ޕީޕީއެމްގެ 'އިންޑިއާ އައުޓް' ކެމްޕެއިންގެ ދަށުން އިދިކޮޅުން ބޭއްވި މުޒާހަރާއެއްގެ ތެރެއިން. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

ގާނޫނު އިސްލާހުކޮށްގެން ވިޔަސް 'އިންޑިއާ އައުޓް' ހުއްޓުވަން މަޖިލީހުން ލަފާ ދީފި

އެ ހަރަކާތަކީ ގައުމުގެ ސަލާމަތަށް ނުރައްކާވެދާނެ ކެމްޕެއިން ކަމަށް ވިދާޅުވެ، 241 ކޮމިޓީއަށް އެ މައްސަލަ ހުށަހެޅުއްވީ މަޖިލީހުގެ ރައީސް ނަޝީދު

އިނދިކޮޅުން ހިންގާ 'އިންޑިއާ އައުޓް' ހަރަކާތް ހުއްޓުވުމަށް ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކާއި ސަލާމަތީ ހިދުމަތްތަކުން މަސައްކަތް ކުރުމަށާއި އެ ކަމަށް ގާނޫނީ ގޮތުން ހުރަސްތަކެއް ދިމާވާ ކަމަށް ފެންނަ ނަމަ ކަމާ ގުޅޭ ގާނޫނުތައް އިސްލާހުކުރަން ސަރުކާރަށް ލަފާ ދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - އެ ހަރަކާތަކީ ގައުމުގެ ސަލާމަތަށް ނުރައްކާވެދާނެ ކެމްޕެއިން ކަމަށް ވިދާޅުވެ، 241 ކޮމިޓީއަށް އެ މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެ މައްސަލަ ދިރާސާކުރުމަށް ފަހު ކޮމިޓީން އެކުލަވާލި ރިޕޯޓު ފާސްކުރުމަށް 32 މެމްބަރުން ވޯޓު ދެއްވި އެވެ. އެއްވެސް މެމްބަރަކު އެ ރިޕޯޓާ ދެކޮޅަށް ވޯޓު ދެއްވާފައެއް ނުވެ އެވެ.

ތަފްސީލް - އެ މައްސަލައިގައި ކޮމިޓީން ވަނީ ކަމާ ގުޅުން ހުރި މުއައްސަސާތަކާ އެކު މަޝްވަރާކޮށްފަ އެވެ. އެގޮތުން، އެ މުއައްސަސާތަކުން ކޮމިޓީގައި ބުނެފައިވަނީ:

  • ހޯމް މިިނިސްޓްރީ: އެ ހަރަކާތުގެ ސަބަބުން ބޭސްފަރުވާ އަށާއި އެ ނޫން ވެސް އެކިއެކި ބޭނުންތަކަށް އިންޑިއާއަށް ދާ ދިވެހިންނަށާއި އިންޑިއާގައި ދިރިއުޅޭ ދިވެހިންނަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް

  • ފުލުހުން: އެ ހަރަކާތުގައި އެކި ކުށްތަކުގެ ރެކޯޑް އޮންނަ މީހުން ބައިވެރިވާ ކަމަށާއި އެ ކަމުގެ ސަބަބުން ނުރައްކާތެރި އަމަލުތައް ހިނގުން ގާތް ކަމަށާއި ނަފްރަތާއި ދެކޮޅުވެރިކަން އުފެދި، ދެ ގައުމުގެ ރައްޔިތުންގެ ފުރާނައަށާއި މުދަލަށް ގެއްލުން ލިބޭ ހިސާބަށް ކަންކަން ބޮޑުވެގެން ދިއުން އެކަށީގެންވާ ކަމަށް

  • ޑިފެންސް މިނިސްޓްރީ: އެ ހަރަކާތުގެ ސަބަބުން ރާއްޖޭގެ އެތެރޭގެ ހަމަޖެހުން ގެއްލި، ސަރަހައްދީ ގައުމުތަކާ އޮތް ގާތް ގުޅުން ހީނަރުވެ ސަރަހައްދީ ސަލާމަތީ މަޝްރަހަށް ނުރައްކާވެ، ރާއްޖޭގެ ގައުމީ ދިފާއު އާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ރާއްޖޭން ކުރަމުންދާ މަސައްކަތަށް ހުރަސް އެޅިގެންދާނެ ކަމެއް ކަމަށާއި އެ ކެމްޕޭނަކީ ގައުމީ ސަލާމަތަށް ނުރައްކާވެގެން އަންނާނެ ކެމްޕޭނެއް ކަމަށް

  • ފޮރިން މިނިސްޓްރީ: އެއީ ވަކި ގައުމަކަށް، ވަކި ގްރޫޕަކަށް، ވަކި ނަސްލަކަށް، ވަކި ކުލައެއްގެ މީހުންނަށް ނުވަތަ ވަކި ދީނެއްގެ މީހުން ތަފާތުކޮށް، އެ މީހުންނާ ދެކޮޅަށް ނަފުރަތު އުފެދޭ ބަސްތައް ބޭނުންކުރުމާއި ހަރުކަށި ކަމަށް މަގުފަހިވާ ގޮތަށް ކުރެވޭ މަސައްކަތްތަކެއް ކަމަށް؛ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަނީ ހަމައެކަނި އިންޑިއާ ސަރުކާރުން ނޫން ކަމަށާއި ރާއްޖޭގައި ތިބި އެކި ގައުމުތަކުގެ އެމްބެސެޑަރުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށާ އަދި އެމްބަސީތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމަށް އެދިފައިވާ ކަމަށް

  • އިކޮނޮމިކް މިނިސްޓްރީ: ރާއްޖޭގެ ތަރައްގީއަށް އިންޑިއާ އިން ވެސް އެކިއެކި އެހީތައް ލިބެމުންދާ ކަމަށާއި ހާއްސަކޮށް ކާރިސާގެ ހާލަތްތަކުގައި ވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާ އިން ރާއްޖެއަށް ހާއްސަ އިސްކަމެއް ދެމުން އަންނައިރު، އެ ގައުމާ ދެކޮޅަށް ނުރުހުން ފާޅުކޮށް އެފަދަ ހަރަކާތެއް ހިންގުމަކީ ރާއްޖޭގެ ތަރައްގީ އަށާއި އިގްތިސޯދަށް ގެއްލުންހުރި ކަމެއް ކަމަށް

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން. (ފޮޓޯ/މަޖިލިސް)

ކޮމިޓީގެ ރިޕޯޓުގައި ހިމަނާފައިވަނީ ދެ ހުށަހެޅުމެކެވެ. އެއީ:

  • އެ ހަރަކާތަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލަކަށް ވާތީ އާއި އެ ކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ނުރަނގަޅު އަސަރު ކުރާނެ ކަމަކަށް ވެފައި، ބައިނަލްއަގުވާމީ ގުޅުންތަކަށް ހީނަރުކަން އަންނާނެ ކަމަކަށް ވާތީ ގާނޫނާއި ގަވައިދުގައިވާ ގޮތުގެ މަތިން، އެ ހަރަކާތް ހުއްޓުވުމަށް ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކާއި ސަލާމަތީ ހިދުމަތްތަކުން މަސައްކަތް ކުރުން 

  • 'އިންޑިއާ އައުޓް'ގެ ނަމުގައި ހިންގާ ހަރަކާތް ހުއްޓުވުމަށް ގާނޫނީ ގޮތުން ހުރަސްތަކެއް ދިމާވާ ކަމަށް ފެންނަ ނަމަ، ކަމާ ގުޅޭ ގާނޫނުތައް އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން

ބުނީ ކީކޭ؟ - މި ރިޕޯޓަށް ކުރި ބަހުސްގައި ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ މެމްބަރުން ވަނީ އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އެ ހަރަކާތް ހިންގަވާ މަގްސަދާ މެދު ސުވާލު އުފައްދަވާފަ އެވެ. އެ މެމްބަރުން ވިދާޅުވާ ގޮތުގައި، 'އިންޑިއާ އައުޓް' ހަރަކާތް ހިންގަނީ ޔާމީނުގެ ސަޕޯޓަރުންނަށް ވެސް ކަމުގެ ހަގީގަތް އޮޅުވާލައިގެންނެވެ.

އެކަމަކު އިދިކޮޅު ޕާޓީތަކުގެ މެމްބަރުން ވިދާޅުވީ 'އިންޑިއާ އައުޓް' ހަރަކާތް ހިންގަން ޖެހުނީ ސަރުކާރުުގެ ހާރިޖީ ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ. އަދި އެ ހަރަކާތަކީ ރާއްޖޭގެ މިނިވަންކަމުގެ ހިމާޔަތުގައި ހިންގާ ހަރަކާތެއް ކަމަށް އެ ބޭފުޅުން ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރެއްވި އެވެ.

އެނގުން މުހިއްމު - 'އިންޑިއާ އައުޓް' ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ގަރާރަކުން ކަނޑައަޅުއްވާފަ އެވެ.  

ކޮމެންޓް (1)

މުހައްމަދު

27 ޖޫން 2022
ތި ނުރައްކާތެރި ކެމްޕެއިން ނުހުއްޓުވި މާ ލަސްވެސް ވެއްޖެ. ހުރިހާ އުދަގުލެއް އާންމު ނިކަމެތި ރައްޔިތުމީހާ އަށް
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް