އައްޑޫ ހިތަދޫ: އައްޑު އަތޮޅުގެ ބޮޑު ސަރަހައްދެއް ހިއްކަން ސަރުކާރުން ރާވަމުންދާއިރު، އެ މަޝްރޫއުގެ އީއައިއޭ ރިޕޯޓުގައި ވަނީ މަޝްރޫއިން އަތޮޅުގެ އެތެރެވަރިއަށް ގެއްލުންވާނެ ކަމަށް

އައްޑޫ

އައްޑޫ ބިން ހިއްކުން ހުއްޓުވަން މީދޫ ކޯޓަށް ހުށަހެޅި މައްސަލަ ތާވަލުކޮށްފި

އެ މަޝްރޫއު ހުއްޓުވަން ހުށަހެޅި މައްސަލަ ފަށަން ތާވަލުކޮށްފައިވާއިރު، ބިން ހިއްކަން ސަރުކާރުން ވަނީ ބަޔަކާ ހަވާލުކޮށްފައި
29 މާރިޗު 2022

އައްޑޫގެ ބިން ހިއްކުމަށް ސަރުކާރުން ހިންގަން ނިންމާފައިވާ މަޝްރޫއިން ތިމާވެއްޓަށް ގެއްލުން ލިބޭނެތީ އެ މަޝްރޫއު ހުއްޓުވަން އައްޑޫ މީދޫ ކޯޓަށް އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލަ ބުރާސްފަތި ދުވަހު ބާއްވަން ތާވަލުކޮށްފި އެވެ.

މައްސަލައިގެ ފެށުން - އިންޑިއާގެ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ހިންގަން ނިންމާފައިވާ އެ ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން މުޅި އައްޑު އަތޮޅުގެ ކަނޑުގެ ބޮޑު ސަރަހައްދަކަށް މި މަޝްރޫއަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ބުނެ އެ މަޝްރޫއު ހުއްޓުވަން އައްޑޫ މީދޫ މެޖިސްޓްރޭޓު ކޯޓަށް އައްޑޫގެ ރައްޔިތެއް ކަމަށްވާ އަބްދުﷲ ނުޒައިރު (މުރިގު، ސ. މީދޫ) ވަނީ ޕްލޭނިން މިނިސްޓްރީއާ ދެކޮޅަށް މައްސަލައެއް ހުށަހަޅައިފަ އެވެ.

ވީ ކިހިނެއް؟ - އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން އަންނަ ބުރާސްފަތި ދުވަހުގެ 1 ޖަހާއިރަށް ތާވަލުކޮށް، އެކަން ވަނީ މައްސަލައިގައި ހިމެނޭ ފަރާތްތަކަށް އަންގައިފަ އެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ހުއްޓުވަން ހުށަހެޅި މައްސަލަ ފަށަން ތައްޔާރުވަމުންދާއިރު، މިދިޔަ އާދީއްތަ ދުވަހު ސަރުކާރުން ވަނީ އައްޑޫގެ ރަށްތަތަކުގެ ބިން ހިއްކަން ނެދަލޭންޑްސްގެ ވެން އޫޑް ކުންފުންޏާ ހަވާލުކޮށްފަ އެވެ. ރިޒޯޓު ހަދަން ބިން ހިއްކަން ހަވާލު ކުރަން ނިންމާފައި ވަނީ އެހެން ފަރާތަކާ އެވެ.

އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ އީއައިއޭ ރިޕޯޓް އީޕީއޭއަށް ހުށަހަޅާފައިވާ އިރު، އީޕީއޭއިން ބުނީ މަޝްރޫއު ހިންގަން ހުއްދަ ދޭނީ ތިމާވެއްޓަށް ލިބޭނެ ގެއްލުން ކުޑަކުރުމަށް ފިޔަވަޅު އަޅާފައި ކަމަށެވެ.

މަޝްރޫއުގެ ތަފްސީލުތައް:

  • 6.9 މިލިއަން ކިއުބިކް މީޓަރުގެ ވެލި ނަގައިގެން މުޅި އައްޑޫ ސިޓީން 236.5 ހެކްޓަރު ހިއްކާނެ

  • ހިތަދޫން 90 ހެކްޓަރު

  • މަރަދޫ/މަރަދޫފޭދޫން 76 ހެކްޓަރު

  • ހުޅުމީދޫން 32.3 ހެކްޓަރު

  • ރިޒޯޓު ހަދަން ފަޅު ތެރެއިން ހިއްކައިގެން އުފައްދާ 8.3 ހެކްޓަރުގެ ތިން ރަށާއި 5 ހެކްޓަރުގެ ދެ ރަށް

  • ބިން ހިއްކަން ވެލި ނަގާނީ އައްޑޫގެ އެތެރެވަރީގެ 42 ޕަސެންޓުން

އެނގުން މުހިންމު - އައްޑޫ ބިން ހިއްކުމުގެ މަޝްރޫއިން އެންމެ ބޮޑަށް ގެއްލުންވާނީ އެ މަޝްރޫއަށް އައްޑު އަތޮޅުގެ އެތެރެވަރީގެ ބޮޑު ސަރަަހައްދަކުން ވެލި ނެގުމުން އުފެދޭ ކިސަޑުގެ އަސަރު ދިރުންތަކަށް ކުރާނެތީ ކަމަށް މަޝްރޫއުގެ އީއައިއޭ ރިޕޯޓުގައިވެ އެވެ. އައްޑު އަތޮޅުގެ ކަނޑުއޮޅިތައް މަދުވެފައި އޮއި ދައުރުވުން ކުޑަވުމަކީ ކިސަޑުގެ އަސަރު ބޮޑުވާނެ އެއް ސަބަބެވެ.

މަޝްރޫއުން ލިބޭނެ ކަމަށް ބުނާ ގެއްލުންތައް:

  • ވެލި ނެގުމުން އުފެދޭ ކިސަޑުގެ ސަބަބުން މުރަކަ އާއި މަސްތައް މަރުވާން ދިމާވާނެ

  • ކަނޑު ކިލަނބުވެ، ދިރުންތައް މަރުވާން ފެށުމުން އެންވެރިކަމަށް އަސަރުކޮށް މަސްވެރިންނަށް ދަތިވާނެ

  • 21 ހެކްޓަރުގެ މުރަކަ އާއި 120 ހެކްޓަރުގެ މޫދުވިނަ މައްޗަށް ވެލި އެޅި ނެތިގެންދާނެ

  • އައްޑޫގެ ހިމާޔަތްކޮށްފައިވާ ތިން ސަރަހައްދު ކަމަށްވާ މާކަނޑު (މަންޓާ ޕޮއިންޓް)، ކުޑަކަނޑު އަދި ޝިޕްރެކްއަށް ގެއްލުންވާނެ

  • އެ ސަރަހައްދުން މިޔަރާއި މަންޓާ ފަދަ ދިރުންތައް މަދުވެއްޖެ ނަމަ އައްޑޫގެ ޓޫރިޒަމަށް 17-27.4 މިލިއަން ޑޮލަރުގެ ގެއްލުންވާނެ

ސަރުކާރުން ބުނެފައި ވަނީ މަޝްރޫއު ހިންގާނީ އައްޑޫގެ ތިމާވެއްޓަށް ވީހާ ވެސް ގެއްލުން ކުޑަކޮށް ކަމަށެވެ.

އިތުރަށް ކިޔާލަން -














އިތުރު އާޓިކަލް

އިތުރު އާޓިކަލް