ރާއްޖެއަށް ކުރައްވާ ހަތް ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭހު ހަސީނާ މިއަދު ރާއްޖެއަށް ވަޑައިގެން، ބޯޓުން ފައިބާވަޑައިގަންނަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ޝޭހު ހަސީނާ 7 ދުވަހުގެ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

ރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދު މާދަމާ ރަސްމީ މަޝްވަރާތައް ބާއްވައި ހަތަރު އެއްބަސްވުމެއްގައި ސޮއިކުރާނެ
22 ޑިސެމްބަރު 2021

އަވަށްޓެރި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭހު ހަސީނާ، ހަތް ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ޝޭހު ހަސީނާ ރާއްޖެ ވަޑައިގެންނެވީ މިއަދު މެންދުރު ފަހު 3 އެހާކަންހާއިރު އެވެ. ޝޭހު ހަސީނާ ދަތުރުކުރެއްވި ބަންގްލަދޭޝްގެ ގައުމީ އެއާލައިން، ބިމާން ބަންގްލަދޭޝް އެއާލައިންސްގެ 787 މަތިންދާބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ޖެއްސުމުން، ރަތްދޫލައިން އެ ކަމަނާއަށް މަރުހަބާ ދެންނެވީ، ފޮރިން މިނިސްޓްރީ ހިންގުމާ ހަވާލުވެ ހުންނެވި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލާއި ފޮރިން ސެކްރެޓަރީ އަބްދުލްގަފޫރު މުހައްމަދެވެ.

ތަފްސީލް - ހަތް ދުވަހުގެ މި ދަތުރުފުޅުގައި މިއަދު ރަސްމީ އެއްވެސް ހަރަކާތެއް ނޯންނާނެ އެވެ. މާދަމާ ކުރިއަށް ގެންދާ ކަންތައްތަކުގެ ތެރޭގައި:

  • ރައީސް ސޯލިހާ ބައްދަލުކުރައްވާނެ

  • ޝޭހު ހަސީނާގެ ޝަރަފުގައި އޮނަގާޑެއް އަރުވާނެ

  • ދެ ގައުމުގެ ދެމެދު ރަސްމީ މަޝްވަރާތައް ބާއްވާނެ

  • ދެ ލީޑަރުން ގުޅިފައިވާ ބަޔާނެއް ދެއްވާނެ

ރާއްޖެއަށް ކުރައްވާ ހަތް ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭހު ހަސީނާ މިއަދު ރާއްޖެއަށް ވަޑައިގެން، ބޯޓުން ފައިބާވަޑައިގެންނެވުމުން އެ ކަމަނާއަށް މާބޮނޑިއެއް އަރުވަނީ. (ފޮޓޯ/ރައީސް އޮފީސް)

4 އެއްބަސްވުމެއްގައި ސޮއިކުރާނެ

ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި، ދެ ލީޑަރުންގެ ދެމެދު މާދަމާ ބާއްވާ ރަސްމީ މަޝްވަރާތަކަށް ފަހު ހަތަރު އެއްބަސްވުމެއްގައި ސޮއިކުރާނެ އެވެ. އެއީ:

  • އެއް ގައުމުން އަނެއް ގައުމަށް އެތެރެކުރާ މުދަލުން ދެ ފަހަރު ޓެކްސް ނެގުން ނުވަތަ ޑަބަލް ޓެކްސޭޝަން އުވާލުމާ ގުޅޭ އެއްބަސްވުމެއް

  • ގައިދީން ބަދަލުކުރުމުގެ އެއްބަސްވުމެއް

  • ޒުވާނުންނާއި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމާ ގުޅޭ އެމްއޯޔޫއެއް

  • ސިއްހީ ދާއިރާ އިން ގުޅުން ބަދަހިކުރުމާ ގުޅޭ އެއްބަސްވުމެއް

މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ ރަމްޒެއްގެ ގޮތުން، 13 އަސްކަރީ އުޅަނދު ހަދިޔާކުރާނެ ކަމަށް ވެސް ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ. ނަމަވެސް، އެއީ ކޮން ކަހަލަ އުޅަނދުތަކެއް ކަމެއް އަދި އޭގެ އިތުރު ތަފްސީލެއް ދީފައެއް އެވެ.

ރާއްޖެއަށް ކުރައްވާ ހަތް ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭހު ހަސީނާ މިއަދު ރާއްޖެއަށް ވަޑައިގެން، ފޮރިން މިނިސްޓްރީ ހިންގުމާ ހަވާލުވެ ހުންނެވި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލާ އެކު އެއާޕޯޓުގައި. (ފޮޓޯ/ރައީސް އޮފީސް)

މަޖިލީހުގައި ތަގުރީރުކުރެއްވުން މާދަމާ

ޝޭހު ހަސީނާ ރައްޔިތުންގެ މަޖިލީހުގައި މާދަމާ ތަގުރީރުކުރައްވާނެ އެވެ. މަޖިލީހުގެ ދައުރުން ބޭރުން މާދަމާ ހަވީރު 4ގައި ބާއްވާ ޖަލްސާއަށް ޖުމްލަ 153 ބޭފުޅުންނަށް ވަނީ ދައުވަތު ދީފަ އެވެ. އެއީ:

  • މަޖިލީހުގެ މެމްބަރުން

  • ކެބިނެޓް މިނިސްޓަރުން

  • މިނިސްޓަރު ފެންވަރުގެ އަށް ބޭފުޅުން

  • ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި 28 ބޭފުޅަކު

  • ޗީފް އޮފް ޑިފެންސް ފޯސް

  • ޕޮލިސް ކޮމިޝަނަރު

  • ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު އަދި ވައިސް ޗާންސެލަރު

  • މާލޭގެ 21 ސްކޫލުން، ކޮންމެ ސްކޫލަކުން ދެ ދަރިވަރުން

އެނގުން މުހިންމު - ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އެންމެ ބޮޑު އަދަދެއް ހިއްސާކުރާ ބަންގްލަދޭޝްގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންނެވިއިރު، މިދިޔަ މާޗު މަހު ރައީސް ސޯލިހް ވަނީ އެ ގައުމަށް ވަޑައިގެން ޝޭހު ހަސީނާއާ ބައްދަލުކުރައްވާފަ އެވެ. އަދި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ މިދިޔަ މަހުގެ ފަހުކޮޅު ބަންގްލަދޭޝްއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފަ އެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވާއިރު، ބަންގްލަދޭޝް އިން ރާއްޖެއަށް 200 މިލިއަން ޑޮލަރު (3.1 ބިލިއަން ރުފިޔާ)ގެ ލޯނެއް ދިނުމަށް ނިންމާފައިވާ ކަމަށް އެ ގައުމުގެ މަރުކަޒީ ބޭންކު، ބަންގުލަދޭޝް ބޭންކުން ވަނީ މި ފަހުން ބުނެފަ އެވެ. ނަމަވެސް، ޝޭހު ހަސީނާގެ މި ދަތުރުފުޅުގައި އެކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާނެ ކަމެއް އަދި ނޭނގެ އެވެ.

ރާއްޖެއަށް ކުރައްވާ ހަތް ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭހު ހަސީނާ މިއަދު ރާއްޖެއަށް ވަޑައިގެން، ފޮރިން މިނިސްޓްރީ ހިންގުމާ ހަވާލުވެ ހުންނެވި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލާ އެކު އެއާޕޯޓުގައި. (ފޮޓޯ/ރައީސް އޮފީސް)

ރާއްޖެ-ބަންގްލަދޭޝްގެ ގުޅުން:

  • ދެ ގައުމުގެ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރީ 22 ސެޕްޓެމްބަރު 1978ގައި

  • ބަންގްލަދޭޝްގެ ހައި ކޮމިޝަނެއް ރާއްޖޭގައި ހުޅުވީ 1998ގައި

  • ރާއްޖޭގެ ހައި ކޮމިޝަނެއް 2008ގައި ބަންގްލަދޭޝްގައި ހުޅުވި

  • ފޮރިން މިނިސްޓްރީގެ ބަޖެޓު ކުޑަކުރުމާ ގުޅިގެން، ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަން މާޗު 2014ގައި ބަންދުކުރި

  • ޖުލައި 2015ގައި، ބަންގްލަދޭޝްގައި ހުންނަ ދިވެހި ހައި ކޮމިޝަން އަލުން ހުޅުވި

  • ޑިސެމްބަރު 2014ގައި، މާލެ ފެނަށް ޖެހުމުން ބަންގްލަދޭޝް އިން ރާއްޖެއަށް 100،000 ލީޓަރުގެ ފެން ފޮނުވި

  • އޭޕްރީލް 2020ގައި، ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ބަންގްލަދޭޝް އިން ރާއްޖެއަށް 100 ޓަނުގެ ކާނާ، ބޭސް އަދި ސިއްހީ ސާމާނު ފޯރުކޮށްދިން

  • ކޮވިޑް ވެކްސިން ޖެހުމަށް ރާއްޖޭން ކުރިއަށް ގެންދާ ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދޭން، މިދިޔަ މާޗު މަހުގެ ތެރޭގައި ބަންގްލަދޭޝްގެ ވައިގެ ސިފައިންގެ ޓީމެއް ފޮނުވި

  • 2019ގައި، ރާއްޖޭން ބަންގްލަދޭޝްއަށް 2.64 މިލިއަން ޑޮލަރު (40.8 މިލިއަން ރުފިޔާ)ގެ މުދާ އެކްސްޕޯޓުކުރި

  • 2019ގައި، ބަންގްލަދޭޝް އިން ރާއްޖެއަށް 3.9 މިލިއަން ޑޮލަރު (60.3 މިލިއަން ރުފިޔާ)ގެ މުދާ އިމްޕޯޓްކުރި

އިތުރު އާޓިކަލް

އިތުރު އާޓިކަލް