މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ: ޔޫޓީއެފް އެގްރިމަންޓް ހޯދަން މަޖިލީހުން މިއަދު އެދޭނެ ކަމަށް ނަޝީދު ވިދާޅުވި. (ފައިލް ފޮޓޯ/މަޖިލިސް)

އުތުރު ތިލަފަޅު އެއްބަސްވުން ހޯދަން މަޖިލީހުން މިއަދު އެދެނީ

ނަޝީދު ވިދާޅުވީ ޔޫޓީއެފް އެގްރިމަންޓަކީ ސިއްރެއް ނޫން ކަމަށް

އުތުރު ތިލަފަޅު (ޔޫޓީއެފް) ތަރައްގީކުރުމަށް އިންޑިއާއެކު ރާއްޖޭން ވެފައިވާ އެއްބަސްވުމުގެ ކޮޕީއެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު އެދޭނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މައްސަލައިގެ ފެށުން - ކުރީ ސަރުކާރުތަކުން މަޝްވަރާތައް ފަށައި އުތުރު ތިލަފަަޅުގައި ސިފައިންނަށް ހާއްސަ ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީކުރަން އިންޑިއާއެކު ޑިފެންސް މިނިސްޓްރީން ސޮއިކުރީ މިދިޔަ ފެބްރުއަރީ 21ގަ އެވެ. 

އިއްޒަތްތެރި މެންބަރަށް އެނގިވަޑައިގަންނަވާނެ އެއީ އެއްވެސް ހާލެއްގައި ފޮރުވިފައިވާ ސިއްރެއް ނޫން. އެއީ ދައުލަތާއި ދޭދޭ ގައުމުގެ ދެމެދު ކުރެވިފައިވާ އެގްރިމަންޓެއް. ސިއްރެއްގެ ގޮތުގައި ނޫން ދައުލަތުން އެކަން ކުރަމުން ދިޔައީ.

މުހައްމަދު ނަޝީދު/މަޖިލީހުގެ ރައީސް

ސަލަމާތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ މި ސަރުކާރުން ވަނީ އެއްބަވުން ސިއްރުކޮށްފަ އެވެ. ނަމަވެސް، މާ ގިނަ ދުވަހެއް ނުވެ އޭގެ ދެލިކޮޕީއެއް ލީކުވި އެވެ. އޭގައިވާ ގޮތުން، އުތުރު ތިލަފަޅުގައި އިންޑިއާ އިން ބޭނުން ވަރަކަށް ހަތިޔާރާއެކު ސިފައިން ގާއިމްވެ ތިބުމުގެ ހުއްދަ ލިބެ އެވެ. އަދި އެ ތަނަށް އެރޭނީ ވެސް އިންޑިއާ ސިފައިންގެ ހުއްދައާ އެކު ކަމަށްވެ އެވެ.

ނަމަވެސް، އެ ހުރިހާ ކަމެއް ޑިފެންސް މިނިސްޓްރީން ދޮގު ކުރެ އެވެ.

ތަފްސީލް - އެއްބަސްވުން ލީކްވުމާ ގުޅިގެން އާންމުންގެ ކަންބޮޑުވުން އޮތް އެ މައްސަލައިގައި ޕީއެންސީގެ ނައިބު ރައީސް އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވަނީ އެ އެއްބަސްވުމުގެ ކޮޕީއެއް މަޖިލީހުގެ ސަލާމަތީ ހިިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)އަށް ހޯދުމަށް އެދިވަޑައިގެން މަޖިލީހުގެ ރައީސަށް މިދިޔަ މާޗު މަހުގެ 15ގައި ސިޓީއެއް ފޮނުވައްވާފަ އެވެ. ނަމަވެސް، އެކަމަށް މަޖިލީހުން މާ ބޮޑު އެއްބާލުމެއް ނުލިބުމުން، އިންޑިއާއެކު ވެފައިވާ އެއްބަސްވުންތައް ހޯދުމަށް އެދިވަޑައިގެން އޭނާ ވަނީ މިދިޔަ ސެޕްޓެމްބަރު 22ގައި އަނެއްކާ ވެސް ސިޓީއެއް ފޮނުއްވާފަ އެެވެ.

ވީ ކިހިނެއް؟ -  ފަސް މަހެއްހާ ދުވަސް ފަހުން މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވައި ޖަލްސާގެ އެޖެންޑާއަށް ވަޑައިގަތުމުގެ ކުރިން، ނަޝީދު ވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި 241 ކޮމިޓީގެ މެމްބަރު އާދަމް ޝަރީފް އެދިވަޑައިގެންވި ޔޫޓީފް އެގްރިމަންޓާ ގޫޅޭ ގޮތުން ވަހާކަ ދައްކަވާފަ އެވެ.

ބުނީ ކީކޭ؟ - ނަޝީދު ވިދާޅުވީ، އެ އެއްބަސްވުމުގެ ކޮޕީއެއް ހޯދުމަށް ޑިފެންސް މިނިސްޓްރީގައި މަޖިލީހުގެ އަމީީންއާންމު ފާތިމަތު ނިޔުޝާ މިއަދު އެދިވަޑައިގަންނަވާނެ ކަމަށެވެ. އަދި އެއްބަސްވުމުގައި ހުރި ކަންކަން އޮޅުންފިލުވުމަށް 241 ކޮމިޓީން ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"އިއްޒަތްތެރި މެންބަރަށް އެނގިވަޑައިގަންނަވާނެ އެއީ އެއްވެސް ހާލެއްގައި ފޮރުވިފައިވާ ސިއްރެއް ނޫން. އެއީ ދައުލަތާއި ދޭދޭ ގައުމުގެ ދެމެދު ކުރެވިފައިވާ އެގްރިމަންޓެއް. ސިއްރެއްގެ ގޮތުގައި ނޫން ދައުލަތުން އެކަން ކުރަމުން ދިޔައީ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އެގޮތަށް ވިދާޅުވި ނަމަވެސް އެއްބަސްވުން ހާމަ ކުރުމަށް ސަރުކާރުން ދެކޮޅު ހަދަ އެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި ނަޝީދު ވާހަކަ ދައްކަވަނީ. (ފޮޓޯ/މަޖިލިސް)

ގުޅުންހުރި ކަމެއް - މަޖިލީހުގެ 241 ކޮމިޓީއަށް ޔޫޓީއެފް އެގްރިމަންޓް ލިބިމުން ދިރާސާކުރި ނަމަވެސް އެ އެއްބަސްވުން މަޖިލީހުން ހާމަ ކުރާނެ ކަމަށް މިހާތަނަށް ނަޝީދު ވެސް ވިދާޅުވެފައެއް ނުވެ އެވެ. އާދަމް ޝަރީފްގެ އިތުރުން، މަޖިލީހުގެ އެހެން ބައެއް މެންބަރުން ވެސް ވަނީ މަޖިލީހުން އެއްބަސްވުން ހޯދުމަށް މީގެ ކުރިން އެދިފަ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށާއި އިންޑިއާ އެކު ވެފައިވާ ސިއްރު އެއްބަސްވުންތަކުން ގައުމުގެ މިނިވަންކަމަށް އަސަރު ކުރާ ކަމަށް ބުނެ، އެ އެއްބަސްވުން ހާމަކުރުމަށް މީގެ ކުރިން އެތައް ފަހަރަކު އިދިކޮޅުން ވެސް ވަނީ ގޮވާލާފަ އެވެ. އިދިކޮޅުން ވަނީ އެކަމާ ގުޅޭ ޕެޓިޝަނެއް ވެސް ފަށާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް