ށ. ފުނަދޫގައި ކުރިއަށް ގެންދިޔަ 'އިންޑިއާ އައުޓް' ހަރަކާތެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެޑައިގަންނަވަނީ. (ފޮޓޯ/ޕީޕީއެމް)

'އިންޑިއާ އައުޓް' ހަރަކާތް ހިންގަނީ ޔާމީންގެ ސަޕޯޓަރުންނަށް ވެސް އޮޅުވާލައިގެން: އެމްޑީޕީ މެމްބަރުން

އިދިކޮޅު މެމްބަރުން ވިދާޅުވީ ރިޕޯޓު އެކުލަވާލީ ސިޔާސީ މަގްސަދެއްގައި ކަމަށް

އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން ކުރިއަށްގެންދަވާ 'އިންޑިއާ އައުޓް' ހަރަކާތް ހިންގަނީ އެ މަނިކުފާނުގެ ސަޕޯޓަރުންނަށް ވެސް ކަމުގެ ހަގީގަތް އޮޅުވާލައިގެން ކަމަށް، ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީ ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެ މެމްބަރުން މިހެން ވިދާޅުވީ 'އިންޑިއާ އައުޓް' ހަރަކާތަކީ އެ ކަމުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާ އޮތް އަދި ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމަށް ހީނަރުކަން އައުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް ވާތީ އެ މައްސަލަ ދިރާސާ ކުރުމަށް ފަހު މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ (241) ކޮމިޓީން އެކުލަވާލި ރިޕޯޓަށް ބަހުސްކުރައްވަމުންނެވެ.

ބުނީ ކީކޭ؟ - މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮމިޓީގެ ރިޕޯޓަށް ބަހުސްކުރައްވަމުން ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ ޔާމީން އިސްވެ ހުންނަވާ 'އިންޑިއާ އައުޓް' ހަރަކާތް ހިންގަވާ ސަބަބު ވަރަށް ބޮޑަށް ސާފުވާ ކަމަށާއި އެއީ ހަމައެކަނި ސިޔާސީ މަގްސަދެއް އޮވެގެން ހިންގާ ހަރަކާތެއް ނޫން ކަމަށެވެ.

"ސަބަބަކީ އިންޑިއާ ދެކެ ހަމަ ރުޅި އަންނަނީ. އިންޑިއާ ދެކެ ރުޅި އަންނަ ސަބަބަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ގެއްލުވާލުމުގެ އަޑީގައި އިންޑިއާ އޮތް ކަމަށް ރައީސް ޔާމީނަށް ގަބޫލުކުރެވޭތީ. އެ ނޫން އެއްވެސް ސަބަބެއް ނެތް،" އަލީ ނިޔާޒް ވިދާޅުވި އެވެ.

ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. (ފޮޓޯ/މަޖިލިސް)

އޭނާ ވިދާޅުވީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ ކަމަށް ބުނެ، ޔާމީން އެ ހަރާކާތް ހިންގަވަނީ އެ މަނިކުފާނުގެ ސަޕޯޓަރުންނަށް ވެސް އޮޅުވާލައިގެން ކަމަށެވެ.

"ނަމަވެސް އެކަން ފަހަތުގައި ބާއްވައިގެން ރައްޔިތުންނަށް ވިސްނައިދޭން މި އުޅެނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބީތީ އެ މީހުން ބޭރުކުރުމަށް ތިމަންނާ ހިންގާ ހަރަކާތެކޭ،" އޭނާ ވިދާޅުވި އެވެ.

އަލީ ނިޔާޒް ވިދާޅުވީ ހަގީގަތް އޮޅުވާލައިގެން ޔާމީން ނަންގަވާލައްވަނީ އިންޑިއާ ކަނޑާއި މުޅި ގައުމުގެ މަސްލަހަތު ކަމަށެވެ.

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވެސް ވަނީ 'އިންޑިއާ އައުޓް' ހަރަކާތް ހިންގެވުމުގައި ޔާމީން ގެންގުޅުއްވާ މަގްސަދުތަކާ ގުޅޭ ގޮތުން ސުވާލު އުފައްދަވާފަ އެވެ. އެގޮތުން، މި ހަރަކާތް ހިންގާ މައިގަނޑު ބޭނުމަކީ ސިޔާސީ މަންފާއެއް ހޯދުންކަން ފާހަގަކުރައްވައި އިލްޔާސް ވިދާޅުވީ އެ ހަރަކާތުން ޔާމީން ފިޔަވައި އެހެން އެއްވެސް މީހަކަށް ލިބޭ ފައިދާއެއް ފެންނަން ނެތް ކަމަށެވެ.

"އަޅުގަނޑުމެންނަށް ފާހަގަކުރެވުނު އެންމެ މުހިއްމުކަމަކީ މި ހަރަކާތުގެ ސަބަބުން އެންމެ ދަތިވަނީ އަދި ދިމާވަމުން ދަނީ އަދި ދެން ވެސް ވާން އޮތީ އާއްމު ދިވެހި ރައްޔިތުންނަށް،" އިލްޔާސް ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވާހަކަ ދައްކަވަނީ. (ފޮޓޯ/ މަޖިލިސް)

ދިވެހިންގެ އިތުރުން ރާއްޖޭގައި ދިރިއުޅެމުން އަންނަ އިންޑިއާ ރައްޔިތުންނަށް ވެސް މި ހަރަކާތުގެ ސަބަބުން ގެއްލުންވަމުން ދާކަން އިލްޔާސް ފާހަގަކުރެއްވި އެވެ. އޭނާ ސިފަކުރެއްވި ގޮތުގައި، މި ހަރަކާތަކީ ރާއްޖޭގެ މުސްތަގުބަލު "ދުއްވާލުމަށް" ހިންގާ ހަރަކާތެކެވެ.

އަޅުގަނޑުމެންނަށް ފާހަގަކުރެވުނު އެންމެ މުހިއްމުކަމަކީ މި ހަރަކާތުގެ ސަބަބުން އެންމެ ދަތިވަނީ އަދި ދިމާވަމުން ދަނީ އަދި ދެން ވެސް ވާން އޮތީ އާއްމު ދިވެހި ރައްޔިތުންނަށް.

ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް

އެނގުން މުހިއްމު - 'އިންޑިއާ އައުޓް' ހަރަކާތުގެ ސަބަބުން އެ ގައުމަށް ދަތުރުކުރާ ދިވެހިންނަށް ވެސް ދަތިތަކާ ކުރިމަތިވާކަން 241 ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން، ކޮޗިން އެއާޕޯޓުގެ އިމިގްރޭޝަން ކައުންޓަރުގައި ތިބޭ ފަރާތްތަކުން ދިވެހިންނަށް ނިސްބަތްކޮށް "އިންޑިއާ އައުޓް ޕީޕަލް ކަމިން" ފަދަ ބަސްތަކުން މުހާތަބު ކުރި ކަމަށާއި، އަދި އިންޑިއާއަށް ކުރި ދަތުރެއްގައި އެރި ޓެކްސީއެއްގެ ޑްރައިވަރަކު އިންޑިއާ އިން "މޯލްޑިވްސް އައުޓް"ގެ ނަމުގައި ހަރަކާތެއް ފަށައިފި ނަމަ ހަދާނީ ކިހިނެއްތޯ ބުނެ ސުވާލު އުފެއްދި ކަމަށް ބުނެ އާންމު ފަރާތަކުން ކޮމިޓީއާ މައުލޫމާތު ހިއްސާކުރި ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

މިހާރު ޔާމީން އަބްދުލްގައްޔޫމް ކުރާ ކަމަކީ އިތުރު ކަމެއް ނެތީމަ ގައުމާއި ވަތަނޭ ކިޔައިގެން އަނެއްކާ ވެސް ނުކުތީ. އިތުބާރު ގެއްލުނީމަ ދެން ނޯންނާނެ ކިޔާނެ އެއްޗެއް.

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރާޝީދު

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު ވިދާޅުވީ "ގައުމުގެ މިނިވަންކަމުގެ" ވާހަކަތަކާއި ދީނުގެ ވާހަކަތައް ދައްކަވަނީ ރައްޔިތުން ޔާމީނަށް ކުރާ އިތުބާރު ގެއްލުމުން، ދައްކަވާނެ އިތުރު ވާހަކައެއް ނެތުމުން ކަމަށެވެ. އަދި ދެން ވެސް ވެރިކަމަށް އައުމަށް ދައްކާނެ އިތުރު ވާހަކައެއް ނެތް ކަމަށް އިބްރާހީމް ރަޝީދު ވިދާޅުވި އެވެ.

"އެހެން ނަމަވެސް މިހާރު ޔާމީން އަބްދުލްގައްޔޫމް ކުރާ ކަމަކީ އިތުރު ކަމެއް ނެތީމަ ގައުމާއި ވަތަނޭ ކިޔައިގެން އަނެއްކާ ވެސް ނުކުތީ. އިތުބާރު ގެއްލުނީމަ ދެން ނޯންނާނެ ކިޔާނެ އެއްޗެއް،" އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް ވައުދެއް ފުއްދާނަމޭ ނުވަތަ ތިމަންނަމެން ހިންގާފައި އޮތް ކޮރަޕްޝަނެއް ބަލާނަމޭ، މިފަދަ ވާހަކަތައް ދައްކައިގެން ވެރިކަމަށް ނާދޭވޭނެތީ، ވެރިކަމަށް އާދެވެން އޮތީ ވަތަނާއި ދީނާ، މި ބޭނުންކޮށްގެން."

މަޖިލީހުގެ ޖަލްސާއެއްގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރާޝީދު (ބޮންޑޭ) ވާހަކަ ދައްކަވަނީ. (ފޮޓޯ/ މަޖިލިސް)

ރިޕޯޓު އެކުލަވާލީ ސިޔާސީ މަގްސަދެއްގައި: އިދިކޮޅު

ކޮމިޓީ ރިޕޯޓަށް ބަހުސްކުރައްވަމުން އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ 241 ކޮމިޓީން އެ ރިޕޯޓު އެކުލަވާލީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ. އެހެންވެ، ރިޕޯޓު ފާސްކުރަން ކޮމިޓީގައި ވެސް ވޯޓު ނުދެއްވާކަން އޭނާ ފާހަގަކުރެއްވި އެވެ.

އާދަމް ޝަރީފް ވިދާޅުވި ގޮތުގައި، 'އިންޑިއާ އައުޓް' ހަރަކާތް ހިންގަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާ ގޮތަށް ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކޮށްފައިވާތީ އެކަމާ ދެކޮޅު ހެދުމަށެވެ. އެއީ އެއްވެސް އިރެއްގައި އިންޑިއާއާ ދެކޮޅަށް ހިންގާ ހަރަކާތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަރަކާތް ކުރިއަށް ގެންދިއުމުގައި އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކީ އިންޑިއާގެ ސިފައިން މިތާ ތިބޭ ތިބުމާ ދެކޮޅަށް މަސައްކަތް ކުރުން. އެއްވެސް އިރަކު އިންޑިއާއާ ދެކޮޅަށް މަސައްކަތް ކުރުމެއް ނޫން،" އާދަމް ޝަރީފް ވިދާޅުވި އެވެ.

މަޑުއްވަރީ ދާއިރާ މެންބަރު އާދަމް ޝަރީފު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. (ފޮޓޯ/ މަޖިލިސް)

އާދަމް ޝަރީފްގެ އިތުރުން ވެސް އިދިކޮޅު ޕާޓީތައް ތަމްސީލުކުރައްވާ މެމްބަރުން ވިދާޅުވީ މި ހަރަކާތް ހިންގަން ޖެހުނީ ސަރުކާރުުގެ ހާރިޖީ ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ. އަދި އެ ހަރަކާތަކީ ރާއްޖޭގެ މިނިވަންކަމުގެ ހިމާޔަތުގައި ހިންގާ ހަރަކާތެއް ކަމަށް އެ ބޭފުޅުން ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރެއްވި އެވެ.

ކޮމެންޓް (1)

ހަސަނު

22 ޖޫން 2022
މިއީ ވަގްތުން ވަގްތައް ހުއްޓުވަން ޖެހޭ ކަމެއް. މިއީ ނުރައްކާތެރި ކަމެއް. މިކަމުގެ އުނދަގުލާ ދުއްތުރާ ޖެހެނީ ނިކަމެތި ދިވެހި ރައްޔިތުމިހާއަށް
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް