އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ. (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

ޔޯގާއާ ގުޅޭ ސިޓީ ފޮނުވީ އިޖުރާއަތްތަކާ ހިލާފަށް: އިސްލާމިކް މިނިސްޓްރީ

މިނިސްޓްރީން ބުނީ ޔޯގާ ދުވަހުގެ ހަރަކާތް ހުއްޓުވަން އަންގާފައި ނުވާނެ ކަމަށް؛ ނަަމަވެސް، އެއީ ކޮން ކަމަކާ ގުޅުވައިގެން ފޮނުވި ސިޓީއެއް ކަމެއް ނުބުނޭ

ޔޯގާއާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީން މި މަހުގެ 15ގައި ފުލުހުންނަށް ފޮނުވި ސިޓީގައި ހިމެނޭ ފަތުވާ ނެރެފައިވަނީ އިޖުރާއަތްތަކާ ހިލާފަށް ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ އަންގާރަ ދުވަހު ސަރުކާރުގެ ބައެއް އިސްވެރިންނާއި ބޭރުގެ ވުޒާރާތަކުގެ ވެރިން ހިމެނޭ ގޮތަށް ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާގެ ހަރަކާތަށް ވަދެގަނެފައިވަނީ، އެއީ ޝިރުކުގެ އަމަލެއް ކަމަށް ބުނެ އެވެ. އެ މައްސަލަ ބޮޑު ހަމަނުޖެހުމަކަށްވެ، ގިނަ ބަޔަކު ހައްޔަރުކޮށްފައި ވާއިރު، ޔޯގާއާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީން އަދި އިސްލާމީ ފަތުވާ ދޭ މަޖިލީހުން ވެސް މިހާތަނަށް ރަސްމީކޮށް އެއްޗެއް ނުބުނެ އެވެ.

އެކަމަކު މި ހަރަކާތް ހިންގުމުގެ މާ ކުރިން، މި މަހުގެ 15ގައި އިސްލާމިކް މިނިސްޓްރީން ފުލުހަށް ފޮނުވާފައިވާ ސިޓީއެއް ވަނީ އާންމުވެފަ އެވެ. 'ދައުރު'ގައި އެ ސިޓީގެ ހަބަރު ޝާއިއުކުރުމުގެ ކުރިން، އިސްލާމިކް މިނިސްޓްރީ އާއި ފުލުހުންގެ ފަރާތުން ވެސް އެ ސިޓީގެ ސައްހަކަން ކަށަވަރު ކުރުމަށް ތަކުރާރުކޮށް މަސައްކަތް ކޮށްފައިވާނެ އެވެ. ނަމަވެސް އޭރު އެ ސިޓީއާ ގުޅޭ ގޮތުން ރަސްމީ ބަހެއް ލިބިފައެއް ނުވެ އެވެ.

ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާ ދެކޮޅަށް އަޑުއުފުލި މީހުން. (ފޮޓޯ/އަލްހައިރިއްޔަ)

ތަފްސީލް - އެ ސިޓީއާ ގުޅިގެން މިއަދު އިސްލާމިކް މިނިސްޓްރީން ނެރުނު ކުރު ބަޔާނެއްގައި ބުނީ، އެ ސިޓީ އަކީ ދުނިޔޭގެ ޔޯގާ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކާ ގުޅިގެން ފޮނުވާފައިވާ ސިޓީއެއް ނޫން ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގެ ތައްގަނޑު ޖަހައި ފޮނުވާފައިވާ އެ ސިޓީގައި ސޮއިކުރައްވާފައި ވަނީ އެ މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު ހިޝާމް އަހްމަދެވެ. 

ފުލުހުންގެ ކޮމިޝަނަރު މުހައްމަދު ހަމީދަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، މެޑިޓޭޝަން ނުވަތަ ކަސްރަތެއްގެ ގޮތުގައި މިހާރަކަށް އައިސް ރާއްޖޭގައި ތަފާތު ބަލިބައްޔަށް ޝިފާ ހޯދުމުގެ ނަމުގައި ޔޯގާ ބޭނުން ކުރަމުންދާ ކަމަށެވެ. އެ ސިޓީގައި ބުނީ:

  • ޔޯގާއަކީ މުސްލިމުންގެ މައްޗަށް ހަރާމް ކުޅިވަރެއްގެ ގޮތުގައި 2004ގައި މިސްރުގެ ފަތުވާ ދޭ މަޖިލީހުން ފަތުވާ ނެރެފައިވާ ކަމަށް 

  • އެއީ ހިންދޫ ދީނުގެ އަޅުކަމާ ގުޅިފައިވާ ކަމެއް ކަމަށާއި ކުޅިވަރެއް އަދި އަޅުކަމެއްގެ ގޮތުގައި ވެސް އެކަން ހުއްދަ ނުވާ ކަމަށް 

  • 2008ގައި މެލޭޝިއާގެ ގައުމީ ފަތުވާ މަޖިލީހުން ވެސް އެ ގޮތަށް ފަތުވާ ނެރެފައިވާ ކަމަށް 

  • އެ ކުޅިވަރުގެ ސަބަބުން މުސްލިމުގެ އަގީދާއަށް އަސަރު ކުރާ ކަމަށް

  • އެއީ އިސްލާމީ ޝަރީއަތާ ހިލާފު އަދި ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާ ބެހޭ ގާނޫނުގެ ދަށުން މަނާކުރެވިފައިވާ ކަމެއް ކަމަށް 

  • އެހެންކަމުން އިސްލާމީ ޝަރީއަތާއި ގާނޫނާއި ގަވައިދުތައް ނެގެހެއްޓުމަށް، އެ ފަދަ ކަންތައް ކުރާ ފަރާތްތައް ދެނެގަނެ ފިޔަވަޅު އަޅައިދިނުމަށް އެދޭ ކަމަށް

ބުނީ ކީކޭ؟ - ނަމަވެސް އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ، އެ ސިޓީގައި ހިމެނޭ ފަތުވާ ނެރެފައިވަނީ މިނިސްޓްރީގައި އެފަދަ ކަންތައްތަކުގައި "އަމަލުކުރުމަށް ކަނޑައެޅިފައިވާ އިޖުރާއަތްތަކާ ހިލާފަށް" ކަމަށެވެ. 

ޔޯގާގެ ޝަރުއީ ހުކުމާ މެދު ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ތަފްސީލީ ފަތުވާއެއް ހޯދުމަށް ފަހު އާންމު ކުރާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެނގުން މުހިންމު - ޔޯގާ ހަރަކާތް އިންތިޒާމްކުރި ޔޫތު މިނިސްޓްރީން ބުނެފައި ވަނީ، އެކަން ނުކުރުމަށް އެއްވެސް ފަރާތަކުން އަންގާފައިނުވާ ކަމަށެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް