މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން. (ފޮޓޯ/ މަޖިލިސް)
އޭސީސީގެ މެންބަރުން އުސޫލާ ހިލާފުވާ ކަމަށް ބުނާ މައްސަލަ ނުބަލަން ކޮމިޓީން ނިންމައިފި
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުން ވަކިކުރުމުގެ މަރުހަލާ ރައްޔިތުންގެ މަޖިލީހުން ފަށާފައި ވަނިކޮށް، އެ ކޮމިޝަންގެ މެމްބަރުން އުސޫލުން ބޭރުން ކަންކަން ކުރަމުން ދާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ނުބަލަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ރޭ ފާސްކޮށްފި އެވެ. މިގޮތަށް ފާސްކުރީ، ވޯޓު އެއްވަރުވެގެން ކޮމިޓީގެ މުގައްރިރު، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ ވޯޓާ އެކު އެވެ.
އެނގުން މުހިންމު - އޭސީސީގެ ބެލެނިވެރިކަމުގެ އިހްތިސާސް ލިބިފައިވާ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ރޭ އޮންލައިންކޮށް ބޭއްވީ، އޭސީސީގެ ހުރިހާ މެންބަރުން ވަކިކުރުމަށް ވަކި މުއްދަތެއް ދީފައި ވަނިކޮށް، އުސޫލުން ބޭރުން މައްސަލަތަކެއް ބަލަމުންދާ ކަމަށް ތުހުމަތު ކުރެވިގެން ކޮމިޓީގެ ތިން މެންބަރަކު ޝަކުވާ ހުށަހެޅުއްވުމާ ގުޅިގެންނެވެ.
ތަފްސީލު - އެއް ގަޑިއިރަށް ދިގު ދެމިގެން ދިޔަ އެ ބައްދަލުވުމުގައި ދެ ހުށަހެޅުމެެއް ހުށަހެޅި އެވެ. ދެ ހުށަހެޅުމަށް ވެސް އެއް ވަރަކަށް ވޯޓު ލިބިގެން ކޮމިޓީގެ މުގައްރިރު ނިންމެވީ، އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދިއުމަށެވެ.
އެ މައްސަލަ ބެލުމަށް ވަކާލާތު ކުރެއްވި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރު، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަމީމް ތުހުމަތުކުރެއްވި ގޮތުގައި، އޭސީސީގައި މިހާރު ތިއްބެވި މެމްބަރުން ގެންދަވަނީ، މަގާމުން ވަކިކުރަން އުޅޭތީވެ، ހުށަހެޅިފައި ނުވާ މައްސަލަތަކަށް ވެސް ސަރުކާރުގެ ވަޒީރުން ކޮމިޝަނަށް ހާޒިރުކުރުމަށް ނޯޓިސް ފޮނުވަމުންނެވެ.
"އިންވެސްޓިގޭޝަންތައް ނުކުރާކަށް އަޅުގަނޑު ނުބުނަން. ކޭސް މެނޭޖުމަންޓް ސިސްޓަމެއް މެދުވެރިކޮށް އެ ބޭފުޅުން މައްސަލަތައް ބަލާއިރު، އެއާ ހިލާފަށް އާ ކަންތައްތަކެއް ފެށިގެން އައީމަ އެއީ މި ދަނޑިވަޅުގައި އެންމެ ރަނގަޅަށް ދާ ކަމެއްގެ ގޮތުގައި ނޫން ކަމަށް ފާހަގަކުރެވޭތީ،" އޭނާ ވިދާޅުވި އެވެ.
ހުސައިން ޝަމީމް ހުށަޅުއްވީ:
-
އޭސީސީގެ މެންބަރުން ވަކިކުރުމުގެ މަރުހަލާ ފަށައި ޖަވާބުދާރީވުމަށް ވަކި މުއްދަތެއް ދީފައިވަނިކޮށް، އުސޫލުން ބޭރުން އަދި ތަރުތީބުން ބޭރުން ކަންތައްތައް ކުރުމަކީ މިވަގުތު އެންމެ އެދެވިގެންވާނެ ކަމެއް ނޫން ކަމަށް ކޮމިޝަނަށް ދެންނެވުމަށް
-
މި ހުށަހެޅުމަށް ތާއީދު ކުރެއްވީ، ބިލެއްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލަތް)
-
އެ ހުށަހެޅުމަށް ލިބުނީ ހަތަރު ވޯޓު
ނަމަވެސް، ކޮމިޓީގައި ވާހަކަ ދެެއްކެވި ގިނަ މެންބަރުން އެ ވާހަކަތަކާ ދެކޮޅެވެ. ބައެއް މެންބަރުންގެ ހިޔާލަކީ، އުސޫލުން ބޭރުން ކަމެއް ކޮށްފައި ވާނަމަ، ފަހުން ވެސް އެކަން ބެލޭނެ ކަމަށެވެ. އަދި އެ ބޭފުޅުން ޖަވާބުދާރީވުމަށް ދީފައިވާ ނޯޓިސް އަންނަ އާދިއްތަ ދުވަހަށް ހަމަވާއިރު އެހާ ދިގު މުއްދަތެއް ނެތްކަން ބައެއް މެންބަރުން ފާހަގަކުރެއްވި އެވެ.
"ސަރުކާރުގެ ވަޒީރުން ވިޔަސް ކޮރަޕްޝަންގެ މައްސަލައެއްގައި ހާޒިރުވާން އެންގީމަ ހާޒުވާން ޖެހޭނެ. އެކަމުގެ ޝަކުވާ މަޖިލީހުގެ މެންބަރުންނަށް ކޮށްގެން، ކޮމިޓީން ކުރާ މަސައްކަތަށް ނުފޫޒު ފޯރުވުން އެއީ ރަނގަޅު ގޮތެއް ނޫން. މި ސްޓޭޖުގައި ވެސް އެ ބޭފުޅުން އެ ކުރައްވާ ކަންތައްތަކަށް ނުފޫޒު ފޯރުވުމަށް އަދި ނުފޫޒު ފޯރުވިދާނެ ކަމަށް ބެލޭވޭ ކަމެއް ވެސް ކޮށްގެން ނުވާނެ ކަމަށް ގަބޫލެއް ނުކުރަން،" ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ކޮމިޓީގައި ވިދާޅުވި އެވެ.
ތިނަދޫ ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ހުށަޅުއްވީ، މައްސަލަ އިތުރަށް ކުރިއަށް ނުގެންދިއުމަށެވެ. އެ ހުށަހެޅުމަށް ވެސް ލިބުނީ ހަތަރު ވޯޓެވެ.
"އޯކޭ، އަޅުގަނޑު ޑިސައިޑް މި ކުރަނީ މިހާ ހިސާބުން މި މައްސަލަ ދެން ނިންމާލަންވީ ކަމަށް. އެހެންވީމާ، އިއްޒަތްތެރި މެންބަރު ސަނީފްގެ ހުށަޅުމަށް އަޅުގަނޑު ޔެސްއެއް،" ރޮޒައިނާ ވިދާޅުވި އެވެ.
ޝިއުނާގެ މެސެޖެއް ރޮޒައިނާއަށް؛ ތުހުމަތުތައް ދޮގުކުރައްވާ
ކޮމިޓީގެ ބައްދަލުވުން ފެށުމުގެ ކުރިން، އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ރޮޒައިނާއާ ހިއްސާ ކުރެއްވި މެސެޖެއް އޭނާ ވަނީ ރޭ ކޮމިޓީގައި އަޑު އިއްވާފަ އެވެ. އެ މެސެޖުގައި، އޭސީސީގެ މެންބަރުންނަށް ކުރެވޭ ތުހުމަތުތައް ޝިއުނާ ދޮގުކުރެއްވި އެވެ.
"ޕެންޑިން ބައިވަރު ކޭސްތައް ހުރި ނަމަވެސް މި މުއްދަތުގައި އެއްވެސް ނިންމުމެއް ނުނިންމަން. މިވަގުތު ކުރާ ކަމަކީ ޝަކުވާތައް ބެލުމާއި ޔައުމިއްޔާ ފާސްކުރުން،" އިނގިރޭސި ބަހުން ޝިއުނާ ފޮނުއްވި އެ މެސެޖުގައިވެ އެވެ.
"ނަމަވެސް އިވެސްޓިގޭޝަން މަރުހަލާތައް ހަމަ ޕްރޮސީޖާއާ އެއްގޮތަށް ކުރިއަށް ދާނެ."
ޝިއުނާ ފާހަގަ ކުރެއްވި ގޮތުގައި، މިވަގުތު ކޮމިޝަންގެ ކޯރަމް ހަމަނުވާތީ އޭނާ ޗުއްޓީގައި ހުންނަވައިގެން އޮންލައިންކޮށް ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.
އިތުރަށް ކިޔާލަން -
-
1-