ރައީސްގެ ދެކަނބަލުން އައްޑޫ ރައްޔިތުންނަށް ރޭ ދެއްވި މާހެފުމުގައި ރައީސް ސޯލިހު ވާހަކަދައްކަވަނީ: އައްޑޫގެ ތަރައްގީއަށް މި ސަރުކާރުން އިސްކަން ދޭ ކަމަށް ރައީސް ވިދާޅުވި. (ފޮޓޯ/ ރައީސް އޮފިސް)

އައްޑޫން ބިން ހިއްކާނީ ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަވާނެ ގޮތަށް: ރައީސް

ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ޖަމިއްޔާތަކާއި އަމިއްލަ ފަރާތްތަކުން ދެކޮޅު ހަދަމުން އަންނަ މަޝްރޫއު އިއްޔެ ވަނީ ނެދަލެންޑްސް ކުންފުންޏަކާ ހަވާލުކޮށްފައި
28 މާރިޗު 2022

ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ޖަމިއްޔާތަކާއި އަމިއްލަ ފަރާތްތަކުން ދެކޮޅު ހަދަމުން އަންނަ އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު މި ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށާއި އެކަން ކުރާނީ ތިމާވެއްޓަށް ލިބޭ ގެއްލުންތައް ވީހާ ވެސް ބޮޑަށް ކުޑަކުުރުމަށް ފިޔަވަޅުތައް އަޅައިގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގެ އެންމެ ދެކުނަށް ރައީސް ސޯލިހު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އައްޑޫގެ ރައްޔިތުންނަށް ރޭ ދެއްވި މާހެފުމެއްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އައްޑޫގެ ބިން ހިއްކުމަކީ އެ މަނިކުފާނު ރިޔާސީ ކެމްޕޭނަށް އައްޑުއަށް ވަޑައިގަތުމުން އައްޑޫގެ ރައްޔިތުން އެ މަނިކުފާނުގެ ކިބައިން އެދުނު ކަމެއް ކަމަށެވެ. އައްޑޫ ރައްޔިތުންގެ އެ އެދުމާ އެއްގޮތަށް މި ސަރުކާރުގެ ވައުދަކީ އައްޑޫގެ ބިން ހިއްކުން ކަމަށް ރައީސް ވިދާޅުވި އެވެ.

ލަސްތަކެއް ނުވެ [އީޕީއޭގެ] އެޕްރޫވަލް އަޅުގަނޑުމެންނަށް ލިބިގެންދާނެ. އެއާ އެކު، އަމަލީ މަސައްކަތް ކުރިއަށް ގެންދާނީ މިޓިގޭޝަން މެޝާޒް [ގެއްލުން ކުޑަވާނެ ފިޔަވަޅުތައް] އޭގައި ހުރި ގޮތަށް އަޅައިގެން. އައްޑޫ ބިން ހިއްކުމުގެ ވައުދު އެ ގޮތަށް ފުދިގެން ދާނެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 

ބުނީ ކީކޭ؟ - ތަރައްގީގެ ކޮންމެ މަޝްރޫއަކުން ވެސް ތިމާވެއްޓަށް ގެއްލުންތައް ލިބޭކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ އީއައިއޭ ރިޕޯޓުގެ ހޯދުންތަކަށް ބަލައި އެ މަޝްރޫއު ކުރިއަށް ގެންދާނީ ތިމާވެއްޓަށް ބަލައިގެން ވީހާ ވެސް ގެއްލުން ކުޑަ ގޮތަކަށް ކަމަށެވެ. އެ ގޮތުން އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި:

  • ކަމާ ގުޅޭ މުއައްސަސާތަކާ އެކު މަޝްވަރާ ބައްދަލުވުންތަކެއް ވަނީ ބާއްވާފައި 

  • އިސްލާހު ކުރަން ޖެހޭ ކަންކަން އީޕީއޭއަށް މިހާރު ވަނީ ހުށަހަޅާފައި 

  • މަޝްރޫއު ފަށާނީ އީޕީއޭގެ ހުއްދަ ލިބުމުން

"ލަސްތަކެއް ނުވެ އެ އެޕްރޫވަލް އަޅުގަނޑުމެންނަށް ލިބިގެންދާނެ. އެއާ އެކު، އަމަލީ މަސައްކަތް ކުރިއަށް ގެންދާނީ މިޓިގޭޝަން މެޝާޒް [ގެއްލުން ކުޑަވާނެ ފިޔަވަޅުތައް] އޭގައި ހުރި ގޮތަށް އަޅައިގެން. އައްޑޫ ބިން ހިއްކުމުގެ ވައުދު އެ ގޮތަށް ފުދިގެން ދާނެ،" ރަަައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޑޫ އާއި ފުވައްމުލަކަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅުގެ ތެރެއިން، އައްޑޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވެވި މާހެފުމުގެ ތެރެއިން. (ފޮޓޯ/ރައީސް އޮފީސް)

ރައީސް ވިދާޅުވީ އައްޑޫ ބިން ހިއްކުމުގެ ތެރެއިން ރިސޯޓް ހަދަން ފަސް ރަށެއް އައްޑޫގެ ފަޅުން ހިއްކާނެ ކަމަށެވެ. އެކަމުގެ ސަބަބުން އައްޑޫގައި ޓޫރިޒަމް ފުޅާކުރަން ބޮޑު ބާރަކަށް ވާނެކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ. އެ ރަށްތައް ތަރައްގީ ކުރެވުމުން އައްޑޫގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވާނެކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

އައްޑުއަށް 1.1 ބިލިއަން ރުފިޔާ އެބަ ހަރަދުކުރަން

ރައީސް ވިދާޅުވީ އައްޑޫގެ ތަރައްގީއަށް މިދިޔަ ތިން އަހަރުގެ ތެރޭގައި 1.1 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އަދި އެކި ރަށްތަކުގެ ތަރައްގީއަށް ބަޖެޓުން ކުރި ހަރަދުގެ ބޮޑު ބައެއް ހަރަދު ކުރަނީ އައްޑުއަށް ކަން ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ އައްޑޫގެ ރައްޔިތުން އެދޭ ކަންކަން ވެސް ގިނަ ކަމަށާއި އެ ކަންކަން ފުއްދައި ދެވޭނީ އެ ވަރުގެ ބަޖެޓަކުން ކަމަށެވެ. އައްޑޫގެ ތަަރައްގީއަށް ކުރާ ހަރަދަކީ ބޭކާރު ހަރަދަކަށް ނުވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޑޫ އާއި ފުވައްމުލަކަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅުގެ ތެރެއިން، އައްޑޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވެވި މާހެފުމުގެ ތެރެއިން. (ފޮޓޯ/ރައީސް އޮފީސް)
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޑޫ އާއި ފުވައްމުލަކަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅުގެ ތެރެއިން، އައްޑޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވެވި މާހެފުމުގެ ތެރެއިން. (ފޮޓޯ/ރައީސް އޮފީސް)

ރައީސް ފާހަގަކުރެއްވި ގޮތުގައި، އައްޑޫގެ ގިނަ އަވަށްތަކުގެ ބަނދަރު މިހާރު ވަނީ ހަދާފަ އެވެ. އަދި ފޭދޫ ބަނދަރުގެ މަސައްކަތް މި އަހަރު ފަށާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވި އެވެ. މީގެ އިތުރަށް އައްޑޫގެ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ވެސް ކުރިއަށް ދާކަން ރައީސް ފާހަގަކުރެއްވި އެވެ.

އައްޑޫގެ ކަރަންޓުގެ މައްސަލައަށް 7 މަސް ތެރޭ ހައްލެއް ލިބޭނެ

އައްޑޫގެ ކަރަންޓުގެ މައްސަލައިގެ ޝަކުވާ އަބަދު ލިބޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ކުރިއަށް އޮތް ހަތް މަސްދުވަހުގެ ތެރޭގައި 41 މެގަވޮޓުގެ ކެޕޭސިޓީއާ އެކު އާ އިންޖީނުގެއެއް އައްޑޫގައި ގާއިމްކޮށް، އެއް ނެޓްވޯކަކުން މުޅި ސިޓީގެ ކަރަންޓު ގުޅާލާނެ ކަމުގެ ޔަގީންކަން ފެނަކަ ކޯޕަރޭޝަނުން ވަނީ ދީފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޑޫ އާއި ފުވައްމުލަކަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅުގެ ތެރެއިން، އައްޑޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވެވި މާހެފުމުގެ ތެރެއިން. (ފޮޓޯ/ރައީސް އޮފީސް)

މީގެ އިތުރުން، އައްޑޫގެ ނަރުދަމާ ގޭގެއަށް ގުޅުމުގައި ހުރި ދަތިތައް ހައްލުކުރަން ފެނަކައިން މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެ މަސައްކަތުގައި ހުރި ދަތިތައް ހައްލުކޮށް، ނުގުޅި ހުރި ގޭގެއަށް ލަސްތަކެއް ނުވެ، އެ ހިދުމަތް ފެނަކައިން ދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ހޮސްޕިޓަލަށް އިތުރު ޑޮކްޓަރުންނާއި ނަރުހުން ފޮނުވަނީ

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަކީ ދެކުނުގެ ރައްޔިތުންގެ ސިއްހީ ހިދުމަތްތަކަށް ވަރަށް ބޮޑު އުންމީދެއްކަން ރައީސް ފާހަގަކުރެއްވި އެވެ.

އެ ތަނުގައި އެންމެ މަތީ ފެންވަރުގެ ވަސީލަތްތައް ގާއިމްކޮށްފައި ހުރި ނަމަވެސް އެކަށީގެންވާ ހިދުމަތެއް ނުދެވޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ ކަމަށް ދިމާވާ ހުރަހަކީ ޑޮކްޓަރުންނާއި ނަރުހުން ތަނަށް އެކަށީގެންވާ ވަރަށް ނެތުމެވެ. އެހެންކަމުން، ވަރަށް އަވަހަށް އެ ތަނަށް އިތުރު ޑޮކްޓަރުންނާއި ނަރުހުން ފޮނުވަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޑޫ އާއި ފުވައްމުލަކަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅުގެ ތެރެއިން، އައްޑޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވެވި މާހެފުމުގެ ތެރެއިން. (ފޮޓޯ/ރައީސް އޮފީސް)

މީގެ އިތުރުން، އެ ހޮސްޕިޓަލަށް އިތުރު އެމްބިއުލާންސް ވެސް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

ފޭދޫގައި އާ ސްކޫލެއް އަޅަނީ

ރައީސް ވިދާޅުވީ ފޭދޫ ސްކޫލަށް ކުރި ޒިޔާރަތުން އެނގިގެން ދިޔައީ މިހާރު ހުރި ބިމުގައި އެ ސްކޫލް އިތުރަށް ތަރައްގީކުރަން ޖާގައެއް ނެތް ކަމަށެވެ. އެހެންވެ، ފޭދޫގައި އާ ސްކޫލެއް އަޅަން ނިންމާފައި ވާކަން ރައީސް އިއުލާން ކުރެއްވި އެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި އެ މަޝްރޫއު ހިމަނައިގެން ފަށާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް