ޗާގޯސް މައްސަލައިގައި ސަރުކާރުގެ ނިންމުމާ ދެކޮޅަށް ވާހަކަދެއްކެވި މެމްބަރުން

ޗާގޯސް މައްސަލަ: އެމްޑީޕީގެ ބައެއް މެމްބަރުން ވެސް އިދިކޮޅާ ގުޅިގެން ސަރުކާރަށް ފާޑުކިޔައިފި

ސަރުކާރަށް ތާއީދުކުރާ މެމްބަރުން ވިދާޅުވީ އެއީ ހަގީގަތް އޮޅުވާލަން ދައްކަވާ ވާހަކަތައް ކަމަށް
24 އޮކްޓޯބަރު 2022
3

މުހިންމު ނުކުތާތައް

އީވާ ހުށައެޅުއްވީ މައްސަލަ ބަލަން ހުރިހާ ޕާޓީތަކުގެ މެމްބަރުން ހިމެނޭ ކޮމިޓީއެއް ހަދަން

އަލީ ހުސެން ވިދާޅުވީ ޗާގޯސްއަކީ ރާއްޖޭގެ ބައެއް ކަމަށް ދައުވާކުރަން ޖެހޭ ކަމަށް

ސަރުކާރުގެ ނިންމުމަކީ ގައުމުން ބައެއް ދޫކޮށްލުން ނޫން ކަމަށް، ބައެއް މެމްބަރުން ވިދާޅުވި

އައްޑޫގެ ދެކުނުން އޮންނަ ޗާގޯސްގެ ރަށްތަކަކީ މޮރިޝަސްގެ ތަނެއް ކަމަށް ރާއްޖެއިން ގަބޫލުކުރަން ނިންމީ ރައްޔިތުންގެ މަޖިލީހުގެ ބަހެއް ނެތި ކަމަށް ވުމުން، ގިނަ މެންބަރުން ސަރުކާރަށް މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.

މަޖިލިހުގައި ބަހުސްކުރައްވަމުން ބައެއް މެންބަރުން ވިދާޅުވީ އެއީ ގާނޫނުއަސާސީއާ ވެސް ހިލާފް ނިންމުމެއް ކަމަށެވެ.

މައްސަލައިގެ ފެށުން- މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް)އަށް ހުށަހަޅައި، މިއަދު ޖަރުމަނުގެ ހަމްބާގުގައި ބަހުސް ނިމުނު މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ވަނީ، ކުރިން ރާއްޖެއިން ގެންގުޅުނު ސިޔާސަތު ބަދަލުކޮށް މޮރިޝަސްއާ އެއްކޮޅަށް އދ.ގައި ވޯޓު ދޭނެކަން ހާމަކުރައްވައިފަ އެވެ.

އެ ނިންމުމާ ވިދިގެން ރާއްޖެ-މޮރިޝަސްގެ ކަނޑުގެ އިން ކަނޑައެޅުމާ ގުޅޭ މައްސަލައަށް އަސަރެއް ނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިނަސް ބައެއް މީހުން ބުނަމުން އަންނަނީ ސަރުކާރުގެ ސިޔާސަތު ބަދަލުކުރުމުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް ދޫކޮށްލަން ޖެހިދާނެ ކަމަށް ބުނެ، އެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.  

ވީ ކިހިނެއް؟- ސަރުކާރުގެ ނިންމުމާ ދެކޮޅަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މަޑުއްވަރީ ދާއިރާގެ އާދަމް ޝަރީފް މިއަދު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވި އެވެ. އެގޮތުން، އެ މައްސަލައިގެ ބަހުސްގައި ގިނަ މެމްބަރުން ވަނީ ސަރުކާރުގެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ: މައްސަލަ ބަލަން ހުރިހާ ޕާޓީތަކުގެ މެމްބަރުން ހިމެނޭ ކޮމިޓީއެއް ނަގަން ހުށައެޅުއްވި (ފޮޓޯ/ މަޖިލިސް)

ބުނީ ކީކޭ؟- މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އީވާ އަބްދުﷲ ނުރުހުން ފާޅުކުރެއްވީ ރާއްޖޭގެ އިގުތިސާދީ ޒޯން، ނުވަތަ އީއީޒެޑްއާ ގުޅޭ އެހާ ބޮޑު ނިންމުމެއް ނިންމިއިރު މަޖިލީހުގެ ލަފާއެއް، ނުވަތަ މަޖިލީހާ އެކު މަޝްވަރާކޮށްފައި ނުވުމުންނެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ އެ ނިންމުމަކީ ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލޭ ވަރުގެ ނިންމުމެއް ކަމަށެވެ.

"ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލޭވަރުގެ ނިންމުމެއް [ނުވަތަ] ކޮންމެވެސް ދުވަހަކުން ގެއްލިދާނެވަރުގެ ނިންމުމެއް [މިއީ]. އެއީ އެމްއޯޔޫ އަކުން ވިޔަސް ބައިނަލްއަގުވާމީ މުއާހަދާއަކުން ވިޔަސް، އދ.ގެ ވޯޓަކުން ވިޔަސް، އައިސޭޖޭއަކުން ވިޔަސް، ކޯޓަކުންވިޔަސް އަދި ޓްވީޓަކުން ވިޔަސް، ސިޓީއަކުން ވިޔަސް، ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލޭވަރުގެ ނިންމުމެއް ނިންމަން ޖެހޭނީ [އަދި] އެ ހިސާބަށް ދާވަރުގެ ކަމެއް އަންނަން ޖެހޭނީ ރައްޔިތުންގެ މަޖިލީހާ މަޝްވަރާކޮށްފައި،" އީވާ ވިދާޅުވި އެވެ.

އޭނާ ވަނީ ސަރުކާރުން އެ ނިންމުން ނިންމި ސަބަބާ މެދު ވެސް ސުވާލު އުފައްދަވައިފަ އެވެ. އދ.ގައި 2019ގައި ނެގި ވޯޓުގައި މޮރިޝަސްއާ ދެކޮޅަށް ދިވެހި ސަރުކާރުން ވޯޓުލީ، އަސްލު 'މައްސަލައަށް އަސަރުކޮށްގެން ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލިދާނެތީ' ކަމަށް އޭރު ސަރުކާރުން ބުނެފައިވާ ކަމަށް އީވާ ވިދާޅުވި އެވެ.

"މިއަދު އެ ވާހަކަ އެ ބަދަލުކުރީ، އެހެންވީމަ ބުއްދީގެ ހަމައިން އަޅުގަނޑަށް އެނގޭ އެއްޗަކީ، އެ ބަދަލުކުރި ކުރުމުގައި، އޭގެ މާނައަކީ އަޅުގަނޑުމެންގެ ސަރަހައްދުން ބައެއް ގެއްލުނަސް ވަރިހަމަ ކަމަށޭ. ސުވާލަކީ، ކީއްވެގެންތޯ މިވަރުގެ ޔޫ ޓާނެއް [ނަގަން ޖެހުނީ]. އެއްވެސް މީހަކަށް ސަބަބެއް ނޭނގި މިވަރުގެ ޔޫ ޓާނެއް [ނަގަން ޖެހުނީ]،" އީވާ ވިދާޅުވި އެވެ.

އޭނާ ހުށަހެޅުއްވީ ސިޔާސީ ހުރިހާ ޕާޓީއެއްގެ މެންބަރުން ހިމެނޭ ކޮމިޓީއަކުން މި މައްސަލަ ދިރާސާ ކުރުމަށެވެ.

ކެންދޫ ދާއިރާގެ އަލީ ހުސައިން: ސަރުކާރުގެ ނިންމުމަކީ އާދައިގެ މައްސަލައެއް ނޫން (ފޮޓޯ/ މަޖިލިސް)

ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ އަލީ ހުސެއިން ވިދާޅުވީ ރާއްޖޭގެ ބައެއް އެހެން ބަޔަކަށް ދޫކޮށްލަން، ނުވަތަ އެއީ މޮރިޝަސްގެ ބައެއް ކަމަށް ނިންމައި ދޫދިނުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މިއީ އާދައިގެ މައްސަލައެއް ނޫން ކަމަށާއި، މިކަމުގައި އެއްވެސް ގޮތަކަށް ދޫނުދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަތުގައި އޮތް އެއްޗެއް ދޫކޮށްލާފައި އަޅުގަނޑުމެންގެ ސަރަހައްދުން ބައެއް އެހެން ބަޔަކަށް ސާފުކޮށް ލިބޭ ގޮތަށް އަޅުގަނޑުމެން ދޫދިނުމަކީ، އިއުތިރާފްކުރުމަކީ އެއީ އަޅުގަނޑުމެންނަށް އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން،" އަލީ ހުސެއިން ވިދާޅުވި އެވެ .

ބަހުސް ކުރެއްވި ގިނަ މެމްބަރުންނާ އެއްގޮތަށް އޭނާ ވެސް ގަބޫލުކުރެއްވީ މި މައްސަލައިގައި ނަގަން ޖެހޭ ސްޓޭންޑަކީ ޗާގޯސްއަކީ ރާއްޖޭގެ ބައެއްގެ ގޮތުގައި ދެކި އެކަމަށް ވަކާލާތުކުރުމަށެވެ.

"އަޅުގަނޑުމެން ވަކާލާތުކުރުމޭ ފޯޅަވައްސަކީ ނުވަތަ އަދި ޗާގޯސް އައިލެންޑްސް އެއީ ދިވެހިރާއްޖޭގެ ބައެއްގެ ގޮތުގައި އޮތުމަށް އަޅުގަނޑުމެން ވަކާލާތުކުރުމޭ. އެއީއޭ އެންމެ ރަނގަޅު ސިޔާސަތަކީ،" މީގެ ފަސް ގަރުނު ކުރިން ޗާގޯސްއަކީ ރާއްޖޭގެ ބައެއްގެ ގޮތުގައި އޮތް ތަނެއް ކަމަށް، ތާރީހީ ބައެއް ލިއުންތަކުން އެނގޭ އެނގުމުގެ މައްޗަށް ބިނާކުރައްވާ އޭނާ ވިދާޅުވި އެވެ.

އުނގޫފާރު ދާއިރާ މުހައްމަދު ވަހީދު (ވައްޑޭ): ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި (ފޮޓޯ/ މަޖިލިސް)

އުނގުފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވަހީދުގެ ކަންބޮޑުވުމަކީ ވެސް ރައްޔިތުންގެ މަޖިލިހުގެ ލަފައެއް ހޯދާފައި ނެތުމެވެ. އޭނާ ވިދާޅުވި ގޮތުގައި، ރައީސަށް ދައުލަތުގެ ހާރިޖީ ސިޔާސަތުތަކާ ގުޅޭ މުހިއްމު ނިންމުންތައް ނިންމުމުގެ ބާރު ލިބުނު ނަމަވެސް، ބިމުގެ ސަރަހައްދާ ގުޅޭ ނިންމުމެއް ނިންމެވޭނީ މަޖިލީހުގެ ރުހުމާ އެކު އެވެ. 

އޭނާ ވަނީ ހަގީގަތް އޮޅުވާލަން ސަރުކާރުން މަސައްކަތްކުރަމުންދާ ކަމުގެ ތުހުމަތު ވެސް ކުރައްވައިފަ އެވެ. އަދި މި މައްސަލާގައި ސަރުކާރުގެ އިސް ވެރިއަކު ބަހެއް ވިދާޅުނުވާތީ ވެސް އޭނާ ފާޑުކިއުއްވި އެވެ.

"ދެން މިކަމުގައި މި ހިނގަނީ ދެ ވާހަކައެކޭ، ދެ މައްސަލައެކޭ އެއީކީ ހަގީގަތުގައި މުހިއްމު ކަމެއް ނޫން، އިއްޒަތްތެރި ރައީސް. މުހިއްމު މިވަނީ މިއަދު އައްޑޫ އަތޮޅުން މަސް ދޯނި ފުރައިގެން މަހަށް ދިޔަ ތަނަށް މާދަމާ މަސް ބާނަން ނުދެވެނީ. މުހިއްމު މިވަނީ މިއަދު އައްޑޫ މަސްވެރިން މަސް ބާނަން ދިޔަ ކަނޑު މާދަމާ އެހެން ބަޔަކު ބޮޑު ދާ އަޅަން ތިބޭނެތީ އަޅުގަނޑުމެން އެއްބަސްވެގެން ކުރެވޭ ކަމެއް،" ވަހީދު ވިދާޅުވި އެވެ.

ފޮނަދޫ ދާއިރާގެ މޫސާ ސިރާޖު: އޭނާ ވިދާޅުވީ ޗާގޯސް ރަށްތަކުގެ މިލްކުވެރިކަމަށް ރާއްޖެއިން އުޅެން ޖެހޭ ކަމަށް (ފޮޓޯ/ މަޖިލިސް)

ފޮނަދޫ ދާއިރާގެ މޫސާ ސިރާޖު ވިދާޅުވީ ރާއްޖޭގެ ސަރަހައްދުން އެއްވެސް ވަރެއް އުނިކުރާ ގޮތަށް އެއްވެސް ބައެއްގެ ވާހަކަ ބައްޓަން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރަންވީ، ޗާގޯސްއަކީ ރާއްޖޭގެ ބައެއްގެ ގޮތުގައި ދެކިގެން ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސްޓޭންޑަކަށް ވާން ޖެހޭނީ ފޯއްޅަވެއްސަކީ ވެސް އަޅުގަނޑުމެންގެ ތަނެއްގެ ގޮތުގައި ދެކިގެން އެތަން ހޯދުމަށް މަސައްކަތް ކުރުން،" އޭނާ ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

އިސްތިގުލާލަށް އަސަރެއް ނުކުރާނެ

އިދިކޮޅު މެމްބަރުންނާއި އެމްޑީޕީ ބައެއް މެމްބަރުން ސަރުކާރަށް ފާޑުވިދާޅުވިޔަސް، އެމްޑީޕީގެ އެހެން މެމްބަރުން ވަނީ ސަރުކާރުގެ ދިފާއުގައި ވާހަކަ ދައްކަވައިފަ އެވެ. 

މަރަދޫ ދާއިރާ އިބްރާހިމް ޝަރީފް: ސަރުކާރުގެ ނިންމުން ދިފާއުކުރެއްވި  (ފޮޓޯ/ މަޖިލިސް)

އެގޮތުން މަރަދޫ ދާއިރާގެ އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވީ ޗާގޯސްއަކީ މޮރިޝަސްގެ ބާރު ހިނގާ ތަނެއް ކަމަށް ރާއްޖެއިން ގަބޫލުކުރިޔަސް، އެއީ ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލެން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. ސަރުކާރުގެ ނިންމުމާ އެކު ރާއްޖެއިން ބައެއް ގެއްލިދާނެ ކަމަށް ބައެއް މެމްބަރުން ވާހަކަ ދެއްކެވީ ހަގީގަތާ ހިލާފަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ ރާއްޖޭގެ ބައެއް ގެއްލޭވަރުގެ ކަމެއް ވިއްޔާ މަޖިލިހުގެ މަޝްވަރާއާ ނުލައި ސަރުކާރުން އެކަން ނުކުރާނެ ކަމަށެވެ. 

"އިނގިރޭސިވިލާތުގެ ސިޔަދަތީ ބާރު ފޯއްޅަވައްސަށް އޮތަސް، އަދި މޮރިޝަސްގެ ސިޔާސީ ބާރު އޮތް ކަމަށް ގަބޫލުކުރިޔަސް، އެއީ ދިވެހި ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލެން ޖެހޭ ސަބަބެއް ވެސް ނޫން. ގެއްލެންވީ ސަބަބެއް ވެސް ނޫން،" ޝަރީފް ވިދާޅުވި އެވެ.

ބައެއް މެމްބަރުން ދައްކަވާ ވާހަކަތަކުން "ހީވަނީ އަޅުގަނޑުމެން ސަރުކާރުން ތަނެއް ދޫކޮށްލަން އުޅޭހެން. ނޫން!" 

ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން: ބައެއް މެމްބަރުން އޮޅުވާލަނީ ކަމަށް ވިދާޅުވި (ފޮޓޯ/މަޖިލިސް)

ގާނީ ވަކީލް އަދި އެމްޑީޕީގެ މެމްބަރު ހިސާން ހުސެއިން ވެސް ވިދާޅުވީ ހަމަ އެހެންނެވެ. ސަރުކާރުން އެއްވެސް އިރަކު ރާއްޖެއިން ބައެއް ދޫކޮށްލަން އެއްބަސްނުވާ ކަމަށާއި މަޖިލީހުގެ ބައެއް މެމްބަރުން ހަގީގަތް އޮޅުވާލަން މަސައްކަތް ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިސާން ތުހުމަތުކުރެއްވި ގޮތުގައި ސަރުކާރުގެ ނިންމުމާ ދެކޮޅަށް ބައެއް މެމްބަރުން ވާހަކަދެއްކެވީ ސިޔާސީ ބޭނުމެއްގަ އެވެ. އަދި ތަޅުމުގައި މިއަދު ދެއްކި ބައެއް ވާހަކަތަކުގެ ސަބަބުން ހާރިޖީ ގުޅުންތަކަށް ވެސް އަސަރުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން އެއަށް ވުރެ ބޮޑަށް މަޖިލިހުގެ މެމްބަރުން ޒިންމާދާރުވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ދިވެހިރާއްޖޭގެ އެ ސްޑޭންޓް ގޯހެއް ނޫން. އަޅުގަނޑުމެންނަކަށް ކޮލޮނައިޒޭޝަނާ އެއްކޮޅަށް އާނއެކޭ ނުބުނެވޭނެ. އެ ފުރުސަތު އަޅުގަނޑުމެން ދިވެހިންގެ ހައިސިއްޔަތުން ދީގެން ވެސް ނުވާނެ،" ހިސާން ވިދާޅުވި އެވެ.

ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް (ފޮޓޯ/މަޖިލީސް)

ހުޅުމާލެ ދާއިރާގެ އަލީ ނިޔާޒް ވެސް ވިދާޅުވީ ސަރުކާރުގެ ނިންމުމާ ދެކޮޅަށް މިއަދު މެމްބަރުން ވާހަކަދެއްކެވީ ސިޔާސީ  ބޭނުމެއްގައި ކަމަށެވެ. އޭނާ އެކަން ފާހަގަކުރެއްވީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގަ އެވެ.

ސަރުކާރަށް ފާޑުކިއުއްވި މެމްބަރުންނަށް އިޝާރަތްކުރައްވާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮއްކޮ ވިދާޅުވީ އެ މެމްބަރުން ތިއްބެވީ ސަރުކާރާ މެދު "ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި" ކަމަށެވެ.

"އެހެންވެ ސަރުކާރުން ހުށަހަޅާ ކޮންމެ ކަމަކަށް ދެކޮޅު ހެދުމަކީ އެބޭފުޅުން ދެކޭ ގޮތުގައި އެބޭފުޅުން ކުރަން ޖެހޭނެ،" ނިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ސަރަހައްދުން އެއްވެސް ބައެއް ދޫކޮށްނުލާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

ގުޅުން ހުރި ކަމެއް - ޗާގޯސްގެ މައްސަލައިގައި ރާއްޖެއިން ޒަމާނުއްސުރެ ގެންގުޅެމުން އައި ސިޔާސަތު ބަދަލުކޮށް، މޮރިޝަސްއާ އެއްކޮޅަށް މި އަހަރުގެ އދ.ގެ އާންމު މަޖިލީހުގައި ވޯޓުލާނެ ކަން، މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ސޯލިހު ފޮނުއްވި ސިޓީފުޅެއްގައި ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އެގޮތަށް ނިންމެވިކަން އެނގުނީ މިދިއަ ބުރާސްފަތިދުވަހު އދ.ގެ ޓްރައިބިއުނަލްގައި ރިއްފަތު ދެއްކެވި ވާހަކަތަކުންނެވެ.

އެކަމަކު އެގޮތަށް ނިންމިޔަސް ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ފުށުއަރާ ބަޔާ ގުޅޭ ގޮތުން މިހާރު ކުރިއަށްދާ މައްސަލައިގައި ރާއްޖޭގެ ސިޔާސަތަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ރޭ ވަނީ ބުނެފަ އެވެ.

ކޮމެންޓް (3)

ޙަސަންތަކުރުފާނު

25 އޮކްޓޯބަރު 2022
ސާބަސް ޑރ.މުނައްވަރުބޭ. އެހެންބަހެއްނެތް. ފަނޑިޔާރު ޢާއިލާއިން އަރާހުންނެވި ބޭފުޅެއް.
0 0

ޙަސަންތަކުރުފާނު

25 އޮކްޓޯބަރު 2022
ސަރުކާރު ރައްޔިތުން މަޖްލިސް ޤާނޫނު މުފައްކިރުން ތާރީޚް. ޑރ.މުނައްވަރު، ޑރ. ޙަސަންސަޢީދު މިޢީ ފަނޑުނުވާވަރުގެ މަސައްކަތް ބަންޑާރަ ނައިބުގެ މަޤާމުގައި ކުރެއްވި ބޭފުޅުން. ވަރަށް ސަރީޙަކޮށް ޑރ. އެކްޕާޓިޒް އެއްގެ ތިޔަމައްސަލައިގަ އުޅުއްވި ބޭފުޅެއް ކިޔާދެއްވި ތިމައްސަލައިގެ ސަރުކާރުގެ ނިއްމުމުގައި މަޖްލީހުގެ ރުހުމަކާއިނުލައި ތިކުރެއްވި ކަންތަކުގެ ސަބަބުން ކުރިމަތިކުރުވާނެ ހިތިނަތީޖާ. އައްޑޫ ޝަރީފު ކަހަލަ ކުރުކުއްލި ޖައްސަވާ މީހުންނަކަށް މަޖްލީހުގައި ރައްޔިތުންގެ ބަހެއް ނިއިއްވޭނެ. ޗާގޯސް ކަނޑު ދޫނުކުރައްވާ އެހެން ނަމަވެސް މޮރިޝަސް އާއިއެއްކޮޅަށް ވޯޓުދެއްވާނެ ކަމުގެ ޔަޤީކަން ސިޓީފުޅަކުން އެންގެވީ ބަދަލެއްގެ ގޮތުގައި އިބްރާހިމް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން ލިމިޓެއްނެތި ހުރިހާ ޚަރަދެއްހިފާނެކަމަށް މޮރިޝަސް އިން އެއްބަސްވުމުންތޯ؟ ޗާގޯސް ކަނޑު ރާއްޖޭގެ އަތްދަށުން ދޫވެގެންދާނީ އިންތިޚާބުގެ ފަހުން. ތިޔަ ބަންޑާރަނައިބު ވޯޓުދެއްވާނެ ކަމަށް އެއްބަސްވީ އިންތިޚާބުގެ ފަހުން:
0 0

ދިވެހި ޒުވށނާ

24 އޮކްޓޯބަރު 2022
ތިޔަ ޗާގޯސް އެއް މަލިކެއް ، ފޯޅަވައްސެއް ތިއިކީ ރާއްޖޭގެ ސިޔަސީ މީހުން ސިޔާސީ ފައިދާ ހޯދަން ހުސް އަނގަ ތަޅަން ބޭނުންކުރާ ހަތިޔާރު .. ދިވެހި ރައްޔިތުންނަށް އެއްވެސް ކަމެއް ކުރެވޭ ތަންތަނެއްވެސް. އަދި ކުރިޔަށް އޮތް ތަނުގައިވެސް ދިވެއްސަކަށް ތީގެން ތަނެއްގައި ފައި ބީއްސަލާންވެސް ނުލިބޭނެ ތަންތަން ތިއީ.. ރާއްޖޭގެ ތަނެއްގެ ގޮތުގައި ތިޔަތަން އޮތް ހަނދާން ހުރި އެކަކުވެސް ނެތް ެ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް