ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ވ) މިއަދު ޅ. މަޑިވަރު އެއާޕޯޓު ހުޅުވައިދެއްވާ އިރު އަރިހުގައި، އެއާޕޯޓް ތަރައްގީކުރި ކުރެއްދޫ ހޯލްޑިންސްގެ ވެރިޔާ (ޗަމްޕާ) މުހައްމަދު މޫސާ (ފޮޓޯ/ ރައީސް އޮފީސް)

ޅ. މަޑިވަރު

ޅ. އަތޮޅަށް ބޮޑު އާމްދަނީއެއްގެ އުއްމީދާ އެކު މަޑިވަރު އެއާޕޯޓު ހުޅުވައިފި

ވަޒީފާތަކުން އަތޮޅަށް އަހަރަކު 7 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އައިއޭއެސް އިން ބުނޭ؛ ރައީސް ސޯލިހު ވިދާޅުވިގޮތުގައި އެ ތަން ބައިނަލްއަގުވާމީ އެއާޕޯޓަކަށް ހަދާނެ
18 ފެބްރުއަރީ 2022

ޅ. މަޑިވަރުގައި ކުރެއްދޫ ހޯލްޑިންސް އިން ތަރައްގީކޮށްފައިވާ މަޑިވަރު އެއާޕޯޓް މިއަދު ރަސްމީކޮށް ހުޅުވައި، ދަތުރުތައް ފަށައިފި އެވެ.

ވީ ކިހިނެއް؟ -  މަޑިވަރު އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއާޕޯޓު ހުޅުއްވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. އެމަނިކުފާނަކީ އެ އެއާޕޯޓުގެ ފުރަތަމަ ދަތުރުވެރިޔާ އެވެ. 

ބުނީ ކީކޭ - އެއާޕޯޓު ހުޅުއްވައިދެއްވުމަށް ފަހު ރައީސް ވިދާޅުވީ، މިއަދަކީ މުޅި ފާދިއްޕޮޅުގެ ހުރިހާ ރައްޔިތުންނަށާއި އެ އަތޮޅުގައި ރިސޯޓުތައް ހިންގާ ވިޔަފާރިވެރިންނަށް ވެސް ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ.

"ފާދިއްޕޮޅަށް ނިސްބަތްވާ ރައްޔިތެއްގެ ހައިސިއްޔަތުން، [މި އަތޮޅަށް] އުފަން ދަރިއެއްގެ ހައިސިއްޔަތުން މިއީ އަޅުގަނޑަށް ވެސް ލިބުނު ވަރަށް ބޮޑު އުފަލެއް،" ރައީސް ވިދާޅުވި އެވެ.

އެނގުން މުހިއްމު - ގާތްގަނޑަކަށް 11 މިލިއަން ޑޮލަރު (170 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ހަދާފައިވާ އެ އެއާޕޯޓް ހިންގާނީ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިންނެވެ. 

  • ދުވާލަކު 3-4 ފްލައިޓް މަޑިވަރު އެއާޕޯޓަށް ބޭއްވުމަށް މޯލްޑިވިއަން އިން ވަނީ ރާވައިފައި

ރައީސް ސޯލިހު މަޑިވަރަށް ފުރާވަޑައިގަންނަވަނީ: އެމަނިކުފާނަކީ އެ އެއާޕޯޓުގެ އެންމެ ފުރަތަމަ ދަތުރުވެރިޔާ (ފޮޓޯ/ ރައީސް އޮފީސް)

އައިއޭއެސްގެ އަންދާޒާ - އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިއޭއެސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވީ، މަޑިވަރު އެއާޕޯޓުގެ ސަބަބުން އުފެދޭ ވަޒީފާގެ ފުރުސަތުތަކުން، ސީދާ ގޮތެއްގައި އަހަރަކު 7 މިލިއަން ވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ޅ. އަތޮޅުގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ. އަދި ތަރައްގީގެ އިތުރު ދޮރުތައް އެ އަތޮޅުގައި ހުޅުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވިގޮތުގައި މަޑިވަރު އެއާޕޯޓު ހުޅުވާފައިވަނީ އެންމެ ފުރިހަމަ ވަސީލަތްތަކާ އެކު، ދުވާލާއި ރޭގަނޑު ވެސް ބޯޓުތައް ޖެއްސޭ ގޮތަށް ކަމަށެވެ. އެއާޕޯޓާ އެކު ޅ. އަތޮޅު އިތުރަށް ތަރައްގީވެ، ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

'އަމާޒަކީ އެއާޕޯޓު އިންޓަނޭޝަނަލް ކުރުން'

ރައީސް ވިދާޅުވީ ޑޮމެސްޓިކް އެއާޕޯޓެއްގެ ގޮތުގައި ހުޅުވި ނަމަވެސް، މަޑިވަރު އެއާޕޯޓު ބޮޑުކޮށް ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީކުރުމުގެ ވިސްނުން ކުރެއްދޫ ކުންފުނިން ގެންގުޅޭ ކަމަށެވެ. އަދި އެކަމުގެ މަޝްވަރާތައް ވެސް މިހާރު އެމްޓީސީސީ އާއެކު ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ޅ. މަޑިވަރު އެއާޕޯޓު ހުޅުވައިދެއްވުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/ ރައީސް އޮފީސް)

ރައީސް ވިދާޅުވިގޮތުގައި އެ އެއާޕޯޓު އިންޓަނޭޝަނަލް ކުރުމުގެ މަސައްކަތް ފަށާފައި ނުވަނީ، އެމްޓީސީސީގެ މަސައްކަތްތައް ގިނަކަމުން، އެ ކުންފުނިން މިވަގުތު އެކަމަށް ފަސްޖެހޭތީ އެވެ.

"ނޫން ނަމަ މިއަދު މިއީ އެ މަސައްކަތް މިތަނުގައި ފަށަން ނިންމާފައި އޮތް ދުވަސް،" ރައީސް ވިދާޅުވި އެވެ.

ޅ. މަޑިވަރުގައި ކުރެއްދޫ ހޯލްޑިންގްސް އިން ތަރައްގީކުރި އެއާޕޯޓު (ފޮޓޯ/ސަވާދު އަބްދުﷲ، ފޭސްބުކް)
ޅ. މަޑިވަރުގައި ކުރެއްދޫ ހޯލްޑިންގްސް އިން ތަރައްގީކުރި އެއާޕޯޓު (ފޮޓޯ/ސަވާދު އަބްދުﷲ، ފޭސްބުކް)

މަޑިވަރު އެއާޕޯޓު

  • ކުރެއްދޫ ހޯލްޑިންސްއާ އެކު ސަރުކާރުން އެއާޕޯޓު އެޅުމަށް އެއްބަސްވުމުގައި ސޮއިކުރީ 29 މޭ 2018ގައި، މަސައްކަތް ފެށީ ވެސް 2018ގެ ތެރޭގައި  

  • ޅ. އަތޮޅުގައި އެންމެ ގިނަ ރިސޯޓު ހިންގަނީ އެއާޕޯޓް ތަރައްގީކުރި ކުރެއްދޫ ހޯލްޑިންސް/ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން 

  • އެއާޕޯޓު މަޝްރޫއު ހަވާލުކުރީ ދެ އަހަރުގެ ތެރޭގައި ނިންމާ ގޮތަށް 

  • އެއާޕޯޓުގެ މަސައްކަތް ކުރީ ޗައިނާގެ ބީޔޫސީޖީން؛ އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ތަރައްގީގެ ގިނަ މަސައްކަތްތައް ވެސް ކުރާ ކުންފުނި  

  • 1.2 ކިލޯމީޓަރުގެ ރަންވޭއަކާ އެކު އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރުގެ އިތުރުން، ޒަމާނީ ފެންވަރުގެ އިކުއިޕްމެންޓާ އެކު ޓާމިނަލެއް ތަރައްގީކޮށްފައިވޭ

  • މަޑިވަރު އެއާޕޯޓް ނިންމައި ޓެސްޓް ފްލައިޓް ޖައްސާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި

ގުޅުންހުރި ކަމެއް - ސަރުކާރުގެ އަމާޒަކީ ކޮންމެ ރަށަކަށް ވެސް 30 މިނެޓުން ދެވޭ ދުރުމިނުގައި އެއާޕޯޓު ތައްރަގީކުރުން ކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، މަޑިވަރު އެއާޕޯޓާއެކު މިހާރު މާލޭން އުތުރުގެ ކޮންމެ އަތޮޅެއްގައި އެއާޕޯޓު ގާއިމުކޮށްފައިވާ ކަމަށެވެ.

މި އަހަރުގެ ތެރޭގައި އިތުރު ދެ އެއާޕޯޓު ހުޅުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެއީ ގދ. ފަރެސްމާތޮޑާ އެއާޕޯޓާއި މ. މުލީ އެއާޕޯޓެވެ. އޭގެ އިތުރުން ހަ އެއާޕޯޓެއްގެ މަސައްކަތް ކުރިއަށް ގެންދަން ވެސް ވަނީ ނިންމައިފަ އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް