ފުވައްމުލަކުގައި ހޯމަ ދުވަހުގެ މެންދުރުފަހު ޑައިވިނަށް ގޮސް އުޅެނިކޮށް ޑީކޯވި މުހައްމަދު ފާއިޒް އިތުރު ފަރުވާއަށް ދ. ކަނޑިންމަ ރިސޯޓަށް ގެންދިއުމަށް އެމްއެންޑީއެފްގެ ހެލިކޮޕްޓަރަށް އަރުވަން ގެންދަނީ. (ފޮޓޯ/އެމްއެންޑީއެފް)

ފުވައްމުލައް

ފުވައްމުލަކުގައި ޑައިވިނަށް ގޮސް އުޅެނިކޮށް ހާލު ދެރަވި މީހާ ފަރުވާއަށް މާލެއަށް

ޑީކޮމްޕްރެޝަން ފަރުވާއަށް މަހުމޫދު ފާއިޒު ކުރެއްދޫ އައިލެންޑް ރިސޯޓަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި

ފުވައްމުލަކު ނެރު ކައިރިއަށް ޑައިވިނަށް ފޭބި ދިވެހި ދެ ފިރިހެނުންގެ ތެރެއިން ހާލު ދެރަވި މީހާއަށް އިތުރު ފަރުވާ ދިނުމަށް ދ. ކަނޑިންމަ ރިސޯޓުން މިއަދު މާލެ ގެނެސްފި އެވެ.

ވީ ކިހިނެއް؟ - ހޯމަ ދުވަހުގެ މެންދުރުފަހު 2:30 ހާއިރު ފީނަން ފޭބި ދެ މީހުންގެ ތެރެއިން ތަޖުރިބާކާރު ޑައިވަރު މުހައްމަދު ސައީދު (މޯޑު) ގެއްލިފައިވާއިރު ހާލު ދެރަވީ މަހުމޫދު ފާއިޒު އެވެ.

ތަފްސީލް - އެނގިފައިވާ ގޮތުގައި މިއަދު މެންދުރު މަހުމޫދު، 19، ވަނީ އިތުރު ފަރުވާއަށް ސީޕްލޭނަކުން މާލެ ގެނެސްފަ އެވެ. އޭނާ އަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ޑީކޮމްޕްރެޝަން ފަރުވާއަށް ކުރެއްދޫ އައިލެންޑް ރިސޯޓަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެނގިފައިވެ އެވެ.

  • ޑައިވްކުރާތާ 22 އަހަރު ވެފައިވާ ސައީދު ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުން

  • މުހައްމަދު ސައީދާ އެކު ފީނަން ފޭބި މަހުމޫދު މައްޗަށް އެރި އިރު އޭނާގެ ހާލު ވަރަށް ދެރަ 

  • ޑައިވް ސެންޓަރެއް ހިންގާ ސައީދުގެ ގާތް މީހުން ގަބޫލުކުރާ ގޮތުގައި މަހުމޫދު މަސައްކަތް ކުރީ ސައީދު އަޑިއަށްދާތީ ސަލާމާތް ކުރުމަށް

  • ޑީކޯވެގެން ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މަހުމޫދު ކަނޑިންމަ ރިސޯޓަށް ބަދަލުކުރީ ރޭގެ ވަގުތެއްގައި 

މުހައްމަދު ސަލާމަތްކުރަން މަހުމޫދު އުޅުނު ކަމަށް ބެލެވޭ

ގެއްލިފައިވާ މުހައްމަދު ސައީދު ގޮވައިގެން މަހުމޫދު ވަކި ހިސާބަކަށް މައްޗަށް އެރި ކަމަށް ވެ އެވެ. މަހްމޫދުގެ ކޮމްޕިއުޓަރުން ދައްކާ ގޮތުން އޭނާ ވަނީ 78 މީޓަރު އަޑިއަށް ގޮސްފަ އެވެ. ރާއްޖޭގެ ގާނޫނު ބުނާ ގޮތުން، އެންމެ އަޑިއަށް ދެވޭނީ 30 މީޓަރަށެވެ. އެއަށް ވުރެ ފުނަށް މުހައްމަދު ސައީދު ނުދާނެކަން އޭނާ ގާތް މީހުންނަށް ޔަގީނެވެ.

"ބޮޑަށް ބެލެވެނީ މޯޑުގެ ބޮޑީ ޑްރޮޕްވާ ތަން ފެނިގެން، އޭނާ ސަލާމަތް ކުރަން އެ ކުއްޖާ [މަހުމޫދު] ފީނައިގަތީ ކަމަށް ފަހަތުން. ދެން އަތުނުވެ ދިޔައީ ހެން ހީވަނީ،" މުހައްމަދުގެ އެކުވެރިއެއް ކަމަށްވާ އަލީ އަފްސަހް 'ދައުރު'އަށް ކުރިން ބުންޏެވެ.

"ބައެއް މީހުން އެބަ ބުނޭ މޯޑު ގޮވައިގެން 20-30 ވަރަކަށް މީޓަރަށް އެ ކުއްޖާ އެރި ކަމަށް ވެސް. ދެން އޭގެ ފަހުން ދޫވީއޭ."

މަހްމޫދަކީ ފީނުމަށް އަދި އާ ޒުވާނެކެވެ. މުހައްމަދު ސައީދު ބިޔަކޮށް ހުންނަ އިރު މަހްމޫދު ހުންނަނީ ހިކިކޮށެވެ. އެހެންކަމުން، މުހައްމަދު ސައީދު ގޮވައިގެން މައްޗަށް އެރުމަކީ އޭނާއަށް ފަސޭހަ ކަމަކަށް ނުވާނެ ކަމަށް އަފްސަހް ބުންޏެވެ.

"އެކަހަލަ ކަމެއް ދިމާވީމަ ހާސްވެ، ބިރުގަނެ، ވަރަށް އަވަސް އަވަހަށް ނޭވާލާން ފެށޭނެ. ދެން ފުޅި ހުސްވީމާ ކޮންމެ މީހަކު ވެސް ބަލާނީ އަމިއްލަ މީހާގެ ސޭފްޓީއަށް،" އަފްސަހް ބުންޏެވެ.

ފުޅި ހުސްވެގެން މަހްމޫދު ވަނީ އެމަޖެންސީ އެކްސީޑިންއެއް ހަދައިފަ އެވެ. އަމިއްލަ ތަޖުރިބާގެ އަލީގައި އަފްސަހް ބުނީ 20 މީޓަރަށް ވުރެ އަޑިން އިމަޖެންސީ އެކްސީޑިން ހަދައިފި ނަމަ، މައްޗަށް އެރުމަށް ފަހު ދެތިން ނޭވާ ލެވޭއިރަށް މީހާގެ ފުއްޕާމޭ ފަޅައިގެން ދާނެ ކަމަށެވެ. އެހެންކަމުން، މަހްމޫދު އިމަޖެންސީގައި މައްޗަށް އެރީ އެއަށް ވުރެ މަތިން ކަމަށް އޭނާ ގަބޫލުކުރެ އެވެ.

އިތުރަށް ކިޔާލަން

އެނގުން މުހިއްމު - ޑައިވިނަށް ދާ މީހުން ގެއްލުމުގެ ހާދިސާތައް ދޭތެރެ ދޭތެރެއިން ހިނގަ އެވެ. މިދިޔަ ޖެނުއަރީ މަހު ޑައިވިނަށް ފޭބި ފަތުރުވެރިޔަކު ވެސް ވަނީ ގެއްލިފަ އެވެ. އޭނާ ހޯދަމުން ދަނިކޮށް ހަށިގަނޑު ފެނުނީ ކަނޑުގެ 15 މީޓަރުގެ އަޑިންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް