މާލެއިން ހުޅުމާލެއަށް ދާ ހައިވޭއިން، ހުޅުމާލެއަށް އަރާ ހިސާބުގައި ކާރެއް ކޮންޓްރޯލުން ނެޓި، މޫދަށް ފުރޮޅާލާފައި: ހައިވޭގައި އެކްސިޑެންޓްތައް ގިނަ (ދައުރު ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

ހުޅުމާލެ ހައިވޭގެ ފެންސްގައި ކާރެއް ޖެހި ދެ މީހަކަށް އަނިޔާތަކެއް ވެއްޖެ

މި އެކްސިޑެންޓުގައި މިހާރު ފަރުވާ ދެމުން ދަނީ 18 އަހަރުގެ އަންހެނަކަށް

މާލެއިން ހުޅުމާލެއަށް ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް، ހައި ވޭ ފެންސްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް މިރޭ ހިނގައިފި އެވެ. މި އެކްސިޑެންޓުގައި ދެ މީހަކަށް ވަނީ އަނިޔާވެފަ އެވެ.

ވީ ކިހިނެއް؟- ފުލުސް އޮފީހުން މިރޭ ބުނީ މިރޭ 9:40 ހާއިރު ހިނގި އެ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ، ކާރުގައި އިން އަންހެނަކަށާއި ފިރިހެނަކަށެވެ. އެ ދެ މީހުން ވެސް ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށި ކަމަށް ފުލުހުން ބުންޏެވެ. 

އެކްސިޑެންޓަށް ފަހު ނަގާފައިވާ މަންޒަރުތައް ހިމެނޭ ވީޑިއޯއަކުން ފެންނަ ގޮތުގައި އެކްސިޑެންޓުވީ އަމިއްލަ ކާރެކެވެ. ކާރުގެ ކުރީކޮޅަށް ބޮޑު ގެއްލުމެއް ވެފައިވާއިރު، ބަމްޕަރު ވެސް އޮތީ ވިއްސައިގެން ގޮސް މާ ދުރުގަ އެވެ.

ފޮޓޯތަކުން ފެންނަ ގޮތުން ނަމަ ދަގަނޑު ފެންސް ވެސް ހުރީ އަރިއަޅާލައިފަ އެވެ. އެހެންކަމުން ބެލެވެނީ ކޮންޓްރޯލް ނުވެ ގޮސް ފެންސްގައި ވެސް ޖެހިފައި ހުރި ކަމެވެ.

ދަގަނޑު ފެންސް ހުންނަ ފަޅިން ދުއްވަނީ ސައިކަލް ކަމަށް ވާތީ، ކާރު ކޮންޓްރޯލުން ނެއްޓުނީ އޯވަޓޭކް ކުރަން އުޅުމުން ކަމެއް ނުވަތަ ދުއްވިލެއް ބާރުކަމުން ކޮންޓްރޯލުން ނެއްޓިގެން ގޮސް އެ ފަޅިއަށް އެރީކަމެއް، ފުލުހުން ނުބުނެ އެވެ.

ބުނީ ކީކޭ؟- ހުޅުމާލޭ ހޮސްޕިޓަލުން ބުނީ އެކްސިޑެންޓުގައި އަނިޔާވެގެން ދެ މީހަކު އެތަނަށް ގެންދިޔަ ނަމަވެސް، ފަރުވާ ދެމުން މިހާރު އަންނަނީ 18 އަހަރުގެ އަންހެނަކަށް ކަމަށެވެ. އެކަމަކު އަނިޔާގެ ތަފްސީލެއް އަދި ހާލު ރަނގަޅު ކަމެއް ނުވަތަ ސީރިއަސްކަމެއް ވެސް އެތަނަކުން ނުބުނެ އެވެ.

ގުޅުން ހުރި ކަމެއް:- ހުޅުމާލޭ ބްރިޖް މަތީގަ އާއި ހައިވޭގައި އެކްސިޑެންޓުތައް ހިނގުމަކީ އާއްމު ކަމެކެވެ. މި މަހުގެ 19 ވަނަ ދުވަހު ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި 21 އަހަރުގެ ޒުވާނަކު ވަނީ މަރުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް