ޝަރުމީލާ، 41، އަންނަނީ 2019 ވަނަ އަހަރުން ފެށިގެން ކެންސަރާ ހަނގުރާމަކުރަމުން

ކެންސަރުގެ ތަޖުރިބާ ޝަރުމީލާގެ ދުލުން: މީހުން ދެކޭ ގޮތް ވަރަށް ތަފާތު

ކެންސަރު ޖެހުމުން ގިނަ މީހުންނަށް ގަބޫލު ކުރެވިފައި އޮންނަނީ ދެން އޮންނާނީ މަރޭ. އެކަމަކު އެއީ ފަރުވާ ކުރެވިދާނެ ކަމެއް ކަމަށް ޝަރުމީލާ ގަބޫލުކުރޭ
4 ފެބްރުއަރީ 2022

މާ ބޮޑަށް ވަރުބަލިވެ، ވަރުދެރަ ވާތީ، ފާތުމަތު ޝަރުމީލާ ހޮސްޕިޓަލަށް ގޮސް ދެއްކުމުން ޑޮކްޓަރު ބުނީ ކެންސަރަށް ލަފާކުރެވޭ ކަމަށެވެ. އެތަނުން ނުކުތުމާ އެކު، ކައިރީގައި ހުރި 15 އަހަރުގެ ދަރިފުޅު ދެން ބުނި ވާހަކަ އޭނާ އަދިވެސް ހަނދާން ހުރެ އެވެ.

"މަންމަ ދެން ތި މަރުވަނީ ހެއްޔެވެ؟" ހުރި ހަމައެކަނި ދަރިފުޅު އެ ދުވަހު ސުވާލުކުރި އެވެ.

އޭރު ޝަރުމީލާގެ މަންމައަށް ވެސް ފުއްޕާމޭގެ ކެންސަރު ޖެހުނުތާ އަހަރު ނުވެ އެވެ. އެކަމަކު އެ ދުވަހު ޝަރުމީލާ އޭނާގެ ދަރިފުޅު ގާތުގައި ބުނި ވާހަކަ، މިއަދު އެންމެންގެ ގާތުގައި ވެސް ބުނަން ބޭނުންވެ އެވެ.

ކެންސަރަކީ މަރު ބައްޔެއް ނޫނެވެ. ފަރުވާކުރާ ނަމަ، ކެންސަރު ޖެހޭ އެންމެން މަރެއް ނުވާނެ އެވެ. މިސާލެއްގެ ގޮތުން މިއަދު އޭނާ ދައްކަނީ ކީމޯތެރަޕީ އާއި ރޭޑިއޭޝަން ފަދަ ފަރުވާތަކުން ޝިފާ ހޯދައިގެން ހުރި އޭނާގެ މަންމަ އެވެ. ފުއްޕާމޭގެ ކެންސަރުން މަންމަ ސަލާމަތްވިތާ ކިތަންމެ ދުވަހެކެވެ.

ޝަރުމީލާ، 41، އަށް ޕެންކްރިއޭޓިކް އަދި ލިވާ ކެންސަރު ޖެހުނުކަން އެނގުނީ 2019 ވަނަ އަހަރު އެވެ. އެންމެ ކުރިއްސުރެ ބަނޑުގައި ސިސްޓު އުފެދޭ މީހަކަށް ވާތީ، އޭނާ އަބަދުވެސް، ގަވައިދުން ޑޮކްޓަރަށް ދައްކަ އެވެ. ކޮންމެ މަހަކު ވެސް ބަނޑުގެ ސްކޭން ކުރެ އެވެ. އެކަމަކު ކެންސަރު ޖެހިފައި ހުރިކަން ދެނެގަނެވުނު އިރު ސްޓޭޖް ހަތަރަކަށް އަރައިފި އެވެ. ޕެންކްރިއަސްއަށް ޖެހުނު ބަލި އޭރު ހުރީ ލިވާއަށް ވެސް ފެތުރިފަ އެވެ. 

ޝަރުމީލާ އޭނާގެ ހުރި ހަމައެކަނި ދަރިފުޅާ އެކުގައި: ކެންސަރު ބަލި ކުރެވޭނެކަމުގެ ހިތްވަރު އޭނާގެ އެބަހުރި

އޭރުން ފެށިގެން އޭނާ އަންނަނީ ކެންސަރާ ހަނގުރާމަކުރަމުންނެވެ. ކޮންމެ މަހަކު ޑޮކްޓަރަށް ދައްކާ މީހެއްގެ ވެސް ބަލި އެހާ ލަހުން ދެނެގަނެވުނީތީ ހައިރާންވި ނަމަވެސް، ޝަރުމީލާ ބޭނުންވީ ދެން ބަލިން ސަލާމަތްވާން އޮތް ކޮންމެ ގޮތެއް ވެސް ހަދާށެވެ. އެހެންވެ، ކޮންމެ ތިން މަހަކުން އިންޑިއާއަށް ގޮސް ފަރުވާ ހޯދަން ފެށި އެވެ. އޭނާގެ ހާލަތަށް ބަލައި ޑޮކްޓަރުން ދިނީ، ކީމޯ ތެރަޕީގެ ބަދަލުގައި ރޭޑިއޭޝަން އިންޖެކްޝަން އެވެ. އެ އިންޖެކްޝަންގެ އިތުރުން ކީމޯގެ ބޭސް އޭނާ ކަ އެވެ. ކޮންމެ ހަ މަހަކުން ހޯމޯން އިންޖެކްޝަން ޖަހަ އެވެ.

މިހާރު އޭގެ ފަހުން ގާތްގަނޑަކަށް ތިން އަހަރު ވީ އެވެ. ޝަރުމީލާގެ ކެންސަރުގެ ހާލަތު ގޯހެއް ނޫނެވެ. އުފެދިފައިވާ ޓިއުމަރު ތަންކޮޅެއް ކުޑަވެއްޖެ އެވެ. އިންޖެކްޝަން ޖަހާ މުއްދަތު ތިން މަހުން، ހަ މަހަށް ދުރުކޮށްލައިފި އެވެ.

މިހާރު އޭނާ ގިނަ ދުވަސް ދުވަހު އުޅެނީ ހަމަ އާދައިގެ ދިރިއުޅުމެކެވެ. ބޭސްކަމުން، އާއިލާގެ ކަންކަން ފުރިހަމަކޮށްދެމުންނެވެ. އެކަމަކު ކެންސަރުގެ މި ދަތުރުގައި އޭނާ އެންމެ ހިތްދަތި ވަނީ، މީހުން ބައްޔާ މެދު ދެކޭ ގޮތުންނެވެ.

'މުޖުތަމައުން ބާކީކުރޭ؛ މީހުން ތަފާތުކުރޭ'

އާއްމު ހޭލުންތެރިކަން ބޮޑު މި ދުވަސްވަރު، ބަލި މީހަކު ބާކީ ކޮށްފާނެ ހެއްޔެވެ؟ ބިރުން އެ މީހަކު އެކަހެރިކޮށްފާނެ ހެއްޔެވެ؟

މިއީ ބަލިވުމުން ނޫނީ ޝަރުމީލާއަށް ވެސް އެނގުނު ހަގީގަތެއް ނޫނެވެ.

އޭނާ ބުނީ ކެންސަރު ޖެހުނުކަން އެނގުމާ އެކު، ގާތް މީހުންނާއި ރަހުމަތްތެރިންގެ ފަރާތުން އެ ތަފާތު ފެނުނު ކަމަށެވެ. ބައެއް ރަހުމަތްތެރިން ދުރުވި ގޮތަށް، ވާހަކަ ދެއްކުން ވެސް ހުއްޓާލި އެވެ. އެފަދަ އެއް ހާދިސާ އޭނާ ހަނދާން ކުރި އެވެ.

"އެއް ދުވަހު ފިހާރައެއްގެ ތެރެއިން މި ދިމާވަނީ ރަހުމަތްތެރިއަކާ. ދެން އޭނާ އައިސް ހާލު އަހުވާލު އޮޅުން ފިލުވައިފި. އަޅުގަނޑު ދެން މި ބުނީ ކެންސަރަށް ފަރުވާ ކުރަމުން ދާ ވާހަކަ. ހަމަ އެހެން ބުނިތަނާ އޭނަ ގޮސް ވަންނަނީ ފިރިމީހާގެ އަނެއް ފަޅިއަށް. ދެން ވާހަކަ ވެސް ނުދެއްކި،" ޝަރުމީލާ ކިޔައިދިނެވެ.

ރަހުމަތްތެރިޔާއަށް ވީ ކިހިނެއް ކަމެއް އޭނާއަކަށް ނޭނގެ އެވެ. ބިރުގަތީތޯ އަހާލަން ވެސް ބޭނުންވި އެވެ. އެކަމަކު ހިތުގައި ޖެހުނުލެއް ބޮޑުކަމުން އެ ދުވަހު އޭނާ ފިހާރައިން ނުކުމެގެން ދިޔައީ އެވެ.

ޝަރުމީލާ ބުނީ ކެންސަރަކީ ގައިން ގަޔަށް އަރާނެ ބައްޔެއް ކަމަށް ބައެއް މީހުންނަށް ހީވާ ކަހަލަ އެވެ. އަދި އެއީ މަރުބައްޔެއް ކަމާއި އެ ބަލި ޖެހިފައި ހުރުމުން، ދެން އެ މީހާއަށް އެހެން މީހުން ބަލާ ގޮތް މުޅިން ތަފާތުވާ ކަމަށް އޭނާ ބުންޏެވެ.

ކެންސަރުގެ މިވީ ތިން އަހަރުގެ ދަތުރުގައި އޭނާ ތަޖުރިބާކުރި އެންމެ ހިތްދަތި އެއް ކަމަކީ، މީހުން އޭނާއާ މެދު ބެހެއްޓި ތަފާތުކުރުންތަކެވެ.

"ކުރިއަކުން ވިސްނާލަން ވެސް ނޭނގޭ މިކަމެއް. އެކަމަކު ބަލި ޖެހުނީމައި ތަޖުރިބާކުރެވިއްޖެ މީހުން ވެސް ކެންސަރު ދެކެ ކިހާ ބިރުގަންނަ ކަމާއި ބަލި މީހުންނާ މެދު ދެކޭ ގޮތް ވެސް ތަފާތުކަން،" މާލެއަށް އުފަން މަންމަ ކިޔައިދިނެވެ.

ޝަރުމީލާ ބުނީ ކެންސަރުގެ ބަލި މީހާ، އޭނާ އެ ބަލި ވަޒަން ކުރާނީ ކައިރީގައި ތިބޭ މީހުންގެ ނަޒަރުން ކަމަށެވެ. ކެންސަރޭ ބުނުމުން، އެންމެ ގާތް މީހުން ބިރުން ފިލައި، ނޫނީ ދުރުކޮށްލާ ނަމަ އެ ހަނގުރާމައާ ކުރިމަތިލުމަކީ ފަސޭހަ ކަމެއް ނޫނެވެ. ބަލީގެ ހިތްދަތިކަމާއި ކީމޯގެ އުނދަގޫ ފަރުވާއާ އެކު، ކެންސަރުގެ ބަލި މީހާ ހިތްވަރު ހޯދާނީ ލޯބިވާ މީހުންގެ ފަރާތުން ކަމަށް އޭނާ ބުންޏެވެ.

މިއީ ބަލި މީހަކަށް އެންމެ އޯގާތެރިކަމާއި ލޯބި ބޭނުންވާ ދުވަސްވަރެވެ.

ބަލިން ސަލާމަތްވާނެ ކަމުގެ އުއްމީދު ޝަރުމީލާގެ ބޮޑެވެ. އާއްމު ދިރިއުޅުމަކަށް އޭނާ އިންތިހާއަށް ބޭނުންވެ އެވެ. ގިނަ ދުވަސްދުވަހު ތެދުވެ އުޅެވޭތީ، ވަޒީފާއަކަށް ގޮސް، އާއިލާއަށް ކުރިމަތިވެފައިވާ މާލީ ދަތިކަން ފިލުވާލަން ބޭނުންވެ އެވެ. އެކަމަކު އެކަމުގައި އޭނާ އެދެނީ އާއްމުންގެ އެއްބާރުލުމާއި ލޯތްބަށެވެ.

ކެންސަރު ބައްޔަށް ހާއްސަ މި ދުވަހު އޭނާ އެދެނީ ހަމައެކަނި އެކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް