މުހައްމަދު ސައީދު: ޑައިވިނަށް ގޮސް އުޅެނިކޮށް އޭނާ ވަނީ ގެއްލިފައި. (ފޮޓޯ/ އަފްސަހް)

މުހައްމަދު ސައީދު: ތަޖުރިބާކާރު ޑައިވަރު ގެއްލުމުގެ ހިތާމަ މުޅި ފުވައްމުލަކަށް

އޭނާ ހޯދުމަށް އެމްއެންޑީއެފްގެ ދެ ހާބާ ކްރާފްޓް ބޭނުންކޮށްގެން ކަނޑުމަގުން 55 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް މިހާތަނަށް ބަލާފައިވޭ

މުހައްމަދު ސައީދު (މޯޑު) ކެރިއާއެއްގެ ގޮތުގައި، ޕްރޮފެޝަނަލްކޮށް ޑައިވް ކުރާތާ 22 އަހަރު ވެއްޖެ އެވެ. ކޯސް ހަދައިގެން އެކި ރިސޯޓުތަކުގައި މަސައްކަތް ކުރުމަށް ފަހު، އުފަން ރަށް ފުވައްމުލަކަށް ބަދަލުވެ އޭނާ މިހާރު ހިންގަނީ އަމިއްލަ ޑައިވް ސެންޓަރެކެވެ.

ލައްކަ ދުވަހު މިކަމުގައި އުޅުނު އިރު، އޭނާ ދުވަހަކު ވެސް ނުކުރާނެ ކަމެއް އޭނާގެ ރައްޓެހިން ފާހަގަކުރި އެވެ؛ އެއީ ކޮންމެ ޑައިވަކަށް ވެސް އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅާ ފީނުމެވެ. ފުނަށް ޑައިވް ކުރުމަކީ މުހައްމަދު ސައީދު އެއްގޮތަކަށް ވެސް ގަބޫލު ކަމެއް ނޫނެވެ.

"ސޭފްޓީ ކޮމްޕްރޮމައިޒްއެއް ނުކުރާނެ. ގެންދާ މީހުން، އަދި ރައްޓެހިން ވިޔަސް ޑެޕްތަށް ވުރެ ފުނަށް ދަންޏާ ރުޅި ވެސް އަންނާނެ، އިންޒާރު ވެސް ދޭނެ. އޭނައާ އެކު ނުގެންދާ ވަރު ކޮށްލާނެ،" މުހައްމަދު ސައީދުގެ 22 އަހަރު ވީ ކެރިއަރުގައި އޭނާއާ އެކު ދެމިހުރި އެކުވެރިއެއް ކަމަށްވާ އަލީ އަފްސަހް 'ދައުރު'އަށް ބުންޏެވެ.

މީގެ 22 އަހަރު ކުރިން 2000ގައި އެ ދެ މީހުން ވެސް ޑައިވް ކޯސް ހެދީ އެއްކޮށެވެ. މުހައްމަދު ސައީދު ރިސޯޓުން ކޯސް ހެދި އިރު، އަފްސަހް ހެދީ މާލެ އިންނެވެ. ނަމަވެސް، އެކުގައި މި މަސައްކަތަށް ނުކުމެ، އެކުގައި ޑައިވް ކޮށްފައިވެ އެވެ. އެހެންކަމުން، މުހައްމަދު ސައީދު އަޑިއަށް ފީނައިގެން ނުރައްކާތެރި ހާދިސާއެއް ހިނގުމަކީ ނާދިރު ކަމެއްކަން، އޭނާގެ ގާތް އެކުވެރިއެއް ކަމަށްވާ އަފްސަހް ހިތުގެ އަޑިން ގަބޫލުކުރެ އެވެ.

މުހައްމަދު ސައީދު. (ޓުވިޓާ ފޮޓޯ/ އަލީ އިއްޒަތު)

އިއްޔެ ވީ ކިހިނެއް؟ 

އިއްޔެ މެންދުރު 2:30 ހާއިރު ފުވައްމުލަކު ނެރު ކައިރިއަށް މުހައްމަދު ސައީދު ޑައިވިނަށް ފޭބީ އިތުރު މީހަކާ އެކު އެވެ. ޑައިވް ކުރި ފަހުން މުހައްމަދު ސައީދުގެ ހަބަރެއް ނުވެގެން ކޯސްޓްގާޑަށް އެކަން އެންގީ އޭގެ ގަޑިއެއްހާ އިރު ފަހުންނެވެ. އޭނާއާ އެކު ދެން ޑައިވްކުރި މަހްމޫދު ފާއިޒު މައްޗަށް އެރި އިރު އޭނާގެ ހާލު ވަރަށް ދެރަ އެވެ. އޭނާ ޑީކޯވެގެން ދ. ކަނޑިންމަ ރިސޯޓުގެ އޮކްސިޖެން ޗެމްބަރަށް ގެންގޮސް މިހާރު އަންނަނީ ފަރުވާދެމުންނެވެ. މުހައްމަދު ސައީދުގެ ހަބަރެއް އަދިވެސް ނުވެ އެވެ.

ވަރަށް ޕްރޮފެޝަނަލްކޮށް މިކަން ކުރަމުން އައީ މި ހުރިހާ ދުވަހު ވެސް. ސޭފްޓީ މިންގަނޑު ހިފެހެއްޓުމަށް އެންމެ ނަގާކިޔާ އެކަކު އެއީ. އެތިކްސް ހިފަހައްޓާނެ. ސޭފްޓީ ކޮމްޕްރޮމައިޒްއެއް ނުކުރާނެ.

އަފްސަހް / މުހައްމަދު ސައީދުގެ ރައްޓެއްސެއް

މުހައްމަދު ސައީދު ހޯދުމުގެ މަސައްކަތް ކޯސްޓްގާޑާއި ރަށުގެ ޑައިވް ސެންޓަރުތަކުން ވެސް ކުރަމުން އަންނަ އިރު، މުހައްމަދު ސައީދު ފަރުވާކުޑަކޮށްލައި މާ ފުނަށް ފީނާނެ ކަމަކަށް އޭނާ ދަންނަ އެއްވެސް މީހަކު ގަބޫލެއް ނުކުރެ އެވެ.

"ވަރަށް ޕްރޮފެޝަނަލްކޮށް މިކަން ކުރަމުން އައީ މި ހުރިހާ ދުވަހު ވެސް. ސޭފްޓީ މިންގަނޑު ހިފެހެއްޓުމަށް އެންމެ ނަގާކިޔާ އެކަކު އެއީ. އެތިކްސް ހިފަހައްޓާނެ. ސޭފްޓީ ކޮމްޕްރޮމައިޒްއެއް ނުކުރާނެ،" ތަކުރާރުކޮށް ވެސް އަފްސަހް ދިން ޔަގީންކަމަކީ އެއީ އެވެ.

އިއްޔެ ކަންތައް ވީ ގޮތެއް އަދި އެއްވެސް މީހަކަށް ޔަގީނެއް ނޫނެވެ. ނަމަވެސް، މޫދު އަޑީގައި އޮއްވާ މުހައްމަދު ސައީދަށް ދެރަ ގޮތެއް ދިމާވީ ކަމަށް އަފްސަހްއަށް ވަރަށް ބޮޑަށް ގަބޫލުކުރެވެ އެވެ.

"ހާޓް އެޓޭކެއް ޖެހިގެން ނޫނީ ބްލެކްއައުޓް ވެގެން މީހާގެ ބޮޑީ ޑްރޮޕް ވީ ހެން ހީވަނީ. އެގޮތަށް ބޮޑީ ވެއްޓޭ އިރު ވަރަށް ބާރަށް ދާނީ. މީހާގެ ބަރުދަނާއި ފުޅީގެ ބަރުދަނާ ވެސް އެއްކޮށް،" އަފްސަހް ބުންޏެވެ.

ޑައިވިންއަށް ގޮސް އުޅެނިކޮށް މުހައްމަދު ސައީދު ގެއްލުނު ހިސާބު. (ފޮޓޯ/އެމްއެންޑީއެފް)

މިގޮތަށް އަފްސަހް ގަބޫލުކުރާ ސަބަބެއް ވެސް އެބަ އޮތެވެ. އެއީ ހާލު ދެރަވެގެން ފަރުވާދެމުން އަންނަ މީހާ މުހައްމަދު ސައީދު ގޮވައިގެން ވަކި ހިސާބަކަށް މައްޗަށް އެރި ކަމަށް ބުނާތީ އެވެ. މަހްމޫދު ފާއިޒުގެ ކޮމްޕިއުޓަރުން ދައްކާ ގޮތުން އޭނާ ވަނީ 78 މީޓަރު އަޑިއަށް ގޮސްފަ އެވެ. ރާއްޖޭގެ ގާނޫނު ބުނާ ގޮތުން، އެންމެ އަޑިއަށް ދެވޭނީ 30 މީޓަރަށެވެ. އެއަށް ވުރެ ފުނަށް މުހައްމަދު ސައީދު ނުދާނެކަން އެންމެންނަށް ވެސް ޔަގީނެވެ.

"ބޮޑަށް ބެލެވެނީ މޯޑުގެ ބޮޑީ ޑްރޮޕްވާ ތަން ފެނިގެން، އޭނާ ސަލާމަތް ކުރަން އެ ކުއްޖާ ފީނައިގަތީ ކަމަށް ފަހަތުން. ދެން އަތުނުވެ ދިޔައީ ހެން ހީވަނީ،" އަފްސަހް ބުންޏެވެ.

"ބައެއް މީހުން އެބަ ބުނޭ މޯޑު ގޮވައިގެން 20-30 ވަރަކަށް މީޓަރަށް އެ ކުއްޖާ އެރި ކަމަށް ވެސް. ދެން އޭގެ ފަހުން ދޫވީއޭ."

މުހައްމަދު ސައީދު (ކ) ޑައިވްއެއް ނިންމާލުމަށް ފަހު އިތުރު ބަޔަކާ އެކު މޫދުގައި. (ފޮޓޯ/އަފްސަހް)

މުހައްމަދު ސައީދުއާ އެކު ޑައިވިނަށް ފޭބި މަހްމޫދު ފާއިޒަކީ އަދި މިކަމަށް އާ މީހެކެވެ. މުހައްމަދު ސައީދަކީ ބިޔަކޮށް ހުންނަ މީހެކެވެ. މަހްމޫދު ފާއިޒަކީ ހިކިކޮށް ހުންނަ މީހެކެވެ. އެހެންކަމުން، މުހައްމަދު ސައީދު ގޮވައިގެން މައްޗަށް އެރުމަކީ އޭނާއަށް ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ވެސް އަފްސަހް ބުންޏެވެ.

"އެކަހަލަ ކަމެއް ދިމާވީމަ ހާސްވެ، ބިރުގަނެ، ވަރަށް އަވަސް އަވަހަށް ނޭވާލާން ފެށޭނެ. ދެން ފުޅި ހުސްވީމާ ކޮންމެ މީހަކު ވެސް ބަލާނީ އަމިއްލަ މީހާގެ ސޭފްޓީއަށް،" އަފްސަހް ބުންޏެވެ.

ފުޅި ހުސްވެގެން މަހްމޫދު ފާއިޒް ވަނީ އެމަޖެންސީ އެކްސީޑިންއެއް ހަދައިފަ އެވެ. އަފްސަހްގެ ތަޖުރިބާގެ އަލީގައި އޭނާ ބުނީ 20 މީޓަރަށް ވުރެ އަޑިން އެމަޖެންސީ އެކްސީޑިން ހަދައިފި ނަމަ، މައްޗަށް އެރުމަށް ފަހު ދެތިން ނޭވާ ލެވޭއިރަށް މީހާގެ ފުއްޕާމޭ ފަޅައިގެން ދާނެ ކަމަށެވެ. އެހެންކަމުން، މަހްމޫދު ފާއިޒު އެމަޖެންސީގައި މައްޗަށް އެރީ އެއަށް ވުރެ މަތިން ކަމަށް އޭނާ ގަބޫލުކުރެ އެވެ.

ހެޔޮ އެކުވެރިއެއް؛ އެންމެންގެ ދުއާ

އުމުރުގެ ބޮޑު ބައެއް އެކުގައި ހޭދަކުރި އަފްސަހް ސިފަކުރި ގޮތުގައި މުހައްމަދު ސައީދަކީ ވަރަށް ރަނގަޅު ރައްޓެއްސެކެވެ. ރައްޓެހިންނާ އެކު ކައްކައި ކައި، ވަގުތު ހޭދަކުރުމަކީ މުހައްމަދު ސައީދު ވަރަށް ލޯބިކުރި ކަންތައްތަކެވެ. ދިމާނުވިޔަސް ދޭތެރެއަކުން ގުޅައި ހާލު ބަލައި ހަދާނެ އެވެ.

މުހައްމަދު ސައީދުގެ އެހެން އެކުވެރިއެއް ކަމަށްވާ ހަސަން އަބްދުﷲ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ "ސައިއްޓޭ" އަކީ މީހުންނާ ގުޅޭ، ހިތްހެޔޮ އަދި އަހްލާގު ރަނގަޅު ރައްޓެއްސެއް ކަމަށެވެ. އިއްޔެގެ ހާދިސާގެ ސަބަބުން މުޅި ފުވައްމުލަކަށާއި ޑައިވިން ކޮމިއުނިޓީއަށް ވަރަށް ބޮޑު ފުން ހިތާމައެއް ލިބިފައިވާ ކަމަށް ހަސަން އަބްދުﷲ ބުންޏެވެ.

މުހައްމަދު ސައީދުގެ އެކުވެރިންނާއި އޭނާ ދަންނަ އެންމެންގެ ވެސް ދުއާއަކީ ހެޔޮ ހާލުގައި މުހައްމަދު ސައީދު ފެނުމެވެ.

މުހައްމަދު ސައީދު ހޯދުމުގައި ޑައިވަރުން ހަރަކާތްތެރިވަނީ. (ފޮޓޯ/އެމްއެންޑީއެފް)
މުހައްމަދު ސައީދު ހޯދުމުގައި ޑައިވަރުން ހަރަކާތްތެރިވަނީ. (ފޮޓޯ/އެމްއެންޑީއެފް)

މުހައްމަދު ސައީދު ގެއްލުމުން އެންމެ ބޮޑު ހިތާމައަކާއި ޝޮކެއް ލިބުނީ އޭނާގެ ލޯބިވާ އަނބިމީހާ އާމިނަތު ސައީދަށެވެ. ފިރިމީހާ ގެއްލިގެން އުޅޭ ހަބަރު ލިބުމާ އެކު ބަނދަރު މައްޗަށް ގޮސް އެ ތަނުގައި ހުއްޓައި އޭނާގެ ހާލު ދެރަވެގެން ރޭ ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ވެސް ފަރުވާ ދީފަ އެވެ.

އައިމިނަތު ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނީ މުހައްމަދު ސައީދަކީ އޭނާ އެންމެ ލޯބިވާ، އޭނާގެ ފުރާނަ އާއި ހުރިހާ އުންމީދު ކަމަށެވެ.

"އައިންތުގެ ހިނިތުންވުން، އައިންތު މި ހުރިހާ ދުވަހު ސަލާމަތުން ހުރުމުގެ ސަބަބު،" އޭނާ ލިޔުނެވެ.

މުހައްމަދު ސައީދު އާއި އައިމިނަތުގެ ކުޑަ ތިން ކުދިން އެބަތިއްބެވެ.

މުހައްމަދު ސައީދު ހޯދުމުގެ އޮޕަރޭޝަން ކުރިއަށް

އިއްޔެއިން ފެށިގެން އެމްއެންޑީއެފް އާއި ފުވައްމުލަކުގެ ޑައިވަރުން ވެސް އަންނަނީ މުހައްމަދު ސައީދު ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންނެވެ. ފުވައްމުލަކުގެ ޑައިވް ސެންޓަރުތަކުގެ ޑައިވަރުން ގުޅިގެން މިއަދު ވެސް ވަނީ 70 ވަރަކަށް މީޓަރު ބަލައިފަ އެވެ. ނަމަވެސް އޭނާގެ ހަބަރެއް ނުވެ އެވެ. 

މުހައްމަދު ސައީދު ހޯދަން ބަލާފައިވާ ސަރަހައްދު. (މައުލޫމާތު/އެމްއެންޑީއެފް)

އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން ހަނާ މުހައްމަދު ވިދާޅުވީ މުހައްމަދު ސައީދު ހޯދަން ކުރިއަށް ގެންދާ އޮޕަރޭޝަންގައި އިއްޔެ އެމްއެންޑީއެފްގެ ދެ ހާބާ ކްރާފްޓް ބޭނުންކޮށްގެން ކަނޑުމަގުން 55 އަކަ ނޯޓިކަލް މޭލު ބަލާފައިވާ ކަމަށެވެ.

މިއަދު ވެސް އެ ދެ އުޅަނދު ހަރަކާތްތެރިވަމުން އަންނަ އިރު، އެމްއެންޑީއެފްގެ ޑޯނިއާ ބޯޓު ވެސް އޮޕަރޭޝަންގައި މިއަދު ބައިވެރިވާނެ އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް