ކެންސަ ސޮސައިޓީ އޮފް މޯލްޑިވްސް އާއި 'ދައުރު' ގުޅިގެން 4 ފެބްރުއަރީ 2022 ގައި ފެށި އާ ޕޮޑްކާސްޓް 'ކެންސަރުގެ އިހުސާސްތައް' ރެކޯޑްކުރުން ކުރިއަށް ދަނީ: ޑރ. މުހައްމަދު ޝިފާން (ކ) ހުށައެޅުންތެރިޔާ މޫސާ ވަސީމް (މ) އަދި ޑރ. އަބްދުލް މަލިކް

ދިވެހިން ކެންސަރުގައި: ތަފާސްހިސާބުން ބުނެދެނީ ލޯ ހުޅުވާލާށޭ

ދުފުމަކީ ވެސް ކެންސަރު ޖެހޭ ކަމެއް، އެފަދަ އާދަތަކުން އަވަހަށް ދުރުވުމަކީ ސިއްހަތަށް ރައްކާތެރިވުން
5 ފެބްރުއަރީ 2022
1

ޑރ. މުހައްމަދު ޝިފާން އާއި ޑރ. އަބްދުލް މަލިކް، 'ދައުރު'ގެ އާ ޕޮޑްކާސްޓްގައި ބައިވެރިވެވަޑައިގަތީ މާތް މަގުސަދެއްގަ އެވެ: ކެންސަރާ މެދު މިހާރަށް ވުރެ ބޮޑަށް ދިވެހިން ހޭލުންތެރިކުރުވުމުގެ މަސައްކަތެވެ.

ކެންސަ ސޮސައިޓީ އޮފް މޯލްޑިވްސް އާއި 'ދައުރު' ގުޅިގެން އިއްޔެ، ދުނިޔޭގެ ކެންސަރު ދުވަސް ކަމަށްވާ 4 ފެބްރުއަރީގައި، ފެށި 'ކެންސަރުގެ އިހުސާސްތައް' ވެގެންދާނީ މުޖުތަމައުއަށް އިތުރު މެސެޖްތަކާއި ތަޖުރިބާތަކެއް ހިއްސާކޮށްލެވޭނެ އުފެއްދުމަކަށެވެ. (ފުރަތަމަ ދެ އެޕިސޯޑް ގެނެސްދެނީ ބައިސަމް އެލްމުނިއަމް އެންޑް ގްލާސްގެ ހެޔޮއެދުންތަކާ އެކު އެވެ.)

ހުށައެޅުންތެރިޔާ، އަދި މަޝްހޫރު ޓީވީ ޕްރެޒެންޓަރު މޫސާ ވަސީމް ކުރަން ފެށި ސުވާލުތަކަށް ޑރ. ޝިފާން އާއި ޑރ. މަލިކް ދެއްވި ޖަވާބުތަކުން، ދިވެހިންގެ ތެރޭގައި ކެންސަރަކީ ކިހާ އާންމު ވަމުން އަންނަ ނުރައްކަލެއްކަން ސާފެވެ. ހާއްސަކޮށް، ކެންސަރުގެ ސާޖަރީތައް ހެދުމުގެ ދާއިރާއިން ހާއްސަވެވަޑައިގެންފައިވާ ޑރ. ޝިފާން، ހަމައެކަނި އައިޖީއެމްއެޗުގެ ތަފާސްހިސާބުތަކަށް ބިނާކުރައްވައި ދެއްކެވި ވާހަކަތަކުން، މިއީ ދިވެހިން އަޅާނުލާ ތިބެވޭ ވަރަށް ވުރެ ހާލަތު ގޯސް، ނުރައްކާތެރިކަން ބޮޑު ހަގީގަތެއްކަން ވެސް އެނގެ އެވެ.

"ހަމައެކަނި އައިޖީއެމްއެޗުގައި ރައްކާކުރެވިފައި ހުރި ޑޭޓާތަކުން ފާހަގަކުރެވޭ އާދަޔާ ހިލާފަށް ރާއްޖޭގައި ކެންސަރަށް ޑައިގްނޯޒްކުރެވޭ [ބަލިޖެހިފައިވާކަން] ކަން،" ޑރ. ޝިފާން ވިދާޅުވި އެވެ.

އޭގެ އިތުރުން އޭނާ ވިދާޅުވީ ކެންސަރު ޖެހޭ އުމުރު ޒުވާންވުމާއި ޅަފަތުގައި ކެންސަރު ޖެހޭ ކުދިންގެ އަދަދު ވެސް އިތުރުވަމުން އަންނަ ކަމަށެވެ. އެހެންކަމުން މިއީ ހަގީގަތުގައި ވެސް ކަންބޮޑުވާން ޖެހޭ ހިސާބުތަކެކެވެ.

އައިޖީއެމްއެޗުގެ 2021ގެ ހިސާބުތައް

  • 941: އަލަށް ފެނުނު ކެންސަރު ބަލިމީހުން

  • 431: އުރަމަތީ ކެންސަރު

  • 405: އައިޖީއެމްއެޗުގައި އޮޕަރޭޝަންކޮށް، ކީމޯތެރެޕީ ދިން މީހުންގެ ނިސްބަތް

  • 808: އައިޖީއެމްއެޗުގައި ކުރިއަށް ގެންދިޔަ ކީމޯތެރެޕީ ސައިކަލްގެ އަދަދު

  • 68: މި ވަގުތު ވެސް އައިޖީއެމްއެޗުން ކީމޯތެރަޕީ ނަގާ ބަލިމީހުން

  • 36: އޭގެ ތެރޭގައި ހިމެނޭ އުރަމަތީ ކެންސަރުގެ ބަލި މީހުން

ދެ ޑޮކްޓަރުންގެ ވާހަކައިން އެނގޭ ގޮތުގައި ދިވެހިންގެ ތެރޭގައި ކެންސަރުގެ ގިނަ ކޭސްތަކެއް ފެންނަ ސަބަބު ގުޅިފައި އޮންނަނީ ދިރިއުޅުމުގެ ކޮންމެވެސް އާދަތަކަކާ އެވެ. ކެންސަ ސޮސައިޓީ އޮފް މޯލްޑިވްސްގެ އެއް ބާނީ އަދި އާންމު ސިއްހަތުގެ ދާއިރާއިން ހާއްސަވެވަޑައިގެންފައިވާ ޑރ. މަލިކް ވިދާޅުވި ގޮތުގައި ދިރިއުޅުމުގެ އާދަތަކާ ހެދި ގިނަވަނީ ކެންސަރުގެ ބަލިތައް އެކަންޏެއް ވެސް ނޫނެވެ. ކެންސަރުގެ އިތުރުން ހާޓް އެޓޭކާއި ސްޓްރޯކް ޖެހުމާއި ފުއްޕާމޭގެ ބަލިތައް ފަދަ ގައިންގަޔަށް ނާރާ ބަލިތަކުގެ 85 ޕަސެންޓަށް ވުރެ މަތީ މިންވަރެއް ނިސްބަތްވަނީ، ދިރިއުޅުމުގެ ގޯސް އާދަތަކާ އެވެ. އޭގެ ތެރޭގައި ކެއުމަށް ނުބެލުމާއި ދުންފަތުގެ އިސްތިއުމާލްކުރުމާއި ބަނގުރާ ބުއިމާއި ދުފުމާއި ކަސްރަތުނުކުރުން ފަދަ، އާދަތައް ހިމެނެ އެވެ.

ކެންސަރު ކަހަލަ ބަލިތައް އިތުރުވާތަން "މިހާރު މި ފެންނަނީ ދިރިއުޅުމުގެ އާދަކާދައާ [ގުޅިގެން ކަމަށް] ބެލެވެނީ،" ޑރ. މަލިކް ވިދާޅުވި އެވެ.

ދުފުމަކީ ވެސް ކެންސަރުގެ ސަބަބެއް

ދިވެހިންގެ ޒަމާންވީ އާދައެއް ކަމަށްވާ ދުފުމަކީ އަޅާނުލާ ދޫކޮށްލެވޭ ވަރުގެ އާދައެއް ނޫނެވެ. އެކަމަކު ދުފުމާ ދެކޮޅަށް ދައްކާ ވާހަކަ އަޑުއަހަން ވެސް ބައެއް މީހުން ބޭނުންނުވެދާނެ އެވެ. އެހާ ވެސް ބޮޑަށް ދުފުން ވަނީ ދިވެހިންގެ ދިިރއުޅުމުގެ ތެރެއަށް ވަދެފަ އެވެ. އެކަމަކު ފޯކުގައި ހުންނަ ބައެއް މާއްދާތަކުން ކެންސަރު ޖެހޭކަން، 2004 ގައި ޑަބްލިޔުއެޗުއޯއިން ކަނޑައަޅާފައި ވުމަކީ، މި އާދައާ މެދު ލޯ މަރާލައިގެން ތިބެވެން ނެތްކަން އެނގޭ ސަބަބެކެވެ.

"އަޅުގަނޑުމެންގެ ސަގާފަތުގެ ބަޔަކަށް ވެފައި މި އޮންނަނީ ދުފުން. ވަރަށް ގިނަ މީހުން ބުނާނެ ކުޑަ ފޯއްކޮޅެކޭ ކާލަނީ. އެކަމަކު އޭގައި [އެއްވެސް ވަރަކަށް] ސޭފް އެމައުންޓެއް [ރައްކާތެރި މިންވަރެއް] ނޯންނާނެ،" ޑރ. ޝިފާން ވިދާޅުވި އެވެ.

"މި ހުންނަނީ ބަދަލުކުރެވޭނެ ކަންކަން."

އާދަ ބަދަލުނުކޮށް ވާކަށް ނެތެވެ. ޑރ. މަލިކް ވިދާޅުވި ގޮތުގައި ހަފުތާއަކު ފަސް ދުވަހު، ދުވާލަކު މަދުވެގެން 30 މިނިޓްގެ ކަސްރަތެއްކުރުމަކީ މިހާރުގެ މިންގަނޑުން ބަލާ ނަމަ، ވަރަށް ރަނގަޅު މިންވަރެކެވެ. އެކަމަކު ގިނަ ދިވެހިންގެ ދިރިއުޅުން އޮތީ އެހާ ހަރަކާތްތެރި ގޮތަކަށެއް ނޫނެވެ. ފޯނާއި ޓީވީ އަދި އެ އެއްޗެހި މެދުވެރިކޮށް މިހާރު ލިބެން ހުރި މުނިފޫހިފިލުވުމުގެ އެތައް ބައިވަރު އިހުތިޔާރުތަކާ އެކު، ދިރިއުޅުން މި ވަނީ 'ކަންނެތްކޮށްލައިފަ' އެވެ. އެހެންކަމުން ޑަބްލިޔުއެޗުއޯގެ އެންމެ އާދައިގެ މިންގަނޑާ އެއްވަރަށް ވެސް ހެލިފެލިވެ، ހަށިގަނޑަށް ބޭނުންވާ ޖިސްމާނީ ދިރުން ގެނެސްދޭނެ ވަގުތު ހޯދޭ ކަމަކަށެއް ނުވެ އެވެ.

ކެންސަރު ބަލީގައި ކޮންމެވެސް ކުއްޖަކު، މީހަކު މަރުނުވާ ދުވަހެއް ވަރަށް މަދެވެ. ސޯޝަލް މީޑިއާގެ ޕޯސްޓްތަކުން އެ ހިތާމަތައް ވަރަށް ރަނގަޅަށް ފެނެ އެވެ. އެތައް ބަޔަކު ހަމްދަރުދީ ފާޅުކުރެ އެވެ. އެކަމަކު ހަގީގަތުގައި ކެންސަރުން ސަލާމަތްވާން ކުރެވެން ހުރި މަސައްކަތާ އަހަރެމެންނަށް މި އުޅެވެނީ ދުރުގަ އެވެ.

ޑރ. ޝިފާން ވިދާޅުވި ގޮތުގައި އިންސާނުންގެ ގުދުރަތީ އުފެދުމުގައި ހުންނަ ކަންކަން ބަދަލެއް ނުކުރެވޭނެ އެވެ. މިސާލަކަށް ވަކި ޖިންސަކަށް ނިސްބަތްވުން، ވަކި ނަސްލެއްގެ މީހަކަށް ވުން، ނުވަތަ ޖީންތަކުގެ ތަފާތަކީ، އޭނާ ސިފަކުރެއްވި ގޮތުގައި، އަހަރެމެންގެ ބާރު ހުރި ކަންކަމެއް ނޫނެވެ. މިއީ ކެންސަރަށް މަގުފަހިވާ ގުދުރަތީ ބައެއް ސަބަބުތަކެވެ. އެކަމަކު ކެއުމުގެ އާދަތަކާއި ދުންފަތުގެ އިސްތިއުމާލްކުރުމާއި، ބަނގުރާ ބުއިމާއި ދުފުން ފަދަ ކަންކަން ހުރީ އަހަރެމެންގެ ބާރުގެ ތެރޭގަ އެވެ. މިއީ ދުރުވެވިދާނެ އާދަތަކެވެ.

ހަމަ މިއަދު މަސައްކަތް ފަށަންވީ އެވެ. އެންމެ މޮޅުއިތުރީ ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތަކެވެ. ބަލި ޖެހިގެން ފަރުވާ ހޯދަން ޖެހޭ ވަގުތު 'މިއީ އަހަރެންގެ ފަރުވާކުޑަކަމުން' ކުރިމަތިވި ކަމެއް ކަމަށް ގަބޫލުކޮށް އަމިއްލަ ނަފުސަށް ހިތާމަކުރުމާ ދުރުވާންވީ އެވެ. ބައްޔަކުން ރައްކާތެރިވާން އޮތް ކޮންމެ ފުރުސަތެއްގެ ބޭނުން ހިފަންވީ އެވެ. ޑރ. ޝިފާން އާއި ޑރ. މަލިކްމެން ފަދަ ބޭފުޅުން އެދިވަޑައިގަންނަވަނީ، ގޯސް އާދަތަކުން ދުރުވާށެވެ. އޭރުން މިހާރު މި ލިބެން ހުރި ހިތާމަވެރި، ބިރުވެރި ތަފާސްހިސާބުތަކަށް ހެޔޮ ބަދަލުތަކެއް އައުން ވަރަށް ކައިރި އެވެ.

ކޮމެންޓް (1)

މުޙައްމަދު

6 ފެބްރުއަރީ 2022
ވަރަށް މުހިއްމު އަދި ބޭނުންތެރި ކަމެއް. ވަރަށް ގިނަ މަޢުލޫމާތު ތަކެއް ލިބިގެން ދާނެކަމަށް އުއްމީދު ކުރަނީ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް