ރައީސް އޮފީސް: އަންނަ ހަފްތާގައި އިތުރު ހަތަރު ބިލެއް މަޖިލީހަށް ފޮނުވާނެ ކަމަށް އެ އޮފީހުން ބުނޭ. (ފޮޓޯ/ގޯ ޓު ޓްރެވެލް ގައިޑްސް)

ބިލުތައް ލަސްވޭ؛ އެހެން ވަނީ ރަނގަޅަށް ޑްރާފްޓުކުރަން ވަގުތު ނަގާތީ: ސަރުކާރު

ރައީސް އޮފީހުން ބުނީ އަންނަ ހަފްތާގައި އިތުރު ހަތަރު ބިލެއް މަޖިލީހަށް ފޮނުވާނެ ކަމަށް

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލުތައް ފޮނުވުން ލަސްވަނީ އެ ބިލުތައް ރަނގަޅަށް ފަރުމާކުރުމަށް ވަގުތު ނަގާތީ ކަމަށާއި އަންނަ ހަފްތާގައި ހަތަރު ބިލެއް ފޮނުވާނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

މައްސަލައިގެ ފެށުން - މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރު ދެ ބައިވިއިރު، ސަރުކާރުން މި ދައުރުގައި ފޮނުވުމަށް ލިސްޓު ކުރި 32 ބިލެއްގެ ތެރެއިން އެންމެ ހަތަރު ބިލު ފޮނުވާފައިވާތީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. ނަޝީދު ވިދާޅުވެފައިވަނީ:

  • ސަރުކާރުން ބިލު ފޮނުވުން ލަސްވާތީވެ ތަޅުމުގައި މިހާރު ކުރާނެ މަސައްކަތެއް ނެތް ކަމަށް

  • އެހެންވެ މަޖިލީހުގެ ޖަލްސާ ވެސް ގިނަ ދުވަސް ދުވަހު އަވަހަށް ނިންމާލަން ޖެހޭ ކަމަށް

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. (ފޮޓޯ/ މަޖިލިސް)

ބުނީ ކީކޭ؟ - ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަބްދުލްއަޒީޒް މިއަދު 'ދައުރު'އަށް ވިދާޅުވީ، ބިލުތައް ލަސްވާކަން ގަބޫލުކުރައްވާ ކަމަށާއި ލަސްވަނީ އެ ބިލުތައް ރަނގަޅު ފެންވަރަކަށް ފަރުމާކުރާތީ ކަމަށެވެ.

މަބުރޫކު ފާހަގަކުރެއްވި ގޮތުގައި:

  • ސަރުކާރުން މިހާތަނަށް 102 ބިލެެއް ފޮނުވާފައިވޭ 

  • 75 ބިލެއްގެ މަސައްކަތް މަޖިލީހުން ނިންމާފައިވޭ 

  • 27 ބިލެއްގެ މަސައްކަތް މިހާރު މަޖިލީހުން އެބަކުރޭ

"ލެޖިސްލޭޓްވިވް އެޖެންޑާގެ ގިނަ ބިލުތަކަކީ އަލަށް ހުރި ބިލުތައް އަދި މިހާރު ހުރި ގާނޫނުތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ބިލުތަކެއް. އެހެންވެ، އެތައް ބައެއްގެ ހައްގުތަކާއި ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭތީވެ، މަޝްވަރާ ކުރުމާއި ފަރުމާ ކުރުމުގައި ގިނަ ވަގުތު ހޭދަވޭ،" މަބްރޫކު ވިދާޅުވި އެވެ.

"އަންނަ ހަފްތާގައި ހަތަރު ބިލެއް މަޖިލީހަށް ފޮނުވޭވަރު ވާނެ."

ނަމަވެސް، އެ ބިލުތަކުގެ ތަފްސީލް މަބުރޫކް ނުދެއްވަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ. (ފައިލް ފޮޓޯ/ ރައީސް އޮފީސް)

އެންގުން މުހިންމު - މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރު ފެށީ މިދިޔަ އޮގަސްޓް 16ގަ އެވެ. މި ދައުރު ފެށި ފަހުން ދެ މަސްދުވަސް ވެފައި ވާއިރު، މިހާތަނަށް ސަރުކާރުން ފޮނުވި ހަތަރު ބިލަކީ:

  • އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

  • އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ބިލު

  • ކާބޯތަކެތީގެ ރައްކާތެެރިކަމާ ބެހޭ ބިލު

  • ހެއްކާ ބެހޭ ބިލު

އެ ހަތަރު ބިލުގެ ތެރެއިން އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފިޔަވާ ހުރިހާ ބިލެއް އޮތީ މަޖިލީހުގެ ކޮމިޓީ މަރުހަލާގަ އެވެ. ކޮމިޓީއަށް އަދި ނުފޮނުވާ ބިލު އަދި އޮތީ އިބްތިދާއީ ބަހުސްގެ މަރުހަލާގަ އެވެ.

އިތުރަށް ކިޔާލަން -

ކޮމެންޓް (1)

އަދުރޭބެ

21 އޮކްޓޯބަރު 2021
މަބްރޫކް ކޮން ވާހަކައެއް ދައްކާކަށް ހަމަ ސްލޯ ސަރުކާރެއް މިއީ. އެއްވެސް ކަމެށް އަވަހަށް އިމްޕިމެންޓް ވާ ތަނެއް ނުފެނޭ. ހުސް ބަހަަނާ ނޫނީ އުޒުރު ދައްކާކަން ފެންނަނީ. މިވަރުން ދެވަނަ ދައުރެއް ލިބޭނެ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް