ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭހް ހަސީނާ މިއަދު ރައީސް އޮފީހުގައި ދެއްވި ގުޅިފައިވާ ބަޔާނަށް ފަހު އެ ހޯލުން ނުކުމެވަޑައިގަންނަވަނީ. (ފޮޓޯ/ ރައީސް އޮފީސް)

ރާއްޖެ އާއި ބަންގާޅުގެ ގުޅުމަށް މިއީ ބޮޑު އަހަރެއް؛ ކުރިއަށް އޮތީ މާ ފާގަތި ދުވަސްތަކެއް: 2 ލީޑަރުން

ބަންގްލަދޭޝް އިން ރާއްޖެއަށް ދެމުން ގެންދާ އެހީތެރިކަން ރައީސް ސޯލިހް ފާހަގަކުރެއްވި
23 ޑިސެމްބަރު 2021

ރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުމުގައި މިއީ ވަކިން ހާއްސަކޮށް ފާހަގަކޮށްލެވޭ އަހަރެއް ކަމަށް ވިދާޅުވެ، ދެކުނު އޭޝިއާ ސަރަހައްދުގެ އަވަށްޓެރި މި ދެ ގައުމުގެ ދެމެދު އޮންނަ ގުޅުން ކުރިއަށް އޮތް ތަނުގައި އެކި ދާއިރާތަކުން އިތުރަށް ބަދަހިކުރަައްވާނެ ކަމުގެ ޔަގީންކަން ދެ ގައުމުގެ ވެރިން މިއަދު ދެއްވައިފި އެވެ.

ވީ ކިހިނެއް؟ - ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދައުވަތަކަށް އިއްޔެ ރާއްޖެ ވަޑައިގެންނެވި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭހު ހަސީނާއާ، ރައީސް ސޯލިހް މިއަދު ވަނީ ރައީސް އޮފީހުގައި ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދު ރަސްމީ މަޝްވަރާތައް ބާއްވައިފަ އެވެ. އެ މަޝްވަރާތަކަށް ފަހު ދެ ގައުމުގެ ވެރިން ވަނީ، ގުޅިފައިވާ ބަޔާނެއް ދެއްވައިފަ އެވެ.

ބުނީ ކީކޭ؟ - ބަޔާން ފައްޓަވަމުން ރައީސް ސޯލިހް ވަނީ، ރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދު އޮތް "ޒަމާންވީ، ގާތް ގުޅުން" ފާހަގަކުރައްވައި އެ ގުޅުން ބިނާވެފައި ވަނީ ދެ ގައުމުން ހިއްސާކުރާ "ދީނީ އަދި ސަގާފީ އުސޫލުތަކުގެ މައްޗަށް" ކަމަށް ވިދާޅުވެފަ އެވެ.

"ރާއްޖެ އާއި ބަންގްލަދޭޝްގެ ގުޅުމުގައި މިއީ ވަކިން ހާއްސަކޮށް ފާހަގަކޮށްލެވޭނެ އަހަރެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭހް ހަސީނާ މިއަދު ގުޅިފައިވާ ބަޔާނެއް ދެއްވަނީ. (ފޮޓޯ/ ރައީސް އޮފީސް)

ބަންގްލަދޭޝްގެ ދީލަތި އެހީއަށް ރައީސްގެ ޝުކުރު

ރައީސް ވަނީ، ބަންގްލަދޭޝް އިން ރާއްޖެއަށް ދެމުން ގެންދާ އެހީތެރިކަން ފާހަގަކުރައްވައިފަ އެވެ. އެގޮތުން، އެ މަނިކުފާނު ފާހަގަކުރެއްވި މައިގަނޑު ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:

  • ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ބަންގްލަދޭޝް އިން ރާއްޖެއަށް ކާނާ، ބޭސް އަދި ސިއްހީ ސާމާނު ފޯރުކޮށްދިނުން

  • ކޮވިޑް ވެކްސިން ޖެހުމަށް ރާއްޖޭން ކުރިއަށް ގެންދާ ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދިނުން

  • ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ މަސައްކަތްތެރިން، ރާއްޖޭގެ އިގްތިސާދު ކުރިއަށް ގެންދިއުމުގައި ވަމުން އަންނަ ހިއްސާ

  • ޑޮކްޓަރުކަން ކިޔެވުމަށް ދިވެހި ދަރިވަރުންނަށް ބަންގްލަދޭޝް އިން ފަހިކޮށްދެމުން އަންނަ ފުރުސަތުތައް

  • ސިއްހީ އަދި މަތީ ތައުލީމުގެ ދާއިރާ އިން ބަންގްލަދޭޝް އިން ފޯރުކޮށްދެމުން އަންނަ އެހީތެރިކަން

"މި ދީލަތި އެހީތެރިކަމަށް އަޅުގަނޑާއި ދިވެހި ސަރުކާރުގެ އިތުރުން ދިވެހި ރައްޔިތުންގެ ނަމުގައި، ކަމަނާ އަށާއި ބަންގްލަދޭޝްގެ ސަރުކާރަށް އަދި ރައްޔިތުންނަށް ޝުކުރު އަދާކުރަން. ހާއްސަކޮށް، މަތީ ތައުލީމާއި ސިއްހަތު އަދި މީހުން ބިނާކުރުމުގެ ދާއިރާ އިން ދެމުން ގެންދާ އެހީތެރިކަން ފާހަގަކުރަން،" އިނގިރޭސި ބަހުން ދެއްވި ބަޔާނުގައި ރައީސް ވިދާޅުވި އެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭހު ހަސީނާ 22 ޑިސެމްބަރު 2021 އިން 27 ޑިސެމްބަރު 2021އަށް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ދެ ގައުމުގެ ދެމެދު މިއަދު ހެނދުނު ބޭއްވި ރަސްމީ މަޝްވަރާތަކުގައި ރައީސް ސޯލިހް ބައިވެރިވެވަޑައިގަންނަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ރައީސް ސޯލިހް ވަނީ، ބަންގްލަދޭޝް އިން ހޯދާފައިވާ ކުރިއެރުންތައް ފާހަގަކުރައްވައި އެ ކަންކަމަށް ވެސް ބޮޑުވަޒީރު ހަސީނާ އަށާއި ބަންގަލަދޭޝްގެ ރައްޔިތުންނަށް މަރުހަބާ ވިދާޅުވެފަ އެވެ. އެގޮތުން، އެ މަނިކުފާނު ފާހަގަކުރެއްވި ކަންކަމަކީ:

  • ބަންގްލަދޭޝްގެ އިގްތިސާދު ކުރިއަރަމުން އަންނަ ބާރު ދުވެލި

  • އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން ތަރައްގީވަމުން އަންނަ ގައުމުތަކުގެ ލިސްޓަށް އެރުން

  • ބަންގަަލަދޭޝްގެ ސިޔާސީ މަސްރަހަށް އައިސްފައިވާ ހަމަޖެހުން

... މަނިކުފާނުގެ ނައިބު ރައީސް މިދިޔަ ނޮވެމްބަރު މަހު ބަންގްލަދޭޝްއަށް ޒިޔާރަތްކުރެއްވި. އެއާ ޖެހިގެން އަޅުގަނޑުގެ ފޮރިން ސެކްރެޓަރީ ރާއްޖެ ވަޑައިގެން، ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި. އެ ކަމަށް މާ ގިނަ ދުވަހެއް ނުވެ އަޅުގަނޑު މި ހުރީ ރާއްޖޭގައި.

ޝޭހު ހަސީނާ / ބަންގްލަދޭޝްގެ ބޮޑުވަޒީރު

ހަސީނާ ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރު

އެނގުން މުހިންމު - މިއީ ޝޭހު ހަސީނާ ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މީގެ ކުރިން އެ ކަމަނާ ރާއްޖެއަށް ވަޑައިގެންފައި ވިޔަސް، އެ ދެ ފަހަރު ވެސް ވަޑައިގެންނެވީ ރާއްޖޭގައި ބޭއްވި ސާކު ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށެވެ.

ރައީސް ސޯލިހާއި ޝޭހު ހަސީނާ މިއަދު ބައްދަލުކުރައްވަނީ. (ވީޑިއޯ/ރައީސް އޮފީސް)

ރައީސް ސޯލިހަށް ފަހު، ހަތް ދުވަހުގެ މުއްދަތަކަށް ރާއްޖެ ވަޑައިގެންނެވި ޝޭހު ހަސީނާ ދެއްވި ބަޔާނުގައި އެ ކަމަނާ ވެސް ވަނީ ދެ ގައުމުގެ ދެމެދު އޮތް ގާތް ގުޅުމަށް އަލިއަޅުވާލައްވައިފަ އެވެ. އެގޮތުން، އެ ކަމަނާ ވިދާޅުވީ، ބަންގްލަދޭޝްގެ ބާނީ ޝޭހު މުޖީބުއްރަހުމާންގެ އުފަން ދުވަހާއި ބަންގްލަދޭޝްގެ 50 ވަނަ މިނިވަން ދުވަސް މިދިޔަ މާޗު މަހު ފާހަގަކުރީ ރައީސް ސޯލިހާ އެކު ޑާކާގައި ކަމަށެވެ.

"އެއަށް ފަހު މަނިކުފާނުގެ ނައިބު ރައީސް މިދިޔަ ނޮވެމްބަރު މަހު ބަންގްލަދޭޝްއަށް ޒިޔާރަތްކުރެއްވި. އެއާ ޖެހިގެން އަޅުގަނޑުގެ ފޮރިން ސެކްރެޓަރީ ރާއްޖެ ވަޑައިގެން، ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި. އެ އަށްފަހު މާ ގިނަ ދުވަހެއް ނުވެ އަޅުގަނޑު މި ހުރީ ރާއްޖޭގައި،" ހިނިތުންވެވަޑައިގެން ހުންނަވައި، މުޖީބުއްރަހުމާންގެ ދަރިކަނބަލުން ޝޭހު ހަސީނާ ވިދާޅުވި އެވެ.

ރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދު މިއަދު ބޭއްވި ރަސްމީ މަޝްވަރާތަކުގައި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭހު ހަސީނާ ބައިވެރިވެވަޑައިގަންނަވަނީ. (ފޮޓޯ/ ރައީސް އޮފީސް)

ދެ ގައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރަން އެ ކަމަނާ ޝައުގުވެރިކަން ބަހައްޓަވާ ދާއިރާތަކެއް ވެސް ޝޭހު ހަސީނާ ހިއްސާކުރެއްވި އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ބަންގްލަދޭޝްގެ ކާރުހާނާތައް އިތުރުވެ، އުފެއްދުންތެރިކަން ފުޅާވެފައި ވާތީ ހެޔޮ އަގުގައި ރާއްޖެއަށް މުދާ ފޯރުކޮށްދިނުން

  • ދެ ގައުމުގެ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއް ގާއިމްކުރުން

  • އިންވެސްޓުމެންޓުތަކަށް ރައްކާތެރިކަން ހޯދައިދިނުމާ ގުޅޭ އެއްބަސްވުމެއް ގާއިމްކުރުން

ރައީސް ސޯލިހް މިއަދު ދެއްކެވި ވާހަކަފުޅު. (ވީޑިއޯ/ރައީސް އޮފީސް)

އެނގުން މުހިންމު - ދެ ލީޑަރުންގެ ދެމެދު މިއަދު ބޭއްވި ރަސްމީ މަޝްވަރާތަކަށް ފަހު ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ. އެއީ:

  • އެއް ގައުމުން އަނެއް ގައުމަށް އެތެރެކުރާ މުދަލުން ދެ ފަހަރު ޓެކްސް ނެގުން ނުވަތަ ޑަބަލް ޓެކްސޭޝަން އުވާލުމާ ގުޅޭ އެއްބަސްވުމެއް

  • ގައިދީން ބަދަލުކުރުމުގެ އެއްބަސްވުމެއް

  • ޒުވާނުންނާއި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމާ ގުޅޭ އެމްއޯޔޫއެއް

  • ސިއްހީ ދާއިރާ އިން ގުޅުން ބަދަހިކުރުމާ ގުޅޭ އެއްބަސްވުމެއް

ރާއްޖެ އާއި ބަންގްލަދޭޝްގެ ގުޅުމުގައި މިއީ ވަކިން ހާއްސަކޮށް ފާހަގަކޮށްލެވޭނެ އަހަރެއް.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ރާއްޖެ-ބަންގްލަދޭޝްގެ ގުޅުން:

  • ދެ ގައުމުގެ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރީ 22 ސެޕްޓެމްބަރު 1978ގައި

  • ބަންގްލަދޭޝްގެ ހައި ކޮމިޝަނެއް ރާއްޖޭގައި ހުޅުވީ 1998ގައި

  • ރާއްޖޭގެ ހައި ކޮމިޝަނެއް 2008ގައި ބަންގްލަދޭޝްގައި ހުޅުވި

  • ފޮރިން މިނިސްޓްރީގެ ބަޖެޓު ކުޑަކުރުމާ ގުޅިގެން، ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަން މާޗު 2014ގައި ބަންދުކުރި

  • ޖުލައި 2015ގައި، ބަންގްލަދޭޝްގައި ހުންނަ ދިވެހި ހައި ކޮމިޝަން އަލުން ހުޅުވި

  • ޑިސެމްބަރު 2014ގައި، މާލެ ފެނަށް ޖެހުމުން ބަންގްލަދޭޝް އިން ރާއްޖެއަށް 100،000 ލީޓަރުގެ ފެން ފޮނުވި

  • އޭޕްރީލް 2020ގައި، ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ބަންގްލަދޭޝް އިން ރާއްޖެއަށް 100 ޓަނުގެ ކާނާ، ބޭސް އަދި ސިއްހީ ސާމާނު ފޯރުކޮށްދިން

  • ކޮވިޑް ވެކްސިން ޖެހުމަށް ރާއްޖޭން ކުރިއަށް ގެންދާ ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދޭން، މިދިޔަ މާޗު މަހުގެ ތެރޭގައި ބަންގްލަދޭޝްގެ ވައިގެ ސިފައިންގެ ޓީމެއް ފޮނުވި

  • 2019ގައި، ރާއްޖޭން ބަންގްލަދޭޝްއަށް 2.64 މިލިއަން ޑޮލަރު (40.8 މިލިއަން ރުފިޔާ)ގެ މުދާ އެކްސްޕޯޓުކުރި

  • 2019ގައި، ބަންގްލަދޭޝް އިން ރާއްޖެއަށް 3.9 މިލިއަން ޑޮލަރު (60.3 މިލިއަން ރުފިޔާ)ގެ މުދާ އިމްޕޯޓްކުރި

ޝޭހު ހަސީނާއަށް އިއްޔެ އެއާޕޯޓުން މަރުހަބާ ދަންނަވަނީ. (ވީޑިއޯ/ރައީސް އޮފީސް)

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް