ނަޝީދު މަޖިލީހުގެ ރިޔާސަތުގައި: ސަރުކާރުން ބިލު ފޮނުވުން ލަސްވާތީވެ ކަންބޮޑުވުން ފާޅުކުރެއްވި. (ފޮޓޯ/ މަޖިލިސް)

ދައުރު ދެބައި ވީއިރު ސަރުކާރުން އެންމެ 4 ބިލު ފޮނުވުމުން ނަޝީދުގެ ކަންބޮޑުވުން

މަޖިލީހުގެ މި ދައުރަށް 32 ބިލެއް ފޮނުވުމަށް ސަރުކާރުން ނިންމާފައި ވިޔަސް މިހާތަނަށް ފޮނުވާފައިވަނީ އެންމެ ހަތަރު ބިލު

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގައި ސަރުކާރުން ހުށަހަޅަން ނިންމި 32 ބިލުގެ ތެރެއިން ދައުރު ދެބައި ވީއިރު މިހާތަނަށް އެންމެ ހަތަރު ބިލެއް ފޮނުވާފައިވާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އެންގުން މުހިންމު - މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރު ފެށީ މިދިޔަ އޮގަސްޓް 16ގަ އެވެ. މި ދައުރު ފެށި ފަހުން ދެ މަސް ވެފައި ވާއިރު މިހާތަނަށް ސަރުކާރުން ފޮނުވި ހަތަރު ބިލަކީ:

  • އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

  • އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ބިލު

  • ކާބޯތަކެތީގެ ރައްކާތެެރިކަމާ ބެހޭ ބިލު

  • ހެއްކާ ބެހޭ ބިލު

އެ ހަތަރު ބިލުގެ ތެރެއިން އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފިޔަވާ ހުރިހާ ބިލެއް އޮތީ މަޖިލީހުގެ ކޮމިޓީ މަރުހަލާގަ އެވެ. ކޮމިޓީއަށް އަދި ނުފޮނުވާ ބިލު އަދި އޮތީ އިބްތިދާއީ ބަހުސްގެ މަރުހަލާގަ އެވެ.

ބުނީ ކީކޭ؟ - މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމުގެ ގޮތުން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، މި ދައުރުގައި މަޖިލީހަށް ފޮނުވަން ބަންޑާރަ ނައިބުގެ އޮފީހުން ލިސްޓުކޮށްފައިވާ 32 ބިލުގެ ތެރެއިން މިހާތަނަށް ފޮނުވީ ހަތަރު ބިލު ކަމަށެވެ. އެ ބިލުތަކުގެ މަސައްކަތް މަޖިލީހުން ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"[ބާކީ ހުރި ބިލުތައް] މި ދައުރުގައި މަޖިލީހަށް ލިބޭނެ ކަމަށް އަޅުގަނޑަށް ލަފައެއް ނުކުރެވޭ... މަޖިލިސް ތަޅުމުގައި މަސައްކަތް މަދުވަމުން މި ދަނީ،" ކުރީގެ ރައީސް ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ތަޅުމުގައި ކުރާނެ މަސައްކަތެއް ނެތުމުން މިއަދުގެ ޖަލްސާ ވެސް އަވަހަށް ނިންމާލަން ޖެހިފައިވާ ކަމަށެވެ.

ބިލުތައް މަޖިލީހަށް ފޮނުވުން ލަސްވާ މައްސަލައިގައި ރައީސް އޮފީހާއި ބަންޑާރަނައިބުގެ އޮފީހުގެ ބަހެއް އަދި ނުލިބެ އެވެ. 

ފަސް މަންޒަރު - ބިލުތައް ލަސްވާ މައްސަލައިގައި ނަޝިދު ކަންބޮޑުވުން ފާޅުކުރެއްވި އިރު، މިދިޔަ ދައުރުތަކުގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި 25 ބިލެއް އަދި އޮތީ ކޮމިޓީ މަރުހަލާގަ އެވެ.

މިހާރު ހިނގަމުން އަންނަ މަޖިލީހުގެ ތިން ވަނަ ދައުރު ނިމޭނީ އަންނަ މަހުގެ ނިޔަލަށެވެ. މި ދައުރުގައި ހުށަހަޅަން  ސަރުކާރުން ނިންމި 32 ބިލުގެ ތެރެއިން:

  • 19 ބިލަކީ މުޅިން އަލަށް ހުށަހަޅާ ބިލުތަކެއް 

  • ބާކީ 13 ބިލަކީ މިހާރު ހުރި ގާނޫނުތަކަށް އިސްލާހު ގެނައުމަށް ހުށަހަޅާ ބިލުތަކެއް

މި ދައުރުގައި ސަރުކާރުން ހުށަހެޅުމަށް ލިސްޓުކުރި ބިލުތައް:

  • 1-

    ހެއްކާ ބެހޭ ބިލު

  • 2-

    ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު

  • 3-

    އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލު

  • 4-

    ގިންތި ކަނޑައެޅުމާއި ދަރަޖަކުރުމުގެ ބިލު

  • 5-

    ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

  • 6-

    ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު

  • 7-

    މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން އޮތޯރިޓީގެ ބިލު

  • 8-

    މޯލްޑިވްސް ހެލްތު ސާވިސްގެ ބިލު

  • 9-

    ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

  • 10-

    މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

  • 11-

    ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

  • 12-

    ހައްޖާއި އުމްރާގެ ކަންކަން އިންތިޒާމުކުރުމާ ބެހޭ ބިލު

  • 13-

    ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

  • 14-

    ރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

  • 15-

    ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލު

  • 16-

    ޑިޕްލޮމެޓިކް އިމްތިޔާޒްގެ ބިލު

  • 17-

    ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

  • 18-

    އިޖުތިމާއީ މަސައްކަތްތެރިންގެ ބިލު

  • 19-

    ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

  • 20-

    ފޮރިން އިންވެސްޓްމެންޓްގެ ބިލު

  • 21-

    އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ބިލު

  • 22-

    ކުންފުނީގެ ބިލު

  • 23-

    ޓްރޭޑްމާކުގެ ބިލު

  • 24-

    އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

  • 25-

    މަސައްކަތު މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމުގެ ބިލު

  • 26-

    އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލު

  • 27-

    މަދަނީ ވައިގެ ބިލު

  • 28-

    ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބިލު

  • 29-

    ކުނި މެނޭޖްކުރުމާ ބެހޭ ބިލު

  • 30-

    ފެނާއި ނަރުދަމާގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

  • 31-

    ކްލައިމެޓް އިމަޖެންސީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

  • 32-

    ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

އިތުރު އާޓިކަލް

އިތުރު އާޓިކަލް