މުހައްމަދު ސައީދު ހޯދުމަށް އެމްއެންޑީއެފްގެ ޑައިވަރުން ހަރަކާތްތެރިވަނީ (ފޮޓޯ/އެމްއެންޑީއެފް)

ފުވައްމުލަކު ޑައިވަރު ހޯދުމުގެ އޮޕަރޭޝަން: ކަނޑު އަޑިން ޑައިވް ބެލްޓެއް ފެނިއްޖެ

މުހައްމަދު ސައީދު ހޯދުމަށް މިއަދު ވެސް ވަނީ އޭނާ ގެއްލުނު ސަރަހައްދުގެ ބޮޑު ބައެއް ބަލާފައި

ފުވައްމުލަކު ނެރު ކައިރިއަށް ޑައިވިނަށް ފައިބައި އުޅެނިކޮށް މިދިޔަ ހޯމަ ދުވަހު ގެއްލުނު މުހައްމަދު ސައީދު ހޯދުމުގެ އޮޕަރޭޝަނުގެ ތެރެއިން، ކަނޑުގެ އަޑިން ޑައިވް ބެލްޓެއް ފެނިއްޖެ އެވެ.

ވީ ކިހިނެއް؟ - ތަޖުރިބާކާރު ޑައިވަރު މުހައްމަދު ސައީދު ހޯދުމުގެ އޮޕަރޭޝަނަށް މިއަދު ދެ ދުވަސްވާއިރު، އޭނާ ފެނޭތޯ ބޮޑު ސަރަހައްދެއް މިހާރު ވަނީ ބަލައިފަ އެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި މުހައްމަދު ސައީދު ހޯދުމަށް ކޯސްޓްގާޑުގެ ޑައިވަރުން މިއަދު ހަތަރު ޑައިވް ވަނީ ކޮށްފަ އެވެ. އަދި އެއް ޑައިވެއްގައި، އެ ސަރަހައްދުގެ 68 މީޓަރު އަޑިން، ޑައިވް ބެލްޓެއް ފެނިފައިވާ ކަމަށް އެތަނުން ބުންޏެވެ. 

މީގެ ކުރިން ވަނީ ކަނޑުގެ ވަރަށް އަޑިން، މުހައްމަދު ސައީދު މަސް ހިފަން ބޭނުންކުރި ކަމަށް ބެލެވޭ އެއްޗެއް ފެނިފަ އެވެ.

އެނގުން މުހިއްމު - ޑައިވް ބެލްޓަކީ ޑައިވަރުން މޫދު އަޑިއަށް ދާއިރު، ބެލެންސް ހިފެހެއްޓުމަށް އުނަގަނޑުގައި އަޅާ، ބަރު ބެލްޓެކެވެ. އިމަޖެންސީ ހާލަތުގައި އެ ބެލްޓު ފަސޭހައިން ނައްޓާލެވެ އެވެ.

އެމްއެންޑީއެފް އާއި ފުވައްމުލަކުގެ ޑައިވަރުން ވެސް މުހައްމަދު ސައީދު ހޯދުމުގެ މަސައްކަތުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ. ފުވައްމުލަކުގެ ޑައިވް ސެންޓަރުތަކުގެ ޑައިވަރުން ގުޅިގެން އިއްޔެ ވެސް ވަނީ 70 ވަރަކަށް މީޓަރު ބަލައިފަ އެވެ. ކަނޑުމަގުން ބޮޑު ސަރަހައްދެއް ބަލާފައިވާއިރު، އެމްއެންޑީއެފްގެ ޑޯނިއާ ބޯޓު ވެސް އަންނަނީ ވައިގެ މަގުން އޭނާ ފެނޭތޯ މަސައްކަތް ކުރަމުންނެވެ.

މުހައްމަދު ސައީދު (ކ) ޑައިވްއެއް ނިންމާލުމަށް ފަހު އިތުރު ބަޔަކާ އެކު މޫދުގައި (ފޮޓޯ/އަފްސަހް)

މުހައްމަދު ސައީދާ އެކު ދެން ޑައިވިނަށް ފޭބި މަހުމޫދު ފާއިޒުގެ ހާލު ދެރަ އެވެ. އޭނާއަށް ދ. ކަނޑިންމަ ރިސޯޓުގައި ހުންނަ ޗެމްބަރުގައި ހަ ގަޑިއިރުގެ ފަރުވާ ދިނުމަށް ފަހު، ހާލު ރަނގަޅު ނުވާތީ މިއަދު ވަނީ މާލެ ގެނެސްފަ އެވެ.

މުހައްމަދު ސައީދު ޑައިވް ކުރާތާ 22 އަަހަރު ވެފައިވާ ކަމަށް ގާތް ރަހުމަތްތެރިން ބުނެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް