ކެންސަރާ މެދު ހޭލުންތެރިކުރުވަން ބޭއްވި ދުވުމެއް: މި ކަހަލަ ހަރަކާތްތަކުގެ ރަނގަޅު ނަތީޖާ ފެނޭ އެކަމަކު އަދިވެސް ގިނަ މީހުންނަށް ކެންސަރުގެ ހަގީގަތް އޮތީ ނޭނގި

ކެންސަރު

ކެންސަރު ޖެހިފައޭ ބުނީމާ ހަމަ އަސްލު ވެސް ރައްޓެހިން ފިލަނީތަ؟

ބަލިމީހާގެ އިހުސާސްތައް ނޭނގި ބައެއް މީހުން ބުނެލާ އެއްޗެހިން އަދި ހަރަކާތްތަކުން އިތުރު ހިތާމައެއް ލިބޭ
23 ފެބްރުއަރީ 2022

އެ ވާހަކަ ގަބޫލުކުރަން އުނދަގުލެވެ.

އެކަމަކު ކެންސަރާ ހަނގުރާމަކުރަމުން އަންނަ ފާތުމަތު ޝަރުމީލާ އާއި ކެންސަރުން ސަލާމަތްވެފައި ހުރި މަރިޔަމް ޖީލާ ވެސް ބުނީ އެހެންނެވެ. އެމީހުންގެ ކެންސަރު އެނގުމުން ބައެއް ރައްޓެހިން ދުރުވީ އެވެ. ބިރުން 'ފިލީ' އެވެ.

މި މަހު 4 ގައި ފާހަގަކުރި ދުނިޔޭގެ ކެންސަރު ދުވަހު 'ދައުރު'ގައި ޖެހި ޝަރުމީލާގެ ރިޕޯޓާއި 'ކެންސަރުގެ އިހުސާސްތައް' ޕޮޑްކާސްޓްގައި ޖީލާ ދެއްކި ވާހަކަތަކުން އެނގުނީ، ކެންސަރުގެ ބަލިމީހުންނާ މެދު ބައެއް އާންމުން ދެކޭ ގޮތް އިންސާނިޔަތުކަމުގެ ލޯތްބާ ދުރުވުމުގެ އިތުރުން މި ޒަމާނަށް ވެސް ނުފެތޭ ކަމެވެ.

"އެއް ދުވަހު ފިހާރައެއްގެ ތެރެއިން މި ދިމާވަނީ ރަހުމަތްތެރިއަކާ. ދެން އޭނާ އައިސް ހާލު އަހުވާލު އޮޅުން ފިލުވައިފި. އަޅުގަނޑު ދެން މި ބުނީ ކެންސަރަށް ފަރުވާ ކުރަމުން ދާ ވާހަކަ. ހަމަ އެހެން ބުނިތަނާ އޭނަ ގޮސް ވަންނަނީ ފިރިމީހާގެ އަނެއް ފަޅިއަށް. ދެން ވާހަކަ ވެސް ނުދެއްކި،" ޝަރުމީލާ ކިޔައިދިނެވެ.

ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އާއި 'ދައުރު' ގުޅިގެން އަދި ބައިސަމް އެލްމުނިއަމް އެންޑް ގްލާސްގެ އެހީތެރިކަމާ އެކު ގެނެސްދޭ 'ކެންސަރުގެ އިހުސާސްތައް' ޕޮޑްޕާސްޓްގައި ބައިވެރިވި ޖީލާގެ ތަޖުރިބާގެ މައްޗަށް ބިނާކޮށް އޭނާ ސިފަކުރި ގޮތުގައި ކެންސަރު ޖެހިފައޭ ބުނީމާ ބައެއް ރައްޓެހިން ކަން ކުރި ގޮތުން އިހުސާސްކުރެވުނީ "ދެން އޭނާ އެހެރީ މަރުގެ ތުންފަތް މަތީގައޭ، ގުޅުމެއް ބާއްވާނެކަމެއް ނެތޭ" ބުނި ހެންނެވެ.

މިއީ ވަރަށް ހިތާމަހުރި މައްސަލައެކެވެ. އެއިން ދޭހަކޮށްދެނީ މުޖުތަމައުގެ ހޭލުންތެރިކަން އަދިވެސް ކުޑަކަމެވެ. ކެންސަރަކީ ގައިންގަޔަށް ނާރާ ބައްޔެއް ނަމަވެސް، ބައެއް މީހުންނަށް އެކަން އެނގިފައި ނެތީ އެވެ. ނުވަތަ ކެންސަރު ބަލިމީހުންނާ ގުޅުމެއް ބޭއްވުމަކީ ގޯހެއް ކަމަށް، ގަބޫލުކުރެވެނީ އެވެ.

ޝަރުމީލާ: ކެންސަރު ޖެހުމުން ބައެއް ރައްޓެހިންގެ ފަރާތުން ފެނުނީ ބީރައްޓެހިކަން

މީގެ އަށް އަހަރު ކުރިން، 2013 ގައި ކެންސަރު ޖެހި އަދި ރަނގަޅުވެފައިވާ ޖީލާ ބުނި ގޮތުގައި އޭނާއަށް ކެންސަރު ޖެހުނުކަން އެނގުމުން ބައެއް ރައްޓެހިން ދުރަށް ދިޔަކަން ފާހަގަކުރެވުނެވެ. އެއީ ކެންސަރާ މެދު އަދިވެސް މުޖުތަމައުގެ ހޭލުންތެރިކަން ކުޑަކަމުން ވާ ގޮތެއް ކަމަށް، އޭނާ ގަބޫލުކުރެ އެވެ. މާނައަކީ ކެންސަރުގެ އަސްލު ހަގީގަތް ނޭނގޭ މީހުން އަދިވެސް ގިނަކަމެވެ.

ރާއްޖޭގައި ކެންސަރު ޖެހޭ މީހުންގެ އަދަދު ނިސްބަތުން ވަރަށް މައްޗެވެ. ގިނަ ކެންސަރުތަކަށް ފަރުވާކުރެވި، ރަނގަޅުވިޔަސް، ގިނަ މީހުންނަށް ހީވެފައި އޮންނަނީ 'ކެންސަރަކީ މަރު'ގެ ހުކުމެއްގެ ގޮތުގަ އެވެ. ބަލިމީހާ އާއި އޭނާގެ އާއިލާއިން ހިތްވަރުކުރާ އިރު، ގާތް އެހެން މީހުންނާއި ރައްޓެހިންގެ ފަރާތުން އެންމެ ކުޑަވެގެން 'ހިތްވަރުގެ ބަހެއް' ބުނެނުލައި، ދުރަށް ދިއުމަކީ ހިތްދަތި ހަގީގަތެކެވެ.

ކޮންމެ މީހަކު ވެސް އެ މީހެއްގެ ދުވަސް ހަމަވީމާ ދާނެ. ކެންސަރު ޖެހުނަސް ނުޖެހުނަސް.

އަނީގާ އަދުނާން، ތައިލެންޑްގައި ދިވެހި އެތައް ބަލިމީހަކަށް އެހީތެރިވި ފަރާތެއް

ކެންސަރު ޖެހިފައޭ އެހެން މީހެއް ކައިރީގައި ބަލިމީހާ ބުނާނީ، ޖީލާ ގަބޫލުކުރާ ގޮތުގައި، އެ ވާހަކަ ހިއްސާކޮށްލަން ބޭނުންވެގެންނެވެ. އަނެއް މީހާގެ ފަރާތުން ހިތްވަރެއް ހޯދުމުގެ ނިޔަތުގަ އެވެ. އެހެންކަމުން "ވާހަކަ ދައްކަން ބޭނުން ނަމަ ތިމަންނަ މިހިރީ އަޑުއަހަން ތައްޔާރަށޭ" ބުނުން ކަހަލަ ޖުމްލައަކުން، ބަލިމީހާއަށް ހިތްވަރު ލިބޭނެ ކަމަށް، އޭނާ ބުންޏެވެ. އެކަމަކު އޭގެ ބަދަލުގައި، އޭނާއަށް ބަލި ޖެހުނީ 'ސިނގިރޭޓް ބުއީމަހޭ، މިވެނި ފާފައެއް ކުރެވުނީމާހޭ" އެގޮތަށް ވިސްނުމަކީ، އެހެން މީހުންގެ އިހުސާސްތައް ނޭނގުމެވެ.

އިތުރަށް ކިޔާލަން

"އަސްލު ވަރަށް ބޮޑު ބައްޔެއް މިއީ. ފިޒިކަލީ، އިމޯޝަލީ، ފައިނޭންޝަލީ،" ޖީލާ ބުންޏެވެ.

"ވާހަކަ ދައްކާލަން ބޭނުންވެއޭ ބުނީމާ އެ ވާޙަކަތައް އަޑުއަހާނެ ކަންފަތަކަށް ވުން ވަރަށް މުހިންމު."

ކެންސަރުގެ ބައެއް ބަލިމީހުން ރައްޓެހިންގެ އެހީތެރިކަން ބޭނުންވެ އެވެ. އެކަމަކު އެއީ ހަމައެކަނި މާލީ އެހީއޭ ހީކުރުމަކީ ކުށެކެވެ. އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލައި، ވާހަކަ ދައްކާލައި، ހީސަމާސާކޮށްލުމަކީ ވެސް، ކެންސަރުގެ ބަލިމީހުންނަށް ލިބޭނެ ވަރަށް ބޮޑު އުފަލެކެވެ. އަދި ހިތްވަރެއް ވެސް މެ އެވެ.

އެކަމަކު ކެންސަރާ މެދު ހޭލުންތެރިކަން ނެތުމާ އެކު ރައްޓެހިކަން ކެނޑޭ ހިސާބަށް ދުރަށް ޖެހިލުމުން ނޭނގި ނަމަވެސް ބަލިމީހާއަށް އެ ދެވެނީ އިތުރު ވޭނެކެވެ. ޝަރުމީލާ ބުނި ގޮތުން ނަމަ އެދުވަހު ރަހުމަތްތެރިޔާ ބިރުގަތީތޯ އަހާލަން ބޭނުންވިޔަސް ހިތުގައި ޖެހުނުލެއް ބޮޑުކަމުން ފިހާރައިން ނުކުމެގެން ދިޔައީ އެވެ.

"ކުރިއަކުން ވިސްނާލަން ވެސް ނޭނގޭ މިކަމެއް. އެކަމަކު ބަލި ޖެހުނީމައި ތަޖުރިބާކުރެވިއްޖެ މީހުން ވެސް ކެންސަރު ދެކެ ކިހާ ބިރުގަންނަ ކަމާއި ބަލި މީހުންނާ މެދު ދެކޭ ގޮތް ވެސް ތަފާތުކަން،" ޝަރުމީލާ ބުންޏެވެ.

 'ކެންސަރުގެ އިހުސާސްތައް' ޕޮޑްކާސްޓްގެ ފުރަތަމަ ޕްރޮގްރާމްގައި ޑރ. މުހައްމަދު ޝިފާން (ކ) ހުށައެޅުންތެރިޔާ މޫސާ ވަސީމް (މ) އަދި ޑރ. އަބްދުއް މަލިކް

'ކެންސަރުގެ އިހުސާސްތައް' ޕޮޑްކާސްޓްގައި ޖީލާއާ އެކު ބައިވެރިވި އަނީގާ އަދުނާން ދެކޭ ގޮތުގައި އާންމުންގެ ވިސްނުމަކީ "ކެންސަރަކީ މީހާގެ ގައިގައި ޖެހޭ ލައްގަނޑަކަށް" ހެދުމެވެ. ތައިލެންޑްގައި ދިރިއުޅޭ އަނީގާ ގެންދަނީ އެތައް ބަލިމީހުންނަށް އޭނާގެ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ކެންސަރުގެ އެތައް ބަލިމީހަކާ ވެސް ބައްދަލުވެ، ވަގުތު ހިއްސާކޮށް އެހީތެރިވި އެވެ.

"އަޅުގަނޑަކީ ވަރަށް ޕޮޒިޓިވް މީހެއް. ކެންސަރަކީ މަރުގެ ރަނގަބީލެއް ކަމަކަށް ނުދެކެން،" އަނީގާ ބުންޏެވެ.

"ކޮންމެ މީހަކު ވެސް އެ މީހެއްގެ ދުވަސް ހަމަވީމާ ދާނެ. ކެންސަރު ޖެހުނަސް ނުޖެހުނަސް."

އެއީ ހަގީގަތެވެ. އަދި އެ ހަގީގަތް ގަބޫލުކުރަމުން މުޖުތަމައުގެ އެހެން މީހުން ވެސް ބަލަންވީ، އަނީގާ ބުނި ގޮތުގައި، ކެންސަރު ބަލިމީހުންނާ ވެސް އެއްވެސް ކަހަލަ ތަފާތުކުރުމެއް ނެތި ދިރިއުޅޭށެވެ.

"އެމީހުންގެ އިހުސާސްތައް އަޑުއަހަމުން، ކަންތައްތައް ކުރަމުން ދާންވީ،" އޭނާ ބުންޏެވެ.

ޖީލާ ފަދަ އަދި ޝަރުމީލާ ފަދަ ހިތްވަރުގަދަ މީހުން ތިބީ ކެންސަރުގެ ހޭލުންތެރިކަމަށް ފައިނަގައިގެންނެވެ. އޭގެ ރަނގަޅު ނަތީޖާ ވެސް ފެނެ އެވެ. އެގޮތުން ޖީލާ ބުނީ މީގެ އަށް އަހަރު ކުރިން އޭނާއަށް ކެންސަރު ޖެހުނު އިރާ އަޅާބަލާއިރު މިހާރު ކޮންމެވެސް ވަރަކަށް ހޭލުންތެރި ކަމަށެވެ. އޭނާ އެ ބައްޔާ ހަނގުރާމަ ކުރި ދުވަސްވަރު ރައްޓެއްސަކު ތަކުރާރުކޮށް އެހީ "އެއްކޮށް ރަނގަޅުވާނެ ކަމަށް ޑޮކްޓަރު ހަމަ ބުނިހެއްޔޭ" އެވެ. ޖީލާ އާއެނކޭ ބުނުމުން ވެސް ގަބޫލުނުކުރެވި ދެން ވެސް އެހީ "ހަމަ އެއްކޮށް ރަނގަޅުވާނެއޭ ޑޮކްޓަރު ބުނީހޭ" އެވެ.

ފަރުވާތަކުން ލިބޭ ވޭން ގަދަޔަސް، ބަލިން ސަލާމަތްވާން ގުރުބާން ވަމުން ދިޔަ ބަލިމީހެއް ކައިރީގައި އެގޮތަށް ތަކުރާރުކޮށް އަހަން ކެރޭ ވަރަށް މީހުންގެ ވިސްނުން ކޮށިވުމަކީ މައްސަލައެކެވެ. އެކަމަކު ޖީލާ ބުނި ގޮތުގައި ހޭލުންތެރިކުރަން މިހާރު ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާ ރަނގަޅުވާނެ އެވެ.

އޭރުން ޝަރުމީލާއަށް 'ފިލި' ރަހުމަތްތެރިޔާ ފަދަ، ޖީލާއާ ސުވާލުކުރި އާއިލީ ރަހުމަތްތެރިޔާ ފަދަ މީހުންނަށް ވެސް ކެންސަރުގެ އަސްލު ހަގީގަތް އެނގޭނެ އެވެ. އަދި ލޯތްބާއި އަޅާލުމަކީ ކޮންމެ ބަލިމީހެއްގެ ވެސް އެންމެ ބޮޑު އެދުންކަން ގަބޫލުކުރެވި، އެހީތެރިވުމުގެ ތަފާތު މުޖުތަމައުއެއް އުފެދޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް