ހުޅުމާލެ މަތިން ފެންނަ ފޮޓޯއެއް. (ދައުރު ފައިލް ފޮޓޯ/ މުޒައްޔިން ނާޒިމް)

ދަފްތަރަށް އުފަން މީހުންނަށް ވަކި އަދަދަކަށް ގޯތި ހާއްސަކުރާނެ

އެޕްލިކޭޝަނަކަށް ލިބޭނެ ގޯތީގެ އެންމެ ކުޑަ ސައިޒަކީ 1,250 އަކަފޫޓު

މާލެއަށް އުފަން، މާލޭގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުންނަށް މާލޭ ސަރަހައްދުން ދޫކުރާ ގޯތީގެ ވަކި މިންވަރެއް ހާއްސަކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ވީ ކިހިނެއް؟ - މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް، މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ހިންގާ 'ބިންވެރިޔާ ސްކީމް'ގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމަށާއި މާލެ ސަރަހައްދުން ފުލެޓު ދޫކުރުމަށް ހިންގާ 'ގެދޮރުވެރިޔާ ސްކީމް'ގެ ދަށުން ފުލެޓަށް އެދި ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ.

އެނގުން މުހިންމު - ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމަށް، ކަނޑައަޅައިފައިވާ އުސޫލު ބުނާ ގޮތުން، 'މާލޭގެ ރައްޔިތުން' ކަމުގައި ބަލާނީ އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން އެއްވެސް ތަނެއްގެ ރަޖިސްޓަރީގައި ޖެހިފައި ނުވާ މީހުންނަށެވެ. 

ތަފްސީލް - މިނިސްޓްރީގެ އުސޫލުގައި ބުނެފައި ވަނީ، ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމަށް ފޯމުތައް އިވެލުއޭޓް ކުރާއިރު، އެކިއެކި ކެޓަގަރީތަކަށް ފޯމުތައް ބަހައިލާނެ ކަމަށެވެ. ގޯތި ދިނުމުގައި ބަލާނީ ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ މާލެ ސަރަހައްދުގައި ހުރި ބޯހިޔާވަހިކަމަށާއި އެ ފަރާތްތަކުގެ އާމްދަނީއަށާއި އާއިލާގެ ހާލަތަށެވެ.

ސްކީމުގެ ދަށުން ގޯތި ހޯދުމަށް އެދޭ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް:

  • މާލޭގެ ރައްޔިތެއް ކަމުގައި ވުން 

  • އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައި ވުން 

  • މާލެ ސަރަހައްދު (މާލެ، ހުޅުމާލެ ނުވަތަ ވިލިމާލެ)ގައި އަމިއްލަ ނަމުގައި 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ނުވަތަ ބޯހިޔާވަހިކަމެއް ރަޖިސްޓަރީވެފައި ނެތުން

  • މާލެ ސަރަހައްދުގައި އަމިއްލަ ނަމުގައި 600 އަކަފޫޓަށް ވުރެ ކުޑަ ބަންޑާރަ ބިމެއް ރަޖިސްޓަރީވެފައި ވާނަމަ، އެ ތަނެއް، އުސޫލާ އެއްގޮތަށް ދޫކޮށްލަން އެއްބަސްވުން

  • ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން އެއްވެސް ބޯހިޔާވަހިކަމެއް މިހާތަނަށް ލިބިފައިވާ މީހަކު ކަމުގައި ނުވުން 

  • މާލެ ސަރަހައްދުން ބަންޑާރަ ގޯއްޗަކުން ބަހައިގެން ވާރުތައިން ލިބެން އޮންނަ ބޯހިޔާވަހިކަން، މި އުސޫލާ އެއްގޮތަށް ދޫކޮށްލަން އެއްބަސްވާ ފަރާތެއް ކަމުގައި ވުން 

  • މާލެ ސަރަހައްދުގައި އަމިއްލަ ނަމުގައި އޮތް ބަންޑާރަ ގޯއްޗެއް އެހެން ފަރާތަކަށް ދީފައިވާ، ދޫކޮށްލައިފައިވާ ނުވަތަ ވިއްކައިލައިފައިވާ ފަރާތަކަށް ނުވުން

ބުނީ ކީކޭ؟ - "މި އުސޫލުގެ ބޭނުމަށް، މާލޭގެ ރައްޔިތުންގެ ގޮތުގައި ކަނޑައަޅައިފައި ނުވާ މީހުންގެ ދަރިންގެ ތެރެއިން މާލޭގެ ދަފުތަރުގައި ޖެހިފައިވާ މާލޭގެ ރައްޔިތުންނަށް ހާއްސަކުރާނީ، މި އުސޫލުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކެޓަގަރީ (C1)އަށް ކަނޑައަޅާ ގޯތީގެ އަދަދުގެ %20 އާ ހަމައަށެވެ،" އުސޫލުގައި ބުނެފައިވެ އެވެ.

  • C1 ކެޓަގަރީ - ތިމާގެ ނަމުގައި މާލެ ސަރަހައްދުން އެއްވެސް ވަރެއްގެ ބިމެއް ނެތް އަދި ވާރުތައިން ވެސް މާލެ ސަރަހައްދުން އެއްވެސް ވަރެއްގެ ބިމެއް ލިބެން ނެތް ފަރާތްތައް

  • C2 ކެޓަގަރީ - ތިމާގެ ނަމުގައި މާލެ ސަރަހައްދުގައި އެއްވެސް ވަރެއްގެ ބިމެއް ނެތް ނަމަވެސް، މާލެ ސަރަހައްދުން ވާރުތައިން 600 އަކަފޫޓަށްވުރެ ކުޑަ ބިމެއް ލިބެން އޮންނަ ފަރާތްތައް

  • C3 ކެޓަގަރީ - ތިމާގެ ނަމުގައި މާލެ ސަރަހައްދުގައި އެއްވެސް ވަރެއްގެ ބިމެއް ނެތް ނަމަވެސް، މާލެ ސަރަހައްދުން ވާރުތައިން 600 އަކަފޫޓާއި 1000 އަކަފޫޓާ ދެމެދުގެ ބިމެއް ލިބެން އޮންނަ ފަރާތްތައް

  • C4 ކެޓަގަރީ - ތިމާގެ ނަމުގައި މާލެ ސަރަހައްދުގައި 600 އަކަފޫޓަށްވުރެ ކުޑަ ބިމެއް އޮތް، މާލެ ސަރަހައްދުން ވާރުތައިން އެއްވެސް ވަރެއްގެ ބިމެއް ލިބެން ނެތް ފަރާތްތައް

  • C5 ކެޓަގަރީ - ތިމާގެ ނަމުގައި މާލެ ސަރަހައްދުގައި 600 އަކަފޫޓަށްވުރެ ކުޑަ ބިމެއް އޮންނަ އަދި މާލެ ސަރަހައްދުން ވާރުތައިން 600 އަކަފޫޓަށް ވުރެ ކުޑަ ބިމެއް ލިބެން އޮންނަ ފަރާތްތައް

  • C6 ކެޓަގަރީ - ތިމާގެ ނަމުގައި މާލެ ސަރަހައްދުގައި 600 އަކަފޫޓަށްވުރެ ކުޑަ ބިމެއް އޮންނަ އަދި މާލެ ސަރަހައްދުން ވާރުތައިން 600 އަކަފޫޓާއި 1000 އަކަފޫޓާ ދެމެދުގެ ބިމެއް ލިބެން އޮންނަ ފަރާތްތައް

އެނގުން މުހިންމު - މި ސްކީމުގެ ދަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެ އާއި ގުޅީފަޅުންނެވެ. ސްކީމުގެ ދަށުން ގޯތި ދޫކުރަން ކަނޑައަޅައިފައިވާ ބިމުގެ ޖުމުލަ ބޮޑުމިނަކީ، 3,750,000 އަކަފޫޓެވެ. މިނިސްޓްރީން ބުނީ ދޫކުރާ ގޯތީގެ އަދަދު ކަނޑައެޅޭނީ، ގޯތި ލިބުމަށް ހޮވޭ ވަކިވަކި އެޕްލިކޭޝަންތަކަށް ދޫކުރާނެ ގޯތީގެ ބޮޑުމިން ކަނޑައެޅުމުން ކަމަށެވެ.

  • އެޕްލިކޭޝަނަކަށް ލިބޭނެ ގޯތީގެ އެންމެ ކުޑަ ސައިޒަކީ 1,250 އަކަފޫޓު 

  • ޖޮއިންޓް އެޕްލިކޭޝަނެއް ނަމަ، އެކަކަށް ވުރެ ގިނަ މީހުންގެ ނަމުގައި ހުށަހަޅާ އެޕްލިކޭޝަން އިތުރަށް ބައިވެރިވާ ކޮންމެ މީހަކަށް 400 އަކަފޫޓު، ގޯތީގެ ބޮޑުމިނަށް އިތުރު ކުރެވޭނެ 

  • ހަތް މީހުންނަށް ވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭޝަނުގައި ބައިވެރިވާނަމަ، އެ އެޕްލިކޭޝަނަށް ލިބޭނީ، ޖުމުލަ 4,000 އަކަފޫޓު

އިތުރު އާޓިކަލް

އިތުރު އާޓިކަލް