ޗާގޯސް މައްސަލައިގެ ތަފްސީލު ހިއްސާކުރަން ރައީސް އޮފީހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. (ފޮޓޯ/ރައީސް އޮފީސް)

ޗާގޯސް މައްސަލަ: ރާއްޖެއާ އެއްކޮޅަށް އިންވަކިކުރުމުގެ ފުރުސަތު ބޮޑު

އިސް ވަކީލް ވިދާޅުވީ ބަހަން ޖެހޭ ބައިގައި ހިޔާލު ތަފާތުވުން އުފެދިގެން އުޅެނީ ނިސްބަތުން ބަލާއިރު %5ގެ ސަރަހައްދެއްގައި ކަމަށް
24 އޮކްޓޯބަރު 2022
1

މުހިންމު ނުކުތާތައް

މީގެ ކުރިން ދެކުނުގައި ކަނޑުގެ އިން ވަކިކުރެވިފައި ނުވަނީ މޮރިޝަސް އާއި އިނގިރޭސިންގެ ދެބަސްވުން އޮތުމުން

އިން ވަކިކުރާ އިރު ކޮންމެ ގައުމަކަށް ވެސް ގާތްގަނޑަކަށް 43،000 އަކަކިލޯމީޓަރު ލިބުން އެކަށީގެންވޭ

ރާއްޖޭގެ ޕޮއިންޓް ދިފާއުކުރަން ވަރަށް ރަނގަޅު މަސައްކަތެއް ކުރެވުނު: ޕްރޮފެސަރު އަކާވަން

ކަނޑުތަކާ ބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލްއަށް މޮރިޝިއަސްއިން ހުށަހަޅާފައިވާ، ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުގެ ފުށުއަރާ ބައި ބެހުމާ ބެހޭ މައްސަލަ ރާއްޖެއާ އެއްކޮޅަށް ނިމުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް، މި މައްސަލައިގައި ރާއްޖޭގެ އިސް ވަކީލު ޕްރޮފެސަރު ޕާޔަން އަކާވަން މިރޭ ވިދާޅުވެއްޖެ އެވެ.

މައްސަލައިގެ ފެށުން - މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް)އަށް ހުށަހަޅައިގެން ކުރިއަށްދާ މައްސަލައިގެ އަޑުއެހުންތައް މިއަދު ވަނީ ނިމިފަ އެވެ. އެކަމަކު މިދިޔަ ބުރާސްފަތި ދުވަހު ކޯޓުގައި ވާހަކަ ދައްކަވަމުން ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ހާމަކުރެއްވި މައުލޫމާތަކާ ގުޅިގެން ރާއްޖޭގައި ވަނީ ސަރުކާރާ ދެކޮޅަށް ފާޑުކިއުން ބޮޑުވެފަ އެވެ.

އޭނާ ވިދާޅުވީ ޗާގޯސްއަކީ މޮރިޝަސްގެ ތަނެއް ކަމަށް އދ.ގެ އާންމު މަޖިލިހުގައި ދެން ނަގާ ވޯޓެއްގައި ރާއްޖެއިން ތާއީދުކުރާނެ ކަމަށެވެ. ކުރިން 2019 ގައި ނެގި ވޯޓުގައި ރާއްޖެ ހިމެނުނީ ޗާގޯސް ރަށްތައް މިހާރު ކޮންޓްރޯލް ކުރަމުން އަންނަ އިނގިރޭސި ވިލާތާ އެއްކޮޅަށް ވޯޓު ދިން އެންމެ ހަ ގައުމުގެ ތެރޭގަ އެވެ.

ސަރުކާރުގެ ސިޔާސަތު ބަދަލުވުމުން ޓްރައިބިއުނަލްގައި ރާއްޖެއަށް ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމަށް ބުނެ ފާޑުކީ ނަމަވެސް ސަރުކާރުން ޔަގީންކަން ދިނީ ރާއްޖެ-މޮރިޝަސްގެ ކަނޑުގެ އިން ކަނޑައެޅުމާ ގުޅޭ މައްސަލައަށް އަސަރެއް ނުކުރާނެ ކަމަށެވެ. 

ރާއްޖެ، މޮރިޝަސް އަދި ޗާގޯސް އައިލެންޑްސް (ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ) ފެންނަ ޗާޓެއް.

ވީ ކިހިނެއް؟ - މި މައްސަލައާ ގުޅޭ ކަންކަން ސާފުކޮށްދޭން މިރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޖަރުމަންގެ ހަމްބާގުގައި ހުންނަވައި ވާޗުއަލްކޮށް ވާހަކަ ދައްކަވަމުން ޕާޔަން ވިދާޅުވީ އިން ކަނޑައެޅުމުގައި ރާއްޖެ ކޮޅަށް ބުރަވުމުގެ (ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށް) ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.

ތަފްސީލު - އިގްތިސާދީ ސަރަހައްދު ވަކިކުރުމުގައި ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ދެބަސްވުން އުފެދިގެން އުޅޭ ސަރަހައްދާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ:

  • ދެ ފަރާތުން ފުށުއަރާ ސަރަހައްދުގެ ބޮޑުމިނަކީ ގާތްގަނޑަކަށް90،000 އަކަ ކިލޯމީޓަރު ކަމަށް

  • އެބައިގެ އިން ވަކިކުރުމުގައި %95 ސަރަހައްދުގައި ހިޔާލު ތަފާތުވުމެއް ނެތް؛ މައްސަލަ އުޅެނީ ނިސްބަތުން %5 ސަރަހައްދެއްގައި

  • އެއީ ނިސްބަތުން ބަލާއިރު ގާތްގަނޑަކަށް 3،000 - 4،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް

ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އިން ވަކިކުރުމުގައި ހިޔާލުތަފާތުވާ ސަރަހައްދު ދަނބު ކުލައިން ފާހަގަކޮށްފައި.

އެއީ ނިސްބަތުން ކިތަންމެ ކުޑަ ތަންކޮޅެއް ނަމަވެސް، ޕްރޮފެސަރު ވިދާޅުވީ ކަނޑުގެ ސަރަހައްދުގެ އެންމެ އިންޗިއެއް ވެސް ދޫކުރަން ނުޖެހޭނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ދުނިޔޭގެ އެހެން ދިމަދިމާލުގައި ކަނޑުގެ އިން ވަކިކުރާ އިރު މިއަށް ވުރެ މާ ބޮޑު ސަރަހައްދުތަކުގައި ދެބަސްވުން އުފެދިފައި އެބަހުރި ކަމަށެވެ. 

"މިސާލަކަށް ބަންގްލަދޭޝް، އިންޑިއާ އަދި މިޔަންމާއާ ދެމެދު އޮންނަ ބޭ އޮފް ބެންގަލް މައްސަލައިގައި އެތައް ހާސް ކިލޯމީޓަރުގެ ސަރަހައްދަކާ މެދު މައްސަލަ އުފެދިފައި އޮތީ،" އަކާވަން ވިދާޅުވި އެވެ.

"މިއީ [ރާއްޖެ - މޮރިޝަސް މައްސަލަ] ވަރަށް ކުޑަ ސަރަހައްދެއްގެ މައްސަލައެއް. ދެ ގައުމަށް ވެސް ގާތްގަނޑަކަށް ލިބޭނީ 50/50 ސަރަހައްދެއް. އެކަމަކު ކޮންމެވެސް އެއްބަޔަކަށް 3،000 ނުވަތަ 4،000 ކިލޯމީޓަރުގެ ސަރަހައްދެއް އިތުރަށް ލިބިދާނެ."

އޭނާ ވިދާޅުވީ މައްސަލަ ނިމޭނެ ގޮތަކާ މެދު އެއްޗެއް ވިދާޅުވަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް ރާއްޖެ ތަމްސީލްކުރި ވަކީލުންގެ ޓީމުގައި ތިއްބެވީ ވަރަށް ތަޖުރިބާކާރު ބޭފުޅުން ކަމަށާއި ކަނޑުގެ އިން ވަކިކުރުމުގެ އެތައް މައްސަލައެއްގައި އެ ވަކީލުން މީގެ ކުރިން ވެސް މަސައްކަތް ކުރައްވާފައިވާ ކަމަށް ވިދާޅުވި އެވެ.

"ރާއްޖެއިން ވަރަށް ވަރުގަދައަށް ރާއްޖޭގެ ޕޮއިންޓް ދިފާއުކުރިން. އަޅުގަނޑުމެން އެންމެންނަށް ކުރެވެން އޮތް އެންމެ ރަނގަޅަކަށް މިކަމުގައި މަސައްކަތްކުރިން،" ކަނޑާ ބެހޭ ގާނޫނީ ދާއިރާގައި މަސައްކަތްކުރެއްވުމުގެ 35 އަހަރުގެ ތަޖުރިބާ ހުރި ޕްރޮފެސަރު ވިދާޅުވި އެވެ.

އެނގުން މުހިންމު - ރާއްޖޭގެ އުތުރުން، ރާއްޖެ އާއި އިންޑިއާ އަދި ލަންކާއާ ދެމެދު އިގްތިސާދީ ސަރަހައްދުގެ އިން ވަކިކުރެވި، އެއްބަސްވުންތަކެއް ހަދާފައި ވިޔަސް ރާއްޖޭގެ ދެކުނުން އެފަދަ އިންވަކިކުރުމެއް މިހާ ހިސާބަށް ވެސް ހެދިފައި ނުވަނީ، އޭނާ ވިދާޅުވި ގޮތުގައި، ޗާގޯސް ރަށްތަކުގެ މިލްކުވެރި ފަރާތަކީ ކޮން ބައެއްކަން ކަނޑައަޅާފައި ނުވާތީ އެވެ.

އެ ރަށްތަކުގެ މިލްކުވެރިކަމާ މެދު މޮރިޝަސް އާއި އިނގިރޭސިންނާ ދެމެދު އޮތީ ހިޔާލު ތަފާތުވުމެވެ. އެކަމަކު 2019 ގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ބުނެފައި ވަނީ އެއީ މޮރިޝަސްގެ ތަނެއް ކަމަށެވެ.

ޗާގޯސް އައިލެންޑްސް އޮންނަނީ ނގިރޭސިވިލާތުގެ ބާރުގެ ދަށުގަ އެވެ. އަދި އައިސީޖޭއިން ނިންމިޔަސް އެތަން މޮރިޝަސްއާ ހަވާލުކުރާނެ ކަމުގެ އެއްވެސް ނިޝާނެއް އަދި ނުފެނެ އެވެ.

ގުޅުން ހުރި ހަބަރުތައް 

ކޮމެންޓް (1)

ސްމޭޝް/ފުވައްމުލައް

25 އޮކްޓޯބަރު 2022
ތިޔައީ އަދި އެހާ އާރުލާ ހެކިތަކެއް ނޫން! ޗާގޮސްގައި ފުރަމަތަ ދަޑުގޮވާމަށް ރުއް އިންދީ މޮރިޝަސް މީހުން ކަން އެނގެން އޮވޭ! އަދި އެރަސްތަކުގައި އުޅުނީ މޮރިޝަސްގެ ބައެއް ކަމަށް ބާރުދޭ އަނެއް ހެއްކަކީ އެރަށްރަށުން މިހުން ބާލަމުން ދިޔައިރު އެދޭ ގައުމަކަށް/ރަށަކަށް ބަދަލުކޮށްދިންކަން ވެސް އެނގޭ، އެގޮތުން އެއްވެސް މީހަކު ރާއްޖެ ކައިރީގައި އޮތް އިރު ރާއްޖެ ބަދަލުވުމަށް އެދިައި ނުވުމާއި، މޮރިޝަސްގެ ރަސްތަކާއި ސީޝެލްސްގެ ރަސްތަކަށްބައެއް މީހުން އެދިގެންވެސް ބަދަލުކޮށްފައިވާކަން. އަދި އިނގިރޭސީން އެރަށްތަކުން ގިނަ މީހުން މޮރިޝަސް އަސް ބޭލީ ނަސްލީގޮތުންނައި އިދާރީގޮތުން އޭރުވެސް އެމީހުންގެ މެދުގައި ގުޅުންއޮތުމުން. ނޫންނަމަ އެމީހުން ބާލާނީ ރާއްޖެއަށެވެ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް