އައްޑޫގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ އަންހެން މީހާގެ މައްސަލައިގައި މިއަދު ހައި ކޯޓުގައި ބޭއްވި އަޑުއެހުމުގެ ތެރެއިން.
ޖިންސީ ގޯނާގެ ތުހުމަތުކުރެވޭ އަންހެން މީހާ ބަންދުކުރީ ރަނގަޅަށް: ހައި ކޯޓު
އައްޑޫގައި އުމުރުން 6 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދުވަސްވީ އަންހެން މީހާ ޝަރީއަތް ނިމެންދެން ބަންދުކުރަން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި އަމުރަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފި އެވެ.
ވީ ކިހިނެއް؟ - ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 59 އަހަރުގެ އަންހެން މީހާ ހައްޔަރުކުރީ މިދިޔަ މަހުގެ 24ގަ އެވެ. އަދި އޭނާ ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ.
ތަފްސީލް - ހިތަދޫ ކޯޓުގެ އެ ނިންމުން އަންހެން މީހާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކުރި އެވެ. އެ މައްސަލައިގައި މިއަދު ހައި ކޯޓުގައި ބޭއްވި އަޑުއެހުމުގައި އެ ކޯޓުގެ އިސް ފަނޑިޔާރު ހާތިފް ހިލްމީ ވިދާޅުވީ، އަންހެން މީހާގެ މައްޗަށް ކުރަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކުން އަމަލުކުރުމުގެ ގާނޫނުގެ ދަށުން، ބޮޑެތި ތުހުމަތުތަކެއް ކަމަށެވެ.
އެއީ، ހާތިފް ވިދާޅުވި ގޮތުގައި، އެ މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ފަނޑިޔާރަށް މަގުފަހިވާ ފަދަ ތުހުމަތުތަކެކެވެ.
އެހެންކަމުން، މި މައްސަލައިގައި ލިބިފައިވާ ހެކިތަކަށް ބަލައި އަންހެން މީހާ ބަންދުކޮށްފައި ބަހައްޓަން ހިތަދޫ ކޯޓުން އަމުރު ނެރެފައިވަނީ ހެއްކަށް ރިއާޔަތް ކުރުމަށް ފަހު ރަނގަޅަށް ކަމަށް، ހައި ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން އިއްތިފާގުވެވަޑައިގެންފަ އެވެ.
އެނގުން މުހިންމު - އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރީ ނުބައި މީހެއް ކަމަށާއި ކުއްޖާއަށް ޖިންސީ ގޯނާކުރީ އެ ކުއްޖާގެ ކާފަ ކަމަށް ބުނެ އައްޑޫގައި ވަނީ މުޒާހަރާކޮށްފަ އެވެ.
ނަމަވެސް، ފުލުހުން ބުނީ އެކި ފަރާތްތަކުން ދެމުން އަންނަ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް އިތުރަށް ބަލަން ޖެހޭ ކަންކަން ބަލައި އެ މައުލޫމާތުތަކުގެ ސައްހަކަން ކަށަވަކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެކަމުގައި އިތުރު މީހެއްގެ ބައިވެރިވުން އޮތްތޯ ބަލަމުން އަންނަ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
އިތުރަށް ކިޔާލަން -