ހިތަދޫ މަތިން: ހިތަދޫން 94 ހެކްޓަރުގެ ބިން ހިއްކާނެ (ފޮޓޯ/ އަލީ އިބްރާހިމް)

އައްޑޫ

އައްޑޫ ބިން ހިއްކުން ކުރިއަށްދާނީ ތިމާވެއްޓަށް ސަމާލުކަންދީގެން: ވެން އޫޑް

މަޝްރޫއު ހުއްޓާލަން ރާއްޖޭގެ ހަތް ޖަމިއްޔާއަކުން މީގެ ކުރިން ވަނީ ގޮވާލައިފައި

އައްޑޫގެ ބިޔަ ބޮޑު ބިން ހިއްކުމުގެ މަޝްރޫއޫ ކުރިއަށް ގެންދަނީ ތިމާވެއްޓަށް ސަމާލުކަން ދީގެން ކަމަށް އެ މަސައްކަތް ހަވާލު ކުރި ނެދަލެންޑްގެ ކުންފުނި، ވެން އޫޑްއިން ބުނެފި އެވެ.

މައްސަލައިގެ ފެށުން - އިންޑިއާގެ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން އައްޑޫގައި ހިންގަން ނިންމާފައިވާ ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން މުޅި އައްޑޫ ކަނޑުގެ ބޮޑު ސަރަހައްދަކަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް އީއައިއޭ ރިޕޯޓުން ދައްކާފައިވާތީ:

  • މަޝްރޫއު ހުއްޓާލަން ރާއްޖޭގެ ހަތް ޖަމިއްޔާއަކުން މީގެ ކުރިން ވަނީ ގޮވާލައިފަ

ތަފްސީލު - 150 އަހަރަށްވުރެ ގިނަ އަހަރުގެ ތަޖުރިބާ ހުރި ވެންއޫޑްއިން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ބަޔާނުގައި ބުނީ، އައްޑޫއަކީ ވަރަށް ގިނަ ބާވަތްތަކުގެ އަގުހުރި އީކޯސިސްޓަމްތަކެއް ހުރި އަތޮޅެއް ކަމަށާއި މި މަޝްރޫގެ ހުރިހާ ހަރާކާތެއް ހިންގާއިރު ތިމާވެއްޓަށް ހާއްސަ ސަމާލުކަމެއް ދީގެން ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން އެ ކުންފުނިން މި މަޝްރޫއު ކުރިއަށް ގެންދިޔުމުގައި ތިމާވެށިގެ ގޮތުން ގެއްލުން ކުޑަ، ދެމެހެއްޓެނިވި ގޮތްތަކެއް ބަލާނެ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

"މަޝްރޫއުގެ ސްކޯޕްގެ އެއް ބަޔަކީ މުރަކަ އެހެން ތަނަކަށް ބަދަލުކުރުން. ރާއްޖޭގެ ކަމާ ގުޅުންހުރި ފަރާތްތަކާއެކު ވޭން އޫޑް މަސައްކަތް ކުރާނީ ޕްރޮޖެކްޓް އެގްޒެކިއުޝަން ގެ ކުރިން ހިއްކާ ސަރަހައްދުން މުރަކަ އާއި އެއާއި ގުޅިފައިވާ ބާވަތްތައް އެސަރަހައްދުން ގެންދިއުމަށް،" ދުނިޔޭގެ އެތައް ގައުމެއްގައި މިފަދަ މަޝްރޫއުތައް ހިންގާފައިވާ ވެން އޫޑްއިން ނެރުނު ދެ ސަފްހާގެ ބަޔާނުގައި ބުންޏެވެ.

އެކަން ކުރުމުގައި ރާއްޖެ އާއި ދުނިޔޭގެ އެހެނިހެން މުރަކަ ސްޕެޝަލިސްޓުންނާ ގުޅިގެން މީގެ ކުރިން ވެސް މަސައްކަތްކޮށްފައިވާނެކަން ބަޔާނުގައި ބުންޏެވެ އެވެ.  އަދި މިފަދަ އެހެނިހެން މަޝްރޫއޫތައް ރާއްޖޭގައި ހިންގާފައިވާވެސް ފާހަގަކޮށްފައިވެ އެވެ. އެގޮތުން:

  • 2016ގައި ކ. ހިންމަފުށި ސަރަހައްދުގެ މުރަކަތައް އެހެން ތަނަކަށް ބަދަލުކުުން

  • މާލެ ކައިރީގައި އެ ކުންފުނިން ހިންގި ބިން ހިއްކުމުގެ މަޝްރޫއަކަށް 2017ގައި ޑީޕީސީ އިނޮވޭޝަން އެވޯޑު ލިބުމުނު


އެނގުން މުހިންމު - ވެން އޫޑް ކުންފުންޏާ މި މަޝްރޫއު ހަވާލުކޮށްފައި ވަނީ، މިދިޔަ މަހުގެ 27ގައި އެވެ. މި މަޝްރޫއުގެ ދަށުން:

  • އައްޑޫގެ ތިން ރަށަކުން ބިން ހިއްކާނެ 

  • އައްޑޫ ފަޅުތެރެއިން ރިސޯޓު ހަދަން މުޅިން އަލަށް ފަސް ރަށެއް އެމްޓީސީސީން ހިއްކާނެ؛ އެއީ 8.3 ހެކްޓަރުގެ ބިން

  • މި މަޝްރޫއޫގެ ސަބަބުން ކުރިއަށް އޮތް 50 އަހަރަށް އައްޑޫގައި ބިމުގެ މައްސަލަ ހައްލުވާނެ ކަމަށް ބުނޭ

  • ހިތަދޫން 94 ހެކްޓަރުގެ ބިން ހިއްކާނެ

  • މަރަދޫ އަދި މަރަދޫ ފޭދޫން 76 ހެކްޓަރުގެ ބިން ހިއްކާނެ

  • ހިއްކާ ސަރަހައްދުތަކުގައި ކަނޑުތޮށިލުމުގެ މަސައްކަތް ވެސް ކުރާނެ

އައްޑޫއިން ހިއްކަން ނިންމާފައިވާ ސަރަހައްދުތަކާއި ވެލި ނަގަން ހަމެޖެހިފައިވާ ސަރަހައްދުތަކާއި ތިމާވެށީގެ ގޮތުން ނާޒުކު ސަރަހައްދުތައް (ދައުރު އިންފޮގްރެފިކްސް/ތުހުފާ އާތިފް)

ފަސް މަންޒަރު - މަޝްރޫއިން އެންމެ ބޮޑަށް ގެއްލުންވާނީ އެ މަޝްރޫއަށް އައްޑު އަތޮޅުގެ އެތެރެވަރީގެ ބޮޑު ސަރަަހައްދަކުން ވެލި ނެގުމުން އުފެދޭ ކިސަޑުގެ އަސަރު ދިރުންތަކަށް ކުރާނެތީ ކަމަށް މަޝްރޫއުގެ އީއައިއޭ ރިޕޯޓުގައިވެ އެވެ. އައްޑު އަތޮޅުގެ ކަނޑުއޮޅިތައް މަދުވެފައި އޮއި ދައުރުވުން ކުޑަވުމަކީ ކިސަޑުގެ އަސަރު ބޮޑުވާނެ އެއް ސަބަބެވެ.

ތިމާވެއްޓަށް ގެއްލުން ކުޑަ ގޮތަށް މަޝްރޫއޫ ހިންގާނެ ކަމަށް އެ ކުންފުނިން ބުނި އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މީގެ ކުރިން އެ ޔަގީންކަން ދެއްވާފައިވެ އެވެ.

އިތުރަށް ކިޔާލަން-

ކޮމެންޓް (1)

މުޙައްމަދު

24 އޭޕްރީލު 2022
ތިމާވެއްޓައް ނުބަލާ ތިވަރުގެ ކަމެއް ނުކުރާނެ ކަން އެންމެނަށް ވެސް އިނގެންޖެހޭ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް