އިންޑިއާ އައުޓް، އިންޑިއާ މިލިޓަރީ އައުޓް: ޝިޔާމްގެ ތަފުސީލު
މުހިންމު ނުކުތާތައް
ޕީޕީއެމުން ލަފާކުރަނީ ރާއްޖޭގައި އިންޑިއާގެ 1،000 ސިފައިން ތިބޭނެ ކަމަށް
އިންޑިއާއާ އެކު ހަދާފައިވާ އެއްބަސްވުންތަކަކީ ނުރައްކަލެއް
2023 އަށް ޔާމީން ނޫން އެހެން ޗޮއިސްއެއް ނެތް
ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމްވެ ތިބުމާއި އެ ގައުމާ އެކު ދިވެހި ސަރުކާރުން ހަދާފައިވާ އަސްކަރީ ސިއްރު އެއްބަސްވުންތަކާ ގުޅިގެން އިދިކޮޅުން "އިންޑިއާ އައުޓް" ނަމުގައި ކެމްޕެއިން ހިންގަމުން އަންނަތާ މިހާރު ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. މިދިޔަ އަހަރު ފަހުކޮޅު އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމުން މިނިވަންވެވަޑައިގަތުމަށް ފަހު، މި ހަރަކާތް އެއަށް ވުރެ ވެސް ފުޅާކުރި އެވެ. މުޅި ރާއްޖޭގެ ރަށްތަކުގައި ވެސް އެ އަޑުތައް ގަދަވި އެވެ.
އިދިކޮޅުން ބުނާ ގޮތުގައި މައްސަލައަކީ، އިންޑިއާއެއް ނޫނެވެ. އެ ގައުމުގެ މިހާރު އޮތް ސަރުކާރުން މި ގައުމު އަޅުވެތި ކުރުމުގެ މަގަށް ރާއްޖެ ގެންދާ ގެންދިޔުމެވެ. އެކަންކަމަށް މިހާރު މި އޮތް ދިވެހި ސަރުކާރުން ފުރުސަތު ދިނުމެވެ.
އިންޑިއާއަކީ، ރާއްޖެއާ އަވައްޓެރި ޒަމާނުއްސުރެ އެކުވެރި ގުޅުމެއް ބާއްވަމުން އަންނަ ގައުމެކެވެ. އިދިކޮޅުން ސީދާ އިންޑިއާގެ ނަން ބޭނުންކޮށް، އެމީހުން ބޭރުކުރުމަށް ދޭހަވާ ގޮތަށް ސްލޯގަން ހެދުމުން ހަމަ ގައިމުވެސް އިންޑިއާގެ ބައެއް ރައްޔިތުންނާއި ރާއްްޖޭގައި މަސައްކަތް ކުރާ އިންޑިއާ ރައްޔިތުން ހިތުގައި ބިރުވެރިކަމާއި ކަންބޮޑުވުން އުފެދޭނެ އެވެ. ބައެއް މީހުން އުފައްދާ ސުވާލަކީ، 'އިންޑިއާ މިލިޓަރީ އައުޓް' ނުކިޔައި، 'އިންޑިއާ އައުޓް' ކިޔަނީ ކީއްވެގެންތޯ އެވެ.
ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވި ގޮތުގައި މި ކެމްޕެއިންގައި ފުރަތަމަ ބޭނުންކުރި ސްލޯގަން އަކީ އިންޑިއާ މިލިޓަރީ އައުޓް އެވެ. ނަމަވެސް އޭރު އެ ސްލޯގަންއިން އާންމުންނަށް މި މަައްސަލަތައް ތިލަކުރުމަށާއި ޝައުގުވެރިކަން ހޯދަން އުނދަގޫވި ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
"ތިއީ، އަޅުގަނޑުމެންނަށް ވަރަށް ގިނައިން ކުރިމަތިވާ ސުވާލެއް. ވަރަށް ގިނަ ނޫސްވެރިން ތި ސުވާލު ކުރައްވާ. ކީއްވެގެންތޯ އިންޑިއާ އައުޓް؟ ކީއްވެގެންތޯ އިންޑިއާ މިލިޓަރީ އައުޓް ނުކިޔަނީ؟ އަސްލު ހަގީގީ މައްސަލައަކީ، އިންޑިއާ މިލިޓަރީ މިތާ އޮތް އޮތުން. އިންޑިއާ ސިފައިން މިތާ ތިބޭ ތިބުން،" މިިދޔަ މަހު 'ދައުރު'ގެ ހަތް ސުވާލު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވި އެވެ.
"މި ކަންބޮޑުވުމާ އެކު އަޅުގަނޑުމެން އެންމެ ފުރަތަމަ ތެދުވީ އިންޑިއާ މިލިޓަރީ އައުޓް، މި ހޭޝް ޓެގާ އެކު. އަޅުގަނޑުމެން ތެރޭގައި މަޝްވަރާ ކުރެވި، ކޮން ކަހަލަ ގޮތަކަށްތޯ ރައްޔިތުންގެ ސަމާލުކަމަށް [މިކަން ގެންނާނީ] ނުވަތަ ރައްޔިތުންގެ ކަންބޮޑުވުމަށް މިކަންކަން ތިލަކުރާނީ."
ޝިޔާމް ވިދާޅުވީ އިންޑިއާއާ އެކު ސަރުކާރުން ހަދާފައިވާ ސިއްރު އެއްބަސްވުންތަކާ މެދު އެތައް ދަރަޖައަކަށް ކަންބޮޑުވުން އެބަ ހުއްޓެވެ. އެއީ ގައުމަށް ހުރި ނުރައްކަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ. އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން ސަރުކާރު ޖަވާބުދާރީކުރުވައި، މިކަންކަން ރައްޔިތުންނަށް ތިލަކޮށްދިނުމަކީ އެ ޕާޓީގެ މަސްއޫލިއްޔަތެއްކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
"އޭގެ [އެގްރިމަންޓްތަކުގެ] އާހިރު ނަތީޖާއަކަށް ވަނީ ރައްޔިތުން އޭގެ ތަކުލީފްތައް އުފުލަން ޖެހޭނީ. ރާއްޖޭގެ މިނިވަންކަމާއި ރާއްޖޭގެ ސިޔާދަތާ ގުޅިފައި މިހުރީ މި ހުރިހާ ކަމެއް،" ޝިޔާމް ވިދާޅުވި އެވެ.
އެއްވެސް ހާލެއްގައި މި ސްލޯގަންގެ ބޭނުމަކީ އިންޑިއާ ރައްޔިތުންނާ ޖައްސާލައި، އެމީހުން ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލުން ނޫން ކަމަށް ތަކުރާރުކޮށް އޭނާ ވިދާޅުވި އެވެ.
"އެއްވެސް ހާލެއްގައި އަޅުގަނޑުމެންގެ އަމާޒަކީ، [އަދި] އިންޑިއާ އައުޓް މި ސްލޯގަން ގެންގުޅުމުގެ ބޭނުމަކީ، މިތަނުގައި ތިބިއްޔާ ތިބި އިންޑިއާ މީހުން ބޭރުކުރުމެއް ނޫން. އެނގިވަޑައިގަންނަވާނެ އިންޑިއާ އާއި ރާއްޖެއަކީ ވަރަށް މުގައްދަސް ގުޅުމެއް އޮތް ދެ ގައުމު. މާ ކުރީއްސުރެ ވަރަށް ބްރޮދާލީ ގުޅުމެއް އޮތް ދެ ގައުމު،" އެކި ބޭނުންތަކަށް އެތައް ދިވެހިން އިންޑިއާއަށް ދަތުރުކުރާކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވި އެވެ.
"އެއްވެސް ހާލެއްގައި މިތަނުގައި ވަޒީފާ އަދާކުރާ [އިންޑިއާގެ] ޑޮކްޓަރަކަށް، ނަރުހަކަށް ނޫނީ ޓީޗަރަކަށް އަމާޒުކޮށް ނުވަތަ މިތަނުގައި ދިރިއުޅޭ އިންޑިއާގެ އާއިލާތަކަށް އަަމާޒުކޮށް ދައްކާ ވާހަކައެއް ނޫން."
'1،000އަށް ވުރެ ގިނަ އިންޑިއާ ސިފައިން ރާއްޖޭގައި އެބަ ތިބި'
ޝިޔާމް ވިދާޅުވީ އެއްބަސްވުންތަކުގެ އެންމެ ބޮޑު ނުރައްކަލަކީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ ތިބުމެވެ. މި ކެމްޕެއިންގެ ވެސް އެންމެ ބޮޑު މަގްސަދަކީ އެ ކަންބޮޑުވުމާ މެދު އަޑުއުފުލައި އެކަންކަން އެގޮތަށް ނުކުރަން ސަރުކާރަށް ބާރު އެޅުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ކަންބޮޑުވުން ވަރަށް ސާފު. އިންޑިއާގެ ރައްޔިތުންނަށް ވެސް އެނގޭނެ އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ، މިތަނުގައި އިންޑިއާ ސިފައިން ތިބޭ ތިބުން. އިންޑިއާ ސިފައިން މިތަނުގައި އިތުރުކުރާ ކުރުން އަދި އިންޑިއާގެ އަސްކަރީ ވަސީލަތްތައް މިތަނުގައި އިތުރުވެގެންދާ މިންވަރު،" ޝިޔާމް ވިދާޅުވި އެވެ.
"އެބޭފުޅުންނަށް [ރާއްޖޭގައި ތިބި އިންޑިއާގެ މަސައްކަތްތެރިންނަށް] އެނގޭ އަޅުގަނޑުމެން މި ދައްކާ ވާހަކައަކީ ކޮބައިކަން. އެހެންވީމަ އަޅުގަނޑުމެންނާއި ދިވެހި ރައްޔިތުންގެ ފަރާތުން ވެސް ރާއްޖޭގައި ދިރިއުޅޭ އިންޑިއާ ރައްޔިތުންނަށް އާއިލާތަކަށް މިކަމުގެ [އިންޑިއާ އައުޓް ކެމްޕެއިންގެ] ސަބަބުން ބިރުވެރިކަމެއް ނޯންނާނެ. ހަމަ އެގޮތަށް އިންޑިއާ ސަރުކާރުން ވެސް މަސައްކަތް ކުރަން ޖެހޭ [އެ ގައުމުގައި ދިރިއުޅޭ] ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް."
ޑިފެންސް މިނިސްޓްރީން މަޖިލީހުގެ ސަލާމަތީ ކޮމިޓީގައި ހާމަކޮށްފައިވާ ގޮތުން އިންޑިއާގެ ވައިގެ އުޅަނދުތަކުގެ އޮޕަރޭޝަންގައި އެ ގައުމުގެ 75 ސިފައިން ރާއްޖޭގައި ދަނީ ހަރަކާތްތެރިވަމުންނެވެ. ނަމަވެސް ޝިޔާމް ގަބޫލުކުރައްވާ ގޮތުގައި އެ އަދަދު އެއަށް ވުރެ އިތުރުވާނެ އެވެ. އެގޮތުން އޭނާ ވިދާޅުވީ:
-
އިންޑިއާއިން މިތަނަށް ހަދިޔާކޮށްފައިވާ ހެލިކަޕްޓަރު ބަލަހައްޓަން ވެސް އިންޑިއާގެ 24 އަކަށް އޮފިސަރުން ހަރަކާތްތެރިވޭ
-
އައްޑޫގައި އިންޑިއާއިން ގާއިމްކޮށްފައިވާ ޕޮލިސް އެކަޑަމީގައި ވަރަށް ގިނަ އިންޑިއާ ސިފައިން އުޅޭ
-
ހދ. ހަނިމާދޫގައި ވެސް އިންޑިއާގެ ސިފައިން އެބަ ތިބި
-
ލ. ކައްދޫގައި ވެސް އިންޑިއާ ސިފައިން ތިބީ ގާއިމްވެ
-
އުތުރު ތިލަފަޅުގައި ވެސް އިންޑިއާ ސިފައިން ދަނީ ހަރަކާތްތެރިވަމުން
"އެހެންވީމަ އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި މިހާރު ރާއްޖޭގައި 500 އަަށް ވުރެ މަދެއް ނުވާނެ އިންޑިއާ ސިފައިން ހަރަކާތްތެރިވާ ހަރަކާތްތެރިވުން. އެއީ އަޅުގަނޑުގެ އަންދާޒާއަކީ،" ޝިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި 500 އިންޑިއާ ސިފައިންނަކީ ރާއްޖޭގައި ސަލާމަތީ ހިދުމަތްތަކުގައި މަސައްކަތްކުރާ އަދަދުގެ ގާތްގަނޑަކަށް ތިން ބައިކުޅަ އެއްބައެވެ. އެހެންކަމުން އެއީ ވަރަށް ބޮޑު ނުރައްކަލެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.
"އަންއޮތަރައިޒްޑް ބައެއް ކަހަލަ ސޯސްތަކުން ލިބިފައި ހުރި މައުލޫމާތުގެ އަލީގައި ދަންނަވާ ކަމުގައިވާ ނަމަ، 1،000 އަށް ވުރެ ގިނަ އެކި ނަންނަމުގައި [ރާއްޖޭގައި އުޅޭ އިންޑިއާގެ ސިފައިން]. މިސާލަކަށް އެބަހުރި ރެސްޓޯރެންޓް ވެއިންޓަރުންގެ ނަމުގަ އާއި އެކި މަގާމުތަކުގެ ނަންނަމުގައި އިންޑިއާ ސިފައިން މިތަނުގައި ހަރަކާތްތެރިވަމުންދާ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭ،" އޭނާ ވިދާޅުވި އެވެ.
'2023އަށް އޮތް ހަމައެކަނި ޗޮއިސްއަކީ ޔާމީން'
އިދިކޮޅު ލީޑަރު ކުރީގެ ރައީސް ޔާމީން ހުންނެވީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ފައި ނަންގަވައިގެންނެވެ. ނަމަވެސް އެމަނިކުފާނަށް އޮތް ހުރަހަކީ ކޯޓުގައި ހިނގަމުންދާ މައްސަލަތަކެވެ. މީގެ ކުރިން ދައުވާކުރި އެއް މައްސަލައިގެން ސުޕްރީމް ކޯޓާ ހަމައިން އެމަނިކުފާނު ސަލާމަތްވެވަޑައިގެންނެވި ނަމަވެސް ދެ މައްސަލައެއް މިހާރު ވެސް ކްރިމިނަލް ކޯޓުގައި އެބަ އޮތެވެ. އެއިން މައްސަލައެއް ޔާމީންގެ މައްޗަށް ސާބިތުވެއްޖެ ނަމަ، އެމަނިކުފާނަށް ރިޔާސީ އިންތިހާބުގެ ދޮރު ބަންދުވީ އެވެ.
ޝިޔާމް ގަބޫލުކުރައްވާ ގޮތުގައި ޔާމީންގެ މައުސޫމްކަން އެ ޝަރީއަތްތަކުން ހާމަވާނެ އެވެ. އަދި އިންތިހާބުގައި ވާދަވެސް ކުރައްވާނެ އެވެ.
"ރައީސް ޔާމީނަށް ފުރިހަމަ ޔަގީންކަން އެބަ އޮތް އަދި އަޅުގަނޑުމެންނަށް ވެސް ފުރިހަމަ ޔަގީންކަން އެބަ އޮތް އެމަނިކުފާނު މި މައްސަލަތަކުން މައުސޫމްކަމާ އެކު ވަޑައިގަންނަވާނެ ކަމަށް،" ޝިޔާމް ވިދާޅުވި އެވެ.
ޔާމީންގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރުގައި ރާއްޖެއަށް ތަރައްގީ ގެންނެވި އެވެ. ނަމަވެސް ބައެއް އާންމުންގެ ކަންބޮޑުވުމަކީ، ކޮރަޕްޝަނާއި ވައްކަން އެ ސަރުކާރުގައި އިންތިހާއަށް މޫލާފައި އޮތުމެވެ. އެ ހާލަތުގައި ޔާމީނަކީ ރަނގަޅު ޗޮއިސްއަކަށް ވެދާނެ ކަމާ މެދު ބައެއް މީހުން ސުވާލު އުފައްދަ އެވެ. ޔާމީނަށް ވެރިކަމަށް ކުރިމަތިނުލެއްވޭ ހާލަތުގައި ރިޔާސީ ޓީކެޓަށް ޕީޕީއެމް ތެރެއިން އެތައް ބަޔަކު ތަޅަމުންދާކަމުގެ އަޑުތައް ވެސް އަރަ އެވެ. ނަމަވެސް ޝިޔާމް ގަބޫލުކުރައްވާ ގޮތުގައި "2023އަށް އޮތް ޗޮއިސްއަކީ ހަމަ ޔާމީން" އެވެ.
"އަޅުގަނޑުމެން އެ އޮތީ ރައީސް ޔާމީނަށް ޕީޕީއެމްގެ ޓިކެޓް ދީފައި. ދެން ހަމަ ބޮޑު ސެރެމަނީއެއް ބާއްވާފައި އެމަނިކުފާނު ޓިކެޓާ ހަވާލުވެވަޑައިގަތީމަ ހުންނާނީ ރަނގަޅަށް،" ޝިޔާމް ވިދާޅުވި އެވެ.
"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި މިހާރު ގައުމުގައި މި ހުރި މައްސަލަތަކާ ކެރިގެން ބަސް ވިދާޅުވާ ހަމައެކަނި ސިޔާސީ ލީޑަރަކަށް ހުންނެވީ ރައީސް ޔާމީން. ދެން ތިއްބެވި ހުރިހާ ބޭފުޅުން، ކެންޑިޑޭޓެއްގެ ގޮތުގައި ނުކުންނަވަން ބޭނުންފުޅުވާ ކެންޑިޑޭޓުންކަމުގައި ވިޔަސް އެ ތިއްބެވީ، ސަރުކާރު ތެރޭގައި."
ކޮމެންޓް (1)
ތަރުޖަމާ