މަޖިލީހުގެ ޖަލްސާއެއްގައި ބަންޑާރަނައިބު ރިއްފަތު ވާހަކަ ދައްކަވަނީ: (ފޮޓޯ/މަޖިލިސް)

ކޯޓުތަކާއި ފަނޑިޔާރުންގެ ގާނޫނަށް ގެންނަ އިސްލާހާއެކު ހަތަރު ބިލެއް ފޮނުވައިފި

މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރަށް 32 ބިލު ފޮނުވަން ލިސްޓުކުރި ނަމަވެސް އަދި މަޖިލީހަށް ފޮނުވާފައި ވަނީ ހަތަރު ބިލު. މަޖިލީހުގެ ރައީސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފައި
3 ނޮވެމްބަރު 2021

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ހަތަރު ބިލެއް ރައީސް އޮފީހަށް ފޮނުވައިފި އެވެ. މިއަދު އޭޖީ އޮފީހުން ފޮނުވި ބިލުތަކުގެ ތެރޭގައި ހިމެނެނީ ތިން ގާނޫނަކަށް އިސްލާހު ގެނައުމުގެ ބިލުތަކާއި އާ ބިލެކެވެ.

ވީ ކިހިނެއް؟ - މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރު ދެ ބައިވިއިރު، ސަރުކާރުން މި ދައުރުގައި ފޮނުވުމަށް ލިސްޓު ކުރި 32 ބިލުގެ ތެރެއިން މަޖިލީހަށް ފޮނުވީ އެންމެ ހަތަރު ބިލު ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ތަފްސީލް - ނަޝީދުގެ ކަންބޮޑުވުމާ ގުޅިގެން ސަރުކާރުން ބުނީ މަޖިލީހަށް ބިލުތައް ފޮނުވުން ލަސްވަނީ އެ ބިލުތައް ރަނގަޅަށް ފަރުމާކުރުމަށް ވަގުތު ނަގާތީ ކަމަށެވެ. އަދި ހަފްތާއެއްގެ ތެރޭގައި ހަތަރު ބިލު ފޮނުވާނެ ކަމަށް މީގެ 10 ދުވަސް ކުރިން ސަރުކާރުން އޮތީ ބުނެފަ އެވެ.

އެގޮތުން އޭޖީ އޮފީހުން މިއަދު ރައީސް އޮފީހަށް ފޮނުވި ބިލުތަކަކީ:

  • ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭތަކެތީގެ ބައިނަލްއަގުވާމީ ވިޔަފާރިކުރުމުގެ ބިލު

  • ފެނާއި ނަރުދަމާގެ ގާނޫނަށް އިިސްލާހު ގެނައުމުގެ ބިލު

  • ކޯޓުތަކުގެ ގާނޫނަށް އިިސްލާހު ގެނައުމުގެ ބިލު

  • ފަނޑިޔާރުންގެ ގާނޫނަށް އިިސްލާހު ގެނައުމުގެ ބިލު

އެންގުން މުހިންމު - މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރު ފެށީ މިދިޔަ އޮގަސްޓް 16ގަ އެވެ. މި ދައުރު ފެށި ފަހުން ދެ މަސްދުވަސް ވެފައި ވާއިރު، މިހާތަނަށް ސަރުކާރުން ފޮނުވި ހަތަރު ބިލަކީ:

  • އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

  • އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ބިލު

  • ކާބޯތަކެތީގެ ރައްކާތެެރިކަމާ ބެހޭ ބިލު

  • ހެއްކާ ބެހޭ ބިލު

އެ ހަތަރު ބިލުގެ ތެރެއިން އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފިޔަވާ ހުރިހާ ބިލެއް އޮތީ މަޖިލީހުގެ ކޮމިޓީ މަރުހަލާގަ އެވެ. އަނެއް ބިލު އަދި އޮތީ އިބްތިދާއީ ބަހުސްގެ މަރުހަލާގަ އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް