ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ކުރިއަށް ދަނީ: މަޖިލިހުގެ ތަޅުމެކޭ، ކޮމިޓީއެކޭ ވަކި ތަފާތެއް ނޯންނާނެ (ފޮޓޯ/ މަޖިލިސް)

ބޮޑު މުއައްސަސާއެއްގައި ކުއްލިއަކަށް 'ބަންދު' ބޯޑު

އޭސީސީ މިހާރު އޮތީ ހުސްކަމެއްގައި. އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލިހުގެ އަމަލްތަކުން އެނގެނީ މިނިވަންކަމާ އެކު މަސައްކަތްކުރުމުގެ ފުރުސަތު ކުޑަކަން
28 ޑިސެމްބަރު 2021
2

ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ މެމްބަރުން މިދިއަ އާދިއްތަ ދުވަހު ކޮމިޓީގެ ބައްދަލުވުމުން ނުކުންނެވީ، ވަރަށް ބޮޑު ހިނިތުންވުމެއްގަ އެވެ: އެ ބޭފުޅުންނަށް ހަނގުރާމައެއް ކާމިޔާބުކުރެއްވުނު ފަދަ އެވެ. އެކަމަކު އެ ބައްދަލުވުން ކޮންޓްރޯލްކުރެއްވި އެންމެ ފަސް މެމްބަރުންގެ ނިންމެވުމާ އެކު، ގާނޫނުއަސާސީން އުފެއްދި އޭސީސީގައި، މުއްދަތެއް ނެތް ގޮތަށް "ބަންދު ބޯޑު" އެޅުވުނީ އެވެ.

ކޮމިޓީން ދޫނުދީ ހިފެހެއްޓީ އޭސީސީގެ ހުރިހާ މެމްބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި، ވަކިކުރާށެވެ. އެ ބިރުދެއްކުން އައުމާ އެކު، އޭސީސީގެ ދެ ފިރިހެން މެމްބަރުން އިސްތިއުފާ ދެއްވި އެވެ. އެކަމަކު އަންހެން ތިން މެމްބަރުން އާދީއްތަދުވަހުގެ ބައްދަލުވުމުގައި އެމްޑީޕީގެ މެމްބަރުން "ކުޅޭ ޑްރާމާ" ބައްލަވަން ތިއްބެވީ އެވެ.

ރޮޒައިނާ އާދަމް ރިޔާސަތު ބަލަހައްޓަވާ ކޮމިޓީން، މަޖިލިހުގެ ޗުއްޓީގައި ލޮލުފިޔަ ވެސް ނުޖަހާ ކުރަން ފެށި މަސައްކަތުގެ ސަބަބަކަށް އޭސީސީގެ މެމްބަރުންގެ "ނާގާބިލްކަން" ދައްކަން އުޅުނަސް، ހަގީގަތުގައި އަސްލު ސަބަބަކީ، މިނިސްޓަރެއް/މިނިސްޓަރުންގެ މައްސަލަ އޭސީސީން ބަލަމުން ދިއުން ކަމަށް، މައުލޫމާތު ހުރި ބައެއް މީހުން ލަފާކުރެ އެވެ.

އެ ތުހުމަތުގައި ކުއްލިއަކަށް ކޮމިޓީގެ އެއްވުމެއް ވެސް މި ފަހުން ރާވާލި އެވެ. އެކަމަކު އޭސީސީގެ އޭރުގެ ރައީސް މަރިޔަމް ޝިއުނާ އެވާހަކަ ދޮގުކުރެއްވުމުން، ކޮމިޓީން އެ މައުލޫއު ފޮހެލީ އެވެ.

އޭސީސީއަކީ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ މިނިވަން މުއައްސަސާތަކުގެ ތެރެއިން އެއް ގުނަވަނެވެ. މިހާތަނަށް އޭސީސީގެ ހުރިހާ މެމްބަރުން އިސްތިއުފާ ދީ، އެތަން ހުއްޓުމަކަށް އައިސްފައެއް ނުވެ އެވެ. އެހެންކަމުން އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލިސް ތާރީހުގެ ތެރެއަށް މިވަނީ، އެ ޕާޓީން ކުރިންސުރެ ދެކޮޅު ކަމަށް އަޑުއަރުވާ 'ހުދުމުހުތާރު' ސިފައަކީ، ބާރު ލިބިއްޖެ ނަމަ، އެންމެންނަށް ވެސް ވާރުތަވާ ކަމެއްކަން ސާބިތުކޮށްދީފަ އެވެ.

ހީކުރާ ކަހަލަ ކުޑަ ކަމެއް ނޫން، މިއީ ސީރިއަސް ކަމެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޕީޕީއެމް ކޯލިޝަންގެ ބާރު އޮތް ރައްޔިތުންގެ މަޖިލިހުން ދެއްކީ ހުދުމުހުތާރުކަމާއި "ގާނޫނުއަސާސީއަކާއި ގާނޫނުއަސާސީއެއް، އަހަރެމެން ހަދާނީ އަހަރެމެންނަށް ފެންނަ އެއްޗެކޭ" ބުނާ ކަހަލަ އަމަލްތަކެކެވެ. އަދި މިހާރު މި ފެންނަނީ އެމްޑީޕީން ވެސް ނަހަމަ ގޮތުގައި ބާރު ބޭނުންކުރާ ތަނެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އިންނަވާ އެމްއެންޕީގެ މެމްބަރު އަދި ގާނޫނީ ވަކީލް އަހުމަދު އުޝާމް ގަބޫލުކުރައްވަނީ އޭސީސީގެ ހުރިހާ މެމްބަރުން އިސްތިއުފާ ދެއްވުމަކީ ކުޑަ ކަމެއް ނޫން ކަމަށެވެ.

"މި ދައްކަނީ ހަމަ ވަރަށް ސީރިއަސް މައްސަލައެއްގެ ވާހަކަ،" މި ނޫހާ ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީން މިއަށް ވުރެ ޒިންމާދާރުވާން ޖެހޭނެ."

އޭސީސީގެ މެމްބަރުން ވަކިކުރަން މަޖިލިހުގެ ތަޅުމުގައި އަދި ވޯޓެއް ނުނަގަ އެވެ. އެކަމަކު ހުއްޓުމެއް ނެތި އިންޒާރު ދޭން ފެށުމުން އޭސީސީގެ މެމްބަރުންނަށް އިސްތިއުފާ ދެއްވުން ނޫން ގޮތެއް ފެނިވަޑައިނުގަތީ އެވެ. ދިފާއުގައި ތިން މެމްބަރުން ފޮނުއްވި 21 ސަފުހާގެ ބަޔާނަށް ދެވަނަ ނަޒަރެއް ދެއްވުމެއް ނެތި، މެޖޯރިޓީ އޮތް ފަސް މެމްބަރުން ނިންމެވީ އޭސީސީގެ ތިން މެމްބަރުން ވަކިކުރަން ފެންނަ ކަމަށެވެ. އޭގެ މާނައަކީ އެ މައްސަލަ ތަޅުމަށް ފޮނުވަން ނިންމުމެވެ. އެމްޑީޕީގެ ލީޑަޝިޕުން ރާވައިގެން ހިންގާ ކަމަކަށް ވާތީ، އެހާ ހިސާބުން އޭސީސީގެ މެމްބަރުންނަށް ސަލާމަތެއް ނެތްކަން ކަށަވަރުވީ އެވެ. އެހެންކަމުން ތިން މެމްބަރުން ވެސް، ތަޅުމުގެ ވޯޓަށް މަޑުނުކުރައްވާ އިސްތިއުފާ ދެއްވި އެވެ.

މިހާރު މިވީ ގޮތަކީ މުއައްސަސާ އެ އޮތީ ހަމަ ހުސްކަމެއްގައި. އެތަނުން އެއްވެސް ކަމެއް ނުކުރެވޭނެ. ކަމެއްގައި ގޮތެއް ނުނިންމޭނެ

އަހުމަދު އުޝާމް، ވިލިމާލެ މެމްބަރު

ކޮމިޓީގައި އުޝާމް ވިދާޅުވީ ބަޔާންތައް ދިރާސާކުރަން އިތުރު ވަގުތަށެވެ. އެކަމަކު އާންމުންނަށް ނޭނގޭ ސިއްރެއް އޮތްކަން ޝައްކުކުރެވޭ ކަހަލަ ގޮތަކަށް، މި ޗުއްޓީ ތެރޭގައި އެ ކޮމިޓީން އޭސީސީއާ އަޅައިގަނެގެން އުޅެގަތީ، ކަމެއް ދިރާސާކޮށްލަން ވަގުތުކޮޅެއް ދޭ ކަހަލަ ޑިމޮކްރެޓިކް އަދި ޒިންމާދާރު ހަމަތަކެއްގައެއް ނޫނެވެ.

އުޝާމް ވިދާޅުވި ގޮތުގައި އޭސީސީ މެމްބަރުން ފޮނުއްވި ސިޓީގައި ހުރީ ވެސް ގާނޫނީ ސީރިއަސް ވާހަކަތަކެކެވެ. އެހެންކަމުން އެ ވާހަކަތައް ދިރާސާކުރުމަކީ ކޮމިޓީގެ ޒިންމާއެއް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"މިހާ ސީރިއަސް އިޝޫއެއްގައި ގޮތެއް ނިންމާއިރު ވަގުތު އޮވެގެން ނިންމަން ވާނީ. މަޝްވަރާކޮށް، އެންމެންގެ ހިޔާލު ހޯދައިގެން ކަމަށް އަޅުގަނޑު ގަބޫލުކުރަނީ ނިންމަން ޖެހޭނީ،" އުޝާމް ވިދާޅުވި އެވެ.

މެމްބަރުން ވެސް އަދި މަޑުކޮށްލި ނަމަ...

އުޝާމް އަމިއްލަ ހައިސިއްޔަތުން ގަބޫލުކުރައްވާ އެހެން ކަމެއް ވެސް، މި މައްސަލާގައި އެބަ އޮތެވެ: އޭސީސީގެ ތިން މެމްބަރުން ވެސް އިހަށް އަދި މަޑުކޮށްލެއްވުމެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޖިލިސް ޗުއްޓީގައި އޮތުމުން އެ މައްސަލަ ތަޅުމާ ހަމައަށް ފޮނުވަން އަދި ދުވަސްކޮޅެއް ނަގާނެ އެވެ. އެހެންކަމުން އޭސީސީ ކަހަލަ ބޮޑު މުއައްސަސާއެއް މުޅިން ހުއްޓުނަނުދޭން، އެ ތިން މެމްބަރުން، ރައީސް މަރިޔަމް ޝިއުނާ އާއި ނައިބު ރައީސް ފާތިމަތު އަނޫލާ އަދި މެމްބަރު އައިޝަތު އަބްދުﷲ، މަޑުކޮށްލެއްވުން ރަނގަޅެވެ. މަޖިލިހުގައި އެޖެންޑާކުރާ ހިސާބަށް ވެސް އޭސީސީގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ފުރުސަތު، އޭރުން އޮތީހެވެ.

 ވިލިމާލެ ދާއިރާގެ އެމްއެންޕީ މެންބަރު އަހްމަދު އުޝާމް މަޖިލިހުގެ ޖަލްސާއެއްގައި (ފޮޓޯ/ މަޖިލިސް)

"އެކަމަކު މިހާރު މިވީ ގޮތަކީ މުއައްސަސާ އެ އޮތީ ހަމަ ހުސްކަމެއްގައި. އެތަނުން އެއްވެސް ކަމެއް ނުކުރެވޭނެ. ކަމެއްގައި ގޮތެއް ނުނިންމޭނެ،" އުޝާމް ވިދާޅުވި އެވެ.

އޭނާ އެހެން ވިދާޅުވިޔަސް، އަނެއް ކޮޅުން، އޭސީސީގެ މެމްބަރުން ވެސް އެ ބޭފުޅުންގެ އަމިއްލަ އުސޫލުތަކެއް ހުންނާނެ އެވެ. އެހެންކަމުން ކޮމިޓީއަށް އެ ބޭފުޅުންގެ އިތުރުބާރު ގެއްލޭ ހިސާބުން، ތަޅުމުން ވަކި ގޮތެއް ނިންމަންދެން މަޑުން ތިއްބެވުމަކީ ވެސް އެކަށީގެންވާ ކަމެއް ނޫނެވެ. ރައްޔިތުންގެ މަޖިލިހުގެ ތަޅުމަކީ ވެސް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ ފަދަ ތަނެކެވެ. ތަފާތަކީ ތަޅުމުގައި މެމްބަރުން ގިނަވުމެވެ. 

ކަންވެ ނިމިއްޖެ އެވެ. އޭސީސީ އެ އޮތީ ހުސްކޮށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ މިކަހަލަ ކަންކަމުގައި، ހަނުހުންނަވާ ބޭފުޅެކެވެ. ޕާޓީގެ މެމްބަރުން ކޮށްފިއްޔާ ކޮންމެ ކަމެއް ވެސް ހެޔޮ ކަމަށް ގަބޫލުކުރައްވާ ރައީސެކެވެ. އެ މަނިކުފާނަށް ދެން އޮތީ، އާ މެމްބަރުންނަށް އިއުލާންކުރައްވައި، އާ ނަންތަކެއް މަޖިލިހަށް ފޮނުއްވުމެވެ. އެކަމަކު ރައްޔިތުންގެ މަޖިލިހުން ކޮންމެ ވަގުތަކު ވެސް ބަޔަކާ ދިމާކޮށްލަފާނެކަމުގެ ބިރު މިހާރު އެބަ އޮތެވެ. އެހެންކަމުން މިކަހަލަ މުއައްސަސާތަކަށް އެކަށީގެންވާ ގާބިލް މީހުން ހޯދަން އިތުރު ހުރަސްތަކެއް ކުރިމަތިވުން ވަރަށް ކައިރި އެވެ.

ބަޔަކު ލިބިދާނެ އެވެ. ބަޔަކު ކުރިމަތި ވެސް ލާފާނެ އެވެ. ބަޔަކު އައްޔަން ވެސް ކުރެވިދާނެ އެވެ. އެކަމަކު އޭސީސީ ކަހަލަ ތަނެއް މިނިވަންކަމާ އެކު މަސައްކަތްކުރެވޭނީ ކިހާ ވަރަކަށް ކަމާ މެދު، މިހާރު މި އޮތީ ސީރިއަސް ސުވާލުތަކެއް އުފެދިފަ އެވެ. "ތިމަންނަމެން އެއްވެސް މުއައްސަސާއެއްގެ މަސައްކަތަކާ ނުބެހޭ ނަމޭ" ބުންޏަސް، ހަގީގަތް ކިޔައިދޭ ވާހަކަ އަދި މުޅިން ތަފާތެވެ.

އިތުރަށް ކިޔާލަން:

ކޮމެންޓް (2)

ނަޒާހާ

28 ޑިސެމްބަރު 2021
މި މަޖިލީހުން ރާއްޖޭގެ ހުރިހާ މިނިވަން މުއައްސަސާތަކެއްގެ މެމްބަރުންނަށް ހަމަ ތިހާލު ޖެއްސިކަން ތިޔަ ސްޓޭޓްމަންޓްގަ އޮތްނަމަ ނިކަން ފުރިހަމަވީީސް. އިންޓެގްރިޓީ ކޮމިޝަން، ސިވިލް ސަރވިސް ކޮމިޝަން، ހިއުމަން ރައިޓްސް ކޮމިޝަން، އޭސީސީ ވަކިކުރި އަދި އޮޑިޓަރ ޖެނެރަލް ޒިޔަތު ވެސް ވަކި ވުމުގެ އަސާސަކީ މި މަޖިލިސް. ސުޕަރ މެޖޯރިޓީއަށް ވެދުން
1 0

އޭސީސީން

28 ޑިސެމްބަރު 2021
އޭސީސީ އަށް ލައިފައި ތިބި ވަކިކުރަން ޖެހޭ ކަމަށް ބުނާތާ އެތައް ދުވަހެއް ވެއްޖެ. އިއްޔެއަކު މިއަދަކު ނޫން. ރަނގަޅަށް ފުލް ސްޕީޑުގައި މަސައްކަތް ކުރާނެ ކަމަށް ބެލެވުނު މީހުންނަށް މިހާތަނަށް މާބޮޑު މަސައްކަތެއް ނުވި. އެމްއެމްޕީއާރުސީ މައްސަލަ މައްޗަށް އަރާ ތިބެވުނީމަ ދެން ޖެހޭނީ ފޮޅާލަން
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް