ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތުގެ ތެރެއިން (ފޮޓޯ/ޔޫތް މިނިސްޓްރީ)

ޔޯގާ ހަރަކާތް ނުބާއްވަން އެއްވެސް އިދާރާއަކުން ނޭދޭ: ޔޫތު މިނިސްޓްރީ

ޔޯގާ އިސްލާމީ ޝަރީއަތާ ފުށޫއަރާތީ އެކަމާ ގުޅޭ ހަރަކާތެއް ހިންގިޔަ ނުދިނުމަށް އެދި އިސްލާމިކް މިނިސްޓްރީން ވަނީ ފުލުސް އޮފީހުގައި އެދިފައި

ޔޯގާއަކީ އިސްލާމީ ޝަރީއަތާ ފުށުއަރާ ކަމެއް ކަމަށް ނިންމައި، އެ ހަރަކާތް ނުހިންގަން އިސްލާމިކް މިނިސްޓްރީން ފުލުސް އޮފީހުގައި އެދުނު ނަމަވެސް، އެކަން ނުކުރުމަށް ޔޫތު މިނިސްޓްރީއަށް އެއްވެސް އިދާރާއަކުން ނާންގާ ކަމަށް އެ މިނިސްޓްރީއިން ބުނެފި އެވެ. 

މައްސަލައިގެ ފެށުން - ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތުގެ ތެރެއަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން 19 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ދީނީ ދެ އިލްމުވެރިން ވެސް ހިމެނެ އެވެ.

ފާހަގަކުރެވޭ ކަންކަން:

  • ޔޯގާއާ ދެކޮޅަށް ބައެއް ދީނީ އިލްމުވެރިން ޝުއޫރު ފާޅުކުރަނީ އެއީ އިސްލާމް ދީނާ ދުރު، ހިންދޫންގެ އަޅުކަމެއް ކަމަށް ބުނެ

  •  ޔޯގާ ހަރަކާތް ކުރިއަށް ގެންދާތީ އިލްމުވެރިންގެ ގުޅުމުން ވެސް މީގެ ކުރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި

  • ބައެއް އިލްމުވެރިން އެހެން ބުނާއިރު، ކަސްރަތުގެ ގޮތުގައި ޔޯގާގެ ބައެއް ހަރަކާތްތައް ކުރެވޭނެ ކަމަށް ބައެއް ދީނީ އިލްމުވެރިންނާއި އާންމުންގެ ތެރެއިން ވެސް ބައެއް މީހުން އަންނަނީ ބުނަމުން

ފާޙަގަކޮށްލެވޭ ކަމެއް - ޔޯގާ ދުވަސް ފާހަގަ ކުރުމުގެ މާކުރިން، އެއީ އިސްލާމީ ޝަރީއަތާ ފުށުއަރާ ކަމެއް ކަމަށް ނިންމައި، އިސްލާމިކް މިނިސްޓްރީން ފުލުސް އޮފީހަށް ފޮނުވި ސިޓީއެއް ރޭ ވަނީ އާއްމުވެފަ އެވެ. ފުލުހުންގެ ކޮމިޝަނަރު މުހައްމަދު ހަމީދަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، މެޑިޓޭޝަން ނުވަތަ ކަސްރަތެއްގެ ގޮތުގައި މިހާރަކަށް އައިސް ރާއްޖޭގައި ތަފާތު ބަލިބައްޔަށް ޝިފާ ހޯދުމުގެ ނަމުގައި ޔޯގާ ބޭނުން ކުރަމުންދާ ކަމަށާއި އެއީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ބުނެފަ އެވެ. އަދި އެކަން ހުއްޓުވައި، އެ ފަދަ އަމަލެއް ހިންގާނަމަ ފިޔަވަޅު އެޅުމަށް ވެސް އެދިފައި ވެ އެވެ.

ވީ ކިހިނެއް؟ - މިކަމަށް ރައްދު ދީ ޔޫތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ޔޯގާ ދުވަސް ފާހަގަ ކުރުމަށް އިސްލާމިކް މިނިސްޓްރީން ވެސް އަދި އެހެން މިނިސްޓްރީއަކުން ވެސް ނާންގާ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ އިންޑިއަން ހައިކޮމިޝަންއާ ގުޅިގެން، 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް އެ ދުވަސް ފާހަގަ ކުރަމުންދާ ކަމަށާއި ޔޫތު މިނިސްޓްރީން އެކަމުގައި ބައިވެރިވަނީ، އެއީ ކުޅިވަރާއި ކަސްރަތުގެ ތެރޭގައި ހިމަނާފައިވާ ކަމަކަށް ވާތީ ކަމަށެވެ.

ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާ ދެކޮޅަށް އަޑުއުފުލި މީހުން (ފޮޓޯ/އަލްހާރިޔަ)

މިނިސްޓްރީން ބުނިގޮތުގައި:

  • ކަނޑައެޅިގެން އިސްލާމް ދީނުގައި ހަރާމްކުރައްވާފައިވާ ކަންކަމާއި ރާއްޖޭގެ ގާނޫނު އަސާސީއާ ހިލާފުވާނެ އެއްވެސް ކަމެއް މިނިސްޓްރީއަކުން ނުހިންގާނެ

  • އެހެންވެ، ބައެއް މައްސަލަތަކަކީ އިލްމުވެރިންގެ މެދުގައި ހިޔާލުތަފާތުވުން އުފެދިދައިވާ ކަންތައްތަކެއްކަމުން، ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އެ ފަދަ މައްސަލަތަކާ ގުޅޭގޮތުން، ކަމާ ގުޅޭ އިދާރާތަކުން ރައުޔު ކަނޑައެޅުމަކީ މުހިއްމުކަމެއް

އިސްލާމިކް މިނިސްޓްރީން ފުލުހަށް ފޮނުވި ސިޓީގައި ބުނެފައިވާ ގޮތުގައި:

  • 2004 ވަނަ އަހަރު މިސްޜުގެ ފަތުވާ ދޭ މަޖިލީހުން ފަތުވާ ނެރެފައިވަނީ ޔޯގާއަކީ މުސްލިމުންގެ މައްޗަށް ހަރާމް ކުޅިވަރެއްގެ ގޮތުގައި

  • އެއީ ހިންދޫ ދީނުގެ އަޅުކަމާ ގުޅިފައިވާ ކަމެއް ކަމަށް ވާތީ ކުޅިވަރެއް އަދި އަޅުކަމެއްގެ ގޮތުގައި ވެސް އެކަން ހުއްދަ ނުވާ ކަމަށް

  • 2008 ވަނަ އަހަރު މެލޭޝިއާގެ ގައުމީ ފަތުވާ މަޖިލީހުން ވެސް ފަތުވާ ނެރެފައިވަނީ ހަމަ އެގޮތަށް

  • އަދި އެ ކުޅިވަރުގެ ސަބަބުން މުސްލިމުގެ އަގީދާއަށް އަސަރު ކުރާ ކަމަށް ފަތުވާ މަޖިލީހުން ބުނެފައި ވޭ

އެ ފަތުވާތަކަށް ރިއާޔަތްކޮށް އިސްލާމިކް މިނިސްޓްރީން ބުނީ މެޑިޓޭޝަނަކީ ހިންދޫންގެ އަޅުކަމެއް ކަމުގައިވާ ޔޯގާގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި ހިންދޫންގެ ދީނީ ސަގާފަތާ ގުޅޭގޮތުން މެޑިޓޭޝަންގެ ނަމުން ނަންދީ، އިރުއަރާ ވަގުތު އިރަށް ކުރުނީސްކޮށް، ހިންދޫންގެ ބުދު ފައްޅީގައި އަޅުކަން ކުރުމަށް ބޭނުން ކުރާ މިއުޒިކެއް ހިމެނޭ ހަރަކާތެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

"އިސްވެ ދެންނެވި ސަބަބުތަކާ ހެދި، އިސްލާމީ ޝަރީއަތާ ހިލާފްކަމަކަށްވާތީ އަދި ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާ ބެހޭ ގާނޫނުގެ ދަށުން މަނާކުރެވިފައިވާ ކަމަކަށް ވާތީ، އިސްލާމީ ޝަރީއަތާއި ގާނޫނާއި ގަވައިދުތައް ނެގެހެއްޓުމަށް، މި ފަދަ ކަންތައް ކުރާ ފަރާތްތައް ދެނެގަނެ ފިޔަވަޅު އެޅުމަށް ދަންނަވަމެވެ." އިސްލާމިކް މިނިސްޓްރީގެ ސީނިއާ އެގްޒެކްޓިވް ޑިރެކްޓަރު ހިޝާމް އަހުމަދު ސޮއި ކުރައްވައި، ފޮނުއްވި ސިޓީގައި ބުނެފައި ވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް