އުތުރު ތިލަފަޅު ޕްރޮޖެކްޓުގެ މަޝްރޫއު އެކަމުގައި

އުތުރު ތިލަފަޅު އެއްބަސްވުމުގެ މައުލޫމާތު 7 ދުވަހުގެ ތެރޭ ހާމަކުރަން އަންގައިފި

އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވީ އެއީ ގައުމީ ސަލާމަތަށް ނުރައްކާވާފަދަ މައުލޫމާތެއް ކަމަށް ގަބޫލުނުކުރެވޭ ކަމަށް
14 އޮކްޓޯބަރު 2021

އުތުރު ތިލަފަޅު (ޔޫޓީއެފް) ތަރައްގީކުރުމަށް އިންޑިއާއެކު ރާއްޖޭން ވެފައިވާ އެއްބަސްވުމުމާ ގުޅޭ މައުލޫމާތު ހަތް ދުވަހުގެ ތެރޭގައި ހާމަކުރަން ޑިފެންސް މިނިސްޓްރީއަށް އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު އަންގަވައިފި އެވެ.

ވީ ކިހިނެއް؟ - އުތުރުތިލަފަޅު އެއްބަސްވުމުގައި ހިމެނޭ ބައެއް ކަންކަން ސާފުކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް މައްސަލަ ހުށަހެޅީ، އޮންލައިން ނޫސް "ދިޔަރެސް"ގެ ފަރާތުންނެވެ. އެއީ އެ ނޫހުން އެދުނު މައުލޫމާތު ދިނުމަށް ޑިފެންސް އިން ދެކޮޅު ހެދުމުންނެވެ.

ތަފްސީލް - އެ އެއްބަސްވުމާ ގުޅިގެން ދިޔަރެސްގެ ފަރާތުން ހޯދަން އެދުނީ މައިގަނޑު ހަ ކަމެކެވެ. އެއީ؛

1. އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ތިބޭނެ އިންޑިއާގެ ޓެކްނިކަލް މީހުން ނިސްބަތްވާ މުއައްސަސާ

2. އެމީހުންނަށް ރާއްޖޭގައި ތިބޭނެ މުއްދަތު

3. ތިބޭނީ ކިތައް މީހުން ކަން

4. އެއްބަސްވުމުގެ ދަށުން ލިބުނު 50 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމުގެ އިންޓްރެސްޓް ރޭޓާއި، ދައްކަންޖެހޭ މުއްދަތު އަދި އެހެނިހެން ތަފްސީލުތައް

5. ރާއްޖެ އަންނަ ޓެކްނިކަލް މީހުންނަށް ޑިޕްލޮމެޓިކް އިމިއުނިޓީ ލިބޭނަމަ އެކަމުގެ ތަފްސީލް

6. އެމީހުން ރާއްޖޭގައި ތިބުމުގެ ހަރަދު ދިވެހި ދައުލަތުން ހަމަޖައްސާނަމަ އެކަމުގެ ތަފްސީލް

ޑިފެންސްގެ ޖަވާބު - އެ މައްސަލައިގައި ޑިފެންސް މިނިސްޓްރީން ބުނީ ލޯނު އެއްބަސްވުމަކީ އެ މިނިސްޓްރީން ސޮއިކުރި އެއްބަސްވުމެއް ނޫން ކަމަށްވާތީ އޭގެ މައުލޫމާތު މިނިސްޓްރީގައި ނެތް ކަމަށެވެ.

ކޮމިޝަނަރުގެ ބަސް - ނަމަވެސް އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވީ:

  • އެކަމާ ގުޅިގެން ޑިފެންސް މިނިސްޓްރީން އަމަލުކޮށްފައި ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނާ އެއްގޮތަށް ނޫން ކަމަށް 

  • އެއީ ގާނޫނުގެ ދަށުން ދައުލަތުގެ ކަމާގުޅޭ އިދާރާތަކަށް ބަދަލުކުރަންޖެހޭ މައުލޫމާތެއް ނަމަވެސް ޑިފެންސުން އެގޮތަށް އަމަލުކޮށްފައި ނުވާކަން

އެހެންކަމުން ކުރިއަށް އޮތް ތަނުގައި ގާނޫނާ އެއްގޮތަށް އަމަލުކުރަން ކޮމިޝަނަރު ވަނީ ޑިފެންސް މިނިސްޓްރީއަށް އަންގައިފަ އެވެ. އަދި ލޯނު އެއްބަސްވުމާ ގުޅޭ މައުލޫމާތު ކަމާ ބެހޭ އިދާރާއިން ހޯދުމަށްފަހު، މައުލޫމާތު ހޯދަން އެދުނު ފަރާތާ ހިއްސާކުރަން ވެސް އެންގެވި އެވެ.

ޑިފެންސްގެ ޖަވާބު - ދިޔަރެސް އިން ދެން ހޯދަން އެދުނު މައުލޫމާތާ ގުޅިގެން ޑިފެންސް މިނިސްޓްރީން ބުނީ، އެ މައުލޫމާތު ހާމަކޮށްފިނަމަ ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމަށެވެ.

ކޮމިޝަނަރުގެ ބަސް - ކޮމިޝަނަރު ވިދާޅުވީ އެއީ ގައުމީ ސަލާމަތަށް ނުރައްކާވާފަދަ މައުލޫމާތެއްތޯ ބެލުމަށް ގާނޫނުއަސާސީ އާއި ބައިނަލްއަގުވަމީ ގޮތުން ވެސް މިފަދަ ކަންކަމުގައި ގެންގުޅޭ މިންގަނޑުތަކަށް ވެސް ރިއާޔަތްކުރެއްވި ކަމަށެވެ. 

އެގޮތުން ކޮމިޝަނަރު ވިދާޅުވީ:

  • އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ތިބޭނީ ޓެކްނިކަލް ބައެއް ކަމަށް ޑިފެންސް އިން ބުނެފައިވާކަން

  • އެ މީހުންނާ ގުޅޭގޮތުން ދިޔަރެސް އިން ހޯދަން އެދުނު މައުލޫމާތު ހާމަކުރުމަކީ "ލެޖިޓިމޭޓް ނޭޝަނަލް ސެކިއުރިޓީ އިންޓްރެސްޓް"ގެ ތެރޭގައި ހިމެނޭ އަދި ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ބެލެވެން ނެތް ކަމަށް

ނިންމުން - އެހެންކަމުން ދިޔަރެސް އިން ހޯދަން އެދުނު މައުލޫމާތުގެ ތެރޭގައި، ޑިފެންސް ގާނޫނުގެ ދަށުން ކުށްވެރިވާ ފަދަ މައުލޫމާތު ހުރިކަމަށް ގަބޫލުކުރެވެން ނެތް ކަމަށާއި، އެ މައުލޫމާތުތަކުގައި އިސްތިސްނާކުރަން ޖެހޭ ފަދަ މައުލޫމާތެއް ހުރި ކަމަށް ނުބެލެވޭ ކަމަށާއި އަދި ނުދީ ހިފެހެއްޓޭނެ މައުލޫމާތެއް ނެތް ކަމަށް އިންފޮމޭޝަން ކޮމިޝަނަރު މިއަދު ވަނީ ނިންމަވައިފަ އެވެ.

"އެހެންކަމުން މައްސަލަ ހުށަހެޅި ފަރާތުން ހޯދަން އެދުނު މައުލޫމާތުތައް އެފަރާތަށް 7 ދުވަހުގެ ތެރޭގައި ދޫކުރުމަށްފަހު މި އޮފީހަށް އެކަން އެންގުމަށް ކަނޑައަޅައި މި މައްސަލަ ނިންމިން." ކޮމިޝަނަރު ވިދާޅުވި އެވެ.

އެނގުން މުހިންމު - ކުރީ ސަރުކާރުތަކުން މަޝްވަރާތައް ފަށައި އުތުރު ތިލަފަަޅުގައި ސިފައިންނަށް ހާއްސަ ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީކުރަން އިންޑިއާއެކު ޑިފެންސް މިނިސްޓްރީން ސޮއިކުރީ މިދިޔަ ފެބްރުއަރީ 21ގަ އެވެ. 

ސަލަމާތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ މި ސަރުކާރުން ވަނީ އެއްބަވުން ސިއްރުކޮށްފަ އެވެ. ނަމަވެސް، މާ ގިނަ ދުވަހެއް ނުވެ އޭގެ ދެލިކޮޕީއެއް ލީކުވި އެވެ. އޭގައިވާ ގޮތުން، އުތުރު ތިލަފަޅުގައި އިންޑިއާ އިން ބޭނުން ވަރަކަށް ހަތިޔާރާއެކު ސިފައިން ގާއިމްވެ ތިބުމުގެ ހުއްދަ ލިބެ އެވެ. އަދި އެ ތަނަށް އެރޭނީ ވެސް އިންޑިއާ ސިފައިންގެ ހުއްދައާ އެކު ކަމަށްވެ އެވެ. ނަމަވެސް، އެ ހުރިހާ ކަމެއް ޑިފެންސް މިނިސްޓްރީން ދޮގު ކުރެ އެވެ.

ޔޫޓީއެފް އެއްބަސްވުމާ ގުޅޭ މައުލޫމާތު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު މިއަދު އެންގެވި އިރު، އެ އެއްބަސްވުމުގެ ކޮޕީއެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ އެދިފަ އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް