އިރުއޮއްސެމުން ދިޔަ ވަގުތު އާއިލާއެއް ވިލިމާލޭގެ ބަނދަރުމަތީގައި މަޑުކޮށްލައިގެން: މަސްތުވާތަކެތީގެ މައްސަލަ ވަނީ އާއިލާތަކަށް ބޮޑުވެފައި (ދައުރު ފޮޓޯ/ އަހުމަދު ނާއިފް)

މަސްތުގައި ޖެހޭ ކުޑަކުދިން އިތުރު ވަނީ، 8 އަހަރުގެ ކުދިންވެސް ބޭނުން ކުރޭ: މިނިސްޓްރީ

8 އަހަރު ކުދިންވެސް މަސްތުވާތަކެތި ބޭނުން ކުރާއިރު، ގިނައިން މަސްތުވާތަކެތި ބޭނުން ކުރަނީ 15-17 އަހަރާ ދެމެދުގެ ކުދިން

ރާއްޖޭގައި 8 އަހަރުގެ ކުދިންވެސް މަސްތުވާތަކެތި ބޭނުން ކުރަން ފަށައި އެއަށް ދެވި ހިފަމުން ދާ ކަމަށް ހެލްތް މިނިސްޓްރީން ހެދި ދިރާސާއަކުން ހާމަވެއްޖެ އެވެ.

ބުނީ ކީކޭ؟ - މިއަދު އޮތް ރައްޔިތުން މަޖިލީހުގައި ޖަލްސާގައި އެ ދިރާސާގެ ހޯދުންތައް މަޖިލީހާ ހިއްސާކުރައްވަމުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސަފިއްޔާ މުހައްމަދު ސައީދު ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާގައި ޖެހޭ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުދިން ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށެވެ. އަދި އެވްރެޖްކޮށް 15 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިން މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އުމުރުން 8 އަހަރުގެ ކުދިންވެސް މަސްތުވާތަކެތީގެ ވަބާގައި ޖެހެމުންދާކަން ފާހަގަ ކުރެވޭ. އަދި ވަރަށް ހިތާމައާއެކު ދަންނަވާލަން ޖެހޭ މަސްތުވާކެތި ވިއްކުމުގައި ކުޑަކުދިންނާއި ބިދޭސީން ބޭނުން ކުރޭ،" ސަފިއްޔާ ވިދާޅުވި އެވެ.

ގުޅުން ހުރި މައްސަލައެއް - ދިރާސާގެ ހޯދުންތަކުން ދައްކާ ގޮތުގައި ޑުރަގުގެ ވަބާގައި ޖެހިފައިވާ %52 ކުޑަކުދިންނަކީ ގްރޭޑް ހައެއް ނުވަތަ ހަތަކާ ހަމައިން ސްކޫލަށް ދިޔުން ހުއްޓާލާފައިވާ ކުދިންނެވެ.

ސަފިއްޔާ ވިދާޅުވީ، މީގެ ކުރިން ހަދާފައިވާ ދިރާސާތަކާއި މިހާރު ހަދާފައިވާ ދިރާސާތަކާ އަޅާ ބަލާއިރު މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ އުމުރުފުރާ ވަރަށް ބޮޑަށް ފުޅާވެފައިވާ ކަމަށެވެ. އެގޮތުން:

  • ޑުރަގު ބޭނުން ކުރާ މީހުންގެ އުމުރުފުރާ 2014 ގައި ހުރީ 22 އަހަރާއި 37 އަހަރު

  • މިހާރު އެ އުމުރު ފުރާ ހުރީ 17 އަހަރާއި 68 އަހަރާ ދެމެދުގައި 

  • މި ވަބާގައި ޖެހޭ %94 ފިރިހެނުން، އަންހެނުން %6

  • އެންޑީއޭގެ ފަރުވާއަށް ބޭނުންވާ 800 މީހުން ފަރުވާ ނުލިބި އެބަތިބި

މިހާރު ބޭނުން ކުރާ މަސްތުވާތީގެ ބާވަތްތަކުގެ ނުރައްކާ ބޮޑު

ދިރާސާގެ ހޯދުންތަކުން ދައްކާގޮތުން މީގެ ކުރިން ރާއްޖޭގައި މަސްތުވުމަށް ގިނައިން ބޭނުން ކުރަމުން އަންނަނީ ގުދުރަތީ އެކި މާއްދާތަކުން ހަދާފައި ހުންނަ މަސްތުވާތަކެއްޗެވެ. ސަފިއްޔާ ވިދާޅުވި ގޮތުގައި މިހާރު ބޭނުން ކުރަނީ ކެމިކަލް ނުވަތަ އެއަށްވުރެވެސް ނުރައްކާތެރި ބާވަތްތަކެވެ.

"މިސާލަކަށް މެތްއެމްފެޓަމިން ރާއްޖޭގައި ބޭނުން ކުރާ މިންވަރު ވަރަށް ބޮޑަށް ގިނަ ވެއްޖެ. އެ ބާވަތުގެ މަސްތުވާތަކެތި ވަރަށް ގިނަ މީހުން ބޭނުން ކުރާކަން ޕޮލިހުންގެ ޑޭޓާ އިންވެސް އެނގޭ،" ސަފިއްޔާ ވިދާޅުވި އެވެ.

ރާއްޖެއަށް މިހާރު މަސްތުވާތަކެތި ގެންނަ ސަރަހައްދުތައް ވެސް ފުޅާވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން، ޕޯސްޓުން ވެސް މަސްތުވާތަކެތި ރާއްޖެ ގެނައުން އިތުރުވެފައިވާކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

"2010 ވަނަ އަހަރާއި 2011 ވަނަ އަހަރު ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަނީ ބޮޑަށް ސައުތު އީސްޓް އޭޝިއާ ގައުމުތަކުން. އެކަމަކު މިހާރު ނެތަލެންޑް، ޔޫކޭ، ޖާމަނީ ފަދަ ގައުމުތައް ފާހަގަ ކުރެވޭ،"ސަފިއްޔާ ވިދާޅުވި އެވެ.

މަސްތުވާތަކެތި ގެންނަ އެހެން ގައުމުތައް:

  • އިންޑިއާ

  • ބަންގްލަދޭޝް

  • ޖަރުމަން

  • ޕާކިސްތާނު

އިތުރު އާޓިކަލް

އިތުރު އާޓިކަލް