ފުވައްމުލަކުގައި މިއަދު ޑައިވިނަށް ގޮސް އުޅެނިކޮށް ޑީކޯވި މަހުމޫދު ފާއިޒް އިތުރު ފަރުވާއަށް މިރޭ ދ. ކަނޑިންމަ ރިސޯޓަށް ގެންދިއުމަށް އެމްއެންޑީއެފްގެ ހެލިކޮޕްޓަރަށް އަރުވަން ގެންދަނީ. (ފޮޓޯ/އެމްއެންޑީއެފް)

ފުވައްމުލަކުގައި ޑައިވިނަށް ގޮސް އުޅެނިކޮށް ހާލު ދެރަވި މީހާ އިތުރު ފަރުވާއަށް ކަނޑިންމަ ރިސޯޓަށް

އޭނާއާ އެކު ޑައިވިނަށް ފޭބި ތަޖުރިބާކާރު ޑައިވަރު މުހައްމަދު ސައީދު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރިއަށް އެބަދޭ
3 މޭ 2022

ފުވައްމުލަކު ނެރު ކައިރިއަށް އިއްޔެ ޑައިވިނަށް ފޭބި ދެ ދިވެހި ފިރިހެނުންގެ ތެރެއިން ހާލު ދެރަވި މީހާއަށް އިތުރު ފަރުވާ ދިނުމަށް މިރޭ ދ. ކަނޑިންމަ ރިސޯޓަށް ގެންގޮސްފި އެވެ.

ވީ ކިހިނެއް؟ - ފުވައްމުލަކު ނެރު ކައިރިއަށް މިއަދު މެންދުރުފަހު 2:30 ހާއިރު ފީނަން ފޭބި ދެ ދިވެހިންގެ ތެރެއިން އެކަކު ވަނީ ގެއްލިފަ އެވެ. ގެއްލިގެން ހޯދަމުން އަންނަނީ އެ ރަށުގައި ޑައިވް ސެންޓަރެއް ހިންގާ، ތަޖުރިބާކާރު ޑައިވަރު މުހައްމަދު ސައީދެވެ.

ސައީދާ އެކު ފީނަން ފޭބި މަހުމޫދު ފާއިޒު ޑީކޯވެގެން އޭނާއަށް މިއަދު ހަވީރުން ފެށިގެން ދިޔައީ ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ބުނީ ކީކޭ؟ - އެމްއެންޑީއެފުން މިރޭ ސޯޝަލް މީޑިއާގައި ބުނި ގޮތުގައި، އޭނާ އިތުރު ފަރުވާއަށް އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި މިރޭ 10:27 ހާއިރު ވަނީ ކަނޑިންމަ ރިސޯޓަށް ގެންގޮސްފަ އެވެ. ނަމަވެސް، މިކަމާ ގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފަކުން ނުދެ އެވެ.

އެނގުން މުހިންމު - ޑައިވިނަށް ގޮސް އުޅުމުގެ ތެރޭގައި ޑީކޯވާ މީހުންނަށް ފަރުވާދިނުމަށް ބޭނުންވާ ހާއްސަ އާލާތްތައް ފުވައްމުލަކާ އެންމެ ކައިރިން ހުންނަނީ ދ. ކަނޑިންމަ ރިސޯޓުގަ އެވެ.

ޑައިވިނަށް ދާ މީހުން ގެއްލުމުގެ ހާދިސާތައް ދޭތެރެ ދޭތެރެއިން ހިނގަ އެވެ. މިދިޔަ ޖެނުއަރީ މަހު ޑައިވިނަށް ފޭބި ފަތުރުވެރިޔަކު ވެސް ވަނީ ގެއްލިފަ އެވެ. އޭނަ ހޯދަމުން ދަނިކޮށް ހަށިގަނޑު ފެނުނީ ކަނޑުގެ 15 މީޓަރުގެ އަޑިންނެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް