އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު. ޔޯގާގެ ހަރަކާތް ކުރިއަށް ނުގެންދިޔުމަށް މިނިސްޓްރީން އެދުނުކަން ވަނީ ހާމަވެފައި

ޔޯގާ ހަރަކާތް ބޭއްވީ އެކަން މަނާކުރަން އިސްލާމިކް މިނިސްޓްރީން ޕޮލިހުގައި އެދިފައިވަނިކޮށް

މިސްރާއި މެލޭޝިއާގެ ފަތުވާ ދޭ މަޖިލީހުން ނިންމާފައިވަނީ ޔޯގާއަކީ ހަރާމްއެއްޗެއް ކަމަށް. އަދި އެ ފަތުވާތަކަށް ރިއާޔަތްކޮށް، ރާއްޖޭގައި ވެސް އެފަދަ ހަރަކާތް ނުބޭއްވުމަށް އިސްލާމިކް މިނިސްޓްރީން އެދިފައިވޭ

ޔޯގާއަކީ އިސްލާމީ ޝަރީއަތާ ފުށުއަރާ ކަމެއް ކަމަށް ނިންމައި، އެ ހަރަކާތް ނުހިންގަން ގޮވާލައި، އަދި އެކަން ހުއްޓުވުމަށް ފުލުހުންގެ ކިބައިން މާކުރިން އެދުނުކަން ހާމަވެއްޖެ އެވެ.

މައްސަލައިގެ ފެށުން - ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތުގެ ތެރެއަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން 19 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި މަޝްހޫރު ދެ ދީނީ އިލްމުވެރިން ވެސް ހިމެނެ އެވެ. 

  • ޔޯގާއާ ދެކޮޅަށް ބައެއް ދީނީ އިލްމުވެރިން ޝުއޫރު ފާޅުކުރަނީ އެއީ އިސްލާމް ދީނާ ދުރު، ހިންދޫންގެ އަޅުކަމެއް ކަމަށް ބުނެ

  •  ޔޯގާ ހަރަކާތް ކުރިއަށް ގެންދާތީ އިލްމުވެރިންގެ ގުޅުމުން ވެސް މީގެ ކުރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި

  • ބައެއް އިލްމުވެރިން އެހެން ބުނާއިރު، ކަސްރަތުގެ ގޮތުގައި ޔޯގާގެ ބައެއް ހަރަކާތްތައް ކުރެވޭނެ ކަމަށް ބައެއް ދީނީ އިލްމުވެރިންނާއި އާންމުންގެ ތެރެއިން ވެސް ބައެއް މީހުން އަންނަނީ ބުނަމުން 

ވީ ކިހިނެއް؟- ސަރުކާރުގެ ބައެއް އިސްވެރިންނާއި ބޭރުގެ ވުޒާރާތަކުގެ ވެރިން ހިމެނޭ ގޮތަށް، ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާގެ ހަރަކާތަށް ވަދެގަނެފައިވަނީ، އެއީ ޝިރުކުގެ އަމަލެއް ކަމަށް ބުނެ އެވެ. އެ މައްސަލަ ބޮޑު ހަމަނުޖެހުމަކަށް ވެ، ގިނަ ބަޔަކު ހައްޔަރުކޮށްފައިވާއިރު ޔޯގާއާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން އަދި އިސްލާމީ ފަތުވާ ދޭ މަޖިލީހުން ވެސް މިހާތަނަށް ރަސްމީކޮށް އެއްޗެއް ނުބުނެ އެވެ.

އެކަމަކު މި ހަރަކާތް ހިންގުމުގެ މާކުރިން، މި މަހުގެ 15 ދުވަހު އިސްލާމިކް މިނިސްޓްރީން ފުލުހަށް ފޮނުވި  ކަމަށް ބެލެވޭ ސިޓީއެއް އާއްމުވެފައިވާ އިރު އެއިން އެނގޭގޮތުގައި، ޔޯގާގެ ހަރަކާތް ހުއްޓުވުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.

ނަމަވެސް އެ ސިޓީގެ ޝައްހަކަން ވަނީ ކަށަވަރު ކުރެވޭ ގޮތް ނުވެފަ އެވެ.

ފުލުހުންގެ ކޮމިޝަނަރު މުހައްމަދު ހަމީދަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، މެޑިޓޭޝަން ނުވަތަ ކަސްރަތެއްގެ ގޮތުގައި މިހާރަކަށް އައިސް ރާއްޖޭގައި ތަފާތު ބަލިބައްޔަށް ޝިފާ ހޯދުމުގެ ނަމުގައި ޔޯގާ ބޭނުން ކުރަމުންދާ ކަމަށެވެ.

މިނިސްޓްރީއިން ބުނިގޮތުގައި:

  • 2004 ވަނަ އަހަރު މިސްޜުގެ ފަތުވާ ދޭ މަޖިލީހުން ފަތުވާ ނެރެފައިވަނީ ޔޯގާއަކީ މުސްލިމުންގެ މައްޗަށް ހަރާމް ކުޅިވަރެއްގެ ގޮތުގައި

  • އެއީ ހިންދޫ ދީނުގެ އަޅުކަމާ ގުޅިފައިވާ ކަމެއް ކަމަށާއި ކުޅިވަރެއް އަދި އަޅުކަމެއްގެ ގޮތުގައި ވެސް އެކަން ހުއްދަ ނުވާ ކަމަށް

  • 2008 ވަނަ އަހަރު މެލޭޝިއާގެ ގައުމީ ފަތުވާ މަޖިލީހުން ވެސް ފަތުވާ ނެރެފައިވަނީ ހަމަ އެގޮތަށް

  • އަދި އެ ކުޅިވަރުގެ ސަބަބުން މުސްލިމުގެ އަގީދާއަށް އަސަރު ކުރާ ކަމަށް ފަތުވާ މަޖިލީހުން ބުނެފައި ވޭ

އެ ފަތުވާތަކަށް ރިއާޔަތްކޮށް އިސްލާމިކް މިނިސްޓްރީން ބުނީ އެ މެޑިޓޭޝަނަކީ ހިންދޫންގެ އަޅުކަމެއް ކަމުގައިވާ ޔޯގާގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި ހިންދޫންގެ ދީނީ ސަގާފަތާ ގުޅޭގޮތުން މެޑިޓޭޝަންގެ ނަމުން ނަންދީ، އިރުއަރާ ވަގުތު އިރަށް ކުރުނީސްކޮށް، ހިންދޫންގެ ބުދު ފައްޅީގައި އަޅުކަން ކުރުމަށް ބޭނުން ކުރާ މިއުޒިކެއް ހިމެނޭ ހަރަކާތެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

"އިސްވެ ދެންނެވި ސަބަބުތަކާ ހެދި، އިސްލާމީ ޝަރީއަތާ ހިލާފްކަމަކަށްވާތީ އަދި ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާ ބެހޭ ގާނޫނުގެ ދަށުން މަނާކުރެވިފައިވާ ކަމަކަށް ވާތީ، އިސްލާމީ ޝަރީއަތާއި ގާނޫނާއި ގަވައިދުތައް ނެގެހެއްޓުމަށް، މި ފަދަ ކަންތައް ކުރާ ފަރާތްތައް ދެނެގަނެ ފިޔަވަޅު އެޅުމަށް ދަންނަވަމެވެ." އިސްލާމިކް މިނިސްޓްރީގެ ސީނިއާ އެގްޒެކްޓިވް ޑިރެކްޓަރު ހިޝާމް އަހުމަދު ސޮއި ކުރައްވައި، ފޮނުއްވި ސިޓީގައި ބުނެފައި ވެ އެވެ.

އެ ސިޓީގައި ބުނީ ރާއްޖެއަކީ %100 މުސްލިމް ގައުމަކަށް ވާތީ، ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރުމާއި މީހުންގެ މެދުގައި ދިނީ ގޮތުން ހިލާފު އުފެދޭ ވާޙަކަ ދެއްކުމާއި އެ ފަދަ ގޮތަކަށް އަމަލު ކުރުމަކީ މަނާކަމެއް ކަމަށެވެ. 

މި ސިޓީއާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީގެ ބަހެއް ހޯދުމަށް ގުޅި ނަމަވެސް އެތަނުގެ އެއްވެސް މީހަކަށް ގުޅޭގޮތެއް ނުވި އެވެ.

މިނިސްޓްރީން މި ސިޓީ ފޮނުވާފައިވަނީ، ޔޯގާގެ ހަރަކާތް ބޭއްވުމުގެ ހަ ދުވަސް ކުރިންނެވެ. އެކަމަކު އޭރުވެސް، އިސްލާމިކް މިނިސްޓްރީން މިކަމުގައި ދެކޭގޮތުގައި އާއްމުންނަށް އަންގާފައެއް ނުވެ އެވެ. އަދި ހަމަނުޖެހުން ބޮޑުވި ފަހުން ވެސް، މިނިސްޓްރީގެ އެއްވެސް މީހަކު މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެއް ނުވެ އެވެ.

ނަމަވެސް ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތުގެ ތެރެއަށް ވަދެގަނެ، އެކަން ހުއްޓުވައި ހަމަނުޖެހުން ހިންގި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ދީނީ އިލްމުވެރިން ކަމަށްވާ ފަޒްލޫން މުހައްމަދާއި އާދަމް ނިޝާންގެ ދީނީ އިރުޝާދު ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަނީ ވަގުތީ ގޮތުން ހިފަހައްޓައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް