ޑރ. މުނައްވަރު މިއަދު ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި

ޗާގޯސް މައްސަލައިގައި ސަރުކާރުގެ ވިސްނުން ބަދަލުކުރީ އިންޑިއާގެ ނުފޫޒުން: ޑރ. މުނައްވަރު

ސަރުކާރުގެ ނިންމުމުގެ ސަބަބުން ފައިދާ ވެސް ކުރާނީ އިންޑިއާއަށް ކަމަށް އޭނާ ތުހުމަތުކުރެއްވި

އައްޑޫގެ ދެކުނުގައި އޮންނަ ޗާގޯސް ރަށްތަކަކީ މޮރިޝަސްގެ ތަނެއް ކަމަށް ގަބޫލުކޮށް ދިވެހި ސަރުކާރުގެ ސްޓޭންޑް ބަދަލުކުރީ، އަވައްޓެރި އިންޑިއާގެ ނުފޫޒުން ކަމަށް ތުހުމަތުކޮށް، އެ ނިންމުމުގެ ސަބަބުން ފައިދާ ކުރާނީ ވެސް އިންޑިއާއަށް ކަމަށް ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ. 

އެ ނިންމުން މުނައްވަރު ސިފަކުރެއްވީ "މުނާސަބަތު ނޫން ވަގުތެއްގައި ނިންމި" ރައްޔިތުންނަށް ގެއްލުން ހުރި ނިންމުމެއްގެ ގޮތުގަ އެވެ.

ވީ ކިހިނެއް؟ - ޗާގޯސް މައްސަލައިގައި 'ކުއްލިއަކަށް' ސަރުކާރުގެ ސިޔާސަތު ބަދަލުވުމާއި ރާއްޖޭގެ އިގުތިސާދީ ސަރަހައްދާ ބެހޭ ގޮތުން މުނައްވަރުގެ ކަންބޮޑުވުން ހިއްސާކުރެއްވީ މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

ތަފްސީލު - އޭނާ ފުރަތަމަ ވެސް ވިދާޅުވީ މި ބައްދަލުވުން ބާއްވަވަނީ "މަޖޫބޫރީ ހާލަތެއްކަމު"ގެ ނުތަނަވަަސްކަން އޮތްލެއް ބޮޑުކަމުންނާއި ސަރުކާރުން ދައްކާ ވާހަކަތައް ދިމާނުވުމުގެ ސަބަބުން އެކަންކަން އޮޅުންފިލުވައިދޭން ކަމަށެވެ.

ނޫސްވެރިންގެ ސުވާލުތަކަށް ހުޅުވާލުމުގެ ކުރިން މުނައްވަރު ސުވާލު އުފެއްދެވީ ސަރުކާރުގެ ސިޔާސަތު ބަދަލުވުމުގައި އެހެން ބައެއްގެ ނުފޫޒު އޮތްތޯއާ މެދު އެވެ. އެއީ އިންޑިއާގެ ނުފޫޒުތޯ 'ދައުރު'އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ ސަރުކާރުގެ ނިންމުމުގެ ސަބަބުން އިންޑިއާއަށް ފައިދާ ބޮޑު ކަމަށެވެ. އަދި އިންޑިއާއިން އެގޮތް ބޭނުންވާ ސަބަބުތައް ވެސް އޭނާ ދެއްކެވި އެވެ.

"މޮރިޝަސްއަކީ އިންޑީއާއާ ވަރަށް ގާތް ގުޅުން އޮންނަ ގައުމެއް. މޮރިޝަސްގެ އާބާދީގެ ބޮޑު ބަޔަކީ ވެސް އިންޑިއާ ނަސްލުގެ މީހުން. މޮރިޝަސްގެ ބޮޑު ވަޒީރުކަން ވެސް ކުރައްވަނީ އެ ނަސްލުގެ ބޭފުޅުން. އެހެންވީމަ މޮރިޝަސް އާއި އިންޑިއާއާ މި އޮންނަ ގާތް ގުޅުމުގެ ސަބަބުން، މޮރިޝަސްއަށް އެތަން ލިބުމަކީ އިންޑިއާއިން ބުރަވާނެ ގޮތް،" މުނައްވަރު ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މުނައްވަރު (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އޭނާ ވިދާޅުވީ އިންޑިއާއިން މޮރިޝަސްއަށް ޗާގޯސް ލިބެން ބޭނުންވާ އެހެން ސަބަބެއް ވެސް އެބަ އޮތް ކަމަށެވެ؛ އެއީ މި ސަރަހައްދުގައި އެމީހުންގެ ބާރުވެރިކަން ބޮޑުކުރުމެވެ.

އިންޑިއާގެ ސަރަހައްދު މަލިކާ ހަމައަށް އޮތް އިރު، ރާއްޖޭގެ އުތުރުން ހަނިމާދޫގަ އާއި އުތުރު ތިލަފަޅު އަދި އައްޑޫގައި ވެސް އިންޑިއާ ސިފައިން 'ބަޑަހަ ޖަހައިގެން' ތިބިކަން ފާހަގަކުރައްވަމުން ވިދާޅުވީ، "ދެން އެމީހުން ބޭނުންވަނީ އައްޑޫގެ ދެކުނު" ކަމަށެވެ.

"ދެކުނުގައި މި އޮންނަނީ ޗާގޯސް. އެތަން މޮރިޝަސް އަތަށް ދިޔުމާ އެކު އެމީހުންނަށް [އިންޑިއާއަށް] އިންޑިއަން އޮޝަންގެ ކޮންޓްރޯލް އެއްކޮށް ލިބުނީ،" މިހާރުވެސް މޮރިޝަސްގައި ސިއްރު އަސްކަރީ ބޭސްއެއް ހަދާފައިވާ ކަމަށް އަޑުއަރާފައިވާ އިންޑިއާއާ ގުޅޭ ގޮތުން މުނައްވަރު ވިދާޅުވި އެވެ.

"އެމީހުންގެ ހުއްދަ ނުލިބި، އެ[އިންޑިއަން] އޯޝަން އެއްފަރާތުން އަނެއް ފަރާތަށް ހުރަހެއް ނުކުރެވޭނެ. ނުފޫޒު ހިންގުމަށް ދުނިޔޭގައި މިހާރުވެސް ކުރާ ހަނގުރާ ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ...މިހެން އޮތް ދުނިޔެއެއްގައި އިންޑިއާ މީހުން ވެސް މަސައްކަތް ކުރަނީ އެގޮތަށް ނޫންތޯ. އެއީ ޗައިނާގެ މުދާ ދެން އޭޝިއާ، ވެސްޓަން އޭޝިއާ ނުުވަތަ މެދުއިރުމައްޗަށް، އެފްރިކާއަށް ކަނޑު މަގުން ގެންދެވޭނީ އެމީހުންގެ ހުއްދަ ލިބިގެން ނޫންތޯ،" ރަޝިއާ-ޔޫކްރައިން ހަނގުރާމައިން މިސާލު ނަންގަވައި މުނައްވަރު ވިދާޅުވި އެވެ.

މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ގެކޮޅު، މ. ދިމްޔާތުގައި ބޭއްވި ޑރ. މުނައްވަރުގެ ނޫސްވެރިންގެ ބައްދަލުވުން (ދައުރު ފޮޓޯ)

އެހެންކަމުން އިންޑިއާއަށް އެފައިދާ އޮތުމުން، ރާއްޖޭގެ ސިޔާސަތު ބަދަލުކުރަން އިންޑިއާއިން 'ބާރުއެޅީ' ކަމަށް މުނައްވަރު ގަބޫލުކުރައްވަ އެވެ.

"ސަރުކާރު ހިންގަވަން ތިއްބެވި ބޭފުޅުންނަށް ބޮޑަށް އެނގޭނީ [ކީއްވެކަން ސްޓޭންޑް ބަދަލުކުރީ]. އެކަމަކު ކަން ހިނގަމުންދާ ގޮތާއި އަޅުގަނޑުމެން ގައުމު ފިތެމުންދާ ގޮތުން ޔަގީން ކުރެވެނީ، އެހެންނޭ އެކަން ހިނގާފައި އޮންނާނީ،" ސަރުކާރުންގެ ނިންމުން ބަދަލުވީ އިންޑިއާގެ ނުފޫޒުންތޯ ތަކުރާރުކޮށް އެހެމުން މުނައްވަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިކަން ސާރުކާރުން ސާބިތުނުކޮށްދޭހާ ހިނދަކު، އޭނާ ގަބޫލުކުރައްވާ ގޮތަކީ، ސިޔާސަތު ބަދަލުވީ އިންޑިއާގެ ނުފޫޒުން ކަމަށެވެ.

"އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ އެކަން އެގޮތަށް ހިނގި ކަމަށް. އެހެންނޫނީ މިއީ މުނާސަބަތު ވަގުތެއް ނޫން ރާއްޖޭގެ ސްޓޭންޑް ބަދަލުކުރަން،" ކަނޑުގެ ގާނޫނީ ދާއިރާގައި ރާއްޖޭގައި ހުންނެވި އެންމެ ތަޖުރިބާކާރު ގާނޫނީ ވަކީލު ކަމަށް ބެލެވޭ މުނައްވަރު ވިދާޅުވި އެވެ.

'ނުވަންޏާ ގެއަށް ކަނޑާލާ'

ނޫސްވެރިންގެ ބައްދަލުވުމުގައި މުނައްވަރު ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ވެރިކަން ކުރާ އެމްޑީޕީގެ ފުރަތަމަ ރައީސްކަން ވެސް ކުރެއްވި މުނައްވަރު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ބަންޑާރަނައިބު އިބްރާހިމް ރިއްފަތަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ސަރުކާރު ބުނާ ގޮތުން މޮރިޝަސްގެ ކޮޅަށް އދ.ގައި ވޯޓުދޭނެ ކަމަށް ނިންމީ، ޑީކޮލޮނައިޒްކުރުމާ ދެކޮޅުހެދުމަށެވެ. އަދި ޗާގޯސްއަކީ މޮރިޝަސްގެ ތަނެއްކަމަށް ރާއްޖެއިން ގަބޫލުކުރުމަކީ ރާއްޖެ-މޮރިޝަސްގެ ކަނޑުގެ އިން ކަނޑައެޅުމާ ގުޅޭ މައްސަލައަށް އަސަރުކުރާނެ ކަމެއް ނޫން ކަމަށާއި އެއީ ވަކި ދެ މައްސަލައެއް ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.

ނަމަވެސް މުނައްވަރު ވިދާޅުވީ އެއީ ހަމަޖެހޭ ވާހަކައެއް ނޫން ކަމަށެވެ.

"ޓްރަބިއުނަލް ހިއަރިންގައި އިބްރާހިމް ރިއްފަތު ވިދާޅުވަނީ، ތިމަންނަމެން ނިންމައިފީމޭ  މޮރިޝަސްގެ ސިޔާދަތު ގަބޫލުކުރަން ޗާގޯސްގެ މައްޗަށް. އެއީ ދެ މައްސަލައެއް ނަމަ، ކީއްވެގެންތޯ އެތާގައި އެވާހަކަ ދައްކަަވަން ޖެހުނީ؟ މީގެ ކުރިން އެ މަޖިލީހުގައި ބުނަމުން އައީ، މޮރިޝަސްއިން ވަލު ދޮރާށިން ހުށަހަޅައިގެން އުޅޭ މައްސަލައެކޭ. މި މައްސަލަ ނުބެލޭނޭ،" މުނައްވަރު ވިދާޅުވި އެވެ.

"މިއީ، ދެ މައްސަލައެއް ނަމަ، އެވާހަކަ އެތަނުގައި ވިދާޅުވާކަށް ނުޖެހޭނެ."

އޭނާ ވިދާޅުވީ އެއްވެސް ތަނަކުން ޗާގޯސްއަކީ މޮރިޝަސްގެ ތަނެއްކަމަށް އަދި ނުނިންމާއިރު، 'ޑީކޮލޮނައިޒް ސިޔާސަތާ ދެކޮޅޭ' ކިޔާފައި ދިވެހި ސަރުކާރުން ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތު ލިބިގެންވާ ތަނެއް ކަމަށް ބުނަން ނުޖެހޭނެ ކަމަށެވެ. އަދި އދ.އިން މިކަމާ ގުޅިގެން ފާސްކުރި ގަރާރަކީ ވެސް އެއަށް އަމަލްކުރަން ޖެހޭ އެއްޗެއް ނޫންކަން އޭނާ ފާހަގަކުރެއްވި އެވެ.

"މޮރިޝަސްއަށް އެތަނުގެ މައްޗަށް ސިޔާދަތު ލިބިގެންވާކަން އެއީ އަދި ބަހުސެއް، ހީއެއް. އިބްރާހިމް މުހައްމަދު ސޯލިހް ރަައީސުލްޖުމްހޫރިއްޔާކަމުގައި ހުންނަވައިގެން މޮރިޝަސްގެ ބޮޑުވަޒީރަށް އެތަން [ޗާގޮސް މޮރިޝަސް ތަނެއްގެ ގޮތުގައި] ގަބޫލުކުރައްވާކަމަށް ސިޓީއެއް ފޮނުއްވުމަކީ އަޖައިބެއް. އެހެން ނޫނީ ދުނިޔެ ހިނގާ ގޮތް އެނގިވަޑައި ނުގަންނަވަނީ. އެހެން ނޫނީ ތަންދޮރު ނުފިލަނީ. ބޮޑަށް ބުރަވެވެނީ ފަހުން މި ބުނި ގޮތަށް،" މުނައްވަރު ވިދާޅުވި އެވެ.

"މިއީތޯ އެކަން ގަބޫލުކުރަންވީ ވަގުތަކީ؟ އެކަން ގަބޫލުނުކޮށްފިއްޔާ ވާނީ ކޮން ގެއްލުމެއް. ދެން މި ބޭފުޅުން މި ވިދާޅުވަނީ މިއީ ޑީކޮލޮނައިޒޭޝަން ޕޮލިސީއޭ. އެ ޕޮލިސީ އެހެން އޮއްވާ ނޫންތޯ ޓްރަބިއުނަލްގައި ބަހުސް ކުރީ މިއީ ވަލުދޮރާށިން ވައްދައިގެން އުޅޭ މައްސަލައެކޭ."

ނޫސްވެރިންގެ ބައްދަލުވުމުގައި މުނައްވަރު ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އެގޮތަށް ސަރުކާރުން ނިންމުމުން ކަނޑުގެ އިން ކަނޑައެޅުމާ ގުޅޭ މައްސަލަ ރާއްޖޭގެ ކޮޅަށް ނިމުމަކީ ނާދިރުކަމެއްގެ ގޮތުގައި މުނައްވަރު ފާހަގަކުރެއްވި އެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމަށް ނުހަނު ގެއްލުން ލިބޭނެކަމުގެ ކަންބޮޑުވުން ވެސް އޭނާ ފާޅުކުރެއްވި އެވެ.

"ނުސީދާކޮށް މި ބުނެވެނީ އެތަނަށް ވެސް އިގްތިސާދީ ސަރަހައްދެއް ލިބިގެންވާނެއޭ އެހެންވީމަ ބައިކުރަންވީއޭ. ބަލަ އެހެން ނޫންބާ މި ބުނެެވެނީ؟ އެވަރު ވެސް ނުވިސްނެނީތޯ؟" އޭނާ ސުވާލުކުރެއްވި އެވެ.

"[އެވަރު ނުވިސްނޭނެ ނަމަ] އެހެން ނޫނީ ކުފޫ ހަމައެއް ނުވޭ. ދިވެހި ދައުލަތުގެ މަންފާއަށްޓަކައި މި ބޭފުޅުން ވަޒީފާ ދޫކޮށްލަން ޖެހޭތާ ކިތަންމެ ދުވަހެއް އެހަން ކަމަށްވަންޏާ. އެއީ ރައިސުލްޖުމްހޫރިއްޔާ ކަމަށް ވިޔަސް، ކަމާ ބެހޭ ވަޒީރުން ވިޔަސް."

މިކަން ހިނގާ ގޮތުގެ މައުލޫމާތު އާންމުނަށް ސަރުކާރުން ފޯރުކޮށްދޭން ޖެހޭ މިންވަރަށް ފޯރުނުކޮށްދޭ ކަމުގެ ކަންބޮޑުވުން ވެސް އޭނާ ފާޅުކުރެއްވި އެވެ.

"މިވަރުގެ މައްސަލައެއް ހިނގަމުންދާއިރު އަޅެ [ރައީސް ސޯލިހް] އެއްޗެއް ބުނަންވެއްޖެއެއްނު. ރަނގަޅުވިއްޔާ ރަނގަޅު، ނުރަގަނޅުވިއްޔާ ނުރަނގަޅޭ... މިބޭފުޅުންނަށް އެކަން ނުވަންޏާ ގެއަށް ކަނޑާލަންވީ. ނުކަނޑަންޏާ ރައްޔިތުން ނުކުމެ ބާލަންވީ،" މުނައްވަރު ވިދާޅުވި އެވެ.

ކޮމެންޓް (1)

އަލީބެ

25 އޮކްޓޯބަރު 2022
އިނގިރޭސީންނަށް ދޭން ތާއީދު ކުރީ ކޮންބައެއްގެ ދަށުވެގެންކަންވެސް ބުނެދިންނަމަ ތާހިރުވީސް. ތިދެބަޔަކީވެސް ދެފަރާތުގެ އެޖެންޓުން.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް