ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭހު ހަސީނާއާ ރައީސް އިިބްރާހިމް ސޯލިހު މިއަދު ބައްދަލުކުރައްވަނީ. (ފޮޓޯ/ ރައީސް އޮފީސް)

ރައީސް ސޯލިހު، ޝޭހު ހަސީނާއާ ބައްދަލުކުރައްވައިފި

މި ބައްދަލުކުރެއްވުމުގައި ރަސްމީ ވާހަކަތައް ބާއްވައި މަޝްވަރާތައް ކުރެއްވި
23 ޑިސެމްބަރު 2021

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް އިއްޔެ ރާއްޖެ ވަޑައިގެންނެވި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭހު ހަސީނާއާ އެ މަނިކުފާނު މިއަދު ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ފައްޓަވައިފި އެވެ.

ވީ ކިހިނެއް؟ - ޝޭހު ހަސީނާ ރާއްޖެ ވަޑައިގަތީ އިއްޔެ އެވެ. ނަމަވެސް އެކަމަނާގެ ޒިޔާރަތުގެ ރަސްމީ ހަރަކާތްތައް ފެށީ މިއަދު އެވެ. 

ޝޭހު ހަސީނާ މިއަދު މާލެ ވަޑައިގަތުމުން، އެ ކަމަނާއަށް މަރުހަބާ ވިދާޅުވީ ރައީސް ސޯލިހެވެ. އަދި ޝޭހު ހަސީނާއަށް ރަސްމީކޮށް މަރުހަބާދެންނެވުން ޖުމްހޫރީ މައިދާނުގައި ކުރިއަށް ގެންދިޔަ އެވެ.

ތަފްސީލް - މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތަށް ފަހު، ރައީސް ސޯލިހުގެ އަރިހުގައި ޝޭހު ހަސީނާ ވަޑައިގަތީ ރައީސް އޮފީހަށެވެ. ރައީސް އޮފީހަށް ވަޑައިގެން އެ ކަމަނާ ވަނީ އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވައިފަ އެވެ.

އެއަށް ފަހު ދެ ބޭފުޅުން ވަނީ ރަސްމީ ވާހަކަތައް ބާއްވައި މަޝްވަރާތައް ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގެ ތަފްސީލުތައް ހާމަކުރުން އޮންނާނީ ދެ ގައުމުގެ ދެމެދުގައި އެއްބަސްވުންތައް ބަދަލުކުރުމަށް ފަހު ދެއްވާ ގުޅިފައިވާ ބަޔާނުގަ އެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭހު ހަސީނާ، އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި މިއަދު ސޮއިކުރައްވަނީ: (ފޮޓޯ/ ރައީސް އޮފީސް)
ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭހު ހަސީނާއާ ރައީސް އިިބްރާހިމް ސޯލިހު މިއަދު ބައްދަލުކުރައްވަނީ: (ފޮޓޯ/ ރައީސް އޮފީސް)

4 އެއްބަސްވުމެއްގައި ސޮއިކުރާނެ

ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި، ދެ ލީޑަރުންގެ ދެމެދު މިއަދު ބާއްވާ ރަސްމީ މަޝްވަރާތަކަށް ފަހު ހަތަރު އެއްބަސްވުމެއްގައި ސޮއިކުރާނެ އެވެ. އެއީ:

  • އެއް ގައުމުން އަނެއް ގައުމަށް އެތެރެކުރާ މުދަލުން ދެ ފަހަރު ޓެކްސް ނެގުން ނުވަތަ ޑަބަލް ޓެކްސޭޝަން އުވާލުމާ ގުޅޭ އެއްބަސްވުމެއް

  • ގައިދީން ބަދަލުކުރުމުގެ އެއްބަސްވުމެއް

  • ޒުވާނުންނާއި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމާ ގުޅޭ އެމްއޯޔޫއެއް

  • ސިއްހީ ދާއިރާ އިން ގުޅުން ބަދަހިކުރުމާ ގުޅޭ އެއްބަސްވުމެއް

މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ ރަމްޒެއްގެ ގޮތުން، 13 އަސްކަރީ އުޅަނދު ހަދިޔާކުރާނެ ކަމަށް ވެސް ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ. ނަމަވެސް، އެއީ ކޮން ކަހަލަ އުޅަނދުތަކެއް ކަމެއް އަދި އޭގެ އިތުރު ތަފްސީލެއް ދީފައެއް އެވެ.

ގުޅުންހުރި ކަމެއް - ޝޭހު ހަސީނާ ރައްޔިތުންގެ މަޖިލީހުގައި މިއަދު ތަގުރީރުކުރައްވާނެ އެވެ. މަޖިލީހުގެ ދައުރުން ބޭރުން މިއަދު ހަވީރު 4ގައި ބާއްވާ ޖަލްސާއަށް ޖުމްލަ 153 ބޭފުޅުންނަށް ވަނީ ދައުވަތު ދީފަ އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް