މަސްތުވާތަކެތީގެ ވިޔަފާރިކޮށް، "ކެފޭ" އުސޫލުން އެތަކެތި ބޭނުންކުރުމުގެ ކަންކަން ކުރާ ގެއެއްގެ ތެރޭގައި ފުލުހުން ހަރަކާތްތެރިވަނީ: މަސްތުވާތަކެތީގެ ނުރައްކާ ދަނީ އިތުރުވަމުން --(ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މަސްތުވާތަކެތި ބޭނުންކުރާ މީހުން ނަފްސާނީ ފަރުވާ ހޯދުން އިތުރުވަނީ

މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރޭގައި އެންމެ ގިނައީ ބަނގުރަލާ ގުޅުންހުރި ނަފްސާނީ މައްސަލަތައް
15 ސެޕްޓެމްބަރު 2021

ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ މެދުގައި ނަފްސާނީ މައްސަލަތައް އިތުރުވެ، އެކަމަށް ފަރުވާ ހޯދާ މީހުން ވެސް އަހަރުން އަހަރަށް އިތުރުވަމުން އަންނަ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ތައްޔާރުކުރި، ޑްރަގް ސިޗުއޭޝަނަލް އެނަލިސިސް އިން ދައްކައިފި އެވެ.

ވީ ކިހިނެއް؟ - މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހެލްތު މިނިސްޓްރީގެ ފަރާތުން ވަނީ ޑްރަގް ސިޗުއޭޝަނަލް އެނަލިސިސްގެ ހޯދުންތައް ހިއްސާކޮށްފަ އެވެ. އެ ހޯދުންތައް ހުށަހަޅުއްވައިދެއްވަމުން، މިނިސްޓްރީގެ ނައިބު ސަފިއްޔާ މުހައްމަދު ސައީދު ވިދާޅުވީ ރާއްޖޭގެ މަސްތުވާތަކެތީގެ ހާލަތާ ގުޅޭ އެންމެ ފަހުން ރިޕޯޓެއް އެކުލަވާލާފައި ވަނީ 2012 ވަނަ އަހަރު ކަމަށާއި އޭގެ ފަހުން ރާއްޖޭގެ މަސްތުވާތަކެތީގެ ހާލަތު ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށެވެ.

ބުނީ ކީކޭ؟ - ސަފިއްޔާ ވިދާޅުވީ، މިހާރު ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ އުމުރުފުރާ ވަރަށް ބޮޑަށް ފުޅާވެފައިވާ ކަމަށެވެ. އަދި މަސްތުވާތަކެތި ބޭނުންކުރާ އާބާދީގެ ބޮޑުބަޔަކީ ފިރިހެނުން ކަމަށާއި އެހެންނަމަވެސް އެކަމުގައި އުޅޭ އަންހެނުންގެ އަދަދު ވެސް މަދު ނޫން ކަމަށް ސަފިއްޔާ ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ ވަބާގައި ޖެހޭ މީހުން އިތުރުވަމުން އަންނަ އިރު، އެކަމުގެ ސަބަބުން ލިބޭ ނަފްސާނީ ގެއްލުންތައް ވެސް އިތުރުވަމުން އަންނަކަން ސަފިއްޔާ ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ ނަފްސާނީ މައްސަލަތަކަކީ ވެސް، މަސްތުވާތަކެތީގެ ތެރެއަށް މީހުން ވަންނަ އެންމެ ބޮޑު އެއް ސަބަބު ކަމަށެވެ.

"އެކަމަކު ފާހަގަކުރެވޭ ގޮތުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން މެންޓަލް ހެލްތުގެ އެހީ ހޯދާ މީހުންގެ އަދަދުތައް ގިނަވަމުން ދަނީ. [އަދި] އަހަރުން އަހަރަށް އެހީ ހޯދާ މީހުންގެ އަދަދު ގިނަވޭ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ ގިނައީ ބަނގުރާ ބޭނުންކުރުމުގެ ސަބަބުން ދިމާވާ އެކި ކަހަލަ ނަފްސާނީ މައްސަލަތައް ކަމަށް ވަނީ ދިރާސާ އިން ދައްކައިފަ އެވެ.

އެނގުން މުހިންމު - ރާއްޖޭގައި މަސްތުވާތަކެތީގެ ފަރުވާ ހޯދާ މީހުންގެ އަދަދު 3000 އަށް ވުރެ އިތުރު ކަމަށް ހެލްތު މިނިސްޓްރީން މިއަދު ވަނީ ބުނެފަ އެވެ. ރާއްޖޭގައި މިހާރު މަސްތުވާތަކެތި ބޭނުންކުރާ މީހުން ނޫޅޭ އެންމެ އަތޮޅެއް ވެސް ނެތް ކަމަށް ދިރާސާ އިން ދައްކަ އެވެ. އަދި އަށް އަހަރުގެ ކުޑަ ކުދިން ވެސް މަސްތުވާތަކެތީގެ ތެރެއަށް ވަންނަ ކަމަށް ވަނީ ފާހަގަވެފަ އެވެ. އަދި މަސްތުވާތަކެތި ވިއްކުމުގައި ވެސް ކުޑަކުދިންގެ ބައިވެރިވުން އަންނަނީ އިތުރުވަމުންނެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް