ހައި ކޯޓް: އެ ކޯޓުން މިއަދު ބުނީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ބުނާ، ކުޑަކުދިން ބައިތިއްބަން ހާއްސަ މަރުކަޒުތައް ގާއިމުކުރަން ޖެހެނީ 20 މެއި 2022ގެ ކުރިން ކަމަށާއި އަދި އެ މުއްދަތު ފާއިތު ނުވާ ކަމަށް. (ދައުރު ފޮޓޯ/ އަބްދުﷲ އަނުފް ޖުނައިދު)

އުދައްޔުގެ މަރު

އުދައްޔުގެ މަރު: ތުހުމަތުކުރެވޭ ކުއްޖާ ގޭބަންދަށް ބަދަލުކުރި އަމުރު ހައި ކޯޓުން ބާތިލްކޮށްފި

ހައި ކޯޓުން ބުނީ މީހުން މެރުން ފަދަ ކުށެއްގެ ތުހުމަތުކުރެވޭ ފަރާތެއް ބަންދުން ދޫކޮށްފައި ބެހެއްޓުމަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ކަމުގައި ބަލަންޖެހޭ ކަމަށް
25 ނޮވެމްބަރު 2021

ގއ. މާމެންދޫގައި މިދިޔަ ފެބުރުއަރީ މަހު ހިންގި ގްރޫޕް މާރާމާރީއެއްގައި ވަޅިން ހަމަލާދީ އަހްމަދު އުދައްޔު، 17، މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާ ގޭބަންދަށް ބަދަލުކުރަން ޖުވެނައިލް ކޯޓުން ކުރި އަމުރު ހައި ކޯޓުން މިއަދު ބާތިލުކޮށްފި އެވެ. ހައި ކޯޓުން ވަނީ، އެ ކުއްޖާ ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅަންދެން ރިމާންޑު ޖަލެއްގައި ބަންދުކުރަން ޖުވެނައިލް ކޯޓުން ކުރިން ކުރި އަމުރު ދެމި އޮތް ކަމަށް ވެސް ކަނޑައަޅައިފަ އެވެ.

މައްސަލައިގެ ފެށުން - އުދައްޔު މަރާލި މައްސަލައިގައި ދައުލަތުން ދައުވާ އުފުލީ ތިން މީހަކާއި ކުޑަކުއްޖެއްގެ މައްޗަށެވެ. އެކަން ހިނގި އިރު އެ ކުއްޖާއަށް 18 އަހަރު ނުވި ނަމަވެސް، މިހާރު 18 އަހަރު ފުރިއްޖެ އެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލީ:

  • ގަސްދުގައި މީހަކު މެރުމުގެ ދައުވާ

  • ނުރައްކާތެރި ހަތިޔާރެއް ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ

ވީ ކިހިނެއް؟ - ޖުވެނައިލް ކޯޓުން އެ ކުއްޖާ ދޫކޮށްލަން އަމުރުކުރި އިރު، އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. ޝަރީއަތް ނިމެންދެން ބަންދުކުރީ:

  • މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށް ފެންނާތީ 

  • ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވަފާނެ ކަމަށް ބެލެވޭތީ 

  • ކޯޓަށް ހާޒިރު ނުވެދާނެ ކަމަށް ބެލެވޭތީ 

  • ފިލައިފާނެ ކަމަށް ބެލެވޭތީ 

  • ޖިނާއީ ބޮޑު ކުށެއް ކޮށްފާނެ ކަމަށް ބެލެވޭތީ

އެ ކުއްޖާ ގޭބަންދަށް ބަދަލުކުރަން ޖުވެނައިލް ކޯޓުން އަމުރުކުރީ، ކ. ހިންމަފުށި އައްސޭރި ޖަލުގައި ގާއިމުކޮށްފައިވާ ކުޑަކުދިންގެ ޖަލަކީ، މިނިވަންކަން ގެއްލޭ ގޮތަށް ބަންދުގައި ކުޑަކުދިން ބޭތިއްބުމަށް އެކަށީގެންވާ ތަނެއް ނޫން ކަމަށް އެޗްއާރްސީއެމް އިން އެންގުމުންނެވެ.

ޖުވެނައިލް ކޯޓުގެ ނިންމުން ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

ތަފްސީލް - އެ މައްސަލަ ބެލުމަށް ފަހު ހައި ކޯޓުން މިއަދު ކުރި ހުކުމްގައި ބުނީ، އެ ކުއްޖާއަކީ ޖިނާއީ ބޮޑު ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށެއްގެ ތުހުމަތުވާ ކުއްޖެއް ކަމާ މެދު، ކުއްޖާގެ ފަރާތުން ވެސް އަދި ދައުލަތުން ވެސް ދެބަސް ނުވާ ކަމަށެވެ. 

ކުއްޖާއަށް ތުހުމަތުކުރެވޭ  ކުށުގެ އަމަލަކީ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ގްރޫޕް މާރާމާރީ ހިންގައި އެ ކަމުގެ ސަބަބުން މީހަކު މަރުވެގެން ކޮށްފައިވާ ދައުވާތަކެއް ކަމަށް ވާއިރު، އެފަދަ އަމަލުތަކަކީ އޭގެ ސަބަބުން މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ޒާތުގެ އަމަލުތަކެއްކަން ހައި ކޯޓުން ފާހަގަކުރި އެވެ.

"މިފަދަ އަމަލުތަކަކީ އެ މުޖުތަމައެއްގައި އަމާންކަމުގެ ނެތިކޮށްލާ ފަދަ އަމަލުތަކެކެވެ،" ކޯޓުގެ ހުކުމުގައިވެ އެވެ.

ހަމަ އެއާ އެކު، ކުއްޖާގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ އަމަލު ހިންގާފައި ވަނީ އަނިޔާވެރިކަން ހިމެނޭ ގޮތަށް ކަމަށް ވާތީ، އެފަދަ އަމަލެއް ކުރިކަމުގެ ތުހުމަތުކުރެވޭ ފަރާތެއް ބަންދުން ދޫކޮށްފައި ބެހެއްޓުމަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ކަމުގައި ބަލަން ޖެހޭ ކަމަށް ހައި ކޯޓުން ބުންޏެވެ.

އެނގުން މުހިންމު - ކުޑަކުދިން ބައިތިއްބާ ޖަލާ ގުޅޭ ގޮތުން އެޗްއާރްސީއެމްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކަކީ އެ ކަންކަން ރަނގަޅުކުރުމަށް ފަހު، ކަރެކްޝަންސް އާއި އެޗްއާރްސީއެމް އިން ވާހަކަދައްކައިގެން ހައްލު ކުރެވޭނެ ކަންތައްތަކެއް ކަމަށް ވެސް ހައި ކޯޓުން ބުންޏެވެ.

އެޗްއާރްސީއެމްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން:

  • ކުދިން ތިބޭ ގޮޅިތަކުގެ ފާހަނާތަކުގެ ސާފުތާހިރުކަން ކުޑަވުން 

  • ކުދިން ބަންދުކޮށްފައި ތިބޭ ގޮޅިތަކުގައި ވައި ދައުރުކުރާނެ ނިޒާމެއް ނެތުން 

  • ގުދުރަތީ އަލި ލިބޭނެ ނިޒާމެއް ނެތުން 

  • ގޮޅިތައް ހޫނުގަދަވުން 

  • ގޮޅިތަކުން ވަންނަ ދޮރު ކުރިމަތީގައި ކުނި އެޅުމަށް ބާލިދީއެއް ބަހައްޓާފައި ހުރުން 

  • އެ ބާލިދީއަށް ކުނިވާ ޒާތުގެ ކާތަކެތި އަޅާފައި ހުރުމުން ގޮޅިތަކުގެ އެތެރޭގައި ނުބައި ވަސް ހުރުމާއި މެހި އުޅުން

ހައި ކޯޓުން ބުނީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ބުނާ، ކުޑަކުދިން ބައިތިއްބަން ހާއްސަ މަރުކަޒުތައް ގާއިމުކުރަން ޖެހެނީ 20 މެއި 2022ގެ ކުރިން ކަމަށާއި އަދި އެ މުއްދަތު ފާއިތު ނުވާ ކަމަށެވެ.

ގުޅުން ހުރި ކަމެއް - އެޗްއާރްސީއެމްގެ ރިޕޯޓާ ގުޅިގެން، ހުޅުމާލޭގައި 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށް މަރާލުމަށް ފަހު ފޮށްޓަކައި ލައި މޫދަށް އެއްލާލާފައި އޮއްވާ ފެނުނު މައްސަލައިގައި ތުހުމަތުކުރެވޭ ކުޑަ ކުއްޖާ ވެސް ވަނީ ގޭބަންދަށް ބަދަލުކޮށްފަ އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް