށްވެހީންގެ ރަޖިސްޓްރީއަށް. ރަށެއްގައި ރަށްވެހިވެފަި ނުވާ އެއްވެސް ދިވެއްސަކު ނުހުންނާނެ.
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް