މަޑިވަރު އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖެއްސުން (ފޮޓޯ/ޝާހިދު، ފޭސްބުކް)

މޯލްޑިވިއަން

މަޑިވަރު ޓިކެޓުގެ އަގަކީ ކޮޅަކަށް 1029 ރުފިޔާ؛ އަގު ބޮޑުކަމުގެ ޝަކުވާ

މަޑިވަރު އެއާޕޯޓް ރަސްމީކޮށް ހުޅުވަނީ މިއަދު
18 ފެބްރުއަރީ 2022

އަންނަ އާދިއްތަ ދުވަހުން ފެށިގެން ޅ. މަޑިވަރު އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށާނެކަން ގައުމީ އެއާލައިން މޯލްޑިވިއަންއިން އިއުލާންކޮށް އެ ދަތުރުތަކުގެ އަގުތައް އެ އެއާލައިނުން މިއަދު އާންމުކޮށްފި އެވެ.

ތަފްސީލް - މޯލްޑިވިއަންއިން މިއަދު ބުނި ގޮތުގައި މަޑިވަރު އެއާޕޯޓަށް ކުރާ ދަތުރުތަކުގެ އެއްކޮޅު ޓިކެޓުގެ އަގަކީ 1،029ރ. އެވެ. އެހެންކަމުން ދެކޮޅު ޓިކެޓުގެ އަގު 2،058ރ. އަށް އަރާނެ އެވެ.

އެނގުން މުހިންމު - މަޑިވަރު އެއާޕޯޓް ހުޅުވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެ އެއާޕޯޓަށް ވަޑައިގެންނެވެ. އެގޮތުން ދުވާލަކު 3-4 ފްލައިޓް މަޑިވަރު އެއާޕޯޓަށް ބޭއްވުމަށް މޯލްޑިވިއަންއިން ވަނީ ރާވައިފަ އެވެ.

އާންމުން ބުނީ އަގު މާ ބޮޑުކަމަށް

އެ ޓިކެޓްގެ އަގުތައް އާންމުކުރުމާ އެކު މޯލްޑިވިއަންގެ ފޭސްބުކް ޕޭޖުގައި ހިޔާލުފާޅުކުރި މީހުން ބުނެފައި ވަނީ މާލެ އާއި މަޑިވަރަކީ އެންމެ 30 ހަކަށް މިނެޓަށް ވުރެ ކުރު ދަތުރެއް ކަމަށާއި އެ ވަރުގެ ދަތުރަކަށް އެއީ މާ ބޮޑު އަގެއް ކަމަށެވެ. އަދި އެއަށް ވުރެ ދުރު އެއާޕޯޓްތަކަށް ކުރާ ދަތުރުތަކުގެ އަގު ވެސް ގާތްގަނޑަކަށް އެއް އަގެއްގައި ހުރުމުން ވެސް އާންމުންގެ ފާޑުކިޔުން ވަނީ މޯލްޑިވިއަންއަށް އަމާޒުވެފަ އެވެ.

އަގާ މެދު ނުރުހުން ވެގެން ހިޔާލުފާޅުކުރި މުހައްމަދު ފަޔާޒު އަލީ ބުނެފައި ވަނީ މާލެ އާއި މަޑިވަރާ ދެމެދު ހުންނަނީ 140 ކިލޯމީޓަރު ކަމަށާއި އެއަށް ވުރެ މާ ދުރު ހއ. ހޯރަފުށީ އެއާޕޯޓަށް ވެސް ޓިކެޓް ވިއްކަނީ 1،113ރ. އަށް ކަމަށެވެ. އަދި މަޑިވަރު އެއާޕޯޓަށް ވުރެ ދުރުގައި އޮންނަ މާފަރު އެއާޕޯޓަށް އެއްކޮޅު ޓިކެޓުގެ އަގަކީ 650ރ. ކަން ފާހަގަކޮށް އޭނާ ބުނެފައި ވަނީ އަގު ކަނޑައަޅާފައިވާ ގޮތް ހަމަ ޖެހޭ ކަމަށް އޭނާއަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

"މިއީ މާ ބޮޑު އަގެއް. އަގުހެޔޮ ކޮށްދެއްވާ،" ފަޔާޒު ބުނެފައިވެ އެވެ.

ޅ. މަޑިވަރު އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖެއްސި ދުވަހު މޯލްޑިވިއަންގެ ކުރޫއަށް އެ އެއާޕޯޓުގެ ވެރިޔާ މަރުހަބާ ދަންނަވަނީ (ފޮޓޯ/ އޭވިއޭޓާޒް މޯލްޑިވްސް)

މުހައްމަދު ޔަމާނީ ކިޔާ މީހަކު ހިޔާލު ފާޅުކުރަމުން ބުނީ މަޑިވަރަށް ދާން ކޮޅަކަށް ހާހެއްހާ ރުފިޔާ ހަރަދު ކުރުމަށް ވުރެ ހަނިމާދުއަށް ދިޔުން ވެސް މާ ރަނގަޅު ކަމަށެވެ. 

ފާތިމަތު ސަޒްނާ ކިޔާ މީހަކު ބުނެފައި ވަނީ ފެރީގައި ޅ. އަތޮޅަށް ދިޔަ ނަމަވެސް މާ ރަނގަޅުވާނެ ކަމަށެވެ. އަދި ފެރީގައި ދެ މީހަކު ދަތުރުކުރަން ހަރަދުވާ ވަރު އެންމެ އެއްކޮޅު ޓިކެޓެއްގެ އަގަށް ނެގުމަކީ އިންސާފެއް ނޫން ކަމަށް އޭނާ ބުނެފައިވެ އެވެ.

މަޑިވަރު އެއާޕޯޓް ކުރުކޮށް

  • ކުރެއްދޫ ހޯލްޑިންސްއާ އެކު ސަރުކާރުން އެއާޕޯޓު އެޅުމަށް އެއްބަސްވުމުގައި ސޮއިކުރީ 29 މޭ 2018ގައި، މަސައްކަތް ފެށީ ވެސް 2018ގެ ތެރޭގައި 

  • ޅ. އަތޮޅުގައި އެންމެ ގިނަ ރިސޯޓު ހިންގަނީ ކުރެއްދޫ ހޯލްޑިންސް/ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން

  • އެއާޕޯޓު މަޝްރޫއު ހަވާލުކުރީ ދެ އަހަރުގެ ތެރޭގައި ނިންމާ ގޮތަށް

  • އެއާޕޯޓުގެ މަސައްކަތް ކުރީ ޗައިނާގެ ބީޔޫސީޖީން؛ އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ތަރައްގީގެ ގިނަ މަސައްކަތްތައް ވެސް ކުރާ ކުންފުނި 

  • 1.2 ކިލޯމީޓަރުގެ ރަންވޭއަކާ އެކު އެއާޓްރެފިކް ކޮންޓްރޯލް ޓަވަރުގެ އިތުރުން، ޒަމާނީ ފެންވަރުގެ އިކުއިޕްމެންޓާ އެކު ޓާމިނަލެއް ތަރައްގީކޮށްފައިވޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް